ސިވިލް ކޯޓުގެ ނިންމުން އޭދަފުށީ ކޭބަލް ނެޓްވޯކުން އިސްތިއުނާފުކުރަނީ

ދިރާގަށް ދޫކުރި ރީބްރޯޑްކާސްޓިން ލައިސަންސް ބާތިލުކުރަން ހުށައެޅި މައްސަލަ ބެލެން ނެތްކަމަށް ސިވިލް ކޯޓުން އިއްޔެކުރި ހުކުމް އިސްތިއުނާފު ކުރަން އޭދަފުށީ ކޭބަލް ނެޓްވޯކް ޕްރައިވެޓް ލިމިޓެޑުން ނިންމައިފި އެވެ.

މި މައްސަލަ ކޯޓަށް ހުށަހެޅި އޭދަފުށީ ކޭބަލް ނެޓްވާކް ޕްރައިވެޓް ލިމިޓެޑުން ބުނީ ބްރޯޑްކާސްޓިންގ ކޮމިޝަނާއި ދެކޮޅަށް 2018 ޑިސެމްބަރ 10ގައި ސިވިލްކޯޓަށް ހުށަހަޅާފައިވާ މައްސަލަ ނުބަލައި އިއްޔެ ކޯޓުން ބޭރުކޮށްލާފައިވާތީ މިއީ ރީބްރޯޑްކާސްޓަރުންގެ މެދުގައި ކޮމިޝަނުން ތަފާތު ކުރުން ގެންގުޅޭ ކަން ޔަގީން ވި ކަމެއް ކަމަށެވެ.

“ދިރާގު ޓީވީގެ ލައިސަންސާއި ގުޅޭގޮތުން އެންމެ ފުރަތަމަ މައްސަލަ ބަލައިދިނުމަށް އެދި ބްރޯޑްކާސްޓިންގ ކޮމިޝަނަށް އަޅުގަނޑުމެން ހުށައެޅީމުއެވެ. ނަމަވެސް އެ ކޮމިޝަނުން ވަނީ މައްސަލަ ބެލުމަށް ދެކޮޅުހަދާފައެވެ. މިއީ ރީބްރޯޑްކާސްޓަރުންގެ މެދުގައި ކޮމިޝަނުން ތަފާތު ކުރުން ގެންގުޅޭ ކަން ޔަގީން ވި ކަމެކެވެ،” އޭދަފުށީ ކޭބަލް ނެޓްވޯކުން ބުންޏެވެ.

އޭދަފުށީ ކޭބަލް ނެޓްވާކް ޕްރައިވެޓް ލިމިޓެޑުން ބުނީ ބްރޯޑްކާސްޓް ކޮމިޝަނުން ދިރާގަށް ދޫކޮށްފައިވާ ލައިސަންސަކީ ރީބްރޯޑްކާސްޓްކުރުމުގެ ޤަވާއިދުގެ ދަށުން ބާތިލުވާނޭ ލައިސެންސެއް ކަމަށެވެ.

“ގަވާއިދުގައިވާ ގޮތުގެ މަތިން ލައިސަންސް ލިބޭތާ ބާރަ މަސްދުވަހުގެ ތެރޭގައި ޚިދުމަތް ދިނުމަށް ޝަރުތު ކުރެވިފައިވެއެވެ. ނަމަވެސް ދިރާގުން ޚިދުމަތް ދޭން ފަށާފައިވަނީ ލައިސަންސް ދިންތާ އެއް އަހަރާއި އެގާރަ މަސްދުވަސް ފަހުންނެވެ. ގާނޫނާ ޚިލާފު ކަންތައްތަކެއް ބްރޯޑްކާސްޓިން ކޮމިޝަނުން މަގުފަހިކޮށްގެން ކުރިއަށް ގެންދެއެވެ. މިކަންކަން އަވަސް ފުރުސަތެއްގަ ޝަރުއީ ނިޒާމު މެދުވެރިކޮށް ބެލޭނެ ކަމަށް އުއްމީދުކުރަމުއެވެ.”

މި މައްސަލައިގައި ސިވިލް ކޯޓުން ބުނެފައިވަނީ، ކޮމިޝަނުގެ ނިންމުންތަކާއި ގުޅިގެން އެއްވެސް މީހެއްގެ ހައްގަކަށް އުނިކަމެއް ލިބިފައިވާނަމަ އެ ނިންމުން ބަދަލުކޮށްދިނުމަށް އެދި ކޯޓަށް ހުށައެޅިދާނެކަމަށް ބޮރޯޑްކާސްޓްކުރުމުގެ ގާނޫނުގައި ބަޔާންކޮށްފައި އޮންނަ އޮތުމުން، ބްރޯޑްކާސްޓްކުރުމުގެ ގާނޫނާއި، އެ ގާނޫނުގެ ދަށުން ހެދިފައިވާ ގަވާދުތަކާއި، ޝަކުވާ ހުށައެޅުމާއި، ޝަކުވާ ބަލައިގަތުމުގެ ނިޒާމުގެ ދަށުން، މައްސަލަ ބަލައި ހައްލު ކުރުމަށް އިޖުރާއަތުތަކެއް ކަނޑައެޅިފައި އޮންނަކަމަށެވެ. ނަމަވެސް މި މައްސަލަ ހުށައެޅިފައި ވަނީ ކަނޑައެޅިފައިވާ އިޖުރާތުތައް ފުރިހަމަނުކޮށް ކަމަަށެވެ.

އެ މައްސަލަ ހައިކޯޓްގައި އިސްތިއުނާފް ކުރަން އޭދަފުށީ ކޭބަލް ނެޓްވޯކުން މިހާރު ވަނީ ނިންމައިފަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.