އޭދަފުށީގެ ބަދަލުވަމުންދާ ސިޔާސީ ވެށި

މިދިޔަ އަހަރު ބޭއްވި ރިޔާސީ އިންތިހާބުގެ ވޯޓްލުމުގެ ތެރެއިން- އީޓީ ފޮޓޯ
މިދިޔަ އަހަރު ބޭއްވި ރިޔާސީ އިންތިހާބުގެ ވޯޓްލުމުގެ ތެރެއިން- އީޓީ ފޮޓޯ

ލިޔުނީ؛  ހަސަން ވަހީދު

[ހަސަން ވަހީދަކީ ސްޓެޓިކްސް ނުވަތަ ތަފާސްހިސާބު އެނަލައިސް ކުރެއްވުމުގެ ފަންނުގައި އަރާ ހުންނެވި ބޭފުޅެކެވެ. މި ރަށަށް އުފަން ބޭފުޅަކަށް ނުވިޔަސް، އޭނާގެ މި މައުލޫމާތުކޮޅުން އެކަނި ވެސް އޭދަފުށީގެ ސިޔާސީ މަސްރަހު ބަދަލުވަމުން، އެނބުރެމުންދާ ގޮޮތް އެބަ ސާފުވެ އެވެ. މި ދިރާސާ ތައްޔާރުކުރުމުގައި ބޭނުންކޮށްފައިވާ ތަފާސްހިސާބު ނަގާފައި ވާނީ ރިޔާސީ އިންތިހާބުތަކުގައި ހަމައެކަނި އޭދަފުށީގައި ބަހައްޓާފައިވާ ފޮށިތަކުންނެވެ. އޭދަފުށީގައި ނެގި ވޯޓުތައް އޭނާ ދިރާސާކޮށްލެއްވިއިރު، މުޅިން އާ ކަންތައްތަކެއް ފެނިގެން ދެ އެވެ]

ޚުދު އަޅުގަނޑު ވެސް އަޑުއަހާފައިވަނީ އަދި އެހެން އެންމެން ވެސް ސިޔާސީ ގޮތުން ސިއްކަ ޖަހަނީ އޭދަފުއްޓަކީ މައުމޫނަށް ވަފާތެރި ރަށެއްގެ ގޮތުގަ އެވެ؛ އެއީ ވެދާނެ ގޮތެކެވެ. ސަބަބުތަކެއް ވެސް އެބަހުއްޓެވެ. ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި މި ރަށަށް އައި ތަރައްގީއަކީ އެހެން އެއްވެސް ރަށަކަށް އައިސްފައިވާ ނުވާ ތަރައްގީ އެކެވެ. ކޮންމެ ފެންވަރެއްގައި ހިދުމަތް ހުއްޓަސް، ނުލިބޭ ހިދުމަތެއް ނެތެވެ. އެހެންވެ، އޭގެ ހަދިޔާއެއްގެ ގޮތުން މި ރަށުގެ ވޯޓުގެ ނަތީޖާ މައުމޫންގެ ކޮޅަށް ވަރަށް ބޮޑަށް ބުރަވެ އެވެ. ޚުދު އެމަނިކުފާނާއި އެ މަނިކުފާނު ނިސްބަތްވާ ސަރުކާރުތައް ވެސް ދެކެނީ މިއީ ބަދަލު ނުވާނެ ރަށެއްގެ ގޮތުގަ އެވެ.

