އޭދަފުށި – މައުމޫންގެ 30 އަހަރުގެ ތަރައްގީގެ މިސާލެއް

ބ. އޭދަފުށި
ބ. އޭދަފުށި

 

ބ. އޭދަފުއްޓަކީ ފެށުނީއްސުރެ ތަރައްގީ އާއި ތަހުޒީބުގެ ގޮތުން އެންމެ ކުރީގައި އޮތް އެއް ރަށް ކަމަށް އަބަދުވެސް ބުނެ އެވެ. ހާއްސަކޮށް މައުމޫންގެ ވެރިކަމުގެ 30 އަހަރު މި ރަށަށް އައިސްފައިވާ ތަރައްގީ އާއި ތަހުޒީބަކީ ރާއްޖޭގެ އެހެން ރަށްރަށުގެ ރައްޔިތުން ވެސް ގަބޫލު ކުރި އަދި އެ ރަށްރަށުން ވެސް ފާހަގަކޮށްފައިވާ ތަރައްގީ އެކެވެ.

މި ދެންނެވި ތަރައްގީގެ ހެކި މިއަދު އޭދަފުއްޓަށް ޒިޔާރަތް ކުރާ ހަމަ ކޮންމެ މީހަކަށް ވެސް ފެންނާނެ އެވެ. މި ކަންކަމަކީ ޒަމާން ބަދަލުވުމަކުން ނުވަތަ ސަރުކާރު ބަދަލުވުމަކުން ފަސްލާ ފޮރުވާލެވޭނެ ކަމެއް ނޫނެވެ. ކޮންމެ ކަމެއް ހާމަ ކުރާއިރު ކަމުގެ ދެކޮޅު ހޯދާ ހަގީގަތާ އެއްގޮތަށް އެ ކަމެއް ހާމަ ކުރުމަކީ ފަހުން އަންނަން އޮތް ޖީލަށް ކަމުގެ ހަގީގަތް އެނގޭނެ ހަމައެކަނި ގޮތެވެ. މިއާ ހިލާފަށް ކަން އޮތް ގޮތާ ހިލާފަށް ކަމެއްގެ ވާހަކަ ދައްކާ ލިޔެ ހާމަ ކުރުމަކީ ކުރިމަގުގެ ޖީލުތަކަށް ކުރެވޭ ވަރަށް ބޮޑު ހިޔާނާތެކެވެ.

އޭދަފުށީގެ ތަރައްގީގެ ހަގީީގީ ބާނީ އަކީ އަލުމަރުހޫމް ޔޫސުފް ކަލޭފާނު ކަމަށް އަޅުގަނޑު ވެސް ގަބޫލު ކުރަމެވެ. އޭނަގެ ވެރިކަމުގައި މި ރަށް ވަނީ އެ ޒަމާނުގެ އެހެން ރަށްރަށަށް ގޮން ޖައްސަވާލައްވައިފަ އެވެ. ތަރައްގީ އާއި ތަހުޒީބުގެ ގޮތުން މުޅި ރާއްޖެއިން ނުފެންނަ ކިތަންމެ ކަމެއް އޭރު އަލްމަރުހޫމް ޔޫސުފް ކަލޭފާނު ކުރައްވާފައި އެބަހުއްޓެވެ. އޭނަގެ ޒައާމަތުގައި ރައްޔިތުންގެ ބުރަ މަސައްކަތުން ހޯދި ތަރައްގީގެ ބިންގަލުގެ މަތީގައި ކުރީގެ ރައީސް މައުމޫންގެ ވެރިކަމުގެ ޒައާމަތުގައި ސަރުކާރުން ވަނީ އޭދަފުއްޓަށް ހާއްސަ ސަމާލުކަމެއް ދެއްވައިފަ އެވެ.

