ހިލޭ ގާނޫނީ ލަފާ ދިނުމުގެ ހަރަކާތް މިފަހަރު އޭދަފުށީގައި

ޕީއައިއެލްސީން މީގެ ކުރިން ބޭއްވި ހަރަކާތެއްގައި، ބަޔަކަށް ގާނޫނީ ލަފާ ދެނީ.–ފޮޓޯ: ޕީއައިއެލްސީ

ތަފާތު އެކި ކަންކަމުގައި ގާނޫނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ޕަބްލިކް އިންޓްރެސްޓް ލޯ ސެންޓަރު (ޕީއައިއެލްސީ) އާއި ޔޫތު މިނިސްޓްރީ ގުޅިގެން ބާއްވާ ދެވަނަ މޮބައިލް ލީގަލް އެއިޑް ކްލިނިކް ބ. އޭދަފުށީ ހިންގަން ތައްޔާރުވެއްޖެ އެވެ.

މިމަހުގެ 27-28 ނިޔަލަށް ބާއްވާ މި ހަރަކާތުގައި ޕީއައިއެލްސީގެ 8 ވަކީލުން އެހީތެރިކަން ފޯރުކޮށްދެއްވާނެ އެވެ.

ދެ ދުވަހުގެ މުއްދަތަކަށް ހިންގާ ހަރަކާތުގައި ކަނޑައެޅޭ ދާއިރާތަކަކުން ގާނޫނުތަކަށް އާއްމުން ހޭލުންތެރިކުރުވުމާއި ފުދުންތެރިކަން ނެތް މީހުންނަށް ކޯޓަށް ހުށަހަޅަން ބޭނުންވާ މަދަނީ މައްސަލަތަކުގައި އެ ވަކީލުން އެހީތެރިކަން ފޯރުކޮށްދެއްވާނެ އެވެ. އޭގެ ތެރޭގައި، ކޮންޓްރެކްޓާ ގުޅޭ މައްސަލަތަކާއި ބިމާއި މުދަލާ ގުޅޭ މައްސަލަތަކާއި ވަޒީފާގެ މައްސަލަތަކާއި ބެންކް ލޯނާ ގުޅޭ މައްސަލަތައް ހިމެނެ އެވެ. އޭގެ އިތުރުން އިންސާނީ ހައްގުތަކާއި އަސާސީ ހައްގުތަކާ ގުޅޭ މައްސަލަތަކާއި ގެވެށި އަނިޔާގެ މައްސަލަތައް ވެސް ހިމެނެ އެވެ.

އޭދަފުށީގައި ބާއްވާ ހަރަކާތުގައި ގެވެށި އަނިޔާ އިން ރައްކާތެރިވުމާ ގުޅޭގޮތުން އާއްމުން ހޭލުންތެރިކުރުމުގެ ޕްރޮގްރާމެއް ހިންގާނެ އެވެ. އޭދަފުށީ މަލްޓިޕާޕަސް ސެމިނާ ރޫމުގައި މިކަން އޮންނާނީ އަންނަ ހުކުރުދުވަހު ހަވީރު 4:00 އިން 6:00 އަށެވެ.

އެއަށްފަހު ރާއްޖޭގެ ގާނޫނީ ނިޒާމަށް އާއްމުން ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމެއް ހުކުރު ދުވަހުގެ ރޭ 8:00-10:00 އަށް މަލްޓިޕާޕަސް ސެމިނާ ރޫމުގައި އޮންނާނެ އެވެ. އޭގައި، ގާނޫނީ ނިޒާމް ބައްޓަންވެފައިވާ ގޮތްތަކާއި ގާނޫނު ފަހުމުވުމުގައި ގެންގުޅެންޖެހޭނެ މިންގަނޑުތަކާއި އާއްމުންނަށް މުހިއްމު ކަންކަމާ ގުޅޭގޮތުން ހޭލުންތެރިކުރުވާނެ އެވެ.

މީގެ އިތުރުން ގާނޫނީ ވަކީލެއްގެ އެހީތެރިކަން ބޭނުންވާ މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ޕީއައިއެލްސީގެ ލޯޔަރުން އެހީތެރިކަން ދޭނެ އެވެ. އަދި މައްސަލަތައް ބަލައި އެފަދަ މައްސަލަތަކުގައި އެހީތެރިކަން ފޯރުކޮށްދިނުން ހިމެނެ އެވެ. އެގޮތުން ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި އުމުރުން ދުވަސްވީ މީހުންނާއި އެކަނިވެރި މައިންނާއި ބަފައިންނަށް އިނާޔަތާއި އެހީ ހޯދަން ފޯމު ފުރުން ހިމެނެ އެވެ.

މި ޕްރޮގްރާމު ހިންގުމަށް ހަމަޖެހިފައިވަނީ އަންނަ ހޮނިހިރު ދުވަހު ހެނދުނު 9:00 އިން މެންދުރުފަހު 2:00 އަށް އޭދަފުށީ ކައުންސިލު އިދާރާ ކުރިމަތީގަ އެވެ.

ޕަބްލިކް އިންޓްރެސްޓް ލޯ ސެންޓަރ އަކީ ހިލޭ ސަބަހަށް މަސައްކަތްކުރާ އަމިއްލަ ޖަމިއްޔާއެކެވެ. މި ޖަމިއްޔާގެ ރައީސާ އަކީ ކުރީގެ އެޓާނީ ޖެނެރަލް އޮފީހުގެ ސްޓޭޓް ކައުންސެލް އަލްއުސްތާޛާ މަރިޔަމް ޝުނާނާއެވެ. މި އަހަރުގެ ފެބްރުއަރީ މަހު ރަޖިސްޓްރީކޮށް ހިންގަންފެށި މި ޖަމިއްޔާގައި ހިމެނޭ މެންބަރުންނަކީ ޤާނޫނީ ވަކީލުންނާއި ޤާނޫނު ކިޔަވާ ދަރިވަރުންނެވެ.

ޕީއައިއެލްސީން ބުނިގޮތުގައި ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ލީގަލް އެއިޑް ކްލިނިކް ހިންގަން ވަނީ ރާވައިފަ އެވެ. އެގޮތުން މީގެ ފުރަތަމަ ޕްރޮގްރާމު ބޭއްވީ އައްޑޫގަ އެވެ. އޭދަފުށީގައި މި ބާއްވަނީ މީގެ ދެވަނަ ޕްރޮގްރާމެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.