ބ. ފުޓްބޯލް ޗެލެންޖް: ދަރަވަންދޫ އަތުން މޮޅުވެ ކެންދޫ އަށް ރަނގަޅު ފެށުމެއް

އޭދަފުށީގައި މިހާރު ކުރިއަށްދާ ބ. ފުޓްބޯލް ޗެލެންޖުގެ ގްރޫޕް ސީގެ ފުރަތަމަ މޮޅު ކެންދޫ ޓީމު ހޯދައިފި އެވެ. މިއަދު ހަވީރު އޭދަފުށީ ޓާފް ދަނޑުގައި ކުޅުނު މެޗުން ކެންދޫ މޮޅުވީ ދަރަވަންދޫ އާއި ވާދަކޮށް 5-3 އިންނެވެ. މި ދެ ޓީމުގެ އިތުރުން ގްރޫޕް ސީގައި ހިމެނެނީ ދޮންފަނެވެ.


މިއަދުގެ މެޗުގެ ފުރަތަމަ ގޯލު ޖެހީ ދަރަވަންދޫންނެވެ. މެޗު ފެށިގެން ދެ ވަނަ މިނެޓުގައި މި ގޯލު ކާމިޔާބުކޮށްދިނީ ސާމިހު އަލީ ޝަރީފް އެވެ. ދަރަވަންދޫން ގޯލެއް ޖަހާފައި ވަނިކޮށް ކެންދޫ ޓީމުން ވަނީ ފަހަތުން އަރައި ފަސް ގޯލު ޖަހައިފަ އެވެ. އެޓީމުގެ ފަސް ގޯލުގެ ތެރެއިން ހުނަރުވެރި ކުޅުންތެރިޔާ އަލީ ޝާއިން ވަނީ ހެޓްރިކް ހަދައިފަ އެވެ. ކެންދޫގެ ފުރަތަމަ ގޯލު ޝާއިން ޖެހީ 10 ވަނަ މިނެޓުގަ އެވެ. އޭގެ ހަތަރު މިނެޓު ފަހުން ކެންދޫން ލީޑު ނެގީ ރަބީއު އަހުމަދު ޖެހި ގޯލުންނެވެ. އެޓީމުގެ ތިން ވަނަ ގޯލު 53 ވަނަ މިނެޓުގައި އަހުމަދު މިސްބާހު ޖެހިއިރު ޝާއިން ވަނީ 56 ވަނަ މިނެޓާއި 61 ވަނަ މިނެޓުގައި ޖެހި ގޯލާ އެކު ހެޓްރިކް ފުރިހަމަ ކޮށްފަ އެވެ.

ކެންދޫން ފަސް ގޯލު ޖަހާފައި ވަނިކޮށް ދަރަވަންދޫން ވަނީ މެޗުގެ ފަހު 20 މިނެޓުގައި ދެ ގޯލު ޖަހައި ނަތީޖާގެ ފަރަގު ކުޑަކޮށްފަ އެވެ. މެޗުގެ 71 ވަނަ މިނެޓާއި 74 ވަނަ މިނެޓުގައި މި ދެ ގޯލު ވެސް ކާމިޔާބު ކޮށްދިނީ ތަޖުރިބާކާރު ކުޅުންތެރިޔަ މުހައްމަދު އަނިލް އެވެ.


މި މުބާރާތުގައި މާދަމާ ކުޅޭނީ ގްރޫޕް ބީގެ މެޗެކެވެ. މި މެޗުގައި ބައްދަލުކުރާނީ ގޮއިދޫ އާއި ކުޑަރިކިލެވެ. މުބާރާތުގައި ފުރަތަމަ ކުޅުނު މެޗުގައި ގޮއިދޫ ވަނީ އޭދަފުށި އަތުން 2-1 އިން ބަލިވެފަ އެވެ. ކުޑަރިކިލު ވަނީ ފުރަތަމަ މެޗުގައި 2-0 އިން މާޅޮސް ބަލިކޮށްފަ އެވެ. ގްރޫޕް ބީގެ އެއް ވަނައިގައި އޮތީ ކުޅުނު ދެ މެޗު ވެސް ކާމިޔާބު ކޮށްފައިވާ އޭދަފުއްޓެވެ.
މި މުބާރާތަކީ ފޯ ސީޒަން ލަނޑާ ގިރާވަރާއި އޭދަފުށީ ވެސްޓް ވިންގްސް ޖަމިއްޔާ ގުޅިގެން ކުރިއަށްގެންދާ މުބާރާތެކެވެ. އޭދަފުށީގައި އަލަށް ހުޅުވި މަތީ ފެންވަރުގެ ޓާފް ދަނޑުގައި އަތޮޅު 11 ރަށަކުން އަންނަނީ ވާދަ ކުރަމުންނެވެ. މުބާރާތުގެ ފައިނަލް މެޗު ކުޅޭނީ މި މަހުގެ 20 ވަނަ ދުވަހު އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.