މި ރަށުގެެ ތައުލީމީ ހާލަތަށް ބަލާއިރު އޭދަފުށި ވީ ރާއްޖޭގެ އެންމެ މަތީ ފަންތީގެ ތެރޭގައި ހިމެނިފަ އެވެ. ހަމައެކަނި ގްރޭޑް 1 އަށް އޭރު ކިޔަވައިދޭން ފެށި ތައުލީމީ މަރުކަޒު ހޯދި ތަރައްގީ އާއި ކާމިޔާބީ ވަނީ މުޅި ރާއްޖޭގެ އެހެން ސްކޫލުތަކަށް ނަމޫނާއެއް ކަމަށް ވެފަ އެވެ.

ރާއްޖޭގައި ހުރި ސަރަހައްދީ ސެކަންޑްރީ ދެ ސްކޫލު ފިޔަވައި ރާއްޖެތެރޭގައި އެންމެ ފުރަތަމަ ސާނަވީ އާއި މަތީ ސާނަވީ އަށް އަދި އެންމެ ފުރަތަމަ މުޅި ރާއްޖެއިން ވެސް އޯލެވެލުއިން އެއްވަނަ ޝަރަފު ވެސް އެ ސްކޫލު ވަނީ ހޯދައިފަ އެވެ. އަދި އެންމެ ފުރަތަމަ ތިން ސްޓްރީމަށް ކިޔަވައިދޭން ފެށުނު އަދި އެންމެ ފުރަތަމަ ވަކި ބަޖެޓެއް ދެއްވައިގެން ހިންގަން ފެށި މި ސްކޫލު މިއަދު މި ވަނީ ރާއްޖޭގައި ހުރި އެންމެ ވަސީލަތްތައް ގިނަ ފެންވަރު ރަނގަޅު މުދައްރިސުން ތިބި، އިމާރާތުގެ ގޮތުން ތަނަވަސް، ގިނަ މުވައްޒަފުންތަކަކަށް ވަޒީފާގެ ފުރުސަތު ތަނަވަސް ވެފައިވާ ސްކޫލަށް ވެފަ އެވެ.

eyd6

ސިއްހީ ގޮތުން ބަލާއިރު ރައީސް މައުމޫންގެ ވެރިކަމުގައި މި ހިދުމަތުގެ ތަރައްގީ ވެފައި ވަނީ ސަރަހައްދީ ހޮސްޕިޓަލުތަކުގެ ފެންވަރާ ގާތްކޮށްފަ އެވެެ. އޮޕަރޭޝަން ކުރުމާއި، ސްކޭން ކުރުމާއި އެކްސް-ރޭ ފަދަ އަތޮޅު ހޮސްޕިޓަލަކުން ލިބެންހުންނަ ހުރިހާ ހިދުމަތްތައް ރަށުގައި ތިބެގެން މިއަދު ހޯދެ އެވެ. ޑޮކްޓަރުންނާއި ނަރުހުންނާއި އެފަދަ އެހެނިހެން ޓެކްނިކަލު މުވައްޒަފުން ލެވި ހިދުމަތް ފުޅާކުރެވިފައި ވެ އެވެ. އަތޮޅު ހޮސްޕިޓަލުގެ ހިދުމަތް ފުޅާވުމުގެ ސަބަބުން ރަށުގެ ގިނަ ބަޔަކަށް ވަޒީފާގެ ފުރުސަތުތައް ތަނަވަސް ވެގެން ގޮސްފައި ވެ އެވެ.

މުވާސަލާތީ ހިދުމަތަކީ އޭދަފުއްޓަށް ވަރަށް ބޮޑަށް އިސްކަމެއް ދެއްވައިގެން ލިބުނު ހިދުމަތެއް ކަމަށް ފާހަގަކޮށްލަން ޖެހެ އެވެ. އޭދަފުއްޓަށް ވުރެ އާބާދީ މާ ބޮޑެތި ރަށްރަށުގައި ވެސް ގޭގެ އަށް ފޯނު އަދި އިންޓަނެޓްގެ ހިދުމަތް ނުދެވި އޭދަފުއްޓަށް މި ހިދުމަތް ލިބުނު ކަމީ އެހެން ރަށްރަށުގެ މީހުން އެ ކަމުގެ ޝަކުވާ ސަރުކާރަށް އުފުލިގެން ދިޔަ ކަމެކެވެ.

