މުށި މަސްތައް މަރުވެ، އޭދަފުށީ ފަޅުތެރެ ކުނިވެއްޖެ!

އޭދަފުށީ ފަޅުތެރޭގައި މަރުވި މުށި މަސްތައް ކުނިވެގެން މައްޗަށް އަރާފައި—އީޓީ ފޮޓޯ/ހުސައިން މުހައްމަދު

ބ. އޭދަފުށީ ފަޅުތެރެއަށް ވަން ގިނަ އަދަދެއްގެ މުށި މަސްތައް މަރުވެ،  މަރުވި މަސްތަކުން ފަޅުތެރެ ކުނިވެއްޖެ އެވެ.

މިރަށު ކައުންސިލުގެ ރައީސް ތޮލާލު އަބްދުއްރަހްނާން ވިދާޅުވި ގޮތުގައި މަރުވި މަސްތައް ކުނިވެގެން މިހާރު ވަނީ މައްޗަށް އަރަން ފަށައިފަ އެވެ. އޭގެ ތެރޭގައި މިދޭތެރެއިން ފަޅުތެރެއަށް ވަތް ގިނަ އަދަދެއްގެ މުށި މަސް ހިމެނޭ ކަމަށް އޭނާ ބުންޏެވެ.

“އިއްޔެވެސް ކޮންމެވެސް ވަރަކަށް މަސްތައް މަރުވެ ހުރި މައްޗަށް އަރާފައި. މިއަދު ވެސް ވަރަށް ބައިވަރު މަސްތައް ކުނިވެގެން މައްޗަށް އެބައަރާ،” ތޮލާލު ވިދާޅުވި އެވެ.

ތޮލާލު ވިދާޅުވީ މިރަށު ފަޅުތެރޭގައި މަސް މަރުވާން ދިމާވި ސަބަބެއް އަދި ޔަގީން ނުވާ ކަމަށެވެ.

މިރަށުގެ ބައެއް މީހުން ލަފާކުރާ ގޮތުގައި މަސް މަރުވާން ދިމާވި ސަބަބަކީ ފަޅުތެރެ ބެދި، އޮއިވަރު ނުދެމުމެވެ. ނުވަތަ އެކަން މެދުވެރިވީ ފަޅުތެރޭގެ ފިނިހޫނު މިނަށް ދިމާވެފައިވާ މައްސަލައެއްގެ ސަބަބުން ކަމަށް ވެސް ބައެއް މީހުން ލަފާކުރެ އެވެ.

އަނެއް ބަޔަކު ބުނި ގޮތުގައި ހުއިފިލަނޑާ ކައްކާފަ ހުންނަ ފެންގަނޑު ފަޅުތެރެއަށް އަޅައިފި ނަމަވެސް މި ގޮތަށް މަސްތައް މަރުވާން ދިމާވެ އެވެ.

މަރުވި މަސްތައް ނަގައި ފަޅުތެރެ ސާފުކުރުމުގެ މަސައްކަތް ކައުންސިލުން އަންނަނީ ކުރަމުންނެވެ. އެއީ، ފަޅު ކުނިވެ، ރަށު ތެރޭގައި ބަލިމަޑުކަމެއް ފެތުރިދާނެ ކަމުގެ ބިރުވެރިކަން އޮތުމުން ކަމަށް ވެސް ރަށު ކައުންސިލުން ބުންޏެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.