ހުސް “އޭ”: ތައުލީމީ ރަން ވަނަތަކުގެ ތެރޭގައި އިޒްހަތާއި ޝީނީޒް

އިޒުހަތު އާއި ޝީނީޒް
އިޒުހަތު އާއި ޝީނީޒް

 

ބ. އަތޮޅު ތައުލީމީ މަރުކަޒަކީ އާދައިގެ ސްކޫލެއް ނޫނެވެ. އެއީ ތައުލީމީ ގޮތުން ރަން ވަނަތަކެއް އަބަދުމެ ހޯދަމުން އަންނަ ސްކޫލެކެވެ. އެންމެން ވެސް އެ ވާހަކަ ދައްކަ އެވެ. ތައުލީމީ ރަން ވަނަތަކުގެ ލިސްޓްގައި ބ. އަތޮޅު ތައުލީމީ މަރުކަޒުގެ ތަކުރާރުވެވޭ ހުރެ އެވެ. އަހަރުން އަހަރަށް ނަތީޖާ ރަނގަޅުކުރަމުން އަންނައިރު، ސްކޫލުގެ ހަތަރު ފާރުތެރެއިން ހިތް އަލި، އިލްމަށް މޮޅު ކުދިންތަކެއް ކޮންމެ އަހަރަކު ވެސް އުފެދިގެން ދެ އެވެ. މިދިޔަ އަހަރަކީ ވެސް އޭގެ އަހަރެކެވެ.

މިދިޔަ އަހަރު އެ ސްކޫލުން 60 އަށް ވުރެ ގިނަ ކުދިން އޯލެވެލްގައި ބައިވެރިވި އިރު އޭގެ ތެރެއިން 67.1 ޕަސެންޓަށް ވުރެ ގިނަ ކުދިން ވަނީ ފަސް މާއްދާ އަށް ވުރެ އިތުރަށް ފާސްވެފަ އެވެ. އަދި 14 ކުއްޖަކު ވަނީ ރާއްޖޭގެ އެއްވަނައިގައި ހިމެނޭ ފެންވަރަށް ފާސްވެފަ އެވެ.

އޭގެ ތެރެއިން ވެސް ދެ ކުއްޖަކު ހާއްސަ އެވެ. އެއީ މި ރަށު ދިރިމާގޭ އިޒްހަތު ޝަމީމާއި ހަލީމާ ހައުސް އައިމިނަތު ޝީނީޒެވެ. އެ ދެ ކުދިންނަކީ އޯލެވެލްގައި މި ރަށުން މިދިޔަ އަހަރު ބައިވެރިވި ކުދިންގެ ތެރެއިން މާކްސް ޝީޓްގައި “އޭ” ނޫން އެހެން އެއްވެސް އަކުރެއް ނެތް ދެ ކުދިންނެވެ. ހުރިހާ ކުދިންގެ ތެރެއިން ވެސް އެންމެ މޮޅު ދެ ކުދިންނެވެ.

އިޒްހަތު ޝަމީމް

އިޒުހަތު ޝަމީމް
އިޒުހަތު ޝަމީމް

ކިޔަވާ ހުރިހާ ކުދިންނަށް ވެސް އިޒްހަތު ދޭ ނަސޭހަތެއް އެބައޮތެވެ؛ މަސައްކަތް ކުރާށެވެ. ކާމިޔާބު އޮތީ އަތްމަތީގަ އެވެ.

އެއީ އިޒްހަތުގެ ވެސް ކާމިޔާބުގެ ތަޅުދަނޑި އެވެ. އޭނާ ވެސް ބުރަކޮށް ކިޔެވި އެވެ. އޯލެވެލްގެ ނަތީޖާ ރަނގަޅުކުރުމަށް ޓަކައި ކިޔެވުން ނޫން އެހެން ކަމެއް އޭނާގެ ނެތް ކަހަލަ އެވެ. ގްރޭޑް 10 އަށް ދިއުމާ އެކު އޭނާ ވިސްނީ އޭނާގެ ކިޔެވުން އިތުރުކުރާށެވެ.

