މާއްޑޫ: މިހާރު ދިރުމެއް ނެތަސް، ކުރިން އެވަރުގެ ރަށެއް ނެތް!

އޭދަފުށީ ކުރިމަތީގައި އޮންނަ މާއްޑޫ: މި ރަށް ހަވާލުކުރި ފަރާތުން އެ ރަށް މިހާރު ވަނީ ނަގާފައި
އޭދަފުށީ ކުރިމަތީގައި އޮންނަ މާއްޑޫ:

 

އަހަރެމެން ރަށުގެ ދެކުނު ފަރާތުގައި އޮތް ފަޅު ރަށް މިހާރު ހިމޭނުން އޮންނަތާ އެތަކެއް އަހަރެއް ވެއްޖެ އެވެ. އެކަމަކު މީގެ 45 އަހަރު ކުރިން އެ ރަށަކީ ހަމަ އެހެން ރަށްރަށެކޭ އެއްގޮތަށް މީހުން ދިރިއުޅުނު ރަށެކެވެ. އެ ރަށް ފަޅުވީ ކީއްވެހެއްޔެވެ؟ އެ ރަށުގައި އުޅުނީ ކޮން ބައެއް ހެއްޔެވެ؟ އެ މީހުންނަށް ކުރިމަތިވީ ކޮން މައްސަލަތަކެއް ހެއްޔެވެ؟ އެ މީހުން މިހާރު ކޮބައިބާ އެވެ؟ — މި ހުރިހާ ސުވާލުތަކަކަށް ލިޔުންތެރިޔާ އަލީ އިމާދުގެ މި އިލްމީ “އަގުހުރި” ދިރާސާ ފުދެ އެވެ. މާއްޑޫގެ ވާހަކަ އޭނާ ގެނެސްދީފައި މިއޮތީ، އެ ރަށަށް ނިސްބަތްވާ މި ޖީލުގެ ދަރިން ވެސް ނޭނގޭ ވާހަކަތަކަކުންނެވެ.

ރާއްޖޭގެ ރަށްތައް ފަޅުވުމުގައި، ވަރަށް ގިނަ “ރޫހާނީ” ސަބަބުތަކެއް ހުރި ކަމަށް ތާރީހުގައި ލިޔެފައި ވެ އެވެ. އެކި ރަށްރަށަށް އެކި ސަބަބުތައް ކުރިމަތިވެފައި ވެ އެވެ. އޭގެ ތެރޭގައި ރަށްރަށުގައި ރޯގާއެއް ފެތުރި ގިނަ ބަޔަކު މަރުވެ ރަށް ނާމާންވުމާއި، ރަށް ގިރުމާއި ޝައިތާނީ ބާރުތަކުން ރަށް ނާމާންވުމާއި، ކަނޑުބޭރިއެރުން ފަދަ ކަންކަން ހިމެނެ އެވެ. މާ ބޮޑު ހެއްކެއް ނެތަސް، ފުރޭތަ އެރުމާއި ގޮތް ނޭނގޭ ބުޅާ އެރުމާއި މިކަހަލަ އެހެނިހެން ވެސް ސަބަބުތައް ހުރެގެން ފަޅުވި ރަށްރަށް ހުރި ކަމަށް ލިޔެވިފައި ވެ އެވެ.

ނަމަވެސް ބ. މާއްޑޫ ފަޅުވީ މިއިން އެއްވެސް ސަބަބެއް މެދުވެރިވެގެން ނޫނެވެ. އަދި މާއްޑޫގައި އެފަދަ އެއްވެސް ހާދިސާއެއް އިހުޒަމާނުގައި ހިނގިކަމުގެ އެއްވެސް އަލާމާތެއް ފެންނާކަށް ނެތެވެ. މާއްޑޫން މީހުން ފައިބަންޖެހުނު ހަމަ އެކަނި ސަބަބަކީ، އާބާދީ މަދުވުމެވެ. ހުކުރު ހަމަވާ އަދަދަށް ]40[ މީހުން ނެތް ރަށްރަށުގެ މީހުން އެހެން ރަށްރަށަށް ބަދަލުކުރުމަށް އޭރުގެ ސަރުކާރުން ހަމަޖެއްސެވުމާ ގުޅިގެން މާއްޑޫ ދޫކޮށްލަން އެ ރަށު މީހުންނަށް މަޖުބޫރުވީ އެވެ.