އެކަމަކު އެއީ މުޅިން ރަނގަޅު ވިސްނުމެއް ނޫނެވެ. ވޭތުވެދިޔަ އެކިއެކި އިންތިހާބުތަކުގައި އޭދަފުށީގެ ނަތީޖާތައް ދައްކަނީ މުޅިން އެހެންނެއް ނޫނެވެ. މައުމޫނަށް ވަފާތެރި މީސްމީހުން ބަދަލުވަމުން އަންނަތަން ވޯޓުގެ ނަތީޖާތަކުން ފެނެ އެވެ. އަދި އެމަނިކުފާނާ އިދިކޮޅު ފިކުރު މަޑުމަޑުން ވަރުގަދަ ވަމުން އަންނަތަން ވޯޓުތަކުގެ ނަތީޖާ ދިރާސާކޮށްލުމުން އެބަ ފެނެ އެވެ. އެ ނަތީޖާތައް ދައްކާ ގޮތުން ވިސްނޭ އެހެން ކަމެއް ވެސް އެބައޮތެވެ؛ އެމްޑީޕީގެ ފިކުރު އޭދަފުށީގައި މަޑުމަޑުން ފިރުކެމުން އައިސް، އެންމެ ފަހުން އެ ފިކުރު މުޅި ރަށުގެ މެޖޯރިޓީ ކޮންޓްރޯލް ކޮށްފާނެ ކަމުގެ ނިޝާންތަކެވެ.

ރިޔާސީ އިންތިހާބު :2008 (ފުރަތަމަ ބުރު)

ppm

ރާއްޖޭގައި އެންމެ ފުރަތަމަ ބޭއްވި މަލްޓި ޕާޓީ، ނުވަތަ ސިޔާސީ ޕާޓީތައް ހިމެނޭ ގޮތަށް ބޭއްވި ފުރަތަމަ ވާދަވެރި އިންތިހާބު އައީ ސިޔާސީ ޕާޓީތަކުގެ ހަރަކާތްތައް ރަށްރަށުގައި ފެށުނުތާ މާ ގިނަ ދުވަހެއް ނުވެ އެވެ. އޭރު ރައީސް މައުމޫންގެ ވެރިކަމުގެ މޫ ހުރިހާ ރަށަކަށްހެން އޮތީ ވަރަށް ފުނަށް ފެތުރިފަ އެވެ. ހާއްސަކޮށް، މި ރަށް ކަހަލަ މައުމޫނުގެ ހާއްސަ އެހީތެރިންގެ ބާރު ގަދަވެފައި އޮތް ދުވަސްވަރެއްގައި އޭދަފުށިން ވަނީ ފާހަގަކުރެވޭ ވަރުގެ ނަތީޖާއެއް މައުމޫނާ ދެކޮޅު ކެންޑިޑޭޓުން ހޯއްދަވައިފަ އެވެ. ދެހާސް އަށެއްގެ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ހަ ކެންޑިޑޭޓުން ވާދަކުރެއްވިއިރު، މައުމޫނަށް މި ރަށުން ލިބިވަޑައިގަތީ ވޯޓުގެ 796 ވޯޓު ނުވަތަ 60 ޕަސެންޓެވެ. މިއީ އާންމުކޮށް 90 ޕަސެންޓަށް ވުރެ މަތިން ވޯޓު ހޯއްދަވަމުން ވަޑައިގެންނެވި މައުމޫނަށް، ސިޔާސީ މައިދާނުގައި ބަޔަކާ ފުރަތަމަ ވާދަކުރައްވަން ޖެހިވަޑައިގަތުމުން މި ރަށުން ލިބިވަޑައިގަތް ވޯޓުގެ ޖުމްލަ އެވެ. އިދިކޮޅު ކެންޑިޑޭޓުން މި ބުރުގައި 515 ނުވަތަ 39 ޕަސެންޓް ހޯއްދެވި އެވެ. ކުރީގެ ރައީސް މުހަންމަދު ނަޝީދަށް މި ބުރުން މި ރަށުން ލިބިވަޑައިގަތީ 24 ޕަސެންޓް ނުވަތަ 321 ވޯޓެވެ.

