“ހުރަސްވާޓަރުގެ ނުނިމިއޮތްބައިގެ މަސައްކަތް މިއަހަރު ކުރީކޮޅު ފެށޭނެ”

މިނިސްޓަރު މުއިއްޒު އިއްޔެ އޭދަފުއްޓަށް ވަޑައިގެ ހުރަސްވާޓަރުގެ ނުނިމިއޮތްބައި ބައްލަވާލައްވަނީ. ެކަންވެސް ދާދި އަވަހަށް ހައްލުކުރައްވާނެ ކަމަށް މިނިސްޓަރު ވިދާޅުވި
މިނިސްޓަރު މުއިއްޒު އިއްޔެ އޭދަފުއްޓަށް ވަޑައިގެ ހުރަސްވާޓަރުގެ ނުނިމިއޮތްބައި ބައްލަވާލައްވަނީ. ެކަންވެސް ދާދި އަވަހަށް ހައްލުކުރައްވާނެ ކަމަށް މިނިސްޓަރު ވިދާޅުވި

 

ބ. އޭދަފުށީ އުތުރު ފަރާތު ބަނދަރުގެ ހުރަސް ވާޓަރުގެ ނުނިމި އޮތްބައި ނިންމުގެ މަސައްކަތް މިއަހަރުގެ ކުރީކޮޅު ފެށޭނެ ކަމަށް ހައުސިން މިނިސްޓަރު ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރޭ އޭދަފުށީ ރައްޔިތުންނާ ބައްދަލަކުރައްވައި ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވީ އެ މަސައްކަތް ނުފެށިއޮތީ މިނިސްޓްރީގެ ބަޖެޓަށް ޓްރާންފާވާން ޖެހޭ ބައެއް ފަންޑްސް ބަދަލުނުވެގެން ކަމަށެވެ. ނަމަވެސް އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމާއެކީ ފިނޭންސް މިނިސްޓަރާ މިހާރު ކުރަމުންގެންދާ މަޝްވަރާތަކުގެ ތެރެއިން އެކަން ހަމަޖެހިގެންދާނެ ކަމަށްވެސް މުއިއްޒު ވިދާޅުވި އެވެ.

“ފައިސާ ހަމަޖެހުމުން އެކަންވެސް ރައްޔިތުން ކުރަން ބޭނުންވާގޮތަށް ހަމަޖައްސައި، ސަރުކާރުން މިކަމަށް ވެވެން އޮތް އެހީތެރިކަމެއްވެދީ، އެކަންވެސް ދާދި އަވަހަށް ހައްލުކުރާނަން” މުއިއްޒު ވިދާޅުވި އެވެ.

މިނިސްޓަރު މުއިއްޒު އިތުރަށް ވިދާޅުވީ، ރައީސް ވަހީދުގެ ސަރުކާރުގެ ފަހުކޮޅު މާއްޑޫ މިރަށުގެ ބައެއްގެ ގޮތުގައި ހަމަޖައްސަން ކަނޑައަޅާފައިވާތީ، އެރަށް ޕްލޭން ކުރުމުގެ މަސައްކަތް ހައުސިން މިނިސްޓްރީއާ ހަވާލުވެފައިވާ ކަމަށެވެ. އަދި އޭދަފުށީ ކައުންސިލާ ގުޅިގެން އެރަށް ޕްލޭން ކުރުމުގެ މަސައްކަތް މިހާރު ކުރަމުންގެންދާ ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.

“މިނިސްޓްރީގެ ފަރާތުން މިކަމަށް ވަރަށް ޚާއްސަ އަހަމިއްޔަތުކަމެއް ދޭނެކަމުގެ ޔަގީންކަން ދެން. އެކަންތައްވެސް ހަމަ ކައުންސިލާ ގުޅިގެން ވީހާވެސް ބާރު ސްޕީޑެއްގައި ކުރިއަށްގެންގޮސް އެރަށުގެ ޕްލޭނެއް ހަދައި ކައުންސިލާ އެ ޕްލޭން ހަވާލުކުރާނަން،” މުއިއްޒު ވިދާޅުވި އެވެ.

 މިނިސްޓަރު މުއިއްޒު އަދި ވިދާޅުވީ އޭދަފުށީ ބިން ހިއްކުމުގެ މަސައްކަތް އަންނަމަހުތެރޭ ބަޔާކާ ހަވާލުކުރެވޭނެ ކަމަށާއި، ބިންހިއްކުމަށްފަހު ވަރަށްގިނަ ކަންތައްތައް ކުރުމަށް ޕްލޭން ކުރެވިފައިވާ ކަމަށެވެ.

