ދިރާސީ އާ އަހަރު ފަށަނީ 73،000 ކުދިންނާ އެކު

ބޮޑު ޗުއްޓީ އަކަށް ފަހު، ދިރާސީ އާ އަހަރުގެ ކިޔެވުން 73،000 އަށް ވުރެ ގިނަ ކުދިންނާ އެކު އަންނަ އާދިއްތަ ދުވަހު ފެށުމަށް ސްކޫލްތަކުން ތައްޔާރުވާން ފަށައިފި އެވެ.

އާ އަހަރުގެ މަސައްކަތަށް ޓީޗަރުން އިއްޔެ ވަނީ ސްކޫލްތަކަށް ނުކުމެފަ އެވެ. އެޑިއުކޭޝަން މިނިސްޓްރީން އަންދާޒާ ކުރާ ގޮތުގައި ސަރުކާރުގެ ސްކޫލްތަކުގައި މި އަހަރު ކިޔަވާނީ 73،067 ކުދިންނެވެ.

ޖުމްލަ 212 ސްކޫލެއްގައި މި އަހަރު ކިޔަވައި ދޭނެ އިރު އެއްދަންފަޅި އަށް 150 ސްކޫލެއްގައި ކިޔަވައިދޭނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން އަންދާޒާ ކުރެ އެވެ. އަދި 193 ސްކޫލެއްގައި އޯ ލެވެލް އަދި ސަރުކާރުގެ 50 ސްކޫލުގައި އޭ ލެވެލް ހަދާނެ އެވެ.

ތައުލީމީ ދާއިރާއިން މި އަހަރު ފެންނާނެ އެންމެ ބޮޑު ބަދަލަކީ އަހަރީ ޗުއްޓީ ދެބަޔަށް ބަހައިލުމެވެ. މި ފަހަރުގެ އަހަރީ ޗުއްޓީގެ ފުރަތަމަ ބައި މެއި 31، 2020 އިން ފެށިގެން ޖޫން، 11، 2020 އަށް އަދި ޗުއްޓީގެ ދެ ވަނަ ބައި ޑިސެމްބަރު 6، 2020 އިން ފެށިގެން ޖެނުއަރީ 7، 2021 އަށް ދިނުމަށް ވަނީ ހަމަޖައްސައިފަ އެވެ.

މީގެ ކުރިން ދެ ވަނަ ޓާމުގެ ޓެސްޓަަށް ފަހު ނޮވެމްބަރު މަހުގެ ތެރޭގައި ރިޕޯޓު ފޮތް ދީ ސްކޫލުތައް ބަންދު ކުރާނެ އެވެ. ނަމަވެސް މި އަހަރުން ފެށިގެން ގެނައި ބަދަލާ އެކު، އަހަރުގެ ފަހުކޮޅަށް ސްކޫލްތައް ބަންދު ވާނީ ޑިސެމްބަރު 6 އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.