އޭދަފުށި- ކުރީގެ ތިން ރައީސުން ވިދާޅުވަނީ ކީކޭ؟

HH

އޭދަފުށި ހަގީގަތުގައި ވެސް ތަރައްގީ ހެއްޔެވެ؟ މިއީ ހަމަ އެހާ ވެސް މަޝްހޫރު ރަށެއް ހެއްޔެވެ؟ އަދި ތައުލީމީ ގޮތުންނާއި ރަށްވެހިކަމުގެ ރޮނގުން އޭދަފުށި އޮތީ އެހެން ރަށްރަށާ އަޅާ ބަލާއިރު މާ ކުރީގައި ހެއްޔެވެ؟ އޭދަފުށީ މީހާ ވަނީ ހަގީގަތުގައި ވެސް ތަރައްގީ ވެފައި ބާ އެވެ؟

މި ހުރިހާ ސުވާލަށް އަޅުގަނޑުމެން ޖަވާބު ދޭކަށް ނެތީމެވެ. އެކަމަށް ޖަވާބު ދެއްވަން އެންމެ އެކަށީގެން ވަނީ ރާއްޖޭގެ ރައީސުންނެވެ. މިއީ، އެންމެ ފަހުން ރާއްޖޭގައި ވެރިކަން ކުރެއްވި ތިން ރައީސުން އޭދަފުއްޓާ ދޭތެރޭ ދެކެވަޑައިގަންނަވާ ގޮތާ ބެހޭ ގޮތުން އެ ބޭފުޅުން އެކި ފަހަރުމަތިން އޭދަފުށީގައި ދައްކަވާފައިވާ ވާހަކަފުޅުތަކެވެ. މި ކޮމާކޯޅިތަކުން މާފައްޗެއް ގަތާލެވޭ ވަރަށް އެ ބޭފުޅުން ވަނީ ރަށަށާއި ރައްޔިތުންނަށް ތައުރީފު ކުރައްވައިފަ އެވެ.

“އޭދަފުށި މި ވަނީ ކުރިއަށް ވުރެ މާ ބޮޑުތަން ތަރައްގީވެފައި. މާލެ ފެންވަރަށް އޭދަފުށި ދިއުމަކީ، ޝައްކެއް ނެތް، އޭދަފުށީ ރައްޔިތުން ހޯދާފައިވާ ވަރަށް ބޮޑު ކާމިޔާބީއެއް.” – ރައީސް މައުމޫން 1998

“އަޅުގަނޑު އަބަދުވެސް ދަންނަވަން ތަރައްގީއަކީ ބޮޑުހިލަ ބަނދަރެއް ނޫނޭ. އެއްގަމު ތޮއްޓެއް ނޫނޭ. ސަހަރާ ވަށާފާރެއް ވެސް ނޫނޭ. ތަރައްގީއަކީ އަޅުގަނޑުމެން އިންސާނާ އަށް ވާ ކަމެކޭ. ތަރައްގީ ވަނީ އޭދަފުށްޓެއް ނޫނޭ، ތަރައްގީވަނީ އޭދަފުށީ މީހާއޭ.”- ރައީސް ނަޝީދު

“އޭދަފުށްޓަކީ އަބަދުވެސް، މުޅި ރާއްޖެ އަށް ވެސް މަޝްހޫރު ރަށެއް. އޭދަފުށި މަޝްހޫރުވެފައި ވަނީ، އޭދަފުށީގެ ރަށްވެހިކަމާއި، ތައުލީމީ ފެންވަރާއި، ރަނގަޅު ރިވެތި އަޚްލާޤާ، މި ހުރިހާ ކަންތައްތަކަށް.”– ރައީސް ވަހީދު 2012

“އަޅުގަނޑަށް ދަންނަވަންޖެހެނީ، ރަށުގެ ތަރައްގީ އަށް ޓަކައި ވެސް، މި ފުރުސަތުގައި ރަށުގެ ވެރިންނާ ރައްޔިތުން ވަރަށް ބޮޑެތި މަސައްކަތްތަކެއް ވަނީ ކުރައްވާފައި ކަމަށް. މި ރަށަށް އައިސް ފޭބުމުން އަޅުގަނޑަށް އެކަން ހާމަވެގެންދިޔަ. އަޅުގަނޑުގެ ލޮލަށް އެ މަންޒަރު ފެނިގެން ދިޔަ. އާދެ، މި ރަށް މިވަނީ ކުރިއަށްވުރެ މާ ބޮޑުތަން ތަރައްގީވެފައޭ އަޅުގަނޑަށް ދަންނަވަން ކެރިދާނެ. ރަށުގެ ހުރިހާ ގޭގޭގެ މަގުމަތީ ފާރު ވަނީ ލެވިފަ. ކުރިން ވެސް ހުރީ ލާފައިކަން ނޭނގެ. އެހެން ނަމަވެސް އެ ފާރުތައް އުސްކޮށް ސިމެންތިޖަހައި، އުވަލާ، ކުލަ ލާ، މި ހުރިހާ ކަމެއް ވަނީ އަތޮޅުވެރިންގެ މި ބައްދަލުވުމަށްޓަކައި ރަށުގެ ރައްޔިތުންގެ ބުރަ މަސައްