މަޖިއްޓޭގެ ހެޓްރިކާ އެކު އޭދަފުށިން ގްރީން ވެސް ބަލިކޮށްފި

ވެޓެރަންސް ކަޕް ފުޓްބޯޅަ މުބާރާތުގައި މިއަދު ހަވީރު ކްލަބް ގްރީން ސްޓްރީޓްސް 8-0 އިން ބަލިކޮށް އޭދަފުށި ވެޓެރަންސް ފުޓްބޯލް ކްލަބުން މުބާރާތުގައި ހޯދަމުން އަންނަ ސައްތައިން ސައްތަ ރެކޯޓް ދަމަހައްޓައިފި އެވެ. މި މޮޅާއެކު ހަތް ޓީމު ވާދަކުރާ ލީގުގެ އެއް ވަނައިގައި އޭދަފުށި އޮތީ ކުޅުނު ތިން މެޗުވެސް ކާމިޔާބުކޮށް ނުވަ ޕޮއިންޓާއެކު އެވެ.

މުބާރާތުގެ ފުރަތަމަ މެޗުގައި 3-0 އިން ވިކްޓްރީ ސްޕޯޓްސް ކްލަބް އަތުން އޭދަފުށި މޮޅުވިއިރު ދެ ވަނަ މެޗުގައި ކްލަބް އީގަލްސް ކޮޅަށް އެޓީމުން ވަނީ ހަ ގޯލު ޖަހައިފައެވެ. ތިން މެޗުގައި 17 ގޯލު ޖެހިއިރު އެޓީމު ކޮޅަށް އަދި ގޯލެއް ވަދެފައެއް ނުވެއެވެ.

މިއަދުގެ މެޗުގައި އޭދަފުށީ ޓީމަށް ލިބުނު އެންމެބޮޑު ހިތްވަރަކީ މިދިޔަ ދެމެޗުގައި ކުޅެފައިނުވާ އެރަށުގެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ އަބްދުލްމަޖީދު އިބްރާހީމް (މަޖިއްޓޭ) ކުޅުމެވެ. ފުރަތަމަ އެގާރައިގައި ހިމެނިގެން މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުގައި މަޖިއްޓޭ ވަނީ ހެޓްރިކް ހަދައި މޮޅު ކުޅުންތެރިޔާގެ މަގާމް ވެސް ހޯދައިފައެވެ. އުމުރުން 40 އަހަރުގެ މަޖިއްޓޭ އަކީ މިހާރުވެސް އަތޮޅު މުބާރާތާއި ޒޯން މުބާރާތުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ކުޅުންތެރިއެކެވެ. އޭދަފުށީ ފުޓްބޯޅަ ޓީމުން 2017 ވަނަ އަހަރު ރިޓަޔާ ކުރުމަށްފަހު މިދިޔަ އަހަރު މަޖިއްޓޭ ވަނީ އެ އަތޮޅު ފެހެންދޫ ދިވެހި ޕްރިމިއާ ލީގަށް ކޮލިފައިކޮށްދިނުމުގައި މުހިއްމު ދައުރެއް އަދާކޮށްފަ އެވެ.

މުބާރާތުގައި ވާދަކުރާ އޭދަފުށީ ޓީމް. – ފޮޓޯ: ސޮކަ މޭޓްސް

މިއަދުގެ މެޗުގެ ފުރަތަމަ ގޯލު ހަތް ވަނަ މިނެޓުގައި މަޖިއްޓޭ ކާމިޔާބު ކޮށްދިންއިރު އޭގެ ދެ މިނެޓު ފަހުން އިސްމާއީލް މުހައްމަދު (ޖެޓް) ވަނީ އިތުރު ގޯލެއް ޖަހައި ނަތީޖާ 2-0 އަށް ބަދަލުކޮށްލައިފައެވެ. އޭދަފުށީގެ ތިން ވަނަ ގޯލު ޖެހީ ކުރިން ފުރަތަމަ ޑިވިޝަނުގައި މޮޅު ކުޅުމެއް ދެއްކި އިސްމާއީލް މުހައްމަދު (ބަނޑާ) އެވެ. މި ގޯލަށްފަހު ފުރަތަމަ ހާފު ނިމެން މިނެޓަކަށް ވެފައި ވަނިކޮށް އޭދަފުށީގެ ހަތަރު ވަނަ ގޯލު ޖަހައިދިނީ ޖެޓް އެވެ. ފަހު ހާފުގައި ވެސް އޭދަފުށިން ވަނީ އެޓީމުގެ މޮޅު ކުޅުން ތަކުރާރުކޮށް އިތުރު ހަތަރު ގޯލު ޖަހައިފައެވެ. މެޗުގެ ފަސް ވަނަ ގޯލާއި ހަ ވަނަ ގޯލު އިސްމާއީލް މުހައްމަދު (ބޮލޭ) ޖެހިއިރު ފަހު ދެގޯލު ޖެހީ މަޖިއްޓޭ އެވެ. މިއަދުގެ މެޗުގެ 45 އަހަރުން މަތީގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ އޭދަފުށީ ޓީމުގެ ޔޫސުފް އަޒީމް (ޔޫއްޓޭ) އެވެ.

މުބާރާތުގެ ފައިނަލުގެ ފުރަތަމަ ޖާގަ ލިބޭނީ ލީގު އުސޫލުންކުޅެ އެންމެ ގިނަ ޕޮއިންޓް ހޯދާ ޓީމަކަށެވެ. ފައިނަލުގެ ދެވަނަ ޖާގަ ލިބޭނީ ޕޮއިންޓުގެ ގޮތުން ދެވަނަ އަދި ތިންވަނަ ލިބޭ ޓީމުގެ މެދުގައި ކުޅެވޭ ސެމީ ފައިނަލް މެޗުން މޮޅުވާ ޓީމަކަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.