ބ. ފުޓްބޯލް ޗެލެންޖް: ކުޑަރިކިލު ބަލިކޮށް އެއްވަނަ ޓީމުގެ ގޮތުގައި އޭދަފުށި ސެމީ އަށް

ބ. ފުޓްބޯލް ޗެލެންޖުގައި މިއަދު ހަވީރު 4-3 އިން ކުޑަރިކިލު ބަލިކޮށް ގްރޫޕް ބީގެ އެއްވަނަ ޓީމުގެ ގޮތުގައި ކްލަބް އޭދަފުށި މުބާރާތުގެ ސެމީ ފައިނަލަށް ދަތުރުކޮށްފި އެވެ. އޭދަފުށި މިއަދުގެ މެޗުން މޮޅުވުމުން ކުޑަރިކިލު ވަނީ މުބާރާތުން ކަޓައިފަ އެވެ.


ގްރޫޕް ބީގެ އެއްވަނަ 9 ޕޮއިންޓާއެކު އޭދަފުށި ހޯދިއިރު އެޓީމުން ވަނީ އެ ގްރޫޕުގައި ހިމެނުނު ގޮއިދޫ އާއި މާޅޮސް ވެސް ބަލިކޮށްފަ އެވެ. މި ގްރޫޕުގެ ދެވަނައިގައި އޮތީ ތިން ޕޮއިންޓާއެކު ގޯލުގެ ތަފާތުން ގޮއިދޫ އެވެ. ގްރޫޕުގެ ފަހު މެޗުގައި ފުލުގައި އޮތް މާޅޮސް ބަލިކޮށްގެން ގޮއިދޫއަށް ސެމީގެ ފުރުސަތު ލިބޭނެ އެވެ. މުބާރާތުން ކެޓިއިރު ކުޑަރިކިލު އޮތީ ތިން ޕޮއިންޓާއެކު ތިން ވަނައިގައެވެ.


މިއަދުގެ މެޗުގެ ފުރަތަމަ ތިން ގޯލު ޖެހީ އޭދަފުށިންނެވެ. ފުރަތަމަ ދިހަ މިނެޓުގައި އެޓީމުގެ ގޯލުތައް ޖަހައިދިނީ މުހައްމަދު ފާސިރު އާއި މިޑްފީލްޑަރު އުނައިސް ޒުބައިރު އެވެ. އޭދަފުށީ ޓީމުގެ ތިން ވަނަ ގޯލު މެޗުގެ 28 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އަހުމަދު އަޝްރަފް (ސޮބީ) އެވެ. ސޮބީގެ ގޯލަށް ފަހު ދެން ފެނުނީ ގާތްގާތުގައި ކުޑަރިކިލުން ދެގޯލު ޖެހިތަނެވެ. އެޓީމުގެ ފުރަތަމަ ގޯލު 30 ވަނަ މިނެޓުގައި ހަސަން ޔާސިރު އަދުނާން ޖެހިއިރު ދެވަނަ ގޯލު ހަތަރު މިނެޓު ފަހުން ޖެހީ ހުސައިން ހަނާން އެވެ.


ދެވަނަ ހާފުގައި އޭދަފުށީ ޓީމަށް ޕެނަލްޓީއެއް ލިބި ވަނީ ބޭކާރުވެފަ އެވެ. އެޓީމުގެ ފޯވާޑް އަލީ ނަސީމް ޖެހި ޕެނަލްޓީ ދިޔައީގެ ގޯލުގެ މަތިންނެވެ. އެކަމަކު މެޗު ނިމެން ހަތް މިނެޓަށް ވެފައިވަނިކޮށް އަލީ ނަސީމަށް ލިބުނު ހުސް ފުރުސަތެއްގެ ބޭނުންހިފައި އޭނާ ވަނީ އޭދަފުށީ ޓީމުގެ ހަތަރު ވަނަ ގޯލު ޖަހައިދީފަ އެވެ. މި ގޯލަށް ފަހު ދެ މިނެޓުތެރޭ ކުޑަރިކިލުން އިތުރު ގޯލެއް ޖަހައި މެޗުގެ ނަތީޖާ 4-3 އަށް ބަދަލުކޮށްލި އެވެ. މި ގޯލު އެޓީމަށް ކާމިޔާބުކޮށްދިނީ އަހުމަދު ނިހާން އެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ އޭދަފުށީގެ މެދުތެރޭގައި މޮޅު ކުޅުމެއްދެއްކި ޝާހީ މޫސާ (ހިތޭ) އެވެ. ހިތޭ ވަނީ މުބާރާތުގައި އޭދަފުށި ކުޅުނު ފުރަތަމަ މެޗުގެވެސް މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދާފަ އެވެ.


އެޓޯލް ޗެލެންޖުގައި މާދަމާ ވާދަކުރާނީ ހިތާދޫ އާއި ކިހާދޫ އެވެ. ގްރޫޕް ސީގައި ހިމެނޭ މި ދެޓީމުގެ މެޗަކީ ސެމީ ފައިނަލަށް ދިއުމަށް ދެޓީމަށްވެސް މުހިއްމު މެޗެކެވެ. މާދަމާގެ މެޗު ކާމިޔާބުކޮށްގެން ކިހާދޫ އަށް ސެމީ ފައިނަލުގެ ޖާގައެއް ކަށަވަރުވާނެ އެވެ. ހިތާދޫ މާދަމާގެ މެޗުން މޮޅުވެއްޖެ ނަމަ ސެމީގެ ޖާގައެއް ޔަގީންވާނީ މި ގްރޫޕުގައި ފެހެންދޫ އާއި ތުޅާދޫ ވާދަކުރާ މެޗަށްފަހު އެވެ.


ފޯ ސީޒަން ލަނޑާ ގިރާވަރު ރިސޯޓުން އިސްނަގައިގެން އޭދަފުށީ ވެސްޓް ވިންގްސް ޖަމިއްޔާ އާއި ގުޅިގެން ކުރިއަށްގެންދާ މި މުބާރާތަކީ އޭދަފުށީގައި އެޅި ޓާފް ދަނޑުގައި ބާއްވާ ފުރަތަމަ މުބާރާތެވެ. މި މުބާރާތުގައި 11 ރަށަކުން ވާދަކުރާއިރު ރަށްތަކުން ކޮންމެ ދުވަހަކު ވެސް ގިނަ އަދަދެއްގެ ސަޕޯޓަރުން އޭދަފުއްޓަށް ޒިޔާރަތްކުރެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.