ކުޑަކުޑަ ހަތަރު ދަރިންނާ އެކު ޔޫރަޕް އަންހެނަކު އޭދަފުށީގައި ދިރިއުޅެނީ!

a

ފުރާއުމުރުގެ ދުވަސްވަރު އެ ދެ މީހުން އެކަކު އަނެކަކާ ބައްދަލުވެ ފުރަތަމަ ދުވަހުން ފެށިގެން ރަހުމަތްތެރިކަން އުފެދުނެވެ. ދެ މީހުން ވެސް ކިޔަވަމުން ދިޔައީ އިނގިރޭސިވިލާތުގެ ޔުނިވާސިޓީއެއްގަ އެވެ. ރަހުމަތްތެރިކަން އަށް އަހަރު ފަހުން ލޯތްބަށް ބަދަލުވެ، އޭގެ އަހަރެއް ފަހުން ކައިވެންޏާ ހަމައަށް ދިޔަ އެވެ. ފޮނި ހުވަފެންތަކެއް ދެކެމުންނެވެ. އެކަމަކު އެއިން އެއްވެސް ހުވަފެނެއްގައި އެ މީހުން ދުވަހަކު ވެސް ހީކޮށްފައި ނުވާ ކަމެއް މިއަދު މި ވަނީ ތަޖުރިބާކުރަން ޖެހިފަ އެވެ. ބައި ބޯ، ބޮޑު ގައުމެއްގެ ދިރިއުޅުން ދޫކޮށްލައި، ކުޑަކުޑަ ރަށެއްގައި އެ މީހުންގެ ދަރިންނާ އެކު ދުވަސްތައް ހޭދަކުރަން ޖެހުމެވެ. ގޯޑަން ޖެކްސަނާއި އޭނާގެ އަނބިމީހާ ހެލަން ޖެކްސަން މިއަދު އެތިބީ އުފަން ގައުމު އިނގިރޭސިވިލާތް ދޫކޮށް އޭދަފުށީގެ ނުވަތަ ރަށްފުށުގެ ދިރިއުޅުމުގަ އެވެ. އެކަމަކު އެއިން އެކަކުގެ ވެސް ޝަކުވާއެއް ނެތެވެ. އުމުރުން 3 އަހަރުން ފެށިގެން 9 އަހަރާ ދެމެދުގެ ހަތަރު ކުދިން ގޮވައިގެން ދިރިއުޅެން އޭދަފުށީގެ ފަސްގަނޑު އެ މީހުންނަށް މާ ރައްކާތެރި އެވެ. މާ މިނިވަނެވެ. އުފާވެރިކަން މާ ބޮޑެވެ. އެ ކުދިން ހާސިލް ކުރަމުން ދަނީ އޭދަފުށީގެ ތައުލީމެވެ. ކަނީ މި ރަށުން ވިއްކަން ހުންނަ އެއްޗެކެވެ. ގޯޑަން އަދާކުރަނީ، ކުރިމަތީގައި އޮތް އަގު ބޮޑު ރިސޯޓް، ސޮނަވާފުށީގައި ތިމާވެއްޓާ ބެހޭ މެނޭޖަރުގެ ވަޒީފާ އެވެ. އެކަމަކު އޭނާގެ އަނބިމީހާ އަކީ މިހާރު “މިރަށު މީހެކެ”ވެ. ހަތަރު ކުދިންނާ އެކު ރަށުގެ ހުރިހާ ހަރަކާތެއްގައިހެން ބައިވެރިވެ އެވެ. ހެލަންގެ ހިތުގައި މި ރަށަށް އާދަޔާހިލާފު ލޯތްބެއް ވަނީ އުފެދިފަ އެވެ. ވޭތުވެދިޔަ ދެ އަހަރެއްހާ ދުވަސް މި ރަށުގައި ދިރިއުޅުނު އިރު އޭނާގެ ހިތުގައި މި ރަށު ރައްޔިތުންގެ ހިތްހެޔޮކަން އޮތީ ބިންވަޅު ނެގިފަ އެވެ.

b

ރާއްޖޭގެ ނަން އެ މީހުންނަށް ކުރިން ވެސް އިވެ އެވެ. އެކަމަކު ރާއްޖެ އައިސް، މިކަހަލަ ރަށެއްގައި އުޅެން ޖެހިދާނެ ކަން ގަބޫލުކުރަން ވެސް އެ މީހުން ބޭނުންވީ މި ރަށަށް އާދެވުނު ފަހުންނެވެ. އެ ދެމަފިރިންނާއި ކުދިންނަށް ވެސް މި ރަށް މިހާރު ވަނީ ހިތްގައިމު ރަށަކަށް ވެފަ އެވެ. އެ މީހުންގެ ބީރައްޓެހިކަން ކަނޑުވާލައި، ހާއްސަ ލޯތްބެއް އުފައްދައިދިނީ މިރަށު ރައްޔިތުންނެވެ.

“އަހަރެމެން މިރަށާ ދޭތެރޭ ވަރަށް ހިތްހަމަޖެހޭ. އެންމެން ވެސް ވަރަށް ރަހްމަތްތެރި. އަދި މިތަން އަހަރެމެންގެ ކުދިންނަށް ޔޫކޭ ]އިނގިރޭސިވިލާތް[ އަށްވުރެ މާ ބޮޑަށް ވެސް ރައްކާތެރި. އެތާނގައި ނުލިބޭވަރުގެ މިނިވަންކަމެއް މި ރަށުގައި އެ ކުދިންނަށް ލިބޭ،” ކެމްބްރިޖަށް އުފަން ގޯޑަންގެ އަންހެނުން ހެލަން، 40، ބުންޏެވެ.

ހެލަންގެ ހަތަރު ކުދިންގެ ތެރެއިން ސްކޫލަށްދާ އުމުރުގެ ތިން ކުދިން ވެސް ބަރާބަރަށް ސްކޫލަށް ދެ އެވެ. ދޮށީ ދަރިފުޅު، ޕީޓަރ، 9، ކިޔަވަނީ ބ. އަތޮޅު ތައުލީމީ މަރުކަޒުގެ ގްރޭޑް ހަތަރެއްގަ އެވެ. އުމުރުން އަށް އަހަރުގެ ސިންމީ ކިޔަވަނީ އެ ސްކޫލުގެ ގްރޭޑް ތިނެއްގަ އެވެ. ހަމައެކަނި އަންހެން ދަރިފުޅު ސިސިލީ، 4، ކިޔަވަނީ ބަހިއްޔާ ޕްރީ ސްކޫލުގެ ޔޫކޭޖީގަ އެވެ. އެންމެ ހަގު ދަރިފުޅު ސިލަސްގެ އުމުރުން އަދި ވީ ތިން އަހަރެވެ.

މި ހުރިހާ ކުދިން ބެލުމުގެ ފުރިހަމަ ޒިންމާ ނަގައިގެން މަންމައެއްގެ ރޯލު ފިސާރި ރަނގަޅަށް ނަގަމުން ދަނީ ހެލަން އެވެ. ކުދިން ބަލާ ސްކޫލު ދޮށަށް ގޮސް، ކައްކައި، ކާންދީ ގޭތެރޭގެ ހުރިހާ މަސައްކަތެއްގައި ވެސް ދުވާލުދާ ހަތަރުދަމު އުޅެނީ ހެލަން އެވެ. އޭނާގެ އެ މަސައްކަތުގައި ރަށުގެ ބައެއް މީހުން ވެސް އެހީތެރިވެ ދެ އެވެ. އެ މީހުން ދިރިއުޅެމުން އަންނަނީ ސޮނެވާފުށިން ކުއްޔަށް ހިފާފައި ހުންނަ ގެއެއްގަ އެވެ.

“އަވަށްޓެރިންގެ ފަރާތުން ލިބޭ އެހީތެރިކަން ވަރަށް ބޮޑު،” އަމިއްލަ ގައުމުގައި ޕްރައިމަރީ ކެއާ ޑޮކްޓަރެއްގެ ގޮތުގައި މަސައްކަތްކުރި ހެލަން ބުންޏެވެ.

އޭގެ ތެރެއިންވެސް އެއް ނަމެއް އޭނާ ހާއްސަކުރި އެވެ. އެއީ މިރަށު ހިކިފިނިފެންމާގެ ޝަރީފާ ހުސެއިން އެވެ.

“އޭނަގެ އެހީތެރިކަން އެހާބޮޑަށް ނުލިބޭ ނަމަ މިގޮތަކަށް އަހަރެމެންނަށް މިތާގަ ނޫޅެވުނީސް،” އޭނާ ބުންޏެވެ.

d

ވަރަށް ބިޒީ، ގެވެހި މަންމައެއް ނަމަވެސް، ރަށުގެ ހަރަކާތްތަކުގައި ބައިވެރިވުން ވެސް އޭނާ ދުލެއް ނުކޮށްލަ އެވެ. ބެލެނިވެރިއެއްގެ ހައިސިއްޔަތުން ސްކޫލްގެ ހަރަކާތްތަކުގައި އޭނާ ބައިވެރިވެ އެވެ. މީގެ އިތުރުން މި ރަށުގައި ހުންނަ އަތޮޅު ހޮސްޕިޓަލުގައި ހަފްތާއަކު އެއް ދުވަހު އޭނާ ހިލޭސާބަހަށް ބަލި މީހުންނަށް ފަރުވާ ވެސް ދެ އެވެ. އަދި ހެލަންގެ ހުރި ހަމައެކަނި އަންހެން ދަރިފުޅު ކިޔަވަމުންދާ ބަހިއްޔާ ޕްރީ ސްކޫލްގައި މަސައްކަތްކުރާ މުދައްރިސުންގެ މަސައްކަތުގައި ވެސް އޭނާ ބައިވެރިވެ އެވެ.

މި ރަށުގެ ތައުލީމާ ދޭތެރޭ އެ ދެމަފިރިންގެ ވެސް ޝަކުވާއެއް ނެތެވެ. ގޯޑަން އާއި ހެލަންގެ ދަރިންގެ ތައުލީމުގެ ބިންގާ މި ރަށުގައި އަޅަމުން ދަނީ ހިތްހަމަޖެހުމާ އެކު އެވެ.

“]މިރަށުގެ ތައުލީމު[ ފަހަރެއްގައި ޔޫކޭ ހާ ރަނގަޅު ނުވެދާނެ. އެކަމަކު މި ރަށު ސްކޫލަކީ ރާއްޖޭގެ ނިސްބަތުން ވެސް ވަރަށް ކާމިޔާބު ސްކޫލެއް. އަހަރެން ދެކޭ ގޮތުގައި ތައުލީމަކީ ހަމައެކަނި ސިލަބަސް ކަވަރުކުރުމެއް ނޫން. މިއީ އަހަރެންގެ ކުދިންނަށް ވެސް ލިބޭ ވަރަށް ރަނގަޅު ތަޖުރިބާއެއް ކަމަށް ދެކެނީ. އަމިއްލަ ރަށް ނޫން އެހެން ތަނެއްގައި ކިޔެވުމަކީ ތަފާތު ގޮންޖެހުންތަކާ ކުރިމަތިލައި ކާމިޔާބު ހޯދުމަށް އެ ކުދިންނަށް ލިބޭ ރަނގަޅު ފުރުސަތެއް ކަމުގައި އަހަރެން ދެކެނީ،” ހެލަން ބުންޏެވެ.

ތައުލީމީ މަރުކަޒުގައި ކިޔަވާ ހެލަންގެ ދެ ކުދިން ވެސް ދިވެއްސާއި އިސްލާމް ފިޔަވައި އެހެން ހުރިހާ ކުލާހެއްގައި ބަރާބަރަށް ބައިވެރިވެ އެވެ. އަދި ސްކޫލްގައި ހިންގާ އެހެނިހެން އިތުރު ހަރަކާތްތަކުގައި ވެސް އެ ކުދިން ބައިވެރިވެ އެވެ.

“ދޮށްޓަށް ތިބި ދެ ފިރިހެން ކުދިން އެއްވެސް ވަރަކަށް ދިވެހި ދަސްކުރުމަކަށް ސަމާލުކަމެއް ނުދޭ. އެކަމަކު އަންހެން ދަރިފުޅު ވަރަށް ބޭނުންވޭ ދިވެހި ދަސްކުރަން،” ހެލަން ބުންޏެވެ.