“ގްރޭޑް 10ގައި އެކްސްޓްރާ ކްލާސްތައް ނިންމުމަށް ފަހު ލިބުނު ހުސްގަޑިތަކުގައި ވެސް ކިޔެވީ. ކޮންމެ މާއްދާއެއް ވެސް ކޮންމެ ދުވަހަކު ވެސް އެއްގަޑިއެއްގައި ކިޔެވޭތޯ ބެލީ. އަދި ވަކި ޓައިމްޓޭބަލެއް ފޮލޯކުރީ. ކިޔެވުމަށް އަބަދު ވެސް ވަގުތު ހުސްކުރަން،” މި ރަށު ދިރިމާގެ އަށް އުފަން އިޒްހަތު ބުންޏެވެ.

އޭނާ ވެސް ގަބޫލުކުރަނީ މި ކާމިޔާބަކީ ގްރޭޑް 10 ގައި ކުރި ބުރަ މަސައްކަތުގެ ނަތީޖާ ކަމަށެވެ. ގްރޭޑް 10 ގައި ފައި އެޅީއްސުރެ އިޒްހަތު ހުރިހާ ވަގުތެއް ކަހަލަ ގޮތަކަށް ހޭދަކުރީ އޯލެވެލްގެ ގަދަ 10ގައި ހިމެނުމަށެވެ. މާއްދާތަކުން ޓިއުޝަން ނަގަން ހާއްސަ ސަމާލުކަމެއް ދޭން ފެށި އެވެ. އޭނާގެ އަމާޒަކަށް ވީ، އޯލެވެލްގެ ގަދަ 10ގެ އެއްވަނައިގައި ހިމެނި ޝަރަފުވެރި މަގާމެއް ހޯދުމެވެ. ޓިއުޝަންތަކަށާއި އެކްސްޓްރާ ކްލާސްތަކަށް ދިން ހާއްސަ ސަމާލު ކަމެއްގެ ބޮޑުކަމުން އިޒްހަތުގެ ހުރިހާ ގަޑިތަކެއްހެން ފުރިފައި އޮންނަނީ ކިޔެވުމުގެ ކަންތައްތަކުގަ އެވެ. ބޭކާރު ގޮތުގައި އެންމެ ވަގުތެއް ވެސް ހޭދަނުކޮށް ވޭތޯ އޭނާ މަސައްކަތް ކުރި އެވެ.

ކުރިމަގުގައި މެޑިސިންގެ ދާއިރާއިން ކުރިއަށް ދާން އަޒުމް ކަނޑައަޅައިގެން ހުރި އިޒްހަތު ބުނީ ރާއްޖޭގެ ގަދަ 10ގެ އެއްވަނައިގައި ހިމެނުމާ އެކު ވަރަށް ބޮޑު އުފަލެއް ލިބިއްޖެ ކަމަށެވެ. މިހާރު އޭނާގެ އުންމީދަކީ ބައިނަލް އަގުވާމީ އެވޯޑެއް ހޯދުމެވެ.

މިދިޔަ އަހަރު ސްކޫލްގެ ޑެޕިއުޓީ ކެޕްޓަންގެ މަގާމު ވެސް ފުރި އިޒްހަތު ބުނީ ސްކޫލުގެ ސީނިއާ މަގާމުތަކާއި އިތުރު ހަރަކާތްތަކުގައި އުޅެންޖެހުނަސް އޭނާގެ ކިޔެވުމަށް ބުރޫ ނާރާ ކަމަށެވެ. ނަމަވެސް އޯލެވްލް އިމްތިހާނަށް ތައްޔާރުވި ދުވަސްވަރަކީ ރިޔާސީ އިންތިހާބުގެ ކެމްޕޭން ދުވަސްވަރަށް ވުމުން އޭގެ ނޭދެވޭ އަސަރު އޭނާގެ ކިޔެވުމަށް ފޯރާފައި ވުން އެކަށީގެންވެ އެވެ.

“އެ ދުވަސްކޮޅު ކެމްޕެއިންގެ ތެރޭގައި ލަވަޖެހުމުގެ ސަބަބުން ކިޔަވަން އުނދަގޫވި. ބައެއް ފަހަރު ނުކިޔެވިގެން ފޮތް ބާއްވަން ޖެހޭ ފަހަރު ވެސް ދިޔަ،” އިޒްހަތު ބުންޏެވެ.

