މަހުފޫޒު އަށް ފުރާނަ ސަލާމަތް ކުރުމުގެ ރިހި މެޑަލް

އަލިފާނުގައި މީހުން ސަލާމަތްކުރަން އުޅުނު މަހުފޫޒަށް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރިހި މެޑަލް ދެއްވަނީ—ފޮޓޯ/ރައީސް އޮފީސް

މިދިޔަ ސެޕްޓެމްބަރު މަހު މާލޭގައި ހިނގި ނުރައްކާތެރި އަލިފާނުގެ ބޮޑު ހާދިސާގައި މީހުން ސަލާމަތް ކުރުމުގެ ރިހި މެޑަލް ބ. އޭދަފުއްޓަށް އުފަން ސައްކެޔޮގޭ، މަހުފޫޒް އަބްދުއްރަޝީދު ހާސިލުކޮށްފި އެވެ.

މި އަހަރުގެ ނަސްރުގެ ދުވަހުގެ މުނާސަބަތުގައި ސިފައިން އިސް ނަގައިގެން ރޭ ބޭއްވި ރަސްމިއްޔާތުގައި، ސެޕްޓެމްބަރު 20 ވަނަ ދުވަހު ހ. ތިލަފުށިގޭގެ ގުދަނުގައި ރޯވި އަލިފާގަނޑު ނިއްވާލައި، އެ ސަރަހައްދުގެ ގެތަކުން މީހުން ސަލާމަތްކުރަން އުޅުނު ނުވަ ސިފައިންގެ މީހަކަށް މެޑަލް ހަވާލުކޮށްދެއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ.

ފުރާނަ ސަލާމަތްކުރުމުގެ ރިހި މެޑަލް ހާސިލްކުރި ސިފައިން:

– ސާޖަންޓް އަހުމަދު ސައީދު

– ސާޖަންޓް މަހުފޫޒް އަބްދުއް ރަޝީދު

– ސާޖަންޓް އަލީ ރިޒްވީން

– ސާޖަންޓް އާދަމް ފަޒީލް

– ސާޖަންޓް ހުސެއިން އަންވަރު

– ކޯޕްރަލް އަހުމަދު އަނަސް ޒަކީ

– ކޯޕްރަލް އަހުމަދު ހިޝާމް

– ކޯޕްރަލް ޝަހުދާން ނަސީމް

– ޕްރައިވެޓް އިސްމާއިލް ރުހުޝާން

ފުރާނަ ސަލާމަތް ކުރުމުގެ ރިހި މެޑަލް ދެނީ، އަމިއްލަ ނަފްސަށް ލިބިދާނެ އެއްވެސް ގެއްލުމަކަށް ބެލުމެއް ނެތި މީހެއްގެ ފުރާނަ ސަލާމަތް ކުރަން މަސައްކަތް ކުރި މިންވަރު ބެލުމަށް ފަހު އެވެ.

ރިހި މެޑަލް ލިބުނު ސިފައިން ވަނީ، އެންމެ ބޮޑަށް ރޯވެފައި ހުރި ގެތަކުން ނުނިކުމެވި، ތާށިވެފައި ތިބި މީހުން ސަލާމަތް ކޮށްދީފަ އެވެ. އަދި ރޯވެފައި ހުރި ގެތަކަށް އެކި ފަހަރު މަތިން ވަދެ ބަލައިފަ އެވެ.

އަލިފާނުގެ އެ ހާދިސާގައި 14 ގެއަކާއި ހަ ގުދަނެއް ވަނީ އަނދައިފަ އެވެ. މި ހާދިސާގައި އެކަކު މަރުވެ، 400 އަށް ވުރެ ގިނަ މީހުން ހާލުގައި ޖެހުނެވެ.

ރާއްޖޭގެ 31 ވަނަ ނަސްރުގެ ދުވަހުގެ މުނާސަބަތުގައި ކަޅުތުއްކަލާކޮށީގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން، ސިފައިންގެ އެންމެ މަތީ ވެރިޔާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ، އަލިފާނުގެ އެ ހާދިސާގައި ސިފައިން އެ ހިތްވަރު ނުދެއްކި ނަމަ ކިތަންމެ ބައެއްގެ ފުރާނަ ގެއްލުން އެކަށީގެންވާ ކަމަށެވެ.

މީގެ އިތުރުން އޭދަފުއްޓަށް އުފަން ސްޓާފް ސާޖަންޓް މުހައްމަދު ވާސިފްއަށް ވަނީ ހިތްވަރުގަދަކަމުގެ ކުލަވެސް އަރުވާފައެވެ. ވާސިފްގެ އިތުރުން ސިފައިންގެ 11 ބޭކަލުންނަށް ކުލަ ދެއްވީ ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީއެވެ.

ހިތްވަރުގަދަކަމުގެ ކުލައަކީ ހަނގުރާމައިގެ ހަލަތްތަކުގައި މެޑަލް ލިބޭ ދަރަޖައަށް ނުފެތޭ، ނަމަވެސް ފާހަގަކޮށްލެވޭ ހިތްވަރުގަދަ އަމަލެއް ކުރާ ފަރާތްތަކަށް ދެވޭ ކުލައެކެވެ. ނުވަތަ ދިމާވާ ނުރައްކާތެރި ހާދިސާއެއގައި ހިތްވަރުގަދަ ކަމެއް ކުރުމުން، ނުވަތަ ބަޔަކަށް ދިމާވާ ނުރައްކަލަކުން ސަލާމަތްކުރުމަށް ހިތްވަރުގަދަ ކަމެއް ކުރުން، ނުވަތަ ގައުމުގެ އަމަން އަމާންކަމާ ގައުމީ މަސްލަހަތު ހިމާޔަތްކުރުމަށާއި އަދި ސުލްހަ މަސްލަހަތު ގެއްލޭފަދަ ކަމެއް ރާވާ ބަޔަކާ ބެހޭ މައުލޫމާތު ހޯދުމުގައި ހިތްވަރުގަދަ އަމަލެއް ކުރާ ފަރާތަކަށް ދެވޭ ކުލައެކެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.