މާއްޑޫގައި ފުރަތަމަ މީހުން ދިރިއުޅެން ފެށީ ކޮން ދުވަސްވަރެއްގައި ކަމެއް އެނގޭކަށް ނެތެވެ. އެއީ އަތޮޅުގެ ނިސްބަތުން އާބާދީ ކުޑަ ރަށެއް ނޫނެވެ. މާއްޑޫގެ ގަބުރުސްތާނުންނާއި ބަދަލުވި ގޭގޭގެ އަދަދަށް ބަލާއިރު ވެސް ފާހަގަކުރެވެ އެވެ. ބަދަލުވިއިރު ޖުމްލަ 32 ގޭގައި އުޅުނު މީހުންގެ އަދަދު ހަމަގައިމު ވެސް 200 އަށްވުރެ ގިނަވާނެ ކަމަށް ބެލެވެ އެވެ.

މާއްޑޫގެ ހާލަތާއި އާދަކާދަ

މާއްޑުއަކީ އެވޭލާ ޒަމާނުއްސުރެ ފެށިގެން މަސައްކަތްތެރި ބައެކެވެ. މަސްވެރިކަމާއި ދަނޑުވެރިކަމެވެ. ރާވެރިކަމާއި ފޭރާން ވިއުމާއި، ކުނާ ވިއުމާއި، މަސް ކައްކައި ހިއްކައި އޭގެ ކަށިތައް ބޮޑު ގަލެއްގައި ކޮނެހަދާފައިވާ ވަޅުތަކަށް އަޅައި، ތަޅައިގެން އޭގެ ކުނޑި މާލެ ފޮނުވި ބައެކެވެ. ފޭލި، ލިބާސް، ކުޑަރުމާ އަމިއްލަ އަށް އުފައްދައި އެ ތަކެތި ބޮޑުތިލަދުންމައްޗަށް ވިއްކި އެވެ. މާއްޑު އާއި އޭދަފުށްޓަކީ މި އަތޮޅުގައި އެންމެ ރަނގަޅަށް ފޭރާން ކުރި ދެ ރަށްކަމަށް ތާރީހީ އިލްމުވެރިޔާ މުހައްމަދު އިބްރާހީމް ލުތުފީ ލިއުއްވާފައި އޮވެ އެވެ. މާއްޑުއަކީ ރަށަށް ފުދޭވަރަށްވުރެ އިތުރަށް ރުކާއި، ބަނބުކޭލާއި، ކަށިކެޔޮ އަދި ހިތްތަލަ ތިޔާގި ރަށެކެވެ. ވިހި، ތިރީސް މީހުން ރާއެރި ދުވަސްވަރެއް ވެސް ދިޔަ އެވެ. މަސްވެރިކަން ކުރި ތިން ދޯންޏާއި މާލެ ދަތުރުކުރި މާއްޑޫ ރައްޔިތުންގެ ބައްތެލި “ގުލްއައްބާސް” މެދުނުކެނޑި މާލެ ދަތުރުކުރި އެވެ.

ގަބުރުސްތާން
ގަބުރުސްތާން
ކުޑަ މިސްކިއް
ކުޑަ މިސްކިއް

މާއްޑުއަކީ ދީނަށް ލޯބިކުރާ ބަޔަކު އުޅުނު ރަށެކެވެ. މިހާރު ވެސް ފެންނަންހުރި މިސްކިތާއި ގަބުރުސްތާނު ކައީގައި ހުރި ކުޑަ މިސްކިތަކީ ފަސްވަގުތު ބަންގިގޮވައި ނަމާދުކޮށް ބަލަހައްޓަމުން އައި ދެ މިސްކިތެވެ. ކޮންމެ ހުކުރު ހޯމަ ވިލޭރެއަކު ކޮންމެ ގެއެއްގައި ސަލަވާތް ފާތިހާ ކިޔެވި އެވެ. މާލޫދު ކިއުމާއި ދީނީ މުނާސަބަތުތަކުގައި ކަންޒޫރީ ކިއެވެ. އަދި އެކަން ނިމިގެން ގެއިން ގެންދާ ކެއުމަކަށް ބިންމަތީގައި ފަން އަޅައިގެން ތިބެ އިންސާފުކުރެ އެވެ. ކޮންމެ އީދު ނަމާދެއް ކުރަނީ ރަށުގެ ހުޅަނގު ފަރާތުގައި ހަދާފައިވާ ބުންބަރުގަ އެވެ. އީދު ނަމާދު ކުރަނީ މި މައިދާނުގަ އެވެ. އޭދަފުށިންނާއި އެހެން ރަށްރަށުން މުދައްރިސުން ގެންގޮސް ގުރްއާނާއި، ދީނިއްޔާތު ކިޔަވައިދިނެވެ. ފަހުން ގުރްއާނާއި ދީނިއްޔާތު ކިޔަވައިދެއްވުމުގައި ދެމިހުންނެވީ ކުޑަކަތީބު މަރްހޫމް މޫސާ ޔޫސުފެވެ.

