ބީއެމްއެލް އިން އޭދަފުއްޓާއެކު 10 ރަށެއްގައި އީދު ސައި ބާއްވައިފި

ބީއެމްއެލްއިން އޭދަފުށީގައި ބޭއްވި އީދު ސައިގެ ތެރެއިން.—ފޮޓޯ: ތޯރިގް އަބްދުއްރަހްމާން

މިއަދު ފާހަގަކުރާ އަޟްހާ އީދު ދުވަހާ ގުޅިގެން، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އޭދަފުށި ހިމޭނެގޮތަށް 10 ރަށެއްގައި އީދު ސައި ބާއްވައިފި އެވެ.

ބީއެމްއެލްގެ އެހީތެރިކަމާ އެކު، އީދު ސައި ބޭއްވީ އޭދަފުށީގެ އިތުރުން ހއ. ވަށަފަރު، ނ. މަނަދޫ، ރ. މީދޫ، ކ. މާފުށި، އދ. މަހިބަދޫ، ދ. ކުޑަހުވަދޫ، ތ. ގުރައިދޫ، ގދ. ގައްދޫ، އަދި ސ. މަރަދޫ އެވެ. އީދު ސައި އިންތިޒާމްކޮށްފައިވަނީ ކޮންމެ ރަށެއްގެ ރަށު ކައުންސިލާއި މަދަނީ ޖަމިއްޔާތަކާއި އާންމު ފަރުދުންނާ ގުޅިގެންނެވެ.

ބީއެމްއެލްއިން އޭދަފުށީގައި ބޭއްވި އީދު ސައިގެ ތެރެއިން.—ފޮޓޯ: ތޯރިގް އަބްދުއްރަހްމާން

ބީއެމްއެލް އިން ބުނި ގޮތުގައި އީދު ސަޔަށްވަނީ ބޮޑު ތަރުހީބެއް ލިބިފައެވެ. އަދި ދިވެހިންގެ ތެރޭގައި ޒަމާނުއްސުރެ އޮންނަ އެކުވެރިކަމާއި އިޖްތިމާއީ ގުޅުމުގެ ބަދަހިކަން މި ސައި ބޭއްވުނު ރަށްތަކުން ވަނީ ފެނިގެން ގޮސްފައިވާ ކަމަށްވެސް ބޭންކުން ބުންޏެވެ.

“ކުޑަ އީދު ވިޔަސް އަދި ބޮޑު އީދު ވިޔަސް އީދު ނަމާދަށްފަހު ރާއްޖޭގެ ގިނަ ރަށްރަށުން ފެންނަ އެންމެ ރީތި އެއް މަންޒަރަކީ މިފަދަ މުނާސަބަތުތަކުން ފެންނަ އެކުވެރިކަމެވެ،” ބީއެމްއެލް އިން ބުންޏެވެ.

ބީއެމްއެލްއިން އޭދަފުށީގައި ބޭއްވި އީދު ސައިގެ ތެރެއިން.—ފޮޓޯ: ތޯރިގް އަބްދުއްރަހްމާން

ބީއެމްއެލްގެ މެނޭޖަރު، ޕަބްލިކް ރިލޭޝަންސް، މުހައްމަދު ސައީދު ވިދާޅުވީ، ކުދިބޮޑު އެންމެން ބައިވެރިވެ އެއްކޮށް ސައިބޮއި، ވާހަކަ ދައްކާ މަންޒަރު އެ ރަށްތަކުން ފެނިގެންދިޔަކަމީ މި ހަރަކާތް ރޭވުމުގެ މަގްސަދު ފުރިހަމަވެގެން ދިޔަކަމަކަށް ކަމަށެވެ.

“އެހެންކަމުން މި އީދުގައިވެސް ބީއެމްއެލް އިން އިސްނަގައިގެން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރިޔަށް ގެންދިޔަ އީދު ސަޔަކީ ވަރަށް އުފާވެރިކަމާއި އެކުވެރި ކަމާއެކު ކުރިއަށް ގެންދެވުނު ހަރަކާތެއް.  މިފުރުސަތުގައި ބޭންކުގެ ބްރާންޗުތަކުގެ މުވައްޒަފުން މިކަމަށް އިސްނަގައިގެން ކޮށްދިން މަސައްކަތަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރަން. އަދި ހަމައެހެންމެ މި ރަށްތަކުގެ ރައްޔިތުންގެ ފަރާތުންނާއި ކައުންސިލްތަކާއި، މަދަނީ ޖަމިއްޔާ ތަކުން ދެއްވި އެހީތެރިކަމާއި އެއްބާރުލެއްވުމަށް އެފަރާތްތަކަށްވެސް ވަރަށް ޚާއްސަ ޝުކުރެއް ދަންނަވަން،” ސައީދު ވިދާޅުވި އެވެ.

މި ހަރަކާތް އިންތިޒާމު ކުރީ ބޭންކުގެ ބްރާންޗުތަކުގެ މުވައްޒަފުންގެ އިސްނެގުމާ އެކު އެވެ. ބީއެމްއެލް އިން ވަނީ މިދިޔަ ފިތުރު އީދުގައިވެސް ރާއްޖޭގެ އަށް ރަށެއްގައި އީދު ސައި ބާއްވައިފަ އެވެ.



ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.