ވެޓެރަންސް ކަޕް: އޭދަފުއްޓާއި ސިފައިން ޕްލޭ އޮފަށް

ވެޓެރަންސް ކަޕް ފުޓްބޯޅަ މުބާރާތުގައި މިއަދު ހަވީރު ދިވެހި ސިފައިންގެ ކްލަބް އަތުން ބަލިވެ ކްލަބް ގްރީން ސްޓްރީޓްސް އަށް ފައިނަލަށް ދިއުމުގެ ފުރުސަތު ގެއްލިއްޖެ އެވެ.

މިއަދު ހަވީރު ކުޅުނު މެޗުން 2-0 އިން ގްރީން ބަލިވުމުން ޕްލޭއޮފްގެ ޖާގަ ސިފައިންގެ ކްލަބާއި އޭދަފުށީ ވެޓެރަންސް ފުޓްބޯލް ކްލަބަށް ވަނީ ލިބިފައެވެ.

އެއް ވަނަ ޓީމުގެ ގޮތުގައި ފައިނަލުގެ ފުރަތަމަ ޖާގަ ކަށަވަރު ކޮށްފައިވަނީ މާޒިޔާ އިންނެވެ. މާޒިޔާއާ ދެކޮޅަށް ފައިނަލުގައި ނުކުންނަ ޓީމެއް ކަށަވަރުވާނީ ސިފައިންގެ ކްލަބާއި އޭދަފުށީ ވެޓެރަންސް ޓީމު ކުޅޭ ޕްލޭއޮފް މެޗަށްފަހު އެވެ.

މުބާރާތުގައި ބައިވެރިވި ހަތް ޓީމުގެ މެދުގައި ލީގު އުސޫލުން އެއް ބުރު ކުޅޭއިރު މާޒިޔާ އެއް ވަނަ ޖާގަ ޔަގީންކުރީ ހަ މެޗުން ހޯދި 16 ޕޮއިންޓާއެކު އެވެ. ސިފައިންގެ ކްލަބް ލީގު ބުރުގެ ހަ މެޗު ކުޅެ ނިމުނުއިރު އެޓީމަށް ލިބިފައިވަނީ 13 ޕޮއިންޓާއެކު ދެ ވަނައެވެ، ތިން ވަނައިގައި އޮތް އޭދަފުށީ ވެޓެރަންސް ޓީމަށް 10 ޕޮއިންޓް ލިބިފައިވާއިރު ހަތަރު ވަނައިގައި ހަތް ޕޮއިންޓާއެކު އޮތް ގްރީން ސްޓްރީޓްސް އަށް ބާކީ މެޗެއް ނެތެވެ. ގްރީން ސްޓްރީޓްސްގެ ފަހަތުން ތާވަލުގައި އޮތް ޕޮލިސް ކްލަބާއި، ވިކްޓްރީ ސްޕޯޓްސް ކްލަބް، އަދި ކްލަބް އީގަލްސް އަށް ވަނީ ފައިނަލުގެ ޖާގަ ހޯދުމުގެ ފުރުސަތު ގެއްލިފައެވެ.

މިއަދުގެ މެޗުގައި ސިފައިންގެ ކްލަބުގެ ދެގޯލު ވެސް ޖެހީ މެޗުގެ ފަހު ދިހަ މިނެޓުގައެވެ. ފުރަތަމަ ގޯލު 50 ވަނަ މިނެޓުގައި އަލީ ޝަމީމް ޖެހިއިރު ދެ ވަނަ ގޯލު މެޗު ނިމެން ދެ މިނެޓަށް ވެފައިވަނިކޮށް ކާމިޔާބުކޮށްދިނީ އަލީ ފަޒާލް އެވެ. މިއަދުގެ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ސިފައިންގެ ކްލަބުގެ އައްސަދު އަބްދުލްގަނީ އަށް ލިބުނުއިރު 45 އަހަރުން މަތީގެ މޮޅު ކުޅުންތެރިޔާގެ މަގާމް ލިބުނީ ގްރީން ސްޓްރީޓްސްގެ އަޝްރަފް ލުތުފީ (ސަމްޕަތު) އަށެވެ.

މުބާރާތުގައި މާދަމާ ކުޅޭ މެޗުގައި ބައްދަލުކުރާނީ ޕޮލިސް ކްލަބާއި އޭދަފުށީ ވެޓެރަންސް ޓީމެވެ. މި މެޗުގެ މުހިއްމުކަން ކުޑަވެފައިވީނަމަވެސް ލީގު ބުރު ދެ ވަނަ ޓީމުގެ ގޮތުގައި ނިންމާލަން ބޭނުންނަމަ މާދަމާގެ މެޗު އޭދަފުށީ ޓީމުން ފަސް ގޯލުގެ ތަފާތަކުން ކާމިޔާބުކުރަން ޖެހޭނެ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.