މަޝްހޫރު ބޭސްވެރިޔާ ކެންދޫ ޔޫސުފް ޙުސައިން ނިޔާވެއްޖެ

ކެންދޫ ޔޫސުފް ހުސައިން

ދިވެހި ބޭސް އަމިއްލައަށް އުފައްދަވައިގެން ފަރުވާދެއްވާ މަޝްހޫރު ބޭސްވެރިޔާ ބ. ކެންދޫ ޔޫސުފް ޙުސައިން (ކެންދު ދޮން ޔޫސުބް) މިއަދު ނިޔާވެއްޖެ އެވެ.

ހުރިހާ ވައްތަރެއްގެ ބޭސްވެސް ހައްދަވައި އަދި ޚާއްޞަކޮށް ރާއްޖެބަލީގެ ބޭސް ހައްދަވައި އުޅުއްވި ބޭސްވެރިޔާ،
ބ. ކެންދޫ، މޯނިންގް ހައުސް، ޔޫސުފް ހުސައިން 85، މިއަދު ހެނދުނުގެ ވަގުތެއްގައި ނިޔާވީ ކުއްލި ގޮތަކަށެވެ.

 ޔޫސުފް ޙުސައިން ދިވެހި ބޭސް ހައްދަވަން ދަސްކުރެއްވީ، އޭނާގެ ބައްޕަ ކެންދޫ ޙުސައިން ޢީސާގެ ފަރާތުންނެވެ. އޭގެފަހުން، އަލްމަރްޙޫމް ބާޑީގެ މުޙައްމަދު ދީދީގެ އަރިހުންނާއި، ސުމުއްވުލްއަމީރު އަލްމަރްޙޫމް އިބްރާހީމް ފާމުދޭރިކިލެގެފާނުގެ އަރިހުން ބޭސް ހައްދަވަން ދަސްކުރެއްވިއެވެ.

އޭނާ އަށް ދިވެހި ބޭސް ކުރުމުގެ ހުއްދަ ލިބިލެއްވީ ހިޖުރައިން 1383 ގެ ފަހުކޮޅުގައެވެ. އޭނާ ހުރިހާ ވައްތަރެއްގެ ބޭސްވެސް ހައްދަވައި އުޅުއްވައެވެ. ޚާއްޞަކޮށް ރާއްޖެބަލީގެ ބޭސް ހައްދަވައި އުޅުއްވައެވެ.

ޔޫސުފް ހުސައިން ބޭސްކޮށްދެއްވަނީ ޢާއްމުގޮތެއްގައި، އެންމެންނަށްވެސް ހިލެއެވެ. މީހަކު ހަދިޔާއެއްގެ ގޮތުން އެއްޗެއް ދީފިއްޔާ ޤަބޫލުކުރައްވައެވެ. ނަމަވެސް،ފަޤީރަކު އެއްޗެއް ދީފިއްޔާ އޭގައި ހިއްޕަވާފައި އަނބުރާ އެމީހަކަށް ރައްދުކުރައްވަނީއެވެ.

ބޭސްވެރިކަމުގެ ތާރީޚުގައި އެންމެ ފާހަގަކުރެވޭ އެއްކަމަކީ، ކެންދޫ މީހެއްގެ ވާތު ލޮލުގެ ކަޅުކަޅިއަށް ގާތްގަނޑަކަށް ދޮޅު އިންޗި ފުންމިނަށް، އެއްސޫތު ފަލަމިނުގެ ތޮރުފާ ކަށްޓެއް ވަދެގެން އައިމާ އެކަށި އުފުރާލައްވައި ބޭސް އަޅުއްވައި ދެއްވުމުން 18 ވަރަކަށް ދުވަހުގެ ތެރޭގައި ﷲގެ ރަޙްމަތްފުޅުން އޭނާގެ ލޯ ފަސޭހަވުމެވެ. އަދި ގަދަ ހުމެއް ޖެހިފައި ދެ ލޮލަށް ލޭއަރައި ލޯ އަނދިރިވި މީހަކަށްވެސް ބޭސްފަރުވާ ކޮށްގެން ފަސޭހަވިއެވެ.

ދިވެހި ސަރުކާރުން އޭނާއަށް 1991 ވަނަ އަހަރު ދިވެހި ބޭސްވެރިކަމުގެ ރޮނގުން ހިތްވަރުދިނުމުގެ އިނާމް ރައީސް މައުމޫން ދެއްވައިފަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.