މީގެ އިތުރުން ރާއްޖެތެރޭގައި ހިދުމަތް ދޭން ފެށި ސްޓެލްކޯގެ ކަރަންޓްގެ ހިދުމަތް ވަރަށް ރަނގަޅު ފެންވަރެއްގައި މި ރަށަށް ދޭން ފެށީ ވެސް މި ރަށަށް ވުރެ ބޮޑެތި ރަށްރަށް ފަހަތަށް ޖައްސާލައިފަ އެވެ.

ޒަމާނީ ފެންވަރުގެ ބަނދަރެއްގެ ހިދުމަތް ލިބި، އެ ބަނދަރު ސުނާމީ ކާރިސާގައި ހަލާކުވުމުން އެ އަށް ވުރެ މާ ފުރިހަމަ ބަނދަރެއް އަވަސް މުއްދަތެއްގެ ތެރޭގައި ހަދައި ނިންމަވާފައި ވަނީ މި ފަދަ މާ ހާލު ބޮޑު ރަށްރަށަށް މި ހިދުމަތް ފޯރުކޮށްދިނުން ފަސްކޮށްފަ އެވެ.

ގިނަ އަތޮޅުތަކަށްވުރެ ކުރިން ޕޮލިސް ސްޓޭޝަން، މީޑިޔާ ސެންޓަރު، ޒުވާނުންގެ މަރުކަޒު، މަލްޓީޕާޕަސް ބިލްޑިން، ދަނާލު، ޕޯސްޓް އޮފީސް، ފެމިލީ އެންޑް ޗިލްޑްރަންސް ސާވިސް ސެންޓަރު، ދިރާގު އޮޕަރޭޝަންސް ސެންޓަރ، އެސްޓީއޯ ފިހާރަ ފަދަ ތަންތަނުގެ ހިދުމަތް އެހެން އަތޮޅުތަކަށް ވުރެ ބޮޑަށް ސަރުކާރުން އޭދަފުއްޓަށް އިސްކަން ދެއްވައިގެން މި ހިދުމަތްތައް މި ރަށަށް ފޯރުކޮށްދެއްވާފައި ވާތީ މި ކަން އެހެން އަތޮޅުތަކުން ފާހަގަކޮށް އެ ވާހަކަ ދައްކާ އަޑު އަޅުގަނޑު ވެސް އަހަމެވެ.

މައުމޫން ވެރިކަމުގެ 30 އަހަރު އޭރުގެ ސަރުކާރުގެ އިއްޒަތްތެރިންނާއި އަދި ރާއްޖޭގެ އެންމެ މަތީވެރިޔާ ގިނަ ފަހަރުތަކެއްގައި މި ރަށަށް ޒިޔާރަތް ކުރައްވާ އެ ވަގުތަކު މި ރަށަށް ބޭނުންވާ މުހިއްމު ކަންކަން ކޮށްދެއްވުމުގައި އިސްކަން ދެއްވާ ކަމީ މިއަދު އޭދަފުށި މި ދެކޭ ތަރައްގީގެ ވަރަށް ބޮޑު ހެއްކެކެވެ.

އޭދަފުށީ ރައްޔިތުން އިސްނަގައިގެން އޭދަފުށީގައި ކުރައްވާފައިވާ ބޮޑެތި މަސައްކަތްތަކަށް ސަރުކާރުން ވަރަށް ބޮޑެތި އެހީތަކެއް ވެދެއްވާފައިވާ ކަން ވެސް ފާހަގަ ކޮށްލަން ޖެހެ އެވެ. އެ ގޮތުން މި ރަށު ރައްޔިތުންގެ ވަރަށް އަގުހުރި މަސައްކަތެއް ކަމަށް ވާ އޭދަފުށީ ހުކުރު މިސްކިތް އިމާރާތް ކުރުމަށާއި، 1998 ވަނަ އަހަރު މި ރަށުގެ މަގުފާރުތައް ”ހުދު” ކުރުމަށް ސަރުކާރުން ދެއްވި ބޮޑު އެހީ އާއި، ފޭލި ޖަމިއްޔާއިން އިމާރާތް ކުރި ބަހިއްޔާ ޕްރީސްކޫލަށް ވޭތުވެދިޔަ ސަރުކާރުން ވެދެއްވި އެހީ އާއި ފާލަމަށާއި ބަހިއްޔާ ޕްރީސްކޫލު ހިންގުމަށް ސަރުކާރުން ދެއްވި އެހީ އަކީ ވެސް މިއަދު ފާހަގަ ކޮށްލަން ޖެހޭނެ ކަމެކެވެ.

