ވެޓެރަންސް ކަޕް: ފަހަތުން އަރައި އޭދަފުށި ބަލިކޮށް މާޒިޔާ އެއް ވަނައަށް

އޭދަފުށީ ވެޓެރަންސް ފުޓްބޯލް ކްލަބް 3-2 އިން ބަލިކޮށް ވެޓެރެރަންސް ފުޓްބޯޅަ މުބާރާތުގެ އެއް ވަނައަށް މާޒިޔާ ޖެހިލައިފި އެވެ. މިއަދު ހަވީރު ކުޅުނު މެޗުން މާޒިޔާ މޮޅުވީ އޭދަފުށިން ދެގޯލު ޖަހާފައިވަނިކޮށް ފަހަތުން އަރައި ޖެހި ތިން ގޯލުންނެވެ.

މި މޮޅާއެކު ހަތް ޓީމު ހިމެނޭ މި މުބާރާތުގެ ލީގު ބުރުގެ އެއް ވަނައަށް މާޒިޔާ އެރީ ކުޅުނު ހަތަރު މެޗުން ވެސް މޮޅުވެ 12 ޕޮއިންޓާއެކު އެވެ. މިއަދުގެ މެޗުން ބަލިވުމުން އޭދަފުށި ވަނީ ދެ ވަނައަށް ވެއްޓިފައެވެ. އެޓީމުން ވަނީ ފުރަތަމަ ތިން މެޗު ކާމިޔާބުކޮށް ނުވަ ޕޮއިންޓް ހޯދައިފައެވެ. ތާވަލުގެ ތިން ވަނައިގައި އޮތީ ހަ ޕޮއިންޓާއެކު ދިވެހި ސިފައިންގެ ކްލަބެވެ. ހަތަރު ވަނައިގައި އޮތް ކްލަބް ގްރީން ސްޓްރީޓްސްއަށް ވެސް ވަނީ ހަ ޕޮއިންޓް ލިބިފައެވެ. ސިފައިންގެ ކްލަބަށް ކުރި ލިބެނީ ފައިދާ ގޯލުގެ ތަފާތުންނެވެ. ފަސް ވަނައިގައި ތިން ޕޮއިންޓާއެކު ވިކްޓްރީ ސްޕޯޓްސް ކްލަބް އޮތްއިރު ހަ ވަނައިގައި އޮތް ޕޮލިސް ކްލަބާއި ހަތް ވަނައިގައި އޮތް ކްލަބް އީގަލްސް އަށް ޕޮއިންޓެއް ލިބިފައެއް ނުވެ އެވެ.

މިއަދުގެ މެޗުގައި މާޒިޔާގެ މުހުތާރު ނަސީރު (ޓޫކިލޯ) އަތުން ބޯޅަ ހޯދަން އޭދަފުށީގެ ކުޅުންތެރިއަކު މަސައްކަތް ކުރަނީ. – ފޮޓޯ: އެމްއެސް މޭޓްސް

މުބާރާތުގެ ފައިނަލުގެ ފުރަތަމަ ޖާގަ ލިބޭނީ ލީގު އުސޫލުން އެއް ބުރު ކުޅުމަށްފަހު އެއް ވަނަ ހޯދާ ޓީމަކަށެވެ. ދެ ވަނަ ޖާގަ ލިބޭނީ ތާވަލުގެ ދެ ވަނަ އަދި ތިން ވަނަ ލިބޭ ދެޓީމުގެ މެދުގައި ކުޅޭ ސެމީ ފައިނަލް މެޗުން މޮޅުވާ ޓީމަކަށެވެ.

މިއަދުގެ މެޗުގެ ފުރަތަމަ ދެގޯލު ފުރަތަމަ ހާފުގެ ކުރީކޮޅު ޖެހީ އޭދަފުށިންނެވެ. ހަ ވަނަ މިނެޓާއި 11 ވަނަ މިނެޓުގައި މި ދެގޯލުވެސް އެޓީމަށް ކާމިޔާބުކޮށްދިނީ އަބްދުލްމަޖީދު އިބްރާހީމް (މަޖިއްޓޭ) އެވެ. އޭދަފުށިން ދެގޯލުގެ ލީޑެއްގައި އޮއްވައި މާޒިޔާއިން މެޗު އަނބުރާލީ ދެ ވަނަ ހާފުގައެވެ. ދެ ވަނަ ހާފު ފެށިގެން 12 ވަނަ މިނެޓުގައި އެޓީމުގެ ފުރަތަމަ ގޯލު އަބްދުލްވާހިދު މުހައްމަދު ޖެހިއިރު އޭގެ ތިން މިނެޓު ފަހުން އެޓީމުން ވަނީ މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފަ އެވެ. މި ގޯލު އެޓީމަށް ކާމިޔާބު ކޮށްދިނީ ހަމްޒާ ހުސައިން އެވެ. މެޗުން މާޒިޔާ މޮޅުވި ގޯލު މެޗު ނިމެން އަށް މިނެޓަށް ވެފައިވަނިކޮށް ކާމިޔާބުކޮށްދިނީ މުހައްމަދު ނިޔާޒް އެވެ.

މިއަދުގެ މެޗުގެ މޮޅު ކުޅުންތެރިޔާ މަގާމް ހޯދީ މާޒިޔާއިން މެޗުގައި މޮޅުވި ގޯލު ޖެހި ނިޔާޒް އެވެ. 45 އަހަރުން މަތީގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ އޭދަފުށީ ޓީމުގެ އަބްދުއްރައްޒާގް ޔޫސުފް އެވެ. މުބާރާތުގައި މާދަމާ ކުޅޭ މެޗުގައި ބައްދަލުކުރާނީ ދިވެހި ސިފައިންގެ ކްލަބާއި ވިކްޓްރީ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.