ބ. މަންތާ ފެސްޓިވަލް، ތިމާވެށީގެ ބޮޑު މަސައްކަތެއް

ބ. އޭދަފުށިގައި ކުރިޔަށްގެންދިޔަ މަންތާ ފެސްޓިވަލަކީ ވަރަށް ކާމިޔާބު އަދި އުންމީދީ ފެސްޓިވަލެއް ކަމަށް ފެސްޓިވަލްގެ ބައިވެރިން ބުނެފިއެވެ.

މަންތާ ޓްރަސްޓް އިން އިންތިޒާމުކޮށްގެން ބ. އަތޮޅު ބަޔޯސްފިއާ ރިޒާވާ އޮފީހާއި ފޯސީޒަން ލަނޑާގިރާވަރު ރިސޯޓާއި ބ. އަތޮޅު ތައުލީމީ މަރުކަޒާއި ބ. އަތޮޅު ކައުންސިލް އަދި އޭދަފުށީ ކައުންސިލު ގުޅިގެން މި ހަފްތާ ބަންދުގައި އޭދަފުށީގައި ކުރިޔަށްދިޔަ އިރު އެތައް ސަތޭކަ ބަޔަކު ވަނީ މި ފެސްޓިވަލްގައި ބައިވެރިވެފައެވެ.


ބ. އަތޮޅުގެ ސްކޫލުތަކާއި ރ. އަތޮޅު ތައުލީމީ މަރުކަޒު އަދި ކ. ދިއްފުށީ ސްކޫލުގެ އިތުރުން ބ. އަތޮޅުގެ ރިސޯޓްތަކުންނާއި ތިމާވެއްޓާ ގުޅުންހުރި ދާއިރާގައި މަސައްކަތްކުރާ ގިނަ ޖަމިއްޔާތަކުން މި ފެސްޓިވަލްގައި ވަނީ ބައިވެރިވެފައެވެ.

ފެސްޓިވަލްގައި ބައިވެރި ބައެއް ޖަމިއްޔާ ތަކުގެ ތެރޭގައި ވެލާ ކަހަނބު ހިމާތް ކުރުމަށް ކޮކޯޕާމް ދުނިކޮޅުގައި ގާއިމް ވެފައިވާ އޮލިވް ރެޑްލީ އާއި މުރަކަ އަދި ވެލާ ހިމާޔަތް ކުރުމަށް ލަނޑާ ގިރާވަރުގައި މަސައްކަތް ކުރާ މެރިން ސޭވަރ އާއި އެންވަޔަރުމެންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) ހިމެނެއެވެ.

ފެސްޓިވަލްގައި ބައިވެރިވި ކ. ދިއްފުށީސްކޫލް ދަރިވަރުން ބުނީ މި ފެސްޓިވަލް އިން ތިމާވެށި ހިމާޔަތް ކުރުމުގެ މުހިންމުކަން އިތުރަށް ވަޒަން ކުރެވިގެންދިޔަ ކަމަށާއި ތިމާވެށި ހިމާޔަތް ކުރުމަށް ކޮންމެ މީހަކު ވެސް މަސައްކަތް ކުރަން ޖެހޭ ކަން އިނގިގެންދިޔަ ކަމަށެވެ.

ފެސްޓިވަލަށް ޒިޔާތްކުރި މީހަކު ބުނީ މިއީ ވަރަށް އުފާވެރި މަންޒަރެއް ކަމަށާއި ރާއްޖޭގެ ކަނޑުފަޅުތަކުގެ ދިރުމުގެ މުއްސަނދިކަމާ، މިތަންތަނުގައި އުޅޭ ދިރޭ ތަކެތި ރައްކާތެރިކޮށް ޙިމާޔަތްކުރުމާބެހޭ ގޮތުން އާންމުން ހޭލުންތެރިކުރުވުމަށް ކުރިޔަށް ގެންދާ މި ފެސްޓިވަލް އަކީ ވަރަށް އަގުހުރި މަސައްކަތެއް ކަމަށެވެ.

މަންތާ ފެސްޓިވަލުގައި ކުރިއަށް ގެންދިޔަ ސްޓޯލް ތަކުގައި ތިމާވެއްޓާގުޅޭ މައުލޫމާތު ދިނުމުގެ އިތުރުން ކުޑަ ކުދިންގެ ގޭމް ތަކާއި މޫދުގެ ދިރުންތައް ހިމެނޭ ތައްގަޑު ޖެހުން ވެސް ކުރިޔަށްދިޔައެވެ. މީގެ އިތުރުން ފެސްޓިވަލާ ގުޅުވައިގެން ކުރިއަށްގެންދިޔަ މުބާރާތްތަކުގެ ނަތީޖާ ފާޅުކޮށް ވަނަވަނައަށް ދިޔަ ސްކޫލުތަކަށާއި ދަރިވަރުންނަށް ވަނީ އިނާމާއި ސެޓްފިކެޓް ދީފަ އެވެ.

ފެސްޓިވަލް އާއި ބެހޭ ގޮތުން ވާހަކަ މަންތާ ޓްރަސްޓުން ބުނީީ މިއީ ވަރަށް ކާމިޔާބު ފެސްޓިވަލެއް ކަމަށާއި މިއަހަރުގެ ކާމިޔާބަށް ބެލުމަށް ފަހު އަންނަ އަހަރު އަދި އިތުރަށް ފެސްޓިވަލް ފުރިހަމަ ވެގެންދާނެ ކަމަށެވެ.

މަންތާ ޓްރަސްޓަކީ އެންމަޑީގެ ނަޞްލު ދެމެހެއްޓުމަށްޓަކާ ބައިނަލްއަޤުވާމީ ފެންވަރުގައި ދިރާސާތައް ކުރަމުންދާ އަދި މި ދާއިރާގެ ގިނަ މަސައްކަތްތަކެއް ކުރަމުންދާ އިނގިރޭސިވިލާތުގެ ހިލޭ ސާބަހަށް މަސައްކަތް ކުރާ ޖަމިއްޔާއެކެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.