ވިކްޓަރީ ބަލިކޮށް އޭދަފުއްޓަށް ރަނގަޅު ފެށުމެއް

ވެޓެރަންސް ކަޕް ފުޓްބޯޅަ މުބާރާތުގެ ފުރަތަމަ މެޗުގައި ވިކްޓަރީ އަތުން 3-0 އިން މޮޅުވެ އޭދަފުށި މުބާރާތުގެ ފެށުން މިއަދު ރަނގަޅުކޮށްފި އެވެ.

މިއަދު ހަވީރު މާފަންނު ޓާފް ދަނޑުގައި ފެށި މި މުބާރާތުގެ ފުރަތަމަ މެޗުގައި އޭދަފުށީގެ ތިން ގޯލުގެ ތެރެއިން އިސްމާއިލް މުހައްމަދު (އިއްސެ) ވަނީ ދެ ގޯލު ޖަހައިފައެވެ. އަނެއްގޯލު ކާމިޔާބުކޮށްދިނީ އަބްދުﷲ ޝިފާއު އެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ދެގޯލު ޖެހި އިއްސް ހޯދިއިރު 45 އަހަރުން މަތީގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އޭދަފުށީ ޓީމުގެ ޔޫސުފް އަޒީމް އެވެ.

މި އަހަރުގެ މުބާރާތުގައި ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބާއި ކްލަބް ވެލެންސިއާ ބައިވެރިވެފައެއް ނުވެއެވެ. ވެލެންސިއާ މިދިޔަ އަހަރުގެ ފުރަތަމަ ޑިވިޝަނުން ރެލިގޭޓްވިއިރު ކުޅުންތެރިންނަށް މުސާރަ ނުދިނުމުގެ މައްސަލައިގައި ނިއު ރޭޑިއަންޓް ވަނީ އެފްއޭއެމް އިން ހިންގާ ހުރިހާ ހަރަކާތަކުން ސަސްޕެންޑް ކޮށްފައެވެ. މުބާރާތުގައި ނިއު ބައިވެރިނުވި ސަބަބެއް ކަމަށް ބެލެވެނީ އެފްއޭއެމުން އެ ކްލަބް ސަސްޕެންޑް ކޮށްފައިވުމެވެ.

ވެލެންސިއާ މުބާރާތުގައި ނުކުޅޭއިރު އެޓީމުގެ މުހިއްމު ގިނަ ކުޅުންތެރިންތަކެއް މިއަހަރު ފެންނަނީ އޭދަފުށީ ޓީމުންނެވެ.  

މި މުބާރާތަކީ 35 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ކޮންމެ އަހަރަކުވެސް ބާއްވަމުން އަންނަ މުބާރާތެކެވެ. ސީނިއާ ފުޓްބޯޅަ ކެރިއަރު ނިންމާލުމަށްފަހު ގިނަ ކުޅުންތެރިންތަކެއް އަބަދުވެސް މި މުބާރާތުގައި ކުޅެއެވެ. ފަހަކަށް އައިސް މި މުބާރާތް ވެފައިވަނީ ވާދަވެރި އަދި ކުޅުންތެރިން ހޯދުމުގައިވެސް ފޯރިގަދަ މުބާރާތެއްގެ ގޮތުގައެވެ. މުބާރާތުގެ އެންމެ ކާމިޔާބު ޓީމަކީ ފަސް ފަހަރު ޗެމްޕިއަންކަން ހޯދާފައިވާ ކްލަބް ވެލެންސިއާ އެވެ. ވެލެންސިއާގެ ފަހަތުން ދެ ވަނައިގައި އުޅެނީ ތިން ފަހަރު މުބާރާތް ކާމިޔާބުކުރި ނިއު ރޭޑިއަންޓެވެ.

މިއަހަރުގެ މުބާރާތް ލީގު އުސޫލުން ކުޅޭއިރު އެންމެ ގިނަ ޕޮއިންޓް ހޯދާ ޓީމަށް ފައިނަލުގެ ސީދާ ޖާގައެއް ލިބޭނެއެވެ. ފައިނަލުގެ ދެވަނަ ޖާގަ ލިބޭނީ ލީގު އުސޫލުން އެންމެ ގިނަ ޕޮއިންޓް ހޯދާ ދެވަނަ އަދި ތިންވަނަ ޓީމުގެ މެދުގައި ކުޅޭ ސެމީ ފައިނަލުގެ މެޗަކަށްފަހު އެވެ.

އޭދަފުށީ ވެޓެރަންސް ފުޓްބޯލް ކްލަބާއި، ވިކްޓްރީގެ އިތުރުން މިއަހަރުގެ މުބާރާތުގައި ބައިވެރިވެފައިވަނީ ކްލަބް ގްރީން ސްޓްރީޓްސް، ކްލަބް އީގަލްސް، ޕޮލިސް ކްލަބް، މާޒިޔާ އަދި ދިވެހި ސިފައިންގެ ކްލަބެވެ. ހަތް ޓީމު ވާދަކުރާ މި މުބާރާތުގެ ދެ ވަނަ މެޗުގައި މާދަމާ ބައްދަލުކުރާނީ ގްރީން ސްޓްރީޓްސްއާ ޕޮލިސް ކްލަބެވެ. މި މެޗު ފަށާނީ މާދަމާ ހަވީރު 4:30 ގައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.