ކުޅިވަރާއި މުނިފޫހިފިލުވުމުގައި މާއްޑޫ ރައްޔިތުންނަކީ އެހެން ރަށްރަށަށް ދޫކުރި ބައެއް ނޫނެވެ. ބޮޑުބެރު ގްރޫޕެއް އޮތެވެ. މި ގްރޫޕް ބެރުޖަހަން ރަށްރަށަށް ދިޔަ އެވެ. ފުޓްބޯޅަ އާއި ބަށި ކުޅުނެވެ. އީދު ފާހަގަކުރުމަށް ކޯޑިކުޅެ، ދަނޑިޖަހާ ދިގު މަގުކުޅި ކުޅުނެވެ. ޒަމާނީ ކުޅިވަރެއް ކަމުގައިވާ ބެޑްމިންޓަން ތައާރަފްކުރި އެވެ.

ރާއްޖޭގެ އެހެން ރަށްރަށެކޭ އެއްފަދައިން މާއްޑޫ ރައްޔިތުން ވެސް ތަދުމަޑު ދުވަސްތަކާ ކުރިމަތިލި އެވެ. ނަމަވެސް ބަނބުކޭލާއި، ކާށި އަދި ކަށިކޭލާއި ދިޔާހަކުރު ވަރަށްކުރީ ޒަމާނުއްސުރެ އެ ރަށު ބޭނުންކުރި އެވެ. އެހެނަސް ރަށް ދޫކޮށް އޭދަފުށްޓަށް ހިޖުރަކުރިއިރު ކެއުމާއި ދިރިއުޅުމުގެ ފެންވަރު ހުރީ ވަކި އޭދަފުށްޓަށް ދޫނުކުރާ ފެންވަރުގައޭ ބުނެވިދާނެ އެވެ. އޭދަފުށީ މީހުން ވެސް ކާން ބޭނުންކުރާ ބައެއް ތަކެތި މާއްޑޫން ގެންނަންޖެހޭ ކަމަށް އޭދަފުށީގެ އިހުމީހުން ބުނެ އެވެ. މާއްޑޫގައި ފިހާރައެއް ނެތުމާއެކު ތަކެތި ގަންނަން އަންނަނީ މުޅިން ވެސް އޭދަފުށްޓަށެވެ.

ކަށިކުނޑި ހެދުމަށް ބޭނުންކުރާ ހިރިގާ
ކަށިކުނޑި ހެދުމަށް ބޭނުންކުރާ ހިރިގާ

 ބަލިމަޑުކަމެއް ދިމާވެއްޖެނަމަ އެންމެ އިތުބާރު ފަރުވާ އަކީ ފަންޑިތަ އެވެ. ދިވެހިބޭސް ކުރާ ޚާއްސަ މީހަކު ނެތަސް ފަރުވާ ނުކުރެވިގެން މީހުން މަރުވާ ހާލަތަކަށް ނުދެއެވެ. މުދިންކަލޭގެއަކީ ފަންޑިތަހެދުމާއި ދިވެހިބޭސް ހެދުމުގައި ކުޅަދާނަ މީހެކެވެ. ފޫޅުމައެއް ބޭނުންވާ ކޮންމެ ފަހަރަކު އެ ޚިދުމަތް ހޯދަނީ އޭދަފުށިންނެވެ.

