
ބ. އަތޮޅު ތައުލީމީ މަރުކަޒުން މިދިޔަ އަހަރު އެންމެ މޮޅު ދަރިވަރުންނަށް އައިމިނަތު ރަމްޝާ އަބްދުއްރަހްމާނާއި ޝަމީލާ އަބްދުލް ޖަލީލު ހޮވައިފި އެވެ.
ރޭ ބ. އަތޮޅު ތައުލީމީ މަރުކަޒުގައި ބޭއްވި ރަސްމިއްޔާތުގައި އެ ދެ ދަރިވަރުންނަށް ސެޓްފިކެޓާއި ޝީލްޑް ހަވާލުކޮށްދެއްވީ އެޑިއުކޭޝަންގެ ޕާމަންނަޓް ސެކްރެޓަރީ އަހްމަދު އަލީ އެވެ.

ސާނަވީ ބައިން އެއްވަނަ ހޯދި ރަމްޝާ ވަނީ ފަސް މާއްދާއިން އޭ ސްޓާ، ތިން މާއްދާއިން އޭ ހޯދައިފަ އެވެ. އޭނާ ވަނީ ގައުމީ ގަދަ ދިހަކުން ހަތަރު ވަނަ ހޯދައިފަ އެވެ.

މަތީ ސާނަވީ އިން އެއްވަނަ ހޯދި ޝަމީލާ ވަނީ ގައުމީ ގަދަ ދިހަކުން ތިން ވަނަ ހޯދައިފަ އެވެ. އޭނާއަށް ތިން މާއްދާއިން އޭ ސްޓާ، ދެ މާއްދާއިން އޭ ލިބިފައި ވެ އެވެ. އަދި އެކައުންޓިން މާއްދާއިން ވަނީ ދުނިޔެއިން އެއްވަނަ ހޯދައިފަ އެވެ.

މިދިޔަ އަހަރު ފަސް ދަރިވަރަކު އޯލެވެލްގެ ގަދަ ދިހެއްގައި ހިމެނުނުއިރު އޭލެވެލްގެ ގަދަ ދިހެއްގައި އެ ސްކޫލުގެ ތިން ދަރިވަރުން ހިމެނިފައި ވެ އެވެ.