ޒުވާން ތިން އަންހެން ޑޮކްޓަރަކު އަހަރެމެންނާ ވަރަށް ކައިރީގައި

އާތިތާ، ޝަޒުމާ އަދި ނައުރާ
އާތިތާ، ޝަޒުމާ އަދި ނައުރާ

 

[އޭދަފުއްޓަށް އުފަން މި ތިން ޒުވާނުންގެ ވާހަކަ ނުދައްކައި ދޫކޮށްލެވޭކަށް ނެތެވެ. ޗައިނާގައި ހުރި އެންމެ މަޝްހޫރު އެއް ޔުނިވާސިޓީގައި ވެސް މި ތިން ކުދިންގެ ވިދުން މާ ގަދަ އެވެ. މި ހުރިހާ ކުދިން ވެސް މަތީ ތައުލީމް ހާސިލްކުރަމުން ދަނީ ޗައިނާގެ ޒީއާން ޖިއަންތޮންގް ޔުނިވާސިޓީގަ އެވެ. އެ ޔުނިވާސިޓީގައި ކިޔަވާ އެންމެ ރަނގަޅު ދަރިވަރުންގެ ގޮތުގައި ހޮވިގެން ޔުނިވާސިޓީ ސްކޮލާޝިޕާއި، ޗައިނީޒް ގަވަންމެންޓް ސްކޮލާޝިޕް އެކި އަހަރުތަކުގައި ވަނީ ހާސިލްކޮށްފަ އެވެ. ކުރިމަގުގައި، އިރާދަކުރެއްވިއްޔާ އެއީ އޭދަފުށިން އުފެދިގެންދާނެ ތިން ޑޮކްޓަރުންނެވެ. އަބްދުﷲ އަޝްރަފު މި ގެނެސްދެނީ އެ ކުދިންގެ ވާހަކަ އެވެ.

މި ތިން ޒުވާނުންނަކީ ވެސް، އެ ކުދިންގެ މައިންބަފައިންގެ އުންމީދުތަކުގައި ކުލަ ޖައްސައިދޭން އަރުވާޖަހާލައިގެން ތިބި ތިން ޒުވާނުންނެވެ. އެ ތިން އަންހެން ކުދިން އުނދަގޫ ދަތުރަކަށް އަރައި އެ ތިބީ އާއިލާ އާއި ރަށަށާއި ގައުމަށް ޓަކަ އެވެ. އަދި އެ ކުދިންގެ މުސްތަގުބަލަށް ޓަކައި ވެސް މެ އެވެ.

 މިއީ، ކުރިމަގުގައި މި ރަށުން އުފެދިގެންދާނެ ތިން ޑޮކްޓަރުންނެވެ. މި ރަށު އާއިޝަތު ނައުރާ އާއި، ފާތިމަތު ޝަޒްމާ ރަމީޒް އަދި އާތިރާ އަބްދުއްރަހީމް ވެސް ޑޮކްޓަރަކަށް ވުމަށް ޓަކައި ދެކެމުން އައި ހުވަފެންތައް މިހާރު ވަނީ ނިމުމަކާ ގާތުގަ އެވެ.

 މިއީ އެ ތިން ކުދިންގެ ވާހަކަ އެވެ:

އުންމީދަކީ ރަށަށް ހިދުމަތްކުރުން: ޝަޒްމާ

ޝަޒުމާ
ޝަޒުމާ

ޕްރީ ސްކޫލްގައި އުޅުނީއްސުރެ ފެށިގެން ޑޮކްޓަރަކަށްވުމުގެ ހުވަފެން ފާތިމަތު ޝަޒްމާ

ޝަޒްމާ އައީ ދެކެމުންނެވެ. ޝަޒްމާ އަކީ ބ. އަތޮޅު ތައުލީމީ މަރުކަޒާއި ސެންޓަރ ފޯ ހަޔަރ ސެކަންޑްރީ އެޑިއުކޭޝަނުން ތައުލީމް ހާސިލްކޮށްފައިވާ ދަރިވަރެކެވެ. އެ ދެ ސްކޫލްގައި އުޅުނުއިރު ވެސް އޭނާއަކީ ތޫނުފިލި ކުއްޖެއްކަން އައީ ސާބިތުކޮށްދެމުންނެވެ. އޯލެވެލް އިމްތިހާނުގައި ސްކޫލް ޓޮޕް ޓެންގައި ހިމެނުނެވެ. އަދި އޭ ލެވެލް އިމްތިހާނުން މުޅި ރާއްޖެއިން އެންމެ ރަނގަޅު ނަތީޖާ ހޯދި ދިހަ ކުދިންގެ ތެރޭގައި ލިސްޓުން ޝަޒްމާ ޖާގަ ހޯދި އެވެ. އިންޓާންޝިޕް ފުރިހަމަ ކުރުމަށްޓަކައި މި ވަގުތު ޕާކިސްތާނުގައި ހުރި ޝަޒްމާ ވަނީ ޗައިނާގައި ކޯސް ފުރިހަމަކުރަމުން ދިޔައިރު ވެސް ރަން ވަނަތަކެއް ހާސިލްކޮށްފަ އެވެ. މިގޮތުން އެންމެ ބޮޑު ކާމިޔާބެއްގެ ގޮތުގައި އޭނާ ފާހަގަކުރަނީ 2012 ވަނަ އަހަރު ލިބުނު ޔުނިވަސިޓީ ސްޕެޝަލް ސްކޮލަޝިޕް އެވޯޑެވެ.

“އެންމެ އުފާވީ އެ ދުވަހު، އެއީ މުޅި ބެޗުން އެންމެ ރަނގަޅު ނަތީޖާ ހޯދާ ދަރިވަރަށް ދޭ އެވޯޑެއް،” 24 އަހަރުގެ ޒުވާނާ ބުންޏެވެ.

ޑޮކްޓަރަކަށް ވުމަށްޓަކައި 2009 ވަނަ އަހަރު ޝަޒްމާ ފެށި ދަތުރުގެ ނިމެން ދެން އޮތީ ގާތްގަނޑަކަށް އެންމެ ފަސް މަސް ދުވަހެވެ. ބޭސްފަރުވާގެ ރޮނގުން އޭނާ ހާއްސަ ވާނެ ދާއިރާ ވެސް މިހާރު ވަނީ ކަނޑައަޅައިފަ އެވެ. އަންހެނުންގެ ހާއްސަ ޑޮކްޓަރަކަށް ވުމަށް އަޒުމް ކަނޑައަޅައިގެން ހުރި ޝަޒްމާގެ ވިސްނުންހުރީ ވީހާ ވެސް އަވަހަކަށް މާސްޓާސް ފުރިހަމަ ކުރުމަށެވެ.

“މި ކޯސް ނިމޭތަނުން ފުރުސަތު ލިބުނު ކަމުގައި ވިޔަސް މާސްޓާސް ފުރިހަމަ ކުރަންދާން އަހަރެން މިހުރީ ތައްޔާރަށް،” އޭނާ ބުންޏެވެ.

އަމިއްލަ ރަށުގައި ހިދުމަތްކުރުމުގެ އުއްމީދުގައި ހުރި ޝަޒްމާ ޑޮކްޓަރުކަން ކިޔަވަން ބޭނުންވާ ކުދިންނަށް ދޭ މެސެޖެއް އެބައޮތެވެ.

“މި ޕްރޮފެޝަން ހިޔާރުކުރުމަކީ ވެސް ދިރިއުޅުމުގެ ވަރަށް ބޮޑު ނިންމުމެއް. އެހެން މިބުނަނީ ޑޮކްޓަރުންނަކީ ދިރިއުޅުމުގެ ވަރަށް ގިނަ ވަގުތުތަކެއް އެހެން މީހުންނަށްޓަކައި ހުސްކުރަންޖެހޭ ބައެއް. އެހެންވީމަ ވަރަށް ހިތްވަރާއި ކެތްތެރިކަން ހުރެގެން ވާނެ ކަމެއް މީ.”

ޖެހިލުން ވިޔަސް، މިއީ ނުވާނެ ކަމެއް ނޫން: އާތިރާ

Athira

އަމިއްލަ ރަށުގައި ހުރެގެން އޭ ލެވެލްއާ ހަމައަށް ކިޔެވުމަށްފަހު 2009 ވަނަ އަހަރު އާތިރާ އަބްދުއްރަހީމް ޗައިނާ އަށް ދިޔައީ ވަރަށް ފޮނި އުއްމީދެއްގަ އެވެ. ޑޮކްޓަރަކަށްވުމަށް ޓަކައި ވަރަށް ކުޑައިރުއްސުރެ ދެކެމުން އައި ހުވަފެންތައް ހަގީގަތަކަށް ހެދުމުގެ ވަރުގަދަ އަޒުމާ އެކު އެވެ. އުމުރުން އެންމެ 24 އަހަރުގެ ޒުވާނާ ވެސް މިހާރު ހުރީ އޭނާގެ ދަތުރު ނިމުމާ ވަރަށް ކައިރީގަ އެވެ. އެކަމަށްޓަކައި ބުރަ މަސައްކަތްތަކެއް އާތިރާ ވަނީ ކޮށްފަ އެވެ.

“ވީކް ޑޭސް މުޅިންހެން ހޭދަ ވަނީ ކިޔެވުމުގައި. ކްލާސްތައް އޮވޭ ހެނދުނު 8 އިން މެންދުރު 12 އަށް. އަދި މެންދުރު ފަހު 2 އިން ހަވީރު 6 އަށް،” އޯލެވެލް އަދި އޭލެވެލްގައި ސްކޫލް ޓޮޕް ޓެންގައި ހިމެނުނު އާތިރާ ބުންޏެވެ.

ޕާކިސްތާނުގެ ހޮސްޕިޓަލެއްގައި އަމަލީ ތަޖްރިބާގެ ބައި މިހާރު ފުރިހަމަ ކުރަމުންގެންދާ އާތިރާ ވަނީ ޗައިނާގައި ކޯސް ފުރިހަމަ ކުރަމުން ދިޔައިރު ވެސް ފާހަގަކޮށްލެވޭ ވަރުގެ ކާމިޔާބީތަކެއް ހޯދައިފަ އެވެ. އޭގެ ތެރޭގައި ޔުނިވާސިޓީ ސްކޮލަޝިޕާއި، ޗައިނީޒް ގަވަންމެންޓް ސްކޮލާޝިޕް ދެ ފަހަރެއްގެ މަތިން ވަނީ އޭނާ ވަނީ ހާސިލްކޮށްފަ އެވެ. އާތިރާ ބުނިގޮތުގައި ކިޔަވަމުންދިޔައިރު ކިތަންމެ އުނދަގޫތަކަކާ ކުރިމަތިވިޔަސް އެއްވެސް އިރެއްގައި މިއީ އޭނާ އަށް ވެދާނެ ކަމެއް ކަމާ މެދަކު ޝައްކެއް ނުއުފެދެ އެވެ. އެކަމަކު ބައެއްފަހަރު ކުޑަކޮށް ޖެހިލުންވާ ވަރުގެ ކަންކަމާ އޭނާ އަށް ކުރިމަތިވި އެވެ.

“ފުރަތަމަ ސިމެސްޓާގައި އެނަޓްމީ ކިޔެވިއިރު ޑެޑް ބޮޑީސް (މަރުވެފައިވާ މީހުން) ގެ ސްކެޗް ކުރާއިރު ކުޑަކޮށް ބިރުގަތް،” ކޯހުގެ ވަރަށް ކުރީކޮޅުގެ ތަޖްރިބާއެއް ހިއްސާކުރަމުން އާތިރާ ބުންޏެވެ.

މި އަހަރުގެ ޖުލައިމަހުގެ ތެރޭގައި ޑިގްރީ ނިންމުމަށްފަހު ރާއްޖެ އައުމަށް ހަމަޖެހިފައިވާއިރު އާތިރާގެ ވެސް ވިސްނުން އަދި ހުރީ އަންހެނުންގެ ހާއްސަ ޑޮކްޓަރަކަށް ވުމަށެވެ.

“އެކަމަކު ]އެކަން[ ފަހުން ބަދަލުވުމަކީ ވެސް އެކަށީގެންވާ ކަމެއް،” އޭނާ ބުންޏެވެ.

މިއީ މަންމަ އަށް ޓަކައި ކޮށްދޭ ކަމެއް: ނައުރާ

ނައުރާ
ނައުރާ

އައިޝަތު ނައުރާއަކީ އޭނާގެ މަންމަގެ ހުރި ހަމައެކަނި ދަރިފުޅެވެ. އެއީ އެ މަންމަގެ ހުރިހާ ވެސް އުއްމީދެވެ. އުމުރުން އަދި 20 އަހަރު ވެސް ނުވާ ނައުރާ އަށް އެކަން ވަރަށް ރަނގަޅަށް އިހްސާސް ކުރެވެ އެވެ. ޑޮކްޓަރަކަށް ވުމަކީ އެންމެ ކުޑައިރު ވެސް އޭނާގެ އުއްމީދެވެ. ނަމަވެސް އެ ހުވަފެންތަކުގައި ހަގީގީ ކުލަ ޖެއްސުމަށް ލިބުނު އެންމެ ބޮޑު ހިތްވަރަކަށްވީ އޭނާގެ މަންމަ އެވެ.

“ކުޑައިރުއްސުރެއް ވެސް ދެކެމުން އައި ހުވަފެނެއް އެއީ ޑޮކްޓަރަކަށް ވުން. އަބަދުވެސް ހިތަށް އަރާ މަންމަ ވަރަށް އުފާވާނޭ އަޅުގަނޑު ޑޮކްޓަރަކަށްވާ ދުވަހަކުން. އެކަމަކު އަސްލު ޑިސައިޑް ކުރީ އޭ ލެވެލް ނިމުމުން އާއިލާގެ މަޝްވަރާ ހޯދުމަށް ފަހު،” ޑޮކްޓަރަކަށް ވުމުގެ ހިޔާލު އުފެދުނު ގޮތާ ބެހޭގޮތުން ނައުރާ ބުންޏެވެ.

ބ. އަތޮޅު ތައުލީމީ މަރުކަޒުން އޯލެވެލް ނިންމުމަށް ފަހު ނައުރާ އޭލެވެލް ފުރިހަމަކުރީ ސެންޓަރ ފޯ ހަޔަރ ސެކަންޑްރީ އެޑިއުކޭޝަނުންނެވެ. މި ދެ ސްކޫލްގައި ތައުލީމް ހާސިލްކުރަމުން ދިޔައިރު ވެސް ނައުރާއަކީ އެ ސްކޫލްގެ އެންމެ ރަނގަޅު ދަރިވަރުންގެ ތެރޭގައި ހިމެނުނު އެކަކެވެ.

ޗައިނާގެ ޒީއާން ގުއަންޓޮންގް ކަހަލަ ބޮޑު ޔުނިވަސިޓީއެއްގައި ކިޔަވަން ޖެހުމަކުން ނައުރާގެ ތޫނުފިލިކަން ސާބިތުކޮށްދިނުމަކަށް އެޅުނު ހުރަހެއް ނެތެވެ. އެ ޔުނިވަސިޓީގައި ކިޔަވަން ފެށި ފުރަތަމަ އަހަރު ވެސް ނައުރާ ވަނީ ޔުނިވަސިޓީ ފަސްޓް ޕްރައިޒް ސްކޮލަޝިޕް ހާސިލްކޮށްފަ އެވެ. އަދި ޖެހިގެން އައި ދެ އަހަރު ޗައިނީސް ގަވަމެންޓް ސްކޮލާޝިޕް އޭނާ ހާސިލްކުރި އެވެ.

ޗައިނާގައި ނައުރާ ކިޔަވަމުން އަންނައިރު އާއްމު ގޮތެއްގައި ކައި އުޅެނީ ދިވެހި ކެއުމެވެ.

“ރާއްޖޭގައި ވެސް ކައި އުޅޭ އެއްޗިހި އަމިއްލަ އަށް ހަދައިގެން އާންމުކޮށް ކައި އުޅެނީ. މަދުމަދުން އިންޑިޔަން، ޕާކިސްތާނީ އަދި ޗާއިނީސް ފުޑް ކައި އުޅެން،” ނައުރާ ބުންޏެވެ.

ނައުރާގެ އިންޓަންޝިޕް އަދި އޮތީ ކުރިއަށެވެ. ޑޮކްޓަރަކަށް ވުމަށް އޭނާ ކުރަމުން އަންނަ ފޮނި އުއްމީދު ހަގީގަތަކަށް ވާން އަދި ދޮޅު އަހަރު އެބައޮތެވެ.

 

ގުޅުންހުރި ލިޔުންތައް

2 ކޮމެންޓް

  1. Avatar
    Ahmed Rasheed

    އޭދަފުށިގެ ދަރީންނަކީ، ފިސާރި ތޫނުފިލި ދަރީންކަން ވަރަށް ރަގަޅަށް ސާބިތުކޮށްދެމުން ގެންދާ، ތިޔަ ތިންކުދީންނަށް ވަރަށް ހޫނު މަރްޙަބާއެއް ކިޔަން. ﷲ ގެ ވާގިފުޅާއެކު، މުޅި އޭދަފުށި ފަޚުރުވެރިވާނެ ފަދަ “ތިން ތަރި” ކަމުގައި ވުމަށް އެދެން. “ބާރަށް ކުރިޔަށް”

    ރައްދު

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.