އޭދަފުށީގައި ހިލޭ ގާނޫނީ ލަފާ ދިނުމަށް ހަރަކާތެއް ފަށައިފި

ތަފާތު އެކި ކަންކަމުގައި ގާނޫނީ އެހީތެރިކަން ފޯރުކޮށްދިނުމަށް އޭދަފުށީގައި މޮބައިލް ލީގަލް އެއިޑް ކްލިނިކެއް ފަށައިފި އެވެ.

ޕަބްލިކް އިންޓްރެސްޓް ލޯ ސެންޓަރު (ޕީއައިއެލްސީ) އާއި ޔޫތު މިނިސްޓްރީ ގުޅިގެން މިއަދު ހެނދުނު 9:00 އިން ފެށިގެން މެންދުރުފަހު 2:00 ގެ ނިޔަލަށް އޭދަފުށީ މަލްޓިޕާޕަސް ބިލްޑިން ކުރިމަތީގައި ބާއްވާ މި ހަރަކާތުގައި ޕީއައިއެލްސީގެ 8 ވަކީލުން އެހީތެރިކަން ފޯރުކޮށްދެއްވާނެ އެވެ.

މި ހަރަކާތުގައި ކަނޑައެޅޭ ދާއިރާތަކަކުން ގާނޫނުތަކަށް އާއްމުން ހޭލުންތެރިކުރުވުމާއި ފުދުންތެރިކަން ނެތް މީހުންނަށް ކޯޓަށް ހުށަހަޅަން ބޭނުންވާ މަދަނީ މައްސަލަތަކުގައި އެ ވަކީލުން އެހީތެރިކަން ފޯރުކޮށްދެއްވާނެ އެވެ. އޭގެ ތެރޭގައި، ކޮންޓްރެކްޓާ ގުޅޭ މައްސަލަތަކާއި ބިމާއި މުދަލާ ގުޅޭ މައްސަލަތަކާއި ވަޒީފާގެ މައްސަލަތަކާއި ބެންކް ލޯނާ ގުޅޭ މައްސަލަތައް ހިމެނެ އެވެ. އޭގެ އިތުރުން އިންސާނީ ހައްގުތަކާއި އަސާސީ ހައްގުތަކާ ގުޅޭ މައްސަލަތަކާއި ގެވެށި އަނިޔާގެ މައްސަލަތައް ވެސް ހިމެނެ އެވެ.

މީގެ އިތުރުން ގާނޫނީ ވަކީލެއްގެ އެހީތެރިކަން ބޭނުންވާ މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ޕީއައިއެލްސީގެ ލޯޔަރުން އެހީތެރިކަން ދޭނެ އެވެ. އަދި މައްސަލަތައް ބަލައި އެފަދަ މައްސަލަތަކުގައި އެހީތެރިކަން ފޯރުކޮށްދިނުން ހިމެނެ އެވެ. އެގޮތުން ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި އުމުރުން ދުވަސްވީ މީހުންނާއި އެކަނިވެރި މައިންނާއި ބަފައިންނަށް އިނާޔަތާއި އެހީ ހޯދަން ފޯމު ފުރުން ހިމެނެ އެވެ.

ޕީއައިއެލްސީ ވަނީ އިއްޔެ އޭދަފުށީގައި ގެވެށި އަނިޔާ އިން ރައްކާތެރިވުމާ ގުޅޭގޮތުންނާއި ރާއްޖޭގެ ގާނޫނީ ނިޒާމަށްއާއްމުން ހޭލުންތެރިކުރުމުގެ ޕްރޮގްރާމެއްވެސް ހިންގާފަ އެވެ.

ޕަބްލިކް އިންޓްރެސްޓް ލޯ ސެންޓަރ އަކީ ހިލޭ ސަބަހަށް މަސައްކަތްކުރާ އަމިއްލަ ޖަމިއްޔާއެކެވެ. މި ޖަމިއްޔާގެ ރައީސާ އަކީ ކުރީގެ އެޓާނީ ޖެނެރަލް އޮފީހުގެ ސްޓޭޓް ކައުންސެލް އަލްއުސްތާޛާ މަރިޔަމް ޝުނާނާއެވެ. މި އަހަރުގެ ފެބްރުއަރީ މަހު ރަޖިސްޓްރީކޮށް ހިންގަންފެށި މި ޖަމިއްޔާގައި ހިމެނޭ މެންބަރުންނަކީ ޤާނޫނީ ވަކީލުންނާއި ޤާނޫނު ކިޔަވާ ދަރިވަރުންނެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.