އުރީދޫގެ އާންމު ހިއްސާދާރުންގެ ޑިރެކްޓަރުކަމަށް ކުރިމަތިލާން ހުޅުވާލައިފި

އާންމު ހިއްސާދާރުންގެ ފަރާތުން ބޯޑަށް އިންތިހާބުކުރާ ޑިރެކްޓަރުގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު އުރީދޫއިން ހުޅުވާލައިފި އެވެ.

އުރީދޫއިން ކުރި އިއުލާނެއްގައި ބުނީ އާންމު ހިއްސާދާރުންގެ ފަރާތުން އިންތިހާބުކުރާ ބޯޑު ޑިރެކްޓަރުގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު އަންނަ ޖެނުއަރީ މަހުގެ 30 ވަނަ ދުވަހުގެ ހެނދުނު 10:00 އަށް ހުޅުވާލާފައިވާ ކަމަށެވެ.

އެ މަގާމަށް ކުރިމަތިލާން އެދި ހުށަހަޅާ ފަރާތްތައް އުރީދޫގެ ނޮމިނޭޝަން އަދި ރެމިއުނަރޭޝަން ކޮމިޓީން ބެލުމަށްފަހު ޝޯޓްލިސްޓު ކުރެވޭ ފަރާތްތަކުގެ ނަންތައް ޑިރެކްޓަރުންގެ ބޯޑަށް ހުށަހަޅާނެ އެވެ.

ޝޯޓްލިސްޓު ކުރެވޭ ފަރާތްތަކުގެ ނަންތައް ހިއްސާދާރުންނަށް ފޮނުވާނީ މާޗް 2020 ގައި ބާއްވާ އަހަރީ އާންމު ޖަލްސާގެ ނޯޓިސްއާއި އެޖެންޑާއާއެކުގަ އެވެ.

އެ މަގާމަށް ކުރިމަތިލާ ފަރާތްތަކުން ފުރިހަމަ ކުރަން ޖެހޭ ޝަރުތުތަކުގެ ތެރޭގައި އުރީދޫގެ ހިއްސާދާރަކަށް ވުން، ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީގެ ކޯޕަރޭޓް ގަވަނަންސް ކޯޑުގެ ފެންވަރާއި ޝަރުތު ހަމަވުން، ބައިނަލްއަޤްވާމީ ފެންވަރުގައި ބަލައިގަންނަ ޔުނިވާސިޓީއަކުން ޑިގްރީ ހާސިލުކޮށްފައިވުން އަދި ބޭރުގެ ނުވަތަ ރާއްޖޭގެ ކުންފުންޏެއްގެ އިސް މަގާމެއްގައި މަދުވެގެން 10 އަހަރުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން ހިމެނެ އެވެ.

މި މަހުގެ 16 ވަނަ ދުވަހު އުރީދޫއިން ބޭއްވި ޚާއްސަ ގޮތުން ކުރާ އާންމު ޖަލްސާގައި އެ ކުންފުނީގެ ހިންގާ ގަވާއިދަށް ގެނައި އިސްލާހުގައި އާންމު ހިއްސާދާރުން ހޮވާ ޑިރެކްޓަރުގެ މަޤާމުގެ މުއްދަތަކީ ތިން އަހަރު ކަމަށް ހިއްސާދާރުން ވަނީ ފާސްކޮށްފަ އެވެ.

އެއާއެކު 2020 މާޗްގައި އިންތިހާބުކުރާ ޑިރެކްޓަރު މަގާމުގައި ދެމިހުންނާނީ 2022 ގެ އަހަރީ އާންމު ޖަލްސާއާ ހަމައަށެވެ.

ބޯޑު ޑިރެކްޓަރުގެ މަގާމަށް ކުރިމަތިލާން ހުށަހަޅަންޖެހޭ އެޕްލިކޭޝަން ފޯމު އެކުންފުނީގެ ވެބްސައިޓުންނާއި ބޮޑުތަކުރުފާނު މަގުގައި ހުންނަ އުރީދޫގެ ހެޑް އޮފީސް (ހ.ސަންލީޓު، 5ވަނަ ފަންގިފިލާ،)އިން ހަފްތާ ބަންދު ނޫން ކޮންމެ ދުވަހަކު، ހެނދުނު 8:30 އިން 4:40 އަށް ލިބެން ހުންނާނެ އެވެ.

އެ ފޯމު ހުށަހަޅާނީ އުރީދޫ ހެޑް އޮފީހަށް އީމެއިލް މެދުވެރިކޮށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.