ބ. އަތޮޅު ތައުލީމީ މަރުކަޒުގައި ނާސްތާ ދޭނެ ފަރާތްތައް ހޯދަން އިއުލާނުކޮށްފި

މި އަހަރުގެ ދެވަނަ ޓާމުން ފެށިގެން ބ. އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުންނަށް ނާސްތާ ދޭނެ ފަރާތްތައް ހޯދަން އިއުލާނުކޮށްފި އެވެ.

ދިރާސީ އަހަރުގެ ކިޔެވުން ފެށުމާ އެކު، އަޖުމަ ބެލުމުގެ ގޮތުން 25 ސްކޫލެއްގައި ނާސްތާ ދޭން ވަނީ ފަށައިފަ އެވެ. އެ ސްކޫލުތަކުގެ ތެރޭގައި ކުރިން ބ. އަތޮޅު ތައުލީމީ މަރުކަޒު ހިމެނުނު ނަމަވެސް އެ ސްކޫލުގައި ނާސްތާ ޕްރޮގްރާމް ނުފެށުނީ މިކަން ކޮށްދޭން ބީލަން ހުށަހެޅި ފަރާތުގެ އަގުބޮޑުވުމުން މަޝްވަރާކޮށްގެން ވެސް އެދެވޭ ހައްލެއް ނުލިބުމުންނެވެ. 

ސަރުކާރުން ކުރިން ބުނެފައިވަނީ ހުރިހާ ސްކޫލެއްގައި ނާސްތާ ދޭން ފަށާނީ ދެ ވަނަ ޓާމުން ފެށިގެން ކަމަށެވެ.

ބ. އަތޮޅު ތައުލީމީ މަރުކަޒުން ކޮށްފައިވާ އިއުލާނެއްގައި ބުނި ގޮތުގައި ހެނދުނު ދަންފަޅިގައި ނާސްތާ ތައްޔާރު ކޮށްދޭނެ ބީލަން ހުށަހަޅަން ޝައުގުވެރިވާ ފަރާތްތަކުން މިއަދުން ފެށިގެން އަންނަ އަންގާރަ ދުވަހާ ހަމައަށް ކޮންމެ ދުވަހެއްގެ ހެނދުނު 9:30 އިން 12:30 އަށް ނަން ނޯޓު ކުރެވޭނެ އެވެ.

ނާސްތާ ފޯރުކޮށްދިނުމާ ގުޅޭ މައުލޫމާތު ދިނުމުގެ ބައްދަލުވުން މި މަހުގެ 16 ވަނަ ދުވަހު އޮންނާނެ އެވެ. އެ އަށް ފަހު ބީލަން ހުޅުވާނީ މި މަހުގެ 23 ގަ އެވެ.

ސްކޫލުތަކުގައި ނާސްތާ ދިނުމުގައި ފުރަތަމަ އަހަރަށް 123 މިލިއަން ރުފިޔާ ވަނީ ކަނޑައަޅައިފަ އެވެ. މި ރޯދަ މަހާ އެކު، ނާސްތާގެ ޕައިލެޓް ޕްރޮޖެކްޓު މިހާރު ވަނީ ނިމިފަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.