މީގެ އިތުރުން ވޯލްޑް ބޭންކުގެ އެހީގެ ދަށުން ހިންގި ހިއުމަން ޑިވެލޮމްމަންޓް ޕްރޮޖެކްޓްގެ ދަށުން އޭދަފުށީގެ ތަރައްގީއަށް ކޮށްދެއްވާފައިވާ މަސައްކަތްތަކަކީ މައުމޫން ސަރުކާރުގެ ހިއްސާ އޭގެ ތެރޭގައި ވަރަށް ބޮޑަށް އޮވެގެން ދެވިފައިވާ އެހީތަކެކެވެ

މަތީގައި ބަޔާންކޮށްލެވިފައި އެ ވަނީ އަޅުގަޑުމެންނަށް ސީދާ ފެންނަން ހުރި ތަރައްގީގެ ހެކިތަކެކެވެ. މީގެ އިތުރުން ނުސީދާކޮށް އޭދަފުށީގެ ތަރައްގީ އަށް ލިބިފައިވާ ހިދުމަތުގެ އަގު ކިހާ ހިސާބަކަށް އަގުކޮށްލެވިދާނެތޯ ސުވާލު ކޮށްލެވިދާނެ އެވެ.

ނިކަން ބުނެލަބަލާށެވެ؟ މިހާރު އޭދަފުށީގެ ހާލަތަށް ވިސްނާ ލިޔާނީ ކޮން އެއްޗެއްތޯ؟ ރަށުގެ ތަރައްގީ އަށް ރައްޔިތުން ކުރާ ކަންތައްތަކަކީ ކޮބައިތޯ؟ ރައީސް މައުމޫންގެ ވެރިކަން ބަދަލުވިފަހުން މި ރަށުގައި ގާއިމުކުރެވުނު ނަރުދަމާގެ ހިދުމަތާއި ދަނާލުގެ ހިދުމަތް ފަދަ ކަންކަމަކީ ކޮން ސަރުކާރެއްގެ ދީލަތިފުޅުން އޭދަފުއްޓަށް ލިބިގެންދިޔަ ހިދުމަތްތަކެއްތޯ؟

 