“އެގޮތުން ވަރަށް އަވަހަށް އެބަ މަސައްކަތްކުރަން ގެދޮރު ބިނާކުރުމަށްޓަކައި ލުއި ލޯނު ދިނުމުގެ ސްކީމެއް ހުޅުވާލަން. މާނައަކީ އަމިއްލަ އަށް އެމީހާގެ ގޯތީގައި ގެދޮރު އެޅުމަށް ލޯނެއް ނަގައިގެން ކުރުމުގެ ފުރުސަތު،” މުއިއްޒު ވިދާޅުވި އެވެ.

މިނިސްޓަރު މުއިއްޒު ވިދާޅުވީ މިކަންކަން ކުރެވޭނީ ރައްޔިތުން މިކަމުގައި ވަރަށް މުހިއްމު ނިންމުންތަކެއެއް ނިންމައިގެން ކަމަށެވެ. އެގޮތުން އަންނަ ހޮނިހިރުދުވަހު ބާއްވާ ލޯކަލް ކައުންސިލު އިންތިހާބުގައި ސަރުކާރު ހިންގަން ބޭނުންވާ ޕްރޮޖެކްޓްތަކާއި ތަންފީޒުކުރަންޖެހޭ ސިޔާސަތުތައް ތަންފީޒު ކުރެވެނީ ކައުންސިލުތައް މެދުވެރިކޮށްގެންކަމަށްވެސް މުއިއްޒު ވިދާޅުވި އެވެ.

“އަދި މިރާއްޖެއަކު ނެތް ޒިންމާދާރު އިދިކޮޅު ޕާޓީއެއް. އެކަމުގެ ސަބަބުން ރައްޔިތުންނަށް ކިތަންމެހާވެސް ބޮޑެތި ގެއްލުންތަކެއް ލިބިގެންދާނެ. ސަރުކާރާއި އެއްބާރުލުން ނުވަތަ އެއްވިސްނުމެއްގައި ނެތް ބަޔަކު ކައުންސިލުތަކަށް ހޮވައިފިނަމަ ކިތަންމެހާވެސް ގެއްލުން ލިބޭނެ. ރައްޔިތުންނަށް ވާޖިބު އެބަވޭ ސަރުކާރުގެ ވިސްނުމުގައި ނުވަތަ ސަރުކާރުގެ ކޯލިޝަނުގައިތިބި ފަރާތްތައް ކައުންސިލަށް ހޮވަން. އެއީ މަޖުބޫރުކަމެއް. އޭރުންނޭ ރައްޔިތުންނަށް ހިތްހަމަޖެހޭ ގޮތެއްގައި ރައްޔިތުން ބޭނުންވާގޮތަކަށް ސަރުކާރުން ތަންފިޒުކުރަންޖެހޭ ޕްރޮޖެކްޓްތައް ތަންފީޒު ކުރެވޭނީ،” މުއިއްޒު ވިދާޅުވި އެވެ.

ގުޅުންހުރި ލިޔުންތައް

3 ކޮމެންޓް

  1. Avatar
    Ziya

    ކޮންމެ މީހެއްގެ މޫނުމަތިން ރަތްޔިތުން ނަށް މަލާމާތް ކުރުމުގެ ހިނިތުންވުން ނުފެނޭބާ!! ތިކަމުގެހައް ލަކީ ޔަޒީދު މިފަހަރު ހޮވުން

    ރައްދު
  2. Avatar
    Ziya

    މީއަހރުގެ ކުރީކޮލުނޫން ތޯ! މިހާރު ކަނޑަ ޖެހުމުގެ ސިޔާސަތު.މިއަދު އެކަނި ދޯ މިތައް ބަލަށް ދާން މި އެގުނީ.

    ރައްދު
  3. Avatar
    dreams

    ތީ ހަމަ ދައްކާ ދަޅަތައް.
    ތިހެން އައިސްފައި ކިތައްމެ މީހެއް ވަޢުދުވެ ގޮއްސި….ވީ އެއްވެސް ކަމެއް ނެެތް!!!
    އޭދަފުއްޓަށް ކަމެއް ކޮށްދެންޏާ ކޮށްދޭނީ “ނަޒީރު”އެކަނި.

    ރައްދު

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.