ރިޔާސީ އިންތިހާބު :2008 (ދެވަނަ ބުރު)

މި ބުރުގައި ވާދަކުރެއްވީ ރައީސް މައުމޫނާއި ރައީސް ނަޝީދެވެ. މި ބުރުން އެންމެ ހާއްސަކޮށްލަން ޖެހޭ އަދި އެންމެ ހައިރާންވި ކަމަކީ، ފުރަތަމަބުރާ އަޅާބަލާއިރު ރައީސް މައުމޫނަށް އިތުރުވީ އެންމެ ތިން ވޯޓު ކަމެވެ. އެކަމަކު ރައީސް ނަޝީދަށް 165 ވޯޓު އިތުރުވި އެވެ. ރައީސް މައުމޫންގެ ވެރިކަމުގެ 30 އަހަރު މި ބުރާ އެކު ނިމިގެން ދިޔައިރު، އޭދަފުށިން ވެސް ވަނީ ތަފާތު ދައްކައިދީފަ އެވެ. އޭދަފުށީގެ ނަތީޖާއިން ނަޝީދު ބަލިވިޔަސް، ރައީސް މައުމޫނަށް ލިބިވަޑައިގަތް ސަޕްރައިޒް ނަތީޖާއެއް މިރަށަކުން ނުނުކުމެ އެވެ. އޭގެ ބަދަލުގައި 2008 ނިމިގެން ދިޔައީ އެމްޑީޕީގެ ކުލަ ގަދަވަމުންނެވެ.

mdp.

ރިޔާސީ އިންތިހާބު 2013 (ބާތިލްކުރި ބުރު)

 މަލްޓި ޕާޓީ ޑިމޮކްރަސީގެ ފުރަތަމަ ރިޔާސީ އިންތިހާބު ބޭއްވިތާ މިދިޔަ އަހަރަށް ފަސް އަހަރުވީ އެވެ. ރަށަށް ބަދަލުތަކެއް އަތުވެއްޖެ އެވެ. މިހާރު ވޯޓުތަކުން ނުކުން ނަތީޖާތައް ވެސް ތަފާތުވެއްޖެ އެވެ. އެމްޑީޕީ ވެސް އަރަފޯދި، ރަށުގައި ބަސް ބުނާ ޖަމާއަތަކަށް ވެއްޖެ އެވެ. ރީނދޫ ކުލަ ގަދަވެއްޖެ އެވެ. އެކަން ވޯޓުގެ ނަތީޖާތަކުން ވެސް ދައްކަން ފަށައިފި އެވެ.

މިދިޔަ އަހަރު އިންތިހާބުގެ ތިން ބުރެއްގައި ވޯޓު ނެގި އެވެ. އެއީ ބާތިލްކުރި ބުރަކާއި ފުރަތަމަ ބުރާއި ދެވަނަ ބުރެވެ. ހައިރާން ވާ ވަރުގެ ނަތީޖާތަކެއް ނުކުތެވެ. ރަށުގެ ސިޔާސީ ވެއްޓަށް ފަސް އަހަރުގެ ތެރޭގައި އައި ބަދަލު އެ ނަތީޖާތަކުން ވަރަށް ރީތިކޮށް ފެނުނެވެ. ރައީސް މައުމޫން ރަށަށް ވަޑައިގެން ވާހަކަފުޅު ދައްކަވައި އޭދަފުއްޓަށް ތައުރީފު ކުރެއްވި ނަމަވެސް، ވޯޓު އައީ ދިމާއިދިކޮޅަށެވެ. ނުވަދިހަ ޕަސެންޓްގައި ހިފަހައްޓަމުން އައިސް، ދެން އައި އިންތިހާބުގައި 60 ޕަސެންޓަށް ވެއްޓި، މި ފަހަރު ރައީސް މައުމޫނަށް ނުވަތަ އެމަނިކުފާނުގެ ލީޑާޝިޕްގެ ދަށުން ނުކުމެވަޑައިގަތް އެމަނިކުފާނުގެ ކޮއްކޯފުޅު މިހާރުގެ ރައީސް އަބްދުﷲ ޔާމީނަށް ރަށުން ލިބިވަޑައިގަތް ވޯޓުގެ ޖުމްލަ ވަނީ 34 ޕަސެންޓަށް ވެއްޓިފަ އެވެ. މި ބުރުން ކުރަހައިދިން އަނެއް މަންޒަރަކީ، ޔާމީނަށް ލިބިވަޑައިގަތް ވޯޓު ރައީސް ނަޝީދަށް ވުރެ ވެސް ދަށަށް ދިޔަ ކަމެވެ. އަދި އަނެއް މަންޒަރަކީ ފަސް އަހަރު ކުރިން އޭދަފުށިން ތިރީހަކަށް ވޯޓު ލިބިވަޑައިގަތް ގާސިމް އިބްރާހީމަށް މި ބުރުން މި ރަށުން 402 ވޯޓު ލިބިވަޑައިގަތް ކަމެވެ. މާނައަކީ، ސީދާ ރައީސް މައުމޫނަށް ނުވަތަ ޕީޕީއެމަށް ކުރާ ސަޕޯޓް އެމްޑީޕީ އަށް ވުރެ ދަށް ކަމެވެ.

