އަންނަ އަހަރު ޓެކްސްޓް ފޮތްތައް ޑިޖިޓަލްކުރަނީ

ސްކޫލްތަކުގެ ޓެކްސްޓް ފޮތްތައް އަންނަ އަހަރު ޑިޖިޓަލައިޒްކޮށްގެން ކިޔަވައިދިނުމުގެ ޕައިލެޓް ޕްރޮޖެކްޓެއް ފެށުމަށް ހަމަޖެހިފައިވާކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު ޢަލީ ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ޤައުމީ ތަރައްޤީއާއި ތަރިކައިގެ ކޮމިޓީގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ މިހާރުވެސް ބައެއް ގްރޭޑްތަކުގެ ޓެކްސްޓް ފޮތްތައް ޑިޖިޓަލައިޒްކޮށްފައިވާ ކަމަށެވެ. އަދި މިއަހަރަށްވުރެ ރަނގަޅަށް އަންނަ އަހަރު ޓެބްލެޓްތައް ބޭނުންކުރެވޭނެގޮތް ހެދުމަށް މަސައްކަތް ކުރައްވާކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.  

މިނިސްޓަރު ވިދާޅުވީ ޓެބްލެޓްތައް ބޭނުންކޮށްގެން ކިޔަވައިދިނުމުގެ ޕްލޭނެއް މިހާތަނަށް ހަދާފައިނެތްކަމަށެވެ. އަދި ފިލާވަޅުތައް މުޠާލިޢާ ކުރުމަށް ޓެބްލެޓް ބޭނުންކުރަން އަންގާފައިވާނެކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

ސްކޫލްތަކުގެ އިންޓަނެޓް ކަނެކްޓިވިޓީ ދަށްކަން ފާހަގަކުރައްވައި މިނިސްޓަރ ވިދާޅުވީ ބައެއް ރަށްރަށުގައި ޓެބްލެޓް ބޭނުން ކުރަމުންނުދާކަމަށެވެ. އަދި ސްކޫލްތަކުގެ ވައިފައިގެ ޚިދުމަތް ރަނގަޅުކުރުމަށްޓަކައި ދިރާގާއެކު މަޝްވަރާ ކުރަމުންގެންދާކަމަށްވެސް އެޑިއުކޭޝަން މިނިސްޓަރު ވިދާޅުވިއެވެ.

ޓެބްލެޓް ބޭނުންކޮށްގެން ކިޔަވައިދިނުން ދެމެހެއްޓެނިވި ގޮތުގައި ކުރިއަށް ނުގެންދެވޭނެކަން ފާހަގަކުރައްވައި މިނިސްޓަރ ވިދާޅުވީ މިހާރު ހުރި ޓެބްލެޓްތައް ދެމެހެއްޓެނިވި ގޮތެއްގައި ބޭނުންކުރެވޭނެ ގޮތް ހެދުމަށް ކަމާބެހޭ ފަރާތްތަކާއެކު މަޝްވަރާ ކުރަމުންދާކަމަށެވެ. އަދި ޓެބްލެޓް ބޭނުންކުރުމުގައި ދިމާވާ އުނދަގޫތައް ދެނެގަތުމަށް ސަރވޭއެއްވެސް ފަށާފައިވާކަމަށް ވެސް އެޑިޔުކޭޝަން މިނިސްތްރީން ބުންޏެވެ.

ޓެބްލެޓް ބޭނުންކޮށްގެން ކިޔަވައިދޭން ފަށާފައިވަނީ ރާއްޖޭގެ ސްކޫލްތައް ޑިޖިޓަލައިޒް ކުރުމަށް ކުރިއަށްގެންދާ މަޝްރޫޢުގެ ދަށުން މިދިޔަ އަހަރުއެވެ. މިގޮތުން ސްކޫލުތައް ޑިޖިޓަލައިޒްކޮށް ދަރިވަރުންނާއި މުދައްރިސުންނަށް 70 ހާހަށްވުރެ ގިނަ ޓެބްލެޓްވަނީ ބަހައިފައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.