އޯލެވެލްގައި ލިބުނު މި ބޮޑު ކާމިޔާބީގެ ފަހަތުގައި ތިބީ އޭނާގެ މަންމަ އާއި ބައްޕަ އަދި މުޅި އާއިލާ އެވެ. އަދި ހާއްސަކޮށް ޝަރީފް ސާ އާއި ރުކްޝާނާ މިސް އާއި ސްކޫލް މެނޭޖްމެންޓްގެ އެހީތެރިކަން އޭނާ ފާހަގަކުރި އެވެ.

އާމިނަތު ޝީނީޒް

އައިމިނަތު ޝީނީޒް
އައިމިނަތު ޝީނީޒް

މިއީ ކިޔެވުމުގައި ނަމޫނާ ކުއްޖެކެވެ. އުންމީދީ ތަރިއެކެވެ. މި ރަށު ހަލީމާ ހައުސް އައިމިނަތު ޝީނީޒަކީ މިދިޔަ އަހަރު އޯލެވެލްގައި މި ރަށުން ބައިވެރިވި އެންމެ ވިދުން ގަދަ ދެ ކުދިންގެ ތެރެއިން އެއް ދަރިވަރެވެ.

ޝީނީޒަކީ ކިޔެވުމުގެ މުޅި ހަޔާތް ވެސް ބާއްޖަވެރި ކުއްޖެކެވެ. އޭނާގެ ރިޕޯޓް ފޯމަކީ ލޯބިން ރައްކާކޮށްލާ ހިތްވާ ވަރުގެ ނަތީޖާތަކެއް ހުރި ފޮތެކެވެ. އެހެންވިޔަސް، އޭނާ ވެސް ލަނޑުދަނޑި ހިފާފައި ހުރީ އޯލެވެލްގައި މަތީ ނަތީޖާއެއް ހޯދުމަށެވެ. އެ ނަތީޖާއިން އޭނާގެ މައިންބަފައިން ހެއްވާލުމަށެވެ.

“މި ލިބުނު ކާމިޔާބީގެ ސަބަބުން އަޅުގަނޑުގެ މަންމަ އާއި ބައްޕަގެ ފަރާތުން ވަރަށް އުފާވާ މަންޒަރުތަކެއް ފެނުނު. އަދި އާއިލާގެ އެންމެންގެ ފަރާތުން ވެސް ވަރަށް އުފާވާ ބަސްތަކެއް އަޑުއިވުން،” ޝީނީޒް ބުންޏެވެ. “އޯލެވެލް އިމްތިހާނަށް ކުރެވުނު ބުރަ މަސައްކަތަށްފަހު މިފަދަ ނަތީޖާއަކަށް ކުރިން ވެސް އުއްމީދު ކުރިން. އަބަދުވެސް އެއްވަނަ ލިބޭނެ ކަމަށް އަމިއްލަ ނަފްސަށް އިތުބާރު އޮތް.”

އެހެން ބައެއް ކުދިންނެކޭ އެއްގޮތަށް ޝީނީޒް ވެސް އޯލެވެލް އަށް ވަރަށް ރަނގަޅަށް ތައްޔާރުވި އެވެ. އޭނާ ވެސް ޝެޑިއުލް ވަކި ގޮތަކަށް ބަހާލި އެވެ. ފިލާވަޅުތައް ދަސްކުރަން ވަކި ގޮތްތަކެއް އިހުތިޔާރުކުރި އެވެ.

“އޯލެވެލް އިމްތިހާނަށް ތައްޔަރުވުމަށްޓަކައި ދުވަސްތައް ގެންދިޔައީ ޝެޑިއުލަކަށް ބަހާލައިގެން. އެ ޝެޑިއުލް ހިތުގައި ރާވާލައިގެން ކުރިއަށް ގެންދިއުމުން ސްކޫލުގެ ހުރިހާ ގަޑިތަކަށް ހާޒިރުވެވި، ގޭގައި ފިލާވަޅު ދަސްކުރަން ވެސް ވަގުތުވި،” އޭނާ ބުންޏެވެ.