ބަލިމަޑު ރޯގާއެއް، ނާމާންކަމުގެ އަސަރެއް އިހުސާސްކުރަން ނުޖެހުނު ނަމަވެސް އެއްފަހަރަކު ބިރުވެރި ދުވަސްތަކެއް ކުރިމަތިވިކަމަށް އެ ރަށުގެ އިހުގެ މީހުން ބުނެ އެވެ. އިރުވައި މޫސުމެއްގައި ރަށުގެ ވަށައިގެން ބޭރުމަތީގައި ”ދިއްލޭމަހެއް” ކޮންމެ ރެއަކު ދަތުރުކުރާތީ ރަށުގެ އެންމެން އެފަދަ ރޭރޭ ރަށުގައި ހުރި ތަޅުލެވޭ ގޭގެ އަށް ވަދެ އެ ބިރުވެރިކަން އިހުސާސް ކުރަންޖެހުނު ކަމަށް ރަށުގެ ދުވަސްވީ މީހުން ބުނެ އެވެ. މި މަސް ހިފުމަށް، ފޭލި ވިޔާއިރު ބޭނުންކުރާ ވެންތަކެއް ހިފައިގެން ބިރުކުޑަ ހައެއްކަ މީހުން އޮޑިމަގު ނެރު ބޭރުމައްޗަށް ނުކުމެ ބޮޑުގަލެއްގައި ތިބެގެން އެ މަހަށް ހަމަލާ ދޭން މަސައްކަތްކޮށްފައި ވެއެވެ. ނަމަވެސް އެއްފަހަރު ވެސް އެ މަހެއް ނުހިފެ އެވެ. ބުނެވޭ ގޮތުގައި އެ މަސް ދިއްލިފައިވަނީ އެ މަހުގައި ރެދަން ލާފައި ހުރުމުންނެވެ. މި ވަބާއިން ސަލާމަތްވީ މުދިންކަލޭގެ މާލޭގައި ހުރުމަށް ފަހު ރަށަށް ގޮސް ހެދި ފަންޑިތައަކުން ކަމަށް ބުނެވެއެވެ.

އިދާރީގޮތުން ރަށް ހިންގީ ކަތީބާއި، ކުޑަކަތީބާއި، މުދިންބެ އެވެ. ކަތީބަކީ މަރްހޫމް ހުސައިން އަލީ (މާތިލަ/ އޭދަފުށި) އެވެ. ކުޑަކަތީބުކަން ކުރީ މަރްހޫމް މޫސާ ޔޫސުފް (އުދަރެސް/ އޭދަފުށި) އެވެ. މުދިމުންގެ ގޮތުގައި މަރްހޫމް އިބްރާހީމް އަލީ (އައްޔަބެސޮރު) އާއި، ފަހުން މަރްހޫމް ޔޫސުފް މުދިން އެވެ. މީގެ އިތުރުން ރަށުގެ ކަންކަން ބަލަހައްޓާ ކޮމެޓީއެއް އޮވެއެވެ.

މާއްޑޫ މީހުން ރަށުން ފޭބިއިރު މީހުން ދިރިއުޅޭ ގޭގޭގެ އިތުރުން ހުރީ ދެ މިސްކިތާއި މަދަރުސާއަކާއި ކާޑުގެ އާއި، އަންހެނުންގެ ނަމާދުގެއަކާއި، ވަރަށް ތިރި ކުޑަ ޒިޔާރަތެކެވެ. ގިނަ ގޭގެ ހުރީ ރާނާ އުވަޖަހާފަ އެވެ. ކޮންމެ ގެއެއްގައި ބޭރު ފެންޑާ އާއި އެތެރިގެއެއް ހުރެއެވެ. މަދު ގެއެއް ހުރީ ފަނުންނެވެ. ހުރިހާ ގެއެއްގައި ވަޅެއް ނުހުރެއެވެ. މީގެ އިތުރުން ހުރަސްމަގު އުތުރުކޮޅުގައި އޮތްބިމެއްގައި ހުރި ފެންވަޅަކާއި، ބައެއް ގޭގޭގެ ފާރުތައް ފެންނަން އެބަހުއްޓެވެ.

