އޭދަފުއްޓާއި އާއި ސިފައިންގެ މެޗު އެއްވަރު

އޭދަފުށީ ވެޓެރަންސް ޓީމާއި ސިފައިންގެ ކްލަބް ބައްދަލުކުރި މެޗުގެ ތެރެއިން. – ފޮޓޯ: ސޮކަ މޭޓްސް

ވެޓެރަންސް ކަޕް ފުޓްބޯޅަ މުބާރާތުގައި މިއަދު ހަވީރު އޭދަފުށީ ވެޓެރަންސް ފުޓްބޯލް ކްލަބާއި ދިވެހި ސިފައިންގެ ކްލަބް ބައްދަލުކުރި މެޗު 1-1 އިން އެއްވަރު ވެއްޖެއެވެ.

މިއަދުގެ މެޗު އެއްވަރުވުމުން ގަދަ ތިން ޓީމުގެ ތެރޭގައި ހިމެނުމުގެ ފުރުސަތު ދެޓީމަށްވެސް ވަނީ ބޮޑުވެފައެވެ. ހަތް ޓީމު ވާދަކުރާ މުބާރާތުގެ އެއް ވަނައިގައި 13 ޕޮއިންޓާއެކު އޮތީ މާޒިޔާ އެވެ. އެޓީމުން ކުޅެ ފަހު މެޗުގައި ކްލަބް އީގަލްސްއާ އެއްވަރު ކޮށްލައިގެން ވެސް އެއް ވަނަ ޓީމުގެ ގޮތުގައި ފައިނަލުގެ ޖާގައެއް ޔަގީންވާނެ އެވެ. ފައިނަލުގެ ފަހު ޖާގަ ލިބޭނީ ދެ ވަނަ އަދި ތިން ވަނަ ހޯދާ ޓީމުގެ މެދުގައި ކުޅެވޭ ސެމީ ފައިނަލް މެޗުން ކުރި ހޯދާ ޓީމަކަށެވެ.

ދެ ވަނައިގައި އޮތް ސިފައިންގެ ކްލަބާއި ތިން ވަނައިގައި އޮތް އޭދަފުށީ ޓީމަށް 10 ޕޮއިންޓް ލިބިފައިވާއިރު މި ދެޓީމާ އެންމެ ގާތުން ވާދަކުރަނީ ހަތް ޕޮއިންޓާއެކު ހަތަރު ވަނައިގައި އޮތް ކްލަބް ގްރީން ސްޓްރީޓްސް އެވެ. އެކަމަކު ގަދަ ތިން ޓީމުގެ ތެރޭގައި ހިމެނުމަށް ގްރީން ސްޓްރީޓްސް އަށް މިހާރު އޮތީ ހަނި ފުރުސަތެކެވެ. އަދި، ތާވަލުގެ ފަހަތުގައި އޮތް ތިން ޓީމަށް ފައިނަލަށް ދިއުމުގެ ފުރުސަތު ވަނީ ބަންދުވެފަ އެވެ.

ދެ ވަނައިގައި އޮތް ސިފައިންގެ ކްލަބަށް ފައިދާ 18 ގޯލު އޮތްއިރު ތިން ވަނައިގައި އޮތް އޭދަފުއްޓަށް ފައިދާ ލިބިފައިވަނީ 16 ގޯލެވެ. ގްރީން ސްޓްރީޓްސް އަށް ގެއްލުން ތިން ގޯލާއެކު އޮތުމުން ފަހު މެޗުގައި ބޮޑު ތަފާތަކުން ސިފައިންގެ ކްލަބް ބަލިކުރުން ނޫން ގޮތެއް އެޓީމަކަށް ނެތެވެ. އޭދަފުށި ފަހު މެޗުގައި ޕޮލިސް ކްލަބާއި ދެކޮޅަށް ކުޅޭއިރު އެ މެޗު އެއްވަރު ކޮށްލައިގެންވެސް ގަދަ ތިން ޓީމުގެ ތެރޭގައި އެޓީމު ހިމެނޭނެ އެވެ.

މިއަދުގެ މެޗު ފަށައިގެން ފަސް ވަނަ މިނެޓުގައި އޭދަފުއްޓަށް ލީޑު ނަގައިދިނީ ކުރީގެ މަޝްހޫރު ޑިފެންޑަރު ސޮބާހު މުހައްމަދު އެވެ. ފުރަތަމަ ހާފު ނިމެން ތިން މިނެޓަށް ވެފައިވަނިކޮށް ސިފައިންގެ ކްލަބަށް މެޗުގެ ނަތީޖާ ހަމަހަމަ ކޮށްދިނީ މުހައްމަދު ރަމީޒް އެވެ.

މުބާރާތުގައި މާދަމާ ކުޅޭ މެޗުގައި ބައްދަލުކުރާނީ ވިކްޓްރީ ސްޕޯޓްސް ކްލަބާއި ޕޮލިސް ކްލަބެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.