ރަށުގައި އެ މީހުންނަށް ލިބޭ ނުތަނަވަސް ކަމެއް ވެސް އެބައޮތެވެ؛ އެއީ ބަހުރުވައިގެ މައްސަލަ އެވެ. ހެލަން އަކީ ބްރިޓިޝް އެކްސެންޓުން ވާހަކަ ދައްކާ މީހަކަށް ވާތީ ބައެއް މީހުންނަށް އޭނާ ދައްކާ ވާހަކަ ފަހުމް ނުވުމަކީ، ހެލަން ބުނާ ގޮތުން އޭނާ އަށް ބީރައްޓެހިކަން އިހުސާސްވާ ކަމެކެވެ. ހަމައެއާ އެކު، ބައެއް މީހުންނަށް އިނގިރޭސި ބަސް ނޭނގޭތީ، ވާހަކަ ދައްކަން ބޭނުންވާ ބައެއް ފަހަރު އޭނާ ހުންނަން ވެސް ޖެހެނީ އިސްދަށަށް ޖަހާލައިގެންނެވެ. އަނެއްކޮޅުން، ހެލަން އަށް ދިވެހި ބަހެއް ވެސް ނޭނގެ އެވެ.

“އޭގެ ސަބަބުން )އަހަންނަކީ( ބީރައްޓެއްސެއް ކަމުގެ އިހްސާސް ވަރަށް ބޮޑަށް ކުރެވޭ،” ހެލަން ބުންޏެވެ.

އެކަމަކު އޭގެ ހައްލު ވެސް ހެލަން މިހާރު ވަނީ ހޯދައިފަ އެވެ. އޭނާ ވަނީ ދިވެހި ބަސް ދަސްކުރަން ފަށައިފަ އެވެ. ދިވެހި ބަސް ދަސްކުރުމަށްޓަކައި ބޭރު މީހުންނަށް ހާއްސަކޮށް ތައްޔާރުކޮށްފައިވާ ޑިކްޝަނަރީއެއް އޭނާ މިހާރު ގެންގުޅެ އެވެ. އަދި ގްރޭޑް 1 ގެ ކުދިންގެ ދިވެހި ކިޔުމާއި ލިއުން ވެސް އޭނާ އަންނަނީ އުނގެނެމުންނެވެ.

ދިވެހި ކެއުމަށް ވެސް އެ މީހުން މިހާރު ހޭނިއްޖެ އެވެ. ރަށުގެ އާންމު ކެއުންތައް މިހާރު އެގޭ ތެލިތަކުން ވެސް ފެންނަން ފަށައިފި އެވެ.

“އަހަރެމެންގެ ކުދިން ވަރަށް ރޮށި ކާހިތްވާނެ. ބައެއް ފަހަރު ގަރުދިޔަ ނުވަތަ ރިހަ ވެސް ކައްކަން،” ކާތަކެތީގެ ނަންތައް ދިވެހިބަހުން ކިޔައިދެމުން ހެލަން ބުންޏެވެ.

އޭދަފުށީގެ ދިރިއުޅުމާ ދޭތެރޭ ހިތްހަމަޖެހިގެން ހުރީ ހަމައެކަނި ހެލަން އެކަންޏެއް ނޫނެވެ. އޭނާގެ ފިރިމީހާ، 41 އަހަރުގެ ގޯޑަން ވެސް ހުރީ އުފަލުންނެވެ. މުރާލި އަންބެއް ލިބި، ރަނގަޅު ތަރުބިއްޔަތެއްގައި ދަރިން ބޮޑެތިވަމުން ދާތީ ގޯޑަންގެ ވެސް ހަމަ އެއްވެސް ޝަކުވާއެއް ނެތެވެ. އަނެއްކޮޅުން، ކައިރި ރަށެއްގައި ވަޒީފާ ހަމަޖެހިފައިވާތީ، އަނބިމީހާ އާއި ދަރިންނާ ބައްދަލުކޮށްލަން ކޮންމެ ދުވަހަކު ވެސް ލިބޭތީ ގޯޑަން އަށް ލިބިފައި ވަނީ އާދަޔާހިލާފު ހިތްހަމަޖެހުމެކެވެ.