ފިރިހެނުން ފެންވަރަނީ މިސްކިތުވަޅުންނާއި ވަޅު ހުރި ގޭގެ އަށް ގޮސްގެންނެވެ. އަންހެނުން ފެންވެރުމަށް ”ފެންކޮށި” ނަމުގައި ވަށައިގެން ރާނާފައި ތަނެއް ހަދާފައި ހުއްޓެވެ. ހުރިހާ އަންހެނުން ފެންވަރަން ދަނީ މިތަނަށެވެ. މައި ދެ މަގުގެ ގޮތުގައި އޮންނަނީ ރަށް ދިގަށް އުތުރުފަރާތުގައި އޮންނަ މަގާއި، ހުރަސް މަގެވެ. މީގެ އިތުރުން ވަލުމާމަގު، ދެކުނު އަރިމަގު، ކާސިމްބެ މަގު، މަދަން ދަމާމަގު، ފަންކުރަހާމަގު ފަދަ ކުދި މަގުތައް ހުރެއެވެ. މި މަގުތައް މިހާރު ވަނީ ގަސްފަޅާ ފޮރުވިފަ އެވެ.

ރައްޔިތުން ރަށުން ބޭލުން

މާއްޑޫ ރައްޔިތުން އެ ރަށުން ބޭލުމަށް މުހައްމަދު ފަރީދު ރަސްކަމުގައި މަސައްކަތް ކުރި ކަމަށް ވެ އެވެ. އެކަމާ ރައްޔިތުން ކަންބޮޑުވެ ސައްލާކޮށް ނިންމީ މިކަމުން ސަލާމަތްވުމަށް ވަރުގަދަ ފަންޑިތައެއް ހެދުމަށެވެ. މި ފަންޑިތަ ހެދި ގޮތަކީ ރަށުގެ މިސްކިތުގައި އިތުރު ފެންވަރާ ވަޅެއް ހަދައި އެވަޅުގެ ފުލަށް އަކަ ކުރަހާ ލިޔެފައިވާ ތިމަރަފާޑެއްގެ މައުދަނުގައި ލިޔެގެން އޭގެ މަތިން ތިލަވަތްގައު އަޅައި، އެވަޅުން ރައްޔިތުން ފެން ވެރުވުމަށް ނިންމެވުމެވެ. އެވަޅުން ފެންވަރާހާ ހިނދެއްގައި ރަށުން މީހުން ނުބާލާނެކަމުގެ ޔަގީންކަން ފަންޑިތަ ހެދި ފަރާތުން ރައްޔިތުންނަށް އެންގި އެވެ. ކަން ވީވެސް އެގޮތަށެވެ. އާދައިގެ ގޮތަކަށް ހެދި މިވަޅު ހަލާކުވެގެން ދިޔަ އިރު ވެސް ރަށުން މީހުން ބާލާކަށް ނުޖެހުނެވެ.

ހުރަސްމަގު
ހުރަސްމަގު

ނަމަވެސް ވަޅުގެ ބޭނުން ކެނޑި އެތައް އަހަރުތަކެއް ފަހުން، އިބްރާހީމް ނާސިރުގެ ވެރިކަމުގައި ހުކުރު ހަމަވާ އަދަދަށް މީހުން ނެތް ރަށްރަށުގެ މީހުން އެހެން ރަށްރަށަށް ބަދަލުކުރަން ރޭޑިޔޯއިން ޚަބަރު އިވުމާއެކު އެއްކަލަ ވަޅުގެ ބޭނުންތެރިކަން ރައްޔިތުން އިހުސާސްކުރަން ޖެހުނެވެ. ނަމަވެސް ވަގުތުވަނީ ފާއިތުވެފަ އެވެ. ވަޅު ހަލާކުވިއިރު އެ ފަންޑިތަ ހެދި މުދިންކަލޭގެ ވެސް ދުނިޔެއަކު ނެތެވެ.

މާއްޑޫ ރައްޔިތުން ފުރަތަމަ ބަދަލުކުރާގޮތަށް އޮތީ ބ. ހިތާދުއަށެވެ. ނަމަވެސް އޭރުގެ އަތޮޅުވެރިޔާ ޔޫސުފްކަލޭފާނު، ސަރުކާރުގައި ދަންނަވައިގެން އޭދަފުށްޓަށް ބަދަލުކުރާގޮތަށް ނިންމީ އެވެ. ހިތާދު އަށް ބަދަލުކޮށްދޭތޯ މާއްޑޫގެ ބަޔަކު އޭދަފުށްޓަށް އައިސް ޔޫސުފްކަލޭފާނާ ބައްދަލުކުރުމުން ޔޫސުފްކަލޭފާނު ވިދާޅުވި ކަމަށް ވަނީ މާއްޑޫގެ ރައްޔިތުންނަށް ހީނުކުރާވަރުގެ ހިތްހަމަޖެހުމެއް މުސަތަގްބަލްގައި ލިބޭނެ ކަމަށާއި ނިންމުން ބަދަލު ނުކުރެވޭނެ ކަމަށެވެ.

އަމިއްލަ ވަޒަން ދޫކޮށް އެހެން ރަށަކަށް ބަދަލުވާން ޖެހޭތީ ބަޔަކު އެކަމާ ހިތާމަކުރި އެވެ. ކަރުނަ އަޅާ ރުއިމީހުން ތިއްބެވެ. ފަންޑިތަހަދައި ދުއާ ވެސް ކުރި އެވެ. ނަމަވެސް އެއީ ތަންކޮޅެއް ދޮށީމީހުންނެވެ. ގިނަ ބަޔަކު އުފާކުރި އެވެ. ބޮޑު އާބާދީއަކާ ގުޅެވުނީމަ އެވެ. އިތުރު ޚިދުމަތްތަކެއް ލިބޭތީ އެވެ. އޭރު ފުނަދޫ، އުނޑޫދޫ މީހުން ވެސް ވަނީ އޭދަފުށްޓަށް ބަދަލުކޮށް ނިމިފަ އެވެ.

މާއްޑޫގެ ފުރަތަމަ އަށް ގޭގެ އާއިލާ ބަދަލުކުރީ ނޮވެމްބަރ 7، 1968 ގައެވެ. ބާކީ ހުރި 24 ގޭގެ މީހުން ބަދަލުކޮށް ނިމުނީ ޑިސެމްބަރ 17، 1968 ގަ އެވެ. ގެތައް އަޅައިދީ ރަށުން މީހުން ގެނައީ އޭދަފުށީގެ މަސްދޯނިތަކުގަ އެވެ. އެ މީހުން ބޭނުންވާ ކޮންމެ އެއްޗެއް ގެނައުމުގެ އިންތިޒާމު ހަމަޖެއްސި އެވެ. ބައެއް މީހުން ގޭގޭ ފާރު ތަޅާލި ގާތަކާއި، ބޮޑެތި ވަޅުބުރި ވެސް ގެނަ އެވެ. އޭގެ އަހަރެއް ފަހުން މީހުން ބަދަލުކުރާ ގަވާއިދު ސަރުކާރުން އުވާލުމާ ގުޅިގެން މާއްޑޫގެ ބައެއް މީހުން އަނބުރާ ދާން އުޅުނު ކަމަށް ވެސް ވެ އެވެ. ބައެއް މީހުން އެ ރަށަށް ގޮސް ގެ އެޅުމުގެ މަސައްކަތް ކޮންމެވެސް ވަރަކަށް ކުރަން ވެސް ކުރި އެވެ. ނަމަވެސް އެކަމަށް މާބޮޑުތަރުހީބެއް ނުލިބުނެވެ.

 މި ލިޔުމުގައި ހުރި ބައެއް ބަސްތަކުގެ މާނަ:

– ކަންޒޫރީ: ކަންޒޫރީ ކިޔުމަކީ ރަށުގައި ހުރި ޒިޔާރަތްދޮށަށް ގޮސް ދުއާކޮށް ސަލަވާތް ފާތިހާކިޔަވައި، ބުރުޒާއި، ޒިކުރު ކުރުމުގައި ދެމިތިބުން

– ބުންބަރު: ބުންބަރު އަކީ އިމާމު މީހާ ހުތުބާ ކިއުމަށް ގަލުން ހަދާފައިވާ މިސްކިތްތަކުގައި ހުންނަވައްތަރުގެ މިންބަރެއް

– ފޭލި ވިޔާ ވެން: ލޮއިން ކޮޅު ތޫނުކޮށްފައިވާ ކަޅުވަކަރުން ދިގުކޮށް ހަދާފައިވާ ފަތިގަނޑެއް

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.