ޝީނީޒަކީ މިދިޔަ އަހަރު ސްކޫލުގެ ޑެޕިއުޓީ ސްޕޯޓްސް ކެޕްޓަނެވެ. އެކަމަކު އެއީ އޭނާގެ ކިޔެވުމަށް އޮތް ހުރަހެއް ނޫނެވެ. އޯލެވެލްގައި އިށީން އެހެން ކުދިންނެކޭ އެއްގޮތަށް އޭނާ އަށް ހުރަކަށް ކުރިމަތިވީ، މިދިޔަ އަހަރު ބޭއްވި ފޯރިގަދަ ރިޔާސީ އިންތިހާބެވެ. އެ އިންތިހާބުގެ އަޑުގަދަ ކެމްޕޭންތަކެވެ.

“އޯލެވެލް އަށް ތައްޔާރުވަމުންދިޔަ އިރު މާ ބޮޑު ގޮންޖެހުންތަކެއް ކުރިމަތިނުވޭ. ނަމަވެސް އެ ދުވަސްވަރު ރަށުގެ ސިޔާސީ މަސްރަހު ހަލަބޮލިވުމުގެ ސަބަބުން އޭނާގެ ކިޔެވުމަށް ވެސް ވަނީ ގިނަ ހުރަސްތަކެއް އެޅިފައި،” އޭނާ ބުންޏެވެ.

ޝީނީޒްގެ އުންމީދަކީ ހިސާބުން ބައިނަލް އަގުވާމީ ވަނައެއް ލިބުމެވެ. އެ އުންމީދު އޭނާގެ އެބަ އޮތްކަން އޭނާގެ ވަރުގަދަ ބަސްތަކުން އެނގެ އެވެ.

“އެންމެ ފަހު ވަގުތާ ޖެހެންދެން ވެސް އުއްމީދު ދުލެއް ނުކުރާނަން،” ޑޮކްޓަރަކަށް ވުމުގެ ހުވަފެންތައް އެންމެ ކުޑައިރުއްސުރެ ވެސް ދެކެމުން އަންނަ ދަރިވަރު ބުންޏެވެ. “ޝައުގުވެރިކަން ހުންނަނީ ވެސް ސައިންސްގެ ދާއިރާ އަށް. އެހެންކަމުން ކުރިމަގުގައި އެމްބީބީއެސް ހާސިލުކުރުން އަމާޒަކީ.”

ޝީނީޒްގެ ކާމިޔާބުގެ ފަހަތުގައި ވެސް އޮތީ އާއިލާ އާއި ޓީޗަރުންނެވެ. އެކަން އޭނާ ޝުކުރުވެރިކަމާ އެކު ފާހަގަކުރެ އެވެ.

“އަޅުގަނޑު ގަބޫލުކުރާ ގޮތުގައި އެއްވެސް ދަރިވަރަކަށް އެއްބާރުލުންދޭނެ ބަޔަކުނެތި ކާމިޔާބެއް ނުހޯދޭނެ. އަޅުގަނޑުގެ މަންމަ އާއި ބައްޕަ ދެއްވި ހިތްވަރާއި އާއިލާގެ ފަރާތުން ލިބުނު ނަސޭހަތާއި އެކުވެރިން ވެދިން އެހީތަކަކީ މި ކާމިޔާބީގެ އެންމެ ބޮޑު ސިއްރު. އަދި މުދައްރިސުން ވެދެއްވި އެއްބާރުލުން ފާހަކުރަން. ކޮންމެ ވަގުތެއްގައި ވެސް އޮޅުންފިލުވަން ބޭނުންވާ އެއްޗެއް ޓީޗަރުން ބުނެދޭން ތިބެނީ ތައްޔާރަށް.”

ގުޅުންހުރި ލިޔުންތައް

1 ކޮމެންޓް

  1. Avatar
    Abdul muhaimin

    ދެ ކުދިންނަށްވެސް ވަރަށް ބޮޑަށް މަރުޙަބާ! ކުރިމަގުގައިވެސް ރަނގަޅު ނަމޫނާ ދެ ކުދިންގެގޮތުގައި ފެނިގެން ދާނެކަމަށް އުއްމީދު ކުރަން. އިސްދަރިވަރެއްގެ ޙައިސިއްޔަތުން ބޭބެވެސް ވަރަށް އުފާވެއްޖެ.

    ރައްދު

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.