ގޯޑަންގެ ވަޒީފާ ހަމަޖެހިފައިވާ ގޮތުން ކޮންމެ ދުވަހަކުވެސް އާއިލާއާ އެކު ވަގުތު ހޭދަކުރަން ފުރުސަތު ލިބެ އެވެ. ސޮނެވާފުށީގައި މަސައްކަތްކުރާ މި ރަށުގެ އެހެން މީހުންނެކޭ އެއްގޮތަށް އޭނާ ވެސް ވަޒީފާ އަދާކުރަން ރިސޯޓަށް ދަނީ ހެނދުނު އެވެ. ހަވީރު 5:30 ހާއިރު އެނބުރި ރަށަށް އާދެ އެވެ. އެހެންވެ، ރޭގަނޑުގެ ހުރިހާ ވަގުތެއް އާއިލާއާ އެކު ހޭދަކޮށްލުމަށް ފުރުސަތު ލިބިގެން ދެ އެވެ. އެހީތެރި ފިރިއެއްގެ ވަގުތުތައް ހެލަން އަށް ހުސްކޮށްލަ ދެ އެވެ. ގެއަށް ދެވުމާ އެކު ރޭގަނޑުގެ ކެއުން ތައްޔާރުކުރުމުގައި ހެލަން އަށް އޭނާ އެހީތެރިވެދެ އެވެ. އެންމެ ހަގު ކުއްޖާގެ ނެޕީ ބަދަލުކޮށްދެ އެވެ. ތިން އަހަރު ނުވާ އެ ކުޑަ ދަރިފުޅަށް އާންމުކޮށް ރޭގަނޑު ކާންދެނީ ގޯޑަން އެވެ.

f

“މިއީ ވަރަށް ރަނގަޅު ފިރިއެއް. ގޭތެރޭގެ ކަންކަމުގައި އަހަންނަށް ވަރަށް އެހީތެރިވެދޭ. ބަންދު ދުވަސްދުވަހު ހޭލައިގެން އެދުން ނުތެދުވަނީސް ކޮފީ ވެސް ލިބޭނެ،” އަމިއްލަ ގޭގައި ދެމަފިރިން ތިބެ، އޭދަފުށީ ޓައިމްސް އަށް ދިން ހާއްސަ އިންޓަވިއުގައި ހެލަން ބުންޏެވެ.

އޭދަފުށީގެ ދިރިއުޅުމާއި ރަށު ރައްޔިތުންނާ ދޭތެރޭ އެ ދެމަފިރިންގެ ވެސް ވަނނީ ހިތްހަމަޖެހުމެވެ. އެ މީހުންނަށް ރާއްޖެއިން ފެންނަ ގުދުރަތީ މުއްސަނދިކަމާ އެއްވަރުގެ މުއްސަނދި އެތައް ސިފައެއް މި ރަށުން ވެސް ފެންނަމުން ދެ އެވެ. އެހެންވެ، އެ މީހުން ތިބީ ކުށެއް ދައްކާފައި، ނުވަތަ މިވެނި ކަމެއް ގޯހޭ ބުނެ މި ރަށް ދޫކޮށްފައި ދާން ތައްޔާރަކަށް ނޫނެވެ. އެއީ ޔަގީން ކަމެކެވެ. އެކަން ގޯޑަން އަމިއްލަ އަށް ވެސް އިއުތިރާފު ވި އެވެ.

“ކުދިންނަށް ބޭނުންވާ ކަންކަން މިތަނުން ފުރިހަމަ ކުރެވޭހާ ހިނދަކު މިތަން ދޫކޮށް ދިއުމުގެ ވިސްނުމެއް އަދިއެއް ނެތް. އެ ކުދިން މިތަނުގައި އުޅެމުންދަނީ ހިތްހަމަޖެހިގެން. އެއީ ގައިމުވެސް މިތަނުގައި ތިބުމަށް އަހަރެމެންނަށް ލިބޭ ވަރަށް ބޮޑު ބާރެއް. ވަރަށް ބޮޑު ހިތްހަމަޖެހުމެއް،” ގޯޑަން ހީނލި އެވެ.

ގުޅުންހުރި ލިޔުންތައް

2 ކޮމެންޓް

  1. Avatar
    anonymous

    ައަބްދުލްމުހައިމިން ތިހާ އޭދަފުށްޓާ ދެކޮޅީޔާ މިކަލަ އާޓިކަލްސް ނުކިޔަންވިއެއްނު. އޭދަފުށި ވަރެއް ނުވާނެ. ޖޭވާ މީހުންވެސް އުޅޭ ދޯ.

    ރައްދު
  2. Avatar
    ޢަބްދުލްމުހައިމިން

    ރިޕޯޓެއްގެ ސިފަ ކޮންމެވެސް ވަރަކަށްފެނޭ. އޭދަފުށީގެ މޮޅު ވާހަކަ ސިފަކޮށްދިނުމަށްޓަކައި ލިޔުންތެރިޔާ ވަރަށް ބޮޑަށް ބުރަވެހުރެ ލިޔެފައިވާ ލިޔުމެއް.

    ރައްދު

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.