ރިޔާސީ އިންތިހާބު 2013 (ފުރަތަމަ ބުރު)

ސުޕްރީމް ކޯޓުން ބާތިލް ކުރި ބުރުން ޕީޕީއެމަށް ރަނގަޅު ފިލާވަޅެއް ލިބިއްޖެ އެވެ. އެ ޕާޓީގެ ހިންގުންތެރިން އަރުވާ ޖަހާލައި، މަސައްކަތް އިތުރުކޮށްފި އެވެ. “ދެން ތިހެނެއް ނުވާނޭ” ބުނެ އެމްޑީޕީގެ ވޯޓުތައް އަނބުރާލެވޭތޯ މަސައްކަތް ފެށި އެވެ. އޭގެ ނަތީޖާ ފޮންޏެވެ. މި ބުރުން އެންމެ މަތީ ވޯޓު ހޯއްދެވީ ނަޝީދެއް ނޫނެވެ. ޔާމީނެވެ. އޭދަފުށީގައި ބަހައްޓާފައި ހުރި ތިން ވޯޓު ފޮށި ގުނާލިއިރު، ޔާމީނަށް ވަނީ 38 ޕަސެންޓް ލިބިވަޑައިގެންފަ އެވެ. ނަޝީދަށް ލިބިވަޑައިގަތީ 27 ޕަސެންޓެވެ. ޕީޕީއެމްގެ ފަހުލަވާނުންގެ މަސައްކަތުން ކުރީ ބުރަށް ވުރެ މި ބުރުގައި ޔާމީނަށް 80 ވަރަކަށް ވޯޓު އިތުރުކޮށްދިން އިރު، ނަޝީދަށް ލިބިވަޑައިގަތް ވަރު ދިޔައީ މަދުވެގެންނެވެ. ބެލެވޭ ގޮތުގައި ގާސިމަށް ކުރީ ބުރުގައި ވޯޓު ދިން ގިނަ ބަޔަކު މި ބުރުގައި ޔާމީނަށް ވޯޓު ދީފައި ވެ އެވެ.

ރިޔާސީ އިންތިހާބު 2013 (ދެވަނަ ބުރު)

 ރައީސް ޔާމީން ވެރިކަމަށް ވަޑައިގަތީ ޖުމްހޫރީ ޕާޓީގެ ވެސް މަސައްކަތުންނެވެ. މާނައަކީ، ރައީސް ނަޝީދު ގިނިކަންޏާ ނުކުންނެވިއިރު، އަނެއްކޮޅު އޮތީ ކޯލިޝަނެއްގެ ވަރުގަދަ ފާލަމެއްގެ މަތީގައި ހަމަޖެހިލައިގެން ކަމެވެ. މި ބުރުގެ ނަތީޖާ ވަރަށް ސާފެވެ؛ ފުރަތަމަ ބުރުގައި ގާސިމަށް ލިބިވަޑައިގަތް ހުރިހާ ވޯޓަކާއި ޔާމީނަށް ލިބިވަޑައިގަތް ޖުމްލަ ހަދާލުމުން މި ބުރުގައި ޔާމީނަށް ލިބިވަޑައިގަތް ވޯޓުގެ ޖުމްލަ ލިބުނީ އެވެ. ވީ ވެސް، އެހެންނެވެ. ޔާމީނަށް މި ބުރުގައި 966 ވޯޓު ނުވަތަ 65 ޕަސެންޓް ހޯއްދެވި އެވެ. ނަޝީދަށް ލިބިވަޑައިގަތީ 515 ނުވަތަ ޖުމްލަ ވޯޓުގެ 34 ޕަސެންޓެވެ.

