އޭދަފުށި ތަރައްގީވެފައިވަނީ ރައްޔިތުންގެ ބުރަ މަސައްކަތުން

އޭދަފުށީ ހުކުރު މިސްކިތް: މިއީ، އޭދަފުށީގެ ރައްޔިތުންގެ ބުރަ މަސައްކަތުން ހަދައިފައިވާ މިސްކިތެއް – ފައިލް ފޮޓޯ
އޭދަފުށީ ހުކުރު މިސްކިތް: މިއީ، އޭދަފުށީގެ ރައްޔިތުންގެ ބުރަ މަސައްކަތުން ހަދައިފައިވާ މިސްކިތެއް – ފައިލް ފޮޓޯ

 

 

”އޭދަފުށްޓަކީ މާލެ ފިޔަވައި ރާއްޖޭގެ ނަމޫނާ ރަށެވެ.” މިއީ ރައީސް މައުމޫނު ވެރިކަމާ ޙަވާލުވެވަޑައިގެން ދެތިން މަހެއްގައި ތެރޭގައި އޭދަފުށްޓަށް ވަޑައިގެން ބ. އަތޮޅު ކޮމިޔުނިޓީ ސްކޫލްގައި ބޭއްވި ޖަލްސާގައި ވިދާޅުވި ޢިބާރާތެކެވެ.

އޭރު އޭދަފުށި ވަނީ ރާއްޖެތެރޭގެ ރަށްތަކުގެ ލިސްޓުން ވަރަށް ކުރީގަ އެވެ. މާލެ ފިޔަވައި ރާއްޖޭގައި އެންމެ ބޮޑަށް ތަރައްގީކުރެވިފައިވާ ރަށަކީ އޭދަފުށްޓޭ ދެންނެވުމަކީ ދޮގަކަށް ނުވާނެއެވެ. ސަބަބަކީ މިރަށުގެ ތާހިރުކަމާއި މަގުތައް ހެދިފައިވާލެއް ރީތިކަމެވެ. އިމާރާތްތައް ބޮޑެތިކަމާއި ގިނަ އިމާރާތްތައް ރާނާ އުވަޖަހާފައިވުމެވެ.

ކޮންމެއަކަސް އޭދަފުށި މިދެންނެވި ރޮނގުން ތަރައްޤީ ކުރެވިފައިވަނީ އޭދަފުށީގެ ހީވާގި ރައްޔިތުންގެ އެއްބާރުލުމާއި އޭދަފުށީގައި އުފަންވި އޭދަފުށިދެކެ ލޯބިވާ ދަރިއެއްގެ ލާމަސީލު ޚިދްމަތުންނެވެ. އޭދަފުއްޓަށް އައިސްފައިވާ ތަރައްޤީއަކީ މީގެ ސާޅީހަކަށް އަހަރު ކުރީގައިވެސް އައިސްފައިވާ ތަރައްގީއެކޭ ދެންނެވިދާނެއެވެ. އޭދަފުށްޓަކީ ސަރުކާރުގެ އެހީ އެރަށް ތަރައްޤީކުރުމަށްޓަކާ މާބޮޑަށް ލިބިފައިވާ ރަށެއްނޫނެވެ. އޭރު އޭދަފުށީގެ ގިނަ މަގުތަކުގެ ފާރުތައްވަނީ ރާނާ ނިމިފައެވެ. އެއީ އޭދަފުށީގެ ރައްޔިތުންގެ އަމިއްލަ މަސައްކަތުންނެވެ. އެރަށުގެ އިމާރާތްތައް ހަދާފައިވަނީ ރީތިކޮންނެވެ. ވަރަށްމަދު ގެއެއްގައި ނޫނީ ރާނާ އުވަޖަހާ ޓިނުން ހިޔާކޮށްފައިވެއެވެ. އެމަސައްކަތް އެގޮތަށް ކޮށްފައިވަނީ ރައްޔިތުންގެ އިމާރާތްތައް ރައްޔިތުންގެ އަމިއްލަ މަސައްކަތުންނެވެ.

އޭދަފުށީ މަދުރަސަތުލް ބަހިއްޔާއަކީ 65 އަހަރުވެފައިވާ މަދުރަސާއެކެވެ. އޭދަފުއްޓަށް ލިބިފައިވާ ތަރައްގީގެ އެންމެ މުހިއްމުބައެއް ހިއްސާކުރާނީ މިމަދަރުސާއޭ ދެންނެވުމަކީ ތެދު ހަގީގަތެކެވެ. އޭދަފުށީގެ އިތުރުން އަތޮޅުގެ ކުރިއަށް ތިއްބެވި އެތައް ބޭފުޅުންނެއް ތަޢުލީމީ މަންހަޖު ފުރިހަމަ ކޮށްފައިވަނީ މި ފަޚުރުވެރި މަދަރުސާއިންނެވެ. ކިޔަވައިދިނީ ކުދިން އަތުން ފީނަގައިގެންނެވެ. އޭދަފުށީ ރައްޔިތުން ތަޢުލީމަށްދެއްވި އަހައްމިއްޔަތެއްގެ ސަބަބުން ޔުނެސްކޯގައި ޔޫއެންޑީޕީ ގެ އެހީއާއިއެކު ފެށި މަޝްރޫޢުގެ ދަށުން ރާއްޖެތެރޭގައި ތައްޔާރުކުރެވުނު ކޮމިއުނިޓީ ސްކޫލުތަކުގެ ތެރެއިން ފުރަތަމަ ތައްޔާރުކުރެވުނު ކޮމިއުނިޓީސްކޫލް ހުޅުވުމުގެ ފަޚުރާއި ޝަރަފްހޯދީ ހަމަ އޭދަފުށްޓެވެ. މިއީ މީގެ ރާއްޖެތެރޭގައި ހުޅުވާފައިވާ ސަރުކާރުގެ ހަމައެކަނި ސްކޫލެވެ. ނިކަން ބައްލަވާށެވެ. އޭގެ ފަހުން އެއްވެސް ސްކޫލެއް އޭދަފުށީގައި އަޅާފައި އެބަހުރިތޯއެވެ. ކުރިން ލިބިފައިވާ ފަޚުރުވެރި 1 ވަނަތައް އޭދަފުށްޓަށް ލިބިފައި އެބަހުރިތޯއެވެ. ރާއްޖެތެރޭގެ ސްކޫލުތަކުގައި ގްރޭޑް 8 އުފެއްދިއިރު އޭދަފުއްޓަށް ލައްވާލާވަރުވީ އެތައް އަހަރެއްފަހުންނެވެ. ސެކަންޑަރީ ސްކޫލްތައް އުތުރާއި ދެކުނުގައި އަޅާފައިވާއިރު އަދިވެސް އޭދަފުށީގައި ސެކަންޑަރީ ސްކޫލެއް އެޅޭވަރެއް ނުވެއެވެ. މިހާރު ކުޅުދުއްފުށީގައާއި ހިތަދޫގައި ސެކަންޑަރީ ސްކޫލްތައް އަޅާފައި އެބަހުއްޓެވެ.

އޭދަފުށްޓަށް އެންމެ ބޮޑު ތަރައްޤީއެއް ލިބިގެން ދިޔައީ މީގެ ފަންސާހަކަށް އަހަރު ކުރިން ބ. އަތޮޅުގެ ވެރިކަން އޭދަފުށްޓަށް ބަދަލުކުރުމުންނެވެ. އޭގެ ކުރިން ވެރިކަން ކުރަމުން ގެންދިޔައީ ދަރަވަންދޫގައެވެ. ދަރަވަންދޫ މީހުން މިހާރުވެސް އެންމެ ވާދަވެރި ކަމެއްގެ ގޮތުގައި ފާހަގަ ކުރާ ކަމަކީ، ވެރިކަން އޭދަފުށްޓަށް ބަދަލުކުރި ކަމެވެ. މި ޚިޔާލަކީ އެބޭކަލަކަށްޓަކައި މުޅި އޭދަފުށި ވެސް ފަޚުރުވެރިވާ އަލްމަރުޙޫމް ޔޫސުފްކަލޭގެފާނުގެ ޚިޔާލެކެވެ. އޭނާގެ ޙިކްމަތު ޢަމަލީގެ މޮޅުކަމެވެ. އޭނާއަށް އަތޮޅުވެރިކަން ދޭންއުޅުމުން އޭނާ ކާންބޯން މަސައްކަތްކުރާ ރަށަށް ވެރިކަން ބަދަލުކުރަން ފާޅު ކުރެއްވި ޚިޔާލުގެ ނަތީޖާއެވެ.

އޭދަފުށީގައި ޞިއްޙީ ޚިދްމަތް ދިނުމަށްޓަކައި ބ.އަތޮޅު ހެލްތުސެންޓަރ ހުޅުވުނީ މީގެ 45 އަހަރު ކުރިންނެވެ. ރާއްޖެތެރޭގައި ސަރަހައްދީ ހޮސްޕިޓަލްތައް އުތުރުގައި އުނގޫފާރާއި ކުޅުދުއްފުށީގައި ހުޅުވުނުއިރު މިއިން އެއްވެސް ސަރަހައްދަކުން އޭދަފުށްޓަށް ލައްވާލާ ވަރެއްނުވިއެވެ. މިހާރު އޭދަފުށީގައި ހުރި ހޮސްޕިޓަލަކީ ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ބުރުޖަހަމުންގޮސް އަތޮޅުވެރިކަން ކުރާ ރަށަށްވާތީ ނަންބޯޑު ބަދަލުކޮށް ހުޅުވާފައިވާ ހޮސްޕިޓަލެކެވެ. ދެވޭ ޚިދްމަތުގެ ފެންވަރު ހެލްތުސެންޓަރެކޭ އެއްވަރެވެ.

އޭދަފުށީގައި ކަރަންޓްލީ މީގެ 42 އަހަރުކުރިން ރައްޔިތުންގެ ބުރަ މަސައްކަތުން ރައްޔިތުން އަމިއްލައަށެވެ. މިއީ މުޅި ރާއްޖޭގައިވެސް އެންމެ ފުރަތަމަ ކަރަންޓްލީ ރަށްތަކުގެ ތެރޭގައި ހިމެނޭ ރަށެކެވެ. އޭދަފުށީގައި ކަރަންޓްގެ ޚިދްމަތް ފެއްޓުމުގެ ޚިޔާލަކީ ވެސް އަލްމަރުޙޫމް ޔޫސުފްކަލޭގެފާނުގެ ޚިޔާލެކެވެ. ނަމަވެސް ކަރަންޓްގެ އަލިން އޭދަފުށި ދިއްލާލެވުނީ އެކަލޭގެފާނު މިދުނިޔެއާ ވަކިވެ ވަޑައިގެންނެވިތާ ކުޑަދުވަސްކޮޅެއްގެ ފަހުންނެވެ. ރައްޔިތުންގެ އަމިއްލަ 16 ކިލޯވޯޓްގެ އިންޖީނަކުން އެދުވަސްވަރު ދިއްލުމަށް ބޭނުންވާ އެންމެންނަށް އެޚިދްމަތް ވަރަށް ފުރިހަމައަށްވަނީ ފޯރުކޮށްދީފައެވެ. މިހާރު ޖަޕާނު ސަރުކާރުގެ އެހީގައި އެތަންވަނީ އިތުރަށް ތަރައްގީކުރެވިފައެވެ.

އޭދަފުށީގެ މަލަމަތި އެންމެ ރީތިކޮށް ދައްކައިދޭ އޭދަފުށި ހުކުރުމިސްކިތުގެ ހުރިހާ މަސައްކަތެއްކުރީ އޭދަފުށީ ރައްޔިތުންގެ ދާ އޮހޮރުވައިގެންނެވެ. މިސްކިތް ރާނާ ސިމެންތިޖަހާ ކުލަލާ ހުރިހާ ޒީނަތްތެރިކަމެއް ގެނެސްފައިވަނީ ރައްޔިތުންގެ އަމިއްލަ ޚަރަދުގައި ރައްޔިތުންގެ ބުރަމަސައްކަތުންނެވެ. އެތައްދުވަހެއްވަންދެން މަހަށް ފަރަށްނުގޮސް ރައްޔިތުން ރަށުބަންދުގައި ތިބެގެންނެވެ. މިފެންވަރުގެ މިކަހަލަ ރީތި މިސްކިތެއް އުތުރުގެ އެއްވެސް ރަށެއްގައި ހުރިކަމެއް އެގިފައެއްނެތެވެ.

އޭދަފުށީ ބަނދަރުމަތި
އޭދަފުށީ ބަނދަރުމަތި

 

އޭދަފުށީގެ ބަނދަރުހަދާފައިވަނީވެސް އޭދަފުށީގެ ހީވާގި ރައްޔިތުންގެ ބުރަމަސައްކަތުންނެވެ. އޭދަފުށީގެ 3 އަވަށު މީހުން މަހަށްފަރަށްނުގޮސް ބަނދަރުހަދާ ނިންމާލީ ވަރަށް އެކުވެރި ވަރަށްވާދަވެރި މާހައުލެއްގައެވެ. 2004 ވަނަ އަހަރު އެރި ސުނާމީގައި ބަނދަރުގެ ވަރަށްބޮޑު ބައެއް ހަލާކުވެ ބޭރު އެހީގައި އެ ބަދަރަށްވަނީ އިތުރު ފުރިހަމަ ކަމެއް ގެނެސްދީފަ އެވެ. އޭދަފުށީގެ ބޭރުތޮށި ލާފައިވަނީ ހަމަ އޭދަފުށްޓަށް އުފަން އޭދަފުށީގެ ދަރިއެކެވެ.

ފަހަކަށްއައިސް އެރަށުގައި ފާހަގަކޮށްލެވޭ ކަހަލަ މުހިންމުކަމެއް ކުރެވިފައެއް ނެތެވެ. މައާފް ކުރެއްވުން އެދެމެވެ. މޭޒެއްގެ މަތީގައި ބަހައްޓާފައިވާ މާޖަހާ އެއްޗަށްވެސް ގެންނަންޖެހޭ ބަދަލުތަކެއް ހުރެއެވެ. އެއީ މޯޅިވެފައިވާ މާތައްނަގާ ތާޒާ މާތަކުން އެމާޖަހާއެތި ފަޅުފިލުވުމެވެ. އާފާޑުފާޑުގެ މާލިބިއްޖެ ހިނދެއްގައި އެމާތަކަށްޓަކާ އެމާޖަހާ އެތިން ކުރީގެ މާތައް ބަދަލުކުރުމެވެ. މިގޮތުން އޭދަފުއްޓަށްވެސް ޒަމާނާ އެކަށީގެންވާ ބަދަލު ނާދެއެކޭ އަޅުގަނޑު ނުދަންނަވަމެވެ.

ވޭތުވެދިޔަ ދުވަސްތަކުގައި އޭދަފުށީގެތަރައްޤީއަށް އެކަހަލަ މަސައްކަތެއް ކުރެވިފައި އެބަހުރިތޯއެވެ. ހުރިހާ ރައްޔިތުން އެއްބައިވެ މަސައްކަތެއް ނުކުރާތާ ކިހާ ދުވަހެއް ވެއްޖެތޯއެވެ. ރައްޔިތުންނާ ބައްދަލުކޮށް ރައްޔިތުންގެ ޚިޔާލު އަހައި ރައްޔިތުންގޮވައިގެން މަސައްކަތްކުރާނޭ އިސްމީހަކު މިހާރަކު އޭދަފުށްޓަކު ނެތެވެ. އެކަހަލަ މަންޒަރެއް މީގެ 9 އަހަރުކުރިން އަޅުގަނޑަށްވެސްވަނީ ފެނިފައެވެ. ސުނާމީ ކާރިސާ ހިނގައި މުޅިރަށުގައި ކުނިބުނިގިނަވެ ދެ ދުވަސްވީއިރުވެސް ރައްޔިތުންއެއްކޮށްލާނޭ ވެރިއަކު އޭދަފުށްޓަކުން ނުވިއެވެ. އަމިއްލަގޮތުން ހައެއްކަމީހުން އިސްނަގައިގެން ނުކުމެ ރައްޔިތުންއެއްކޮށް ވާހަކަދައްކާ ހަދާލުމުން އިސާހިތަކު ރައްޔިތުންނުކުމެ ވަރަށްފޯރީގައި މަސައްކަތްފެށިއެވެ.

އަހަރެމެންނަށް އަބަދުވެސް މިދެއްކެނީ އޭދަފުށީގެ ތަރައްޤީގެ ވާހަކައެވެ. އޭދަފުށީގެ ރީތި ވާހަކައެވެ. އެވާހަކަ ދައްކަދައްކާ ތިބޭތާ މިހާރު އެތައް ދުވަހެއްވެސް ވެއްޖެއެވެ. ހަމައެއާއެކު ބައެއް ރަށްރަށް ތަރައްޤީގެ ގޮތުން އާއުސްމިންތަކެއް ޙާޞިލްކޮށްފިއެވެ. އެހެންއެވީ އޭދަފުށްޓަށް އިތުރުތަރައްޤީއެއް ބޭނުންނުވާކަމަށް ދެކެންފެށުމެވެ. ގިނަކަންކަން ޙާޞިލްކުރުމަށް ރައްޔިތުންނާ ގުޅިގެން މަސައްކަތްކުރާނޭ މީހުން ނެތުމުންނެވެ.

އޭދަފުށީގެ ޒުވާން ޖީލު މިހާރު ވިސްނަންވީ އޭދަފުށްޓަކީ ވަކިބަޔަކު ކުރިއެރުވި ރަށެއް ނޫންކަމެވެ. ޚާއްޞައެހީތަކެއް ލިބިގެން ކުރިއަރައިގެންދިޔަ ރަށެއް ނޫންކަމެވެ. މާއިސްކަމެއް ބަހައްޓައިގެން ކުރިއަރައިގެންދިޔަ ރަށެއް ނޫންކަމެވެ. ރަށުގެ ހީވާގި ރައްޔިތުންގެ ބުރަ މަސައްކަތުން ކުރިއަރައިގެންދިޔަ ރަށެއްކަމެވެ. އެ ރަންވަނަ ތިޔަ ޒުވާނުން ދުނިޔެއަށް އައިއިރުވެސް އޭދަފުށި ވަނީ ޙާޞިލް ކޮށްފައެވެ. އެވަނަ އަނބުރާ ހޯދުމަށް ވަރަށް ބުރަ މަސައްކަތްތަކެއް ކުރާން ޖެހެއެވެ.

ނިކަން ބުނެބަލާށެވެ. މިހާރުވެސް ރާއްޖޭގެ އެއްވަނަ ރަށެއްގެ ގޮތުގައި އޭދަފުށި ހަމަ ޤަބޫލުކުރާނަން ހެއްޔެވެ؟ އެންމެ ތަރައްޤީވެފައިވާ އެންމެ ރީތި ރަށަކީ އޭދަފުށިކަމުގައި ޤަބޫލު ކުރާނަން ހެއްޔެވެ؟

[ނޯޓް: މިއީ ތަޖުރިބާކާރު ނޫސްވެރިޔާ އަދި މުދައްރިސް ބ. އޭދަފުށީ ޕޭންޓްލޭންޑް މުހަންމަދު ވަޖީހު ކުރިން އީޓީ އަށް ލިޔުއްވާފައިވާ ލިޔުއްވުމެކެވެ. ]

ގުޅުންހުރި ލިޔުންތައް

9 ކޮމެންޓް

  1. Avatar
    salaam ali

    ވަޖީހު ހާސްނުވޭ. ލިޔުންތައް ކުރިއަށް ގެންދޭ. ހަގީގަތް ކޮންމެވެސް ދުވަހަކުން ފަޅާއަރާނެ. މިހުރިހާ ދުވަހަކު އުޅުނީ އޮޅުވާލައިގެން. މަށަށްވެސް އޮޅުނީ. މިހާރު ރަށުގެ ހަރުކުލައިގެ މީހަކު ކުރެން އޮޅުން ފިލުވައިފިން. ތީހަމަ ތެދުކަމަށްވަނީ. ބަދަރު ހަދަން މިސްކިތް އަޅަން ހާދަ މަސައްކަތެއް ކުރިކަމަށޭ ވަނީ.

    ރައްދު
  2. Avatar
    Hassan Ali

    ވަރަށް ފުރިހަމަ ލިޔުމެއް. ލިޔުމުގައިވަނީ މުޅިން ޙަޤީޤަތް. ލިޔުންތރިކަމުގެ ރޮގުން ބަލާއިރު މަތީ ވަނައެއްދޭންޖެހޭ ލިޔުމެއް.

    ރައްދު
  3. Avatar
    Ahmed Rasheed/ Seetmaage - Baa. Eydhafushi

    ޝާހިދުގެ ޚިޔާލު އެހާ ގޯހެއްނޫން. އެންމެ ފާހަގަ ކުރެވުނު ތަންކޮޅަކީ، ” ވޭތުވެ ދިޔަ 3 އަހަރު ދުވަހު ނުވަތަ 5 އަހަރު ތެރޭގައި އޭދަފުށީގެ ނިގޫ އޮތީ ތާށިވެފައޭ. ފިތިފަ މިއޮތް ނިގޫ ދެންވެސް އަންނިގެ ވެރިކަމެއްގައި ސަލާމަތް ކުރެވިދާނެ ބާވައޭ؟” ރަގަޅު ވާހަކައެއް. އޭދަފުށީގެ ނަގޫ ތާށިވީ، އޭދަފުށީ ރައްޔިތުން އިންތިޚާބުކުރި ކައުންސިލަރުންގެ ސަބަބުން ކަން، މީ ޤަބޫލުކުރަންޖެހޭ ޙަޤީގަތް. ކޮންމެ ބަޔަކު ވެރިކަންކުރި ނަމަވެސް، ސަރުކާރާ އެއްބާރުލުން ދެވޭނެ “ރަށުކައުންސިލް” އެއް އޮތުމަކީ، ރަށުގެ މުޅި ތަރައްޤީއަށް އަސަރުކުރާނެ ކަމެއްކަމުގައި ޤަބޫލުކުރަންޖެހޭ. މައުމޫނުގެ ދައުރުގައި “މަސްޖަހާފަ” ތިބި ކައުންސިލަރުންގެ ނާޤާބިލުކަމުގެ ހިތި ތަޖުރިބާ މިއޮތީ ފެނިފަ. ބަޣާވާތަކުން ވެރިކަން ބަދަލުވުމާއެކު، އޭދަފުށީ ކައުންސިލަރުން “ކަޑަބޮއް” ޖަހާފަ، ސަރުކާރު ޤަބުލުކޮށްފީމޭ ކިޔާފަ ބާޣީ ވަޙީދު އާ ބައްދަލުކުރިކުރުން، އެއީ ރައީސް ނަޝީދުގެ ސަރުކާރަށް އެއްބާރުލުން ނުދިންކަމުގެ ލާމަސީލު މިސާލެއް. ވީމާ އަޖުމަ ބަލާލުމުގެ މަޤުޞަދުގަ މުޅި އޭދަފުށީގެ އެންމެހާ ރައްޔިތުން، އެމް.ޑީ.ޕީ އަށް 2013 ގެ ރިޔާސީ އިންތިޚާބުގެ ވޯޓުދީގެން ، އެމް.ޑީ.ޕީ ވެރިކަމަށް ގެނައުން ރަގަޅުކަމަށް އަޅުގަޑަށް ފެނޭ. = އެންމެންގެ ވޯޓު އެމް.ޑީ.ޕީ އަށް. #އެއްބުރުން

    ރައްދު
  4. Avatar
    Shahid

    ވަޖީހު ސިޔާސީކުލަ ޖައްސާގެން ލިޔެފައިވާ ލިޔުމެއްމީ… އަންނިގެ 3 އަހަރު ގެ ވެރިކަމުގައި އެހެން ރަށްތަށް އޭދަފުއްޓަށް ވުރެން އާއުސްމިންތަކެއް ހާސިލްކޮށްފި. އަންނި އެންމެ ބޮޑަށް އަޅާލީ ޅ.ހިންނަވަރާ. މިހާރު އެރަށުން އެތަރަށްގީ ފެނޭ އެބަ. އެއިން އެއްވެސް ޕޮރޮޖެކްޓެއް އޭދަފުއްޓަށް ގެނާނަމަވެސް ރަށްޔިތުން ނިކުމެ އެއްބާރުލުން ދީގެން ނަމަވެސް އެތަރަށްގީ އިތުރަށް ހޯދާނެ. މިއީ އޭދފުށީ ރައްޔިތުން އަބަދުވެސް ދައްކުވައިދޭ ލާމަސީލު މިސާލެއް. މީގެ ހެއްކަކީ ދާދި އެހަކަށް ދުވަހު އޭދަފުށީ ހުކުރުމިސްކިތުގެ ޓިނު ބަދަލު ކުރި އިރު ސިޔާސީ ގޮތުން ހިޔާލު ތަފާތުވެފައި ތިބި އެތަށް ރައްޔިތުންނެއްވެސް ހިލޭސާބަހަށް، އެކުވެރި މާހައުލެއްގައި މަސައްތް ކުރިތަން. ސުވާލަކީ އަންނިވެރިކަމުގައި ކޮންކަމެއްހޭ އޭދަފުއްޓަށް ކޮށްދޭން ހިތުލީ. ހިތުލިނަމަވެސް ރަށްޔިތުން ނިކުމެ ކުރާނެޔޭ، ހަމަ މައުމޫނު ވެރިކަމުގަ ކުރި ގޮތަށް.
    ދެން ތިބުނަނީ ޖަޕާނު ސަރުކާރުން ހެދި އިންޖީނު ގެޔެކޭ. ޔުނެސް ކޯއިން ހެދި ސުކޫލެކޭ. ވޯލްޑް ބޭންކް އިން ހެދި އެވެނި މިވެނި ތަނެކޭ. ސުވާލަކީ ޖަޕާނު ސަރުކާރުން ވެސް ނާންނާނެ ދޯ ތިމަންނަމެއް މިއައީ އޭދަފުށީގައި އިންޖީނު ގެ އެއް އަޅާށެކޭއެއް ކިޔާފައެއް. މައުމޫނެ ގެ ސަރުކާރުން ރާއްޖޭގައި އެހާބާވަރު ރަށް ތަށް އޮށްވައި ދޯ އޭދަފުށި ދައްކާފައި އެބުނީ މި ރަށުގައި މިތަންތަން އަޅާށޭ. ހަމަ އެގޮތަށް މައުމޫނަށް ބުނެވުނީސް ދޯ ހަމަ ޖަޕާން ސަރުކާރުގައި އެ އިންޖީނުގެ ގޮސް އަޅާށޭ ދަރަވަންދޫގައި ވެސް. މިއިންވެސް އެނގެނީ މައުމޫނު އޭދަފުއްޓާ އަޅާލިވަރުދޯ؟
    ވަޖީހުގެ މި ލިޔުން ކިޔާލުމުން ވަޖީހުގެ ވިސްނުން ހުރި ގޮތް އެނގިއްޖެ. އަޅުގަނޑަކީ ވަޖީހުއަށް ވުރެންވެސް ޒުވާން ބޭފުޅެއް. އެކަމުވެސް އޭދަފުށްޓަށް ތަރަށްގީ އައިގޮތް ވަޖީހުއަށް ވުރެން ބޮޑަށް އަޅުގަނޑަށް އިނގޭހެން ހީވަނީ. މިކަހަލަ ސިޔާސީ ގޮތުން ތާކުން ތާކުން ނުޖެހޭ ލިޔުން ލިޔުމުން، ވަޖީހުގެ ނޫސްވެރި ކަމުގެ ކޮލިޓީޔާއި މެދުވެސް ސުވާލު އުފެދޭއެބަ.
    ކުރުކޮށް އަޅުގަނޑު ބުނަނީ ނަމަ ބުނެވޭނީ ތަންތަން ތަރަށްގީ ކުރެވޭނީ ރައްޔިތުންން ސާރުކާރާއިވެސް ވަރަށް ބޮޑަށް ގުޅިގެންނޭ. އޭދަފުށި ކުރިން އެހާ ހަލުވި ދުވެއްޔެއްގައި ތަރަށްގީމިވީ މައުމޫނު ސަރުކާރާއި، އޭދަފުށި ރައްޔިތުންގެ ބަދަހި ގުޅުމުގެ ސަބަބުންނޭ. މިކަން އަތޮޅުވެރިންގެ ބައްދަލުވުމުންވެސް ފެނިގެން ދެޔޭ. ވޭތުވެ ދިޔަ 3 އަހަރު ދުވަހު ނުވަތަ 5 އަހަރު ތެރޭގައި އޭދަފުށީގެ ނިގޫ އޮތީ ތާށިވެފައޭ. ފިތިފަ މިއޮތް ނިގޫ ދެންވެސް އަންނިގެ ވެރިކަމެއްގައި ސަލާމަތް ކުރެވިދާނެ ބާވައޭ؟

    ރައްދު
  5. Avatar
    Dheyvaani

    އިތުރު މަޢުލޫމާތު:-
    01. އޭދަފުށީގެ މޭސްތިރިޔަކީ، އަލްމަރްޙޫމް ޔޫސުފް ކަލޭފާނު. އެ ބިންގަލުގެ މަތީގަ ރައްޔިތުންގެ ބުރަ މަސައްކަތުގެ ނަތީޖާ މި ދަނީ ފެންނަނީ.
    02 ދިވެހި ރާއްޖޭގައި އެންމެފުރަތަމަ (ކޮލޔުނިޓީ ސްކޫލް) ތަޢުލީމީ މަރުކަޒެއް ބިނާކުރެއްވީ، މަރްޙުމް އިބްރާހީމް ނާޞިރުގެ ވެރިކަމުގަ، އޭދަފުށީގަ.
    03. އޭދަފުށީގެ ބޮޑު މިސްކިތް، މައުމޫން ގެ ވެރިކަމުގަ، “ބޮލަށް ވެއްޓެނިކޮށް” އެ މިސްކިތުގެ އަސްލު ނުގެއްލޭނެ މޭރުމުން، މިސްކިތް ބޮޑުކޮށް މަރާމާތު ކުރުމަށް، ސަރުކާރުގަ އެދުމުން، އޭރުގެ އެޓޯލްސް މިނިސްޓަރ ޢަބްދުﷲ ޙަމީދު ވިދާޅުވީ، އެހެން ރަށްރަށެކޭވެސް އެއްފަދައިން، 60 ފޫޓު، 30 ފޫޓުގެ ދެފުރާޅުލީ މިސްކިތެއް އަޅާދެވިދާނެ ކަމައް. އެއީ 4 ލައްކަ ރުފިޔާގެ ޚަރަދު. ރައްޔިތުންގެ ވިސްނުން ހުރީ ދުރު މުސްތަޤުބަލަކަށް ކަމުން، ރައްޔިތުންގެ ތަޞައްވަރާ އެއްގޮތަށް މިހާރު މި ފެންނަ މިސްކިތް ޢިމާރާތްކޮށް ފުރާ ފުރިހަމަކުރީ، އޭދަފުށީގެ ރައްޔިތުން ދާއޮހޮރުވައިގެން ކުރި މަސައްކަތުންނާ، އެކި ވިޔަފާރިވެރިން ގާތުން ސަލާންޖަހައިގެން ހޯދި ފައިސާއާއި، ހެޔޮއެދޭ އޭދަފުށީ ދަރީން ދެއްވި ދީލަތި އެހީގެ ތެރެއިން.. ނަތީޖާއެއްގެ ގޮތުން މިހާރު މިފެންނަ މިސްކިތުގެ މުޅި ޖުމުލަ ޚަރަދަށް 6 މިލިޔަން ރުފިޔާ ޚަރަދުވާނެ ކަމަށް ހިސާބުތަކުން ދައްކާ. މިކަން ވަރަށް ރަގަޅަށް އެގޭނެ އޭދަފުށީ ރަށުކައުންސިލްގެ ރައީސް ޢަލީ ވަޙީދަށާ އަދި އަޙްމަދު ނާޞިރަށް.
    04. އޭދަފުށީގެ ބަނދަރު ހެދުމަށް މައުމޫނު ދައުރުގައި ސަރުކާރުން، އެޓޯލްސް މިނިސްޓަރ ޢަބްދުﷲ ޙަމީދު ދެއްވީ 500 ކޮތަޅު ސިމެންތި އަދި 200 ދަގަނޑު. އެއީ 200 ފޫޓު 250 ފޫޓުގެ ބަދަރަކަށް. ނަމަވެސް ސުނާމީގެ ކުރިން އޭދަފުށީގައި ގާއިމްކޮށްފައިވާ ބަދަރަކީ، 250 ފުޅާ އަދި 960 ފޫޓުގެ ދިގު ބަދަރެއް. ވާޓަރު ހެދުމަށް ކޮންމެ 100 ފޫޓު ކޮންކްރީޓަށް 178،00.00 ރުފިޔާ ޚަރަދުވި. ހިސާބު ހައްދަވާ.
    05. ސުނާމީގައި ބަދަރު ފުޑުފުޑުވުމުގެ ސަބަބުން ޖަޕާނު ސަރުކާރުގެ ހިލޭ އެހީގެ ދަށުން އަދި ޗާނދަނީގެ އަޙްމަދު ނަޒީރު އާއި އަދި އަޙްމަދު ތަސްމީނުޢަލީގެ ދީލަތި އެހީގެދަށުން، ޝީޓްޕައިލްކޮށް މިހާރު ފެންނަ ބަދަރު އޭދަފުށީގެ ރައްޔިތުންނާ ހަމަޔަށް ވާޞިލުވުމުގައި މައުމޫނުގެ އެހީތެރިކަން ނުވަތަ ހިއްސާ އެކުލެވިގެންވާ މިންވަރު ކިޔުންތެރިންއިޙުސާސްކޮށްލައްވާ.
    06. މަލްޓިޕާޕަސް ކޮމްޕްލެކްސް، ދަނާލު، ތަޢުލީމީ މަރުކަޒުގެ ކްލާސްރޫމު އިތުރުކުރުން ފަދަ ކަންކަމަކީ، އިގިރޭސްވިލާތުގެ އައި.އެޗް.ޑީ.ޕީ އިން، ރާއްޖޭގެ 4 އަތޮޅެއްގައި، ހިލޭ އެހީގެ ދަށުން ، އޭދަފުށްޓަށް ލިބިފައިވާ ޢުމުރާނީ ތަރައްޤީކަމުގައި ދަންނަވަން. މި ދެންނެވި ކުންފުނިން ހުޅުވާލި ބިޑް ތަކަކަށް، “ފޭލި” ޖަމްޢިއްޔާއިން ޕްރޮޕޯސަލް ހުށައަޅައިގެން ބިޑް ކާމިޔާބުކޮށް، ތަޢުލިމީ މަރުކަޒަށް، (ރާއްޖެތެރޭގެ ފުރަތަމަ ސްކޫލަށް) “ސްމާރޓްބޯޑު” ހަދިޔާކުރި. އަދި އެކި ފަހަރު މަތީން ފައިސާގެ ހިލޭ އެހީ، “ފޭލި” ޖަމްޢިއްޔާ އިން ވަމުންދޭ.
    07. އޭދަފުށީގެ ރަސްމީ ފާލަން އެޅުމަށް ސަރުކާރުން ދިނީ 20،000.00 ރުފިޔާ، އެއީ ގާތްގަޑަކަށް އާދައިހެ ހޮޅުއަށްޓެއް އެޅުމަށްދާ ޚަރަދު. އޭދަފުއްޓަކާ ނުގުޅޭ، އޭގެ އިތުރުން، މާލޮހު ކަލޭފާނު ދެއްވި 15،000.00 ރުފިޔާ. ފާލަމުގެ ފުރާޅުގައި ޖަހާފަ ހުރި ޓިނަކީ، ޗާނދަނީގެ އަޙްމަދު ނަޒީރުގެ ހިލޭ އެހީ، ފާލަން އެޅުމަށް ބޭނުންވާ ހުރިހާ ތަކެއްޗެއް ދެއްވީ، ބ.ދުނިކޮޅުގެ އެއް ޙިއްސާދާރު ކަމަށްވާ ޝަބީރު. ފާލަން ފުރިހަމަޔަށް ނިންމާލިއިރު، ފާލަމުގެ އަގު 270،000.00 ރުފިޔާއަށް އެރި.
    08. އޭދަފުށީ އިންޖީނުގް އަޅާދިނީ ޖަޕާނު ސަރުކާރުގެ ހިލޭ އެހީގަ.
    09. “1998 ވަނަ އަހަރު މި ރަށުގެ މަގުފާރުތައް ”ހުދު” ކުރުމަށް ސަރުކާރުން ދެއްވި ބޮޑު އެހީ” އަކީ އެ އަހަރު އޮތް އަތޮޅުވެރީންގެ ބައްދަލުވުމަށް، މުޅިރަށަށް 200 ހަމަ އެކަނި ކޮތަޅު ސިމެންތި. މިދެންނެވި 200 ކޮތަޅު ސިމެންތިއަށް ބެނުންވާ ވެލި ޖަމާކުރީ (ހިލޭސާބަހަށް) ރަށުގެ ހީވާގި ރައްޔިތުން. އާމްދަނީ ހޯދުމަށް ކުރަމުންއައި ހުރިހާ މަސައްކަތެއް ހުއްޓަލައި، މި ދެންނެވި ބައްދަލުވުމަށް ރަށް ތައްޔާރުކުރީ ހަމަ ހިލޭސާބަހަށް ރަށު ރައްޔިތުން.
    =ވަރަށް ވެދުން=