ގުޅުންހުރި ލިޔުންތައް

8 ކޮމެންޓް

 1. Avatar
  Dheyvaani

  ރިޕޯރޓް، ވަރަށް ފަށުވި، ކިޔާލަން ވަރަށް ފަސޭހަ. ހައްތާވެސް އޭދަފުށިން މިހާރު ލިބެން ހުރި ޚިދުމަތް. ވަރަށްވެސް އުފާވެރި.
  ދަންނަވަންތޯ:-
  01. އޭދަފުށީގެ މޭސްތިރިޔަކީ، އަލްމަރްޙޫމް ޔޫސުފް ކަލޭފާނު. އެ ބިންގަލުގެ މަތީގަ ރައްޔިތުންގެ ބުރަ މަސައްކަތުގެ ނަތީޖާ މި ފެންނަނީ.
  02 ދިވެހި ރާއްޖޭގައި އެންމެފުރަތަމަ ތަޢުލީމީ މަރުކަޒެއް ބިނާކުރެއްވީ، މަރްޙުމް އިބްރާހީމް ނާޞިރުގެ ވެރިކަމުގަ، އޭދަފުށީގަ.
  03. އޭދަފުށީގެ ބޮޑު މިސްކިތް، މައުމޫން ގެ ވެރިކަމުގަ، “ބޮލަށް ވެއްޓެނިކޮށް” އެ މިސްކިތުގެ އަސްލު ނުގެއްލޭނެ މޭރުމުން، މިސްކިތް ބޮޑުކޮށް މަރާމާތު ކުރުމަށް، ސަރުކާރުގަ އެދުމުން، އޭރުގެ އެޓޯލްސް މިނިސްޓަރ ޢަބްދުﷲ ޙަމީދު ވިދާޅުވީ، އެހެން ރަށްރަށެކޭވެސް އެއްފަދައިން، 60 ފޫޓު، 30 ފޫޓުގެ ދެފުރާޅުލީ މިސްކިތެއް އަޅާދެވިދާނެ ކަމައް. އެއީ 4 ލައްކަ ރުފިޔާގެ ޚަރަދު. ރައްޔިތުންގެ ވިސްނުން ހުރީ ދުރު މުސްތަޤުބަލަކަށް ކަމުން، ރައްޔިތުންގެ ތަޞައްވަރާ އެއްގޮތަށް މިހާރު މި ފެންނަ މިސްކިތް ޢިމާރާތްކޮށް ފުރާ ފުރިހަމަކުރީ، އޭދަފުށީގެ ރައްޔިތުން ދާއޮހޮރުވައިގެން ކުރި މަސައްކަތުންނާ، އެކި ވިޔަފާރިވެރިން ގާތުން ސަލާންޖަހައިގެން ހޯދި ފައިސާއާއި، ހެޔޮއެދޭ އޭދަފުށީ ދަރީން ދެއްވި ދީލަތި އެހީގެ ތެރެއިން.. ނަތީޖާއެއްގެ ގޮތުން މިހާރު މިފެންނަ މިސްކިތުގެ މުޅި ޖުމުލަ ޚަރަދަށް 6 މިލިޔަން ރުފިޔާ ޚަރަދުވާނެ ކަމަށް ހިސާބުތަކުން ދައްކާ. މިކަން ވަރަށް ރަގަޅަށް އެގޭނެ އޭދަފުށީ ރަށުކައުންސިލްގެ ރައީސް ޢަލީ ވަޙީދަށާ އަދި އަޙްމަދު ނާޞިރަށް.
  04. އޭދަފުށީގެ ބަނދަރު ހެދުމަށް މައުމޫނު ދައުރުގައި ސަރުކާރުން، އެޓޯލްސް މިނިސްޓަރ ޢަބްދުﷲ ޙަމީދު ދެއްވީ 500 ކޮތަޅު ސިމެންތި އަދި 200 ދަގަނޑު. އެއީ 200 ފޫޓު 250 ފޫޓުގެ ބަދަރަކަށް. ނަމަވެސް ސުނާމީގެ ކުރިން އޭދަފުށީގައި ގާއިމްކޮށްފައިވާ ބަދަރަކީ، 250 ފުޅާ އަދި 960 ފޫޓުގެ ދިގު ބަދަރެއް. ވާޓަރު ހެދުމަށް ކޮންމެ 100 ފޫޓު ކޮންކްރީޓަށް 178،00.00 ރުފިޔާ ޚަރަދުވި. ހިސާބު ހައްދަވާ.
  05. ސުނާމީގައި ބަދަރު ފުޑުފުޑުވުމުގެ ސަބަބުން ޖަޕާނު ސަރުކާރުގެ ހިލޭ އެހީގެ ދަށުން އަދި ޗާނދަނީގެ އަޙްމަދު ނަޒީރު އާއި އަދި އަޙްމަދު ތަސްމީނުޢަލީގެ ދީލަތި އެހީގެދަށުން، ޝީޓްޕައިލްކޮށް މިހާރު ފެންނަ ބަދަރު އޭދަފުށީގެ ރައްޔިތުންނާ ހަމަޔަށް ވާޞިލުވުމުގައި މައުމޫނުގެ އެހީތެރިކަން ނުވަތަ ހިއްސާ އެކުލެވިގެންވާ މިންވަރު ކިޔުންތެރިންއިޙުސާސްކޮށްލައްވާ.
  06. މަލްޓިޕާޕަސް ކޮމްޕްލެކްސް، ދަނާލު، ތަޢުލީމީ މަރުކަޒުގެ ކްލާސްރޫމު އިތުރުކުރުން ފަދަ ކަންކަމަކީ، އިގިރޭސްވިލާތުގެ އައި.އެޗް.ޑީ.ޕީ އިން، ރާއްޖޭގެ 4 އަތޮޅެއްގައި، ހިލޭ އެހީގެ ދަށުން ، އޭދަފުށްޓަށް ލިބިފައިވާ ޢުމުރާނީ ތަރައްޤީކަމުގައި ދަންނަވަން. މި ދެންނެވި ކުންފުނިން ހުޅުވާލި ބިޑް ތަކަކަށް، “ފޭލި” ޖަމްޢިއްޔާއިން ޕްރޮޕޯސަލް ހުށައަޅައިގެން ބިޑް ކާމިޔާބުކޮށް، ތަޢުލިމީ މަރުކަޒަށް، (ރާއްޖެތެރޭގެ ފުރަތަމަ ސްކޫލަށް) “ސްމާރޓްބޯޑު” ހަދިޔާކުރި. އަދި އެކި ފަހަރު މަތީން ފައިސާގެ ހިލޭ އެހީ، “ފޭލި” ޖަމްޢިއްޔާ އިން ވަމުންދޭ.
  07. އޭދަފުށީގެ ރަސްމީ ފާލަން އެޅުމަށް ސަރުކާރުން ދިނީ 20،000.00 ރުފިޔާ، އެއީ ގާތްގަޑަކަށް އާދައިހެ ހޮޅުއަށްޓެއް އެޅުމަށްދާ ޚަރަދު. އޭދަފުއްޓަކާ ނުގުޅޭ، އޭގެ އިތުރުން، މާލޮހު ކަލޭފާނު ދެއްވި 15،000.00 ރުފިޔާ. ފާލަމުގެ ފުރާޅުގައި ޖަހާފަ ހުރި ޓިނަކީ، ޗާނދަނީގެ އަޙްމަދު ނަޒީރުގެ ހިލޭ އެހީ، ފާލަން އެޅުމަށް ބޭނުންވާ ހުރިހާ ތަކެއްޗެއް ދެއްވީ، ބ.ދުނިކޮޅުގެ އެއް ޙިއްސާދާރު ކަމަށްވާ ޝަބީރު. ފާލަން ފުރިހަމަޔަށް ނިންމާލިއިރު، ފާލަމުގެ އަގު 270،000.00 ރުފިޔާއަށް އެރި.
  08. އޭދަފުށީ އިންޖީނުގް އަޅާދިނީ ޖަޕާނު ސަރުކާރުގެ ހިލޭ އެހީގަ.
  09. “1998 ވަނަ އަހަރު މި ރަށުގެ މަގުފާރުތައް ”ހުދު” ކުރުމަށް ސަރުކާރުން ދެއްވި ބޮޑު އެހީ” އަކީ އެ އަހަރު އޮތް އަތޮޅުވެރީންގެ ބައްދަލުވުމަށް، މުޅިރަށަށް 200 ހަމަ އެކަނި ކޮތަޅު ސިމެންތި. މިދެންނެވި 200 ކޮތަޅު ސިމެންތިއަށް ބެނުންވާ ވެލި ޖަމާކުރީ (ހިލޭސާބަހަށް) ރަށުގެ ހީވާގި ރައްޔިތުން. އާމްދަނީ ހޯދުމަށް ކުރަމުންއައި ހުރިހާ މަސައްކަތެއް ހުއްޓަލައި، މި ދެންނެވި ބައްދަލުވުމަށް ރަށް ތައްޔާރުކުރީ ހަމަ ހިލޭސާބަހަށް ރަށު ރައްޔިތުން.
  =ވަރަށް ވެދުން=

  ރައްދު
 2. Avatar
  seesee

  ފާސިރުއަށް ހަޖަމް ވާނެބާ؟ ފުރާވަރަށް އަރައިގެން އައި އިރު ބޯޅަހިފައިގެން މެންދުރު މަގުމަތީގައި އުޅުނު ކުދިންނަކަށް ނޭގޭނެ ރަށަށް އަންނަ ކުރިއެރުންތަކެއް.

  ރައްދު
 3. Avatar
  galf

  ހަސްމަތަށް ދަންނަވާލަން އޮތީ. މީމައުމޫނާ ބެހޭ ރިޕޯޓެކޭ. މިރިޕޯޓުގައި ނުޖެހޭ ދޯ އަންނި ވާހަކަ އަކާ މަރުހޫމް ނާސިރުވާހަކަ ލިޔާކަށް. ޖަހަމް ކޮށްބަލަ ބްރޯ

  ރައްދު
 4. Avatar
  hashmath AbdulGhafoor

  ވަރަށް މުހިންމު ސުވާލަކަށް ޖަވާބު ނުދެވި ވާކަން ފާހަގަކުރަން، ވެދާނެ ސިޔާސީ ބޭނުމަކަށް ޖަވާބު ނުދިނީ ކަމަށްވެސް.. އެއީ ތައުލީމީ މަރުކަޒު އެއީ ކޮން ސަރުކާރެއްގައި ހުޅުވުނު ތަނެއްކަން.. ހަމަގައިމުވެސް އެއީ މަރުހޫމް ނާސިރުގެ ވެރިކަމުގައި ހުޅުވުނު ތަނެއް..!! ދެން އޮތީ ނަރުދަމާއާ ދަނާލު ގެ ވާހަކަ، ނަޝީދުގެ ސަރުކާރެއްގައި ތަރައްޤީގެ އެއްވެސް ޕްރޮޖެކްޓް އެއް ހުޓައެއްނުލާ.. އެކަމަކު މި ސަރުކާރުގައި ނަޝީދު ފެށި ހުރިހާ ޕްރޮޖެކްޓް އެއް ހުރީ ހުއްޓާލާފަ.. ތިބުނާ 30 އަހަރުގެ ވެރިން މި ސަރުކާރު ހިންގަނީވެސް… ތި ދެ ޕްރޮޖެކްޓް ހުއްޓާނުލައި ކުރިޔަށް ގެންދިޔުމުން އެގެނީ އެމް.ޑީ.ޕީ އަކީ ޤައުމު ތަރަށްޤީ ކުރާނެ ޕާރޓީ އެއް ކަން..

  ރައްދު
 5. Avatar
  saleem

  މިއީ ވަރަށް ހަޤީގަތާ އެއްގޮތަށް ލިޔެފައިވާ ލިއުމެއް. ދެން ނިންމާލަމުން ލިއުންތެރިޔާ ކުރައްވާފައިވާ 2 ސުވާލުގެ ޖަވާބުގައި ބުނެލަން އޮތީ، މި 2 ކަންތަކަކީވެސް ރައީސް މައުމޫނުގެ ސަރުކާރުން ފައްޓަވާދެއްވާފައިވާ 2 މަސްރޫއު އެވެ. އެހެންކަމުން ޒުވާން ޖީލުތަކުގެ މައުލޫމާތަށްޓަކައި މިވާހަކަ ބުނެލަމެވެ.

  ރައްދު
 6. Avatar
  haqeeqaiy

  އޭދަފުށްޓަކީ މައުމޫނު ވެރިކަމުގެ ކޮރަޕްޝަންގެ ލާމަސީލު މިސާލެއް، މުއުމޫނު ވެރިކަމެއްގައި ނިކަމެތިން އުޅެންޖެހޭނީ ނިކަމެތިކަމުގައިކަން ދޭހަށްކޮށްދޭ ތަނެއް.. ނިކަމެތިން އުޅެންޖެހޭނީ ވެރިންގެ މުށްތެރޭގައިކަންއަންގައިދޭ ހެއްކެން.. މިހާރު ދިވެހިން ތިބީ ތިކަހަލަ ލިޔުންތައް ކިޔާފައި ހެއްލޭވަރަށްވުރެ ހަމަބުއްދި ފިލާފަ…. މިހާރު މުޅި އޭދަފުށްޓަށް ބަލާލިޔަސް އެކަން އެންމެ ރަގަޅަށް އެގޭނެ….

  ރައްދު

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.