މި ހުރިހާ ނަތީޖާތައް ދައްކާ ގޮތުން، މި ރަށުގައި ސީދާ އެމްޑީޕީ އަށް ތާއީދުކުރާ، ނުވަތަ އެމްޑީޕީ އުފެދުނީއްސުރެ އެ ޕާޓީ އަށް ވޯޓު ދޭ އާބާދީއެއް އެބައޮތްކަން ޔަގީންވެ އެވެ. އެއީ ރަށުގައި ދިރިއުޅޭ ވޯޓުލާ އާބާދީގެ ތިންބައިކުޅަ އެއްބަ އެވެ. ހުރިހާ އިންތިހާބުތަކެއްގެ ނަތީޖާ ދައްކާ ގޮތުން ވެސް ރައީސް ނަޝީދަށް އެވްރެޖްކޮށް 35 ޕަސެންޓް ވަނީ ލިބިވަޑައިގެންފަ އެވެ. އެ ނިސްބަތް އެއަށް ވުރެ މާ މައްޗަކަށް ވެސް އަދި މާ ދަށަކަށް ވެސް ނުދެ އެވެ. އެހެން ނަމަވެސް، މައުމޫނަށް ނުވަތަ ޕީޕީއެމަށް އޮތް ތާއީދު ދަނީ އަރަމުން ވެއްޓެމުން، ވެއްޓެމުން އަރަމުން ކަހަލަ ގޮތަކަށެވެ. ޔަގީންވާ އަނެއް ކަމަކީ، ގާތްގަނޑަކަށް 60 ޕަސެންޓް މީހުން އެމްޑީޕީ ފިކުރާ އަބަދު ވެސް ދެކޮޅު ހަދަމުންދާ ކަމެވެ. އެހެން ނަމަވެސް، ޕީޕީއެމަށް އޮތް ނުރައްކަލަކީ މި އެވެ؛ ތިން ވަނަ ކެންޑިޑޭޓަކު ވާދަކުރާ އިންތިހާބެއް ވިއްޔާ ޕީޕީއެމްގެ ސަޕޯޓަރުން ބެހިގެން ދާ ކަމެވެ. ތިން ކެންޑިޑޭޓުން ގާތްގަނޑަކަށް ދާދި އެއްވަރުގެ ނަތީޖާއެއް ހޯދަމުންދާ ކަމެވެ.

ގުޅުންހުރި ލިޔުންތައް

2 ކޮމެންޓް

  1. Avatar
    Mohamed

    ރިޕޯޓަރ ނިދައިގައި އިންހެން ހާދަހީވެޔޭ. ބަލަ ތުޅާދޫ އެންމެން ލައްވާ ވޯޓްލީމަ ނިކުތް ނަތީޖާ އެއީ. ދަނާލުގަ އުޅޭ ހުރިހާއެންމެން ކަހަލަ ގޮތަކަށް ވޯޓްދިނީ އައްނިއަށް. އޭދަފުށި ބަދަލެއްނުވޭ……. ޓެސްޓްއަކަށް ނިކަން ހަމައެކަނި އޭދަފުށިން ވޯޓެއް ނަގާލަބަލަ؟؟؟؟

    ރައްދު

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.