    ރައްދު
  6. Avatar
    sal

    ހަޤީގަތަކީ މިއީއެވެ. އޭދަފުއްޓައްވުރެ މިހާރު ތަރައްޤީވެފައިވާ ވަރަށްގިނަ ރައްތައް މިހާރު ރާއްޖޭގައި ބައިވަރެވެ. އޭދަފުށި ތަރައްޤީ ކޮށްދިނީ މައުމޫނޭ ބުނެ ރައްޔިތުން ހެއްދީ އޭރު ސަރުކާރުންނެވެ. އަދި މިއީ ކުޑަމާލެއޭ ކިޔައިގެން އޭދަފުށީ މީހުން ހައްދާ ވަރަށް ގިނަ ކަންތައްތައް ކޮށްދިންކަމަށް މައުމޫނު މެޑެލް ޖަހަނީ ކޮންމެފަހަރަކުވެސް އިންތިހާބާ ދިމާކޮށެވެ. ރާއްޖޭގެ އެހެން ހިސާބުތައް ނުފެންނަ އޭދަފުށީގެ އާންމުން މިއަދުވެސް ހީކުރަނީ ރާއްޖޭގެ އެންމެ ތަރައްޤީ ރަށަކީ އޭދަފުށި ކަމަށެވެ. އެކަމަކު ހަޤީގަތަކީ އޭގެ ދިމާ އިދިކޮޅެވެ

    ރައްދު
  7. Avatar
    seesee

    ވަޖީހުއަށް އެނގިލައްވާތޯ އޭދަފުށިގައި މިހާރު ހުރި އިންޖީނުގެއަކީ ޖަޕާނު ސަރުކާރުން އަޅައިދިން ތަނެއްކަން. ރަށުގައި ހުރި ދަނާލާއި، މަލްޓި ޕާޕޯސް ބިލްޑިންއާ، ޓީ އާރު ސީ އަކީ އިންޓެގްރޭޓެޑް ހިއުމަން ޑިވެލޮޕްމެންޓް ޕްރޮޖެކްޓުގެ ދަށުން ހަދާފައިވާ ތަންތަންކަން. އަދި ދިރާގާއި ބޭންކާއި ނަރުދަމާއާއި ބަނދަރަކީ ސަރުކާރުން އޭދަފުށްޓަށް ދޭ ޙާއްސަ އަހަމިއްޔަތެއްގެ ދަށުން ރަށުގައި ހަދާފައިވާ ތަންތަންކަން. އަދި ހޮސްޕިޓަލާއި ސްކޫލަކީވެސް ހަމަ ސަރުކާރުން ރަށަށް ހަދިޔާކޮށްފައިވާ ތަންތަން. އެހެން ވީއިރު ސީދާ ރައްޔިތުންގެ މަސައްކަތެކޭ ނުބުނެވޭނެ. ސަރުކާރާއި ރައްޔިތުން ގުޅިގެން ގެނައި ތަރައްޤީއެކޭ ލިޔެލިނަމަ ފުރިހަމަވީސް.

    ރައްދު

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.