ވޯޓާއި އެކުވެރިކަމާއި އާއިލީ ގުޅުން

1150947_503876913020662_538580097_n

ޕާޓީއަކާ ގުޅުމަކީ އެ މީހެއްގެ އަމިއްލަ ކަމެކެވެ. އެއީ ހަމަ ވޯޓުލުން ކަހަލަ ކަމެކެވެ. އެ މީހަކު ބޭނުން ޕާޓީއަކަށް، އެ މީހަކު ބޭނުން މީހަކަށް ވޯޓު ދޭންވީ އެވެ. އެއީ އެ މީހެއްގެ އަމިއްލަ މިނިވަންކަމެކެވެ.

ރާއްޖޭގައި ސިޔާސީ ޕާޓީތައް އުފެދިގެން އައިއިރު ކުރިމަތިވި އެންމެ ބޮޑު މައްސަލައަކީ ވަކި ބަޔަކު، އެ ބަޔަކު ބޭނުންވާ ޕާޓީއަކަށް ނުވަނުމުގެ ސަބަބުން ދިމާވި މައްސަލަތަކެވެ. ރައްޓެހިންގެ ތެރޭގަ އެވެ. އެއްބަނޑު އެއްބަފާ މީހުންގެ ތެރޭގަ އެވެ. އާއިލާތަކުގެ ތެރޭގަ އެވެ. ޕާޓީތައް ތައާރަފުވީ ފަހުން، ގުޅުންތަކެއް ކެނޑިގެން ދިޔަކަން އެއީ ޔަގީން ކަމެކެވެ. އެހެން ނަމަވެސް، އެ ގުޅުންތައް ކެނޑިގެން ދިއުމަކީ ޕާޓީތަކުގެ މަގުސަދެއް ނޫނެވެ. އެހެން ކަމަށް ވަންޏާ، އަމިއްލަ އަމިއްލަ އަށް ގުޅުންތައް ކަނޑާލުމުގެ އޮތީ ކޮން މަގުސަދެއް ބާ އެވެ؟

މިހާރު އަނެއްކާ ވެސް މި މައްސަލަ ވަނީ ފެންމަތިވެފަ އެވެ. މާލޭގައި ވެސް، އަދި ރަށްރަށުގައި ވެސް މި މައްސަލަ އެބައޮތެވެ. އަހަރެން އަޑުއެހި ގޮތުގައި، ދާދިފަހުން މިރަށުގައިވެސް ދެމަފިރިއަކު ވަނީ ވަރިފަށަށްވެސް އަރައިފަ އެވެ. ބައެއް ރައްޓެހިން ވަނީ ގުޅުން ކެނޑިފަ އެވެ. މިއީ، ހިތާމަ ހުރި ކަމެކެވެ. ވޯޓަކީ އެ މީހެއްގެ އަމިއްލަ ހައްގެކެވެ. ހަގީގަތަކީ މިއީ ސިއްރު ވޯޓެއް ކަމަށް ވެފައި، ވޯޓު ދިނީ ކާކަށްތޯ އެހުމަކީ ވެސް ކުށެއް ކަމެވެ. އަދި ވަކި ފަރާތަކަށް ވޯޓު ދިނުމަށް ނުފޫޒު ފޯރުވައި ބިރު ދެއްކުމަކީ ވެސް ގާނޫނީ ކުށެއް ކަމެވެ.

އެމްޑީޕީ ދެކެ ލޯބިވާ މީހުން އެމްޑީޕީ އަށް ތާއީދު ހޯދަން މަސައްކަތް ކުރާނެ އެވެ. އަނެއްކޮޅުން އެމްޑީޕީގެ ރޭވުންތައް ނާކާމިޔާބު ކޮށްލެވޭތޯ ޕީޕީއެމް އިން ނުވަތަ އެހެން ޕާޓީތަކުން މަސައްކަތް ކުރާނެ އެވެ. މިއީ، ސިޔާސީ ޕާޓީތައް ދުނިޔޭގެ ހުރިހާ ގައުމެއްގައި ވެސް ހަރަކާތްތެރިވާ ގޮތެވެ. ސިޔާސީ ފިކުރަނީ އެނބުރޭ ފިކުރެކެވެ. ސިޔާސީ ޕާޓީތަކަކީ ވަކި އުސޫލުތަކެއް އޮވެ، ވަކި ބިންގާތަކެއްގައި، ވަކި ސިޔާސަތުތަކަކަށް ތަބާވެގެން ހިންގާ މުއައްސަސާއެކެވެ. މިކަން ރައްޔިތުން ވެސް އެބަ ދަންނަން ޖެހެ އެވެ. ވަކި މީހަކަށް ނުވަތަ ވަކި ޕާޓީއަކަށް ‘މަރުދަންޖެހި’ ތިމާގެ އަމިއްލަ ދިރިއުޅުން ވެއްޔާ މޮޑެލައި، ރަހުމަތްތެރިން ނަގާލައި، އަނބިމީހާ ވަރިކޮށް، ދަރިންނާ ދިމާ އަށް ހަޅޭއްލަވައި ހަދާ ހިސާބަށް ހިނގައްޖެ ނަމަ، އެ މީހަކީ ސިޔާސީ ގޮތުން މޮޔަވެފައި ހުރި މީހެކެވެ. ސިޔާސީ ކަންތައްތަކަކީ “އެޑިކްޓް”ވާ ކަމެކެވެ. އެ ހިސާބަށް އަމިއްލަ ނަފުސު ގެންގޮސްގެން ނުވާނެ އެވެ.

ޕާޓީތަކާ ހެދި، ނުވަތަ ސިޔާސީ ވަކި މީހަކާ ހެދި އަހަރެމެންގެ ތެރޭގައި އޮތް ގުޅުންތައް ހަލާކުކޮށްލައިގެން ނުވާނެ އެވެ. ސިޔާސީ މީހުންގެ ރުޅިވެރިންނާ ގުޅުންތައް އުފައްދަމުންދާ އިރު، އަހަރެމެންގެ ތެރެއިން ގުޅުންތައް ކެނޑިގެން ދިއުމަކީ މައްސަލައެއް ނޫންތޯ އެވެ! ވިސްނަން ވެއްޖެ އެވެ. މާ ބޮޑަށް ވެސް ވިސްނަން ވެއްޖެ އެވެ. ސިޔާސީ ކަންތައްތަކާއި ވޯޓާއި ދިރިއުޅުމާއި ގުޅުންތަކަކީ ވަކި އެއްޗެކެވެ. މި ވިސްނުން އަހަރެމެން އެންމެން ވެސް ބަހައްޓަން އެބަޖެހެ އެވެ.

ގުޅުންހުރި ލިޔުންތައް

1 ކޮމެންޓް

  1. Avatar
    Mohamed

    ތޯރިގްއަށް ނުވިސްނެނީއެވެ. އެމްޑީޕީ ވެރިކަމުގައި ރިސޯޓްތަކަށް ޖެއްސި އުދަގޫ އިގޭތޯއެވެ. ފަތުރުވެރިން ނާންނަށް ގޮވާލާ ބައެށް ރިސޯޓްތަށް ބޯއިކަޓްކޮށް ހެދީމަވެސް އަނބިމީހާ އެމީހުންނަށް މަރުދޭތަން ބަލަން ހަމަހުންނަންވީތޯ؟ ފިރިމީހާއަށް ފައިސާ ނުލިބުނީމަ އަނބިމީހާ ސަޕޯޓްކުރިމީހުން ވަޒީފާ ދޭނެތޯއެވެ. ހެޔޮ ނުބައި ދަސްކޮށްދިނުމަކީ ކޮބައިތޯ؟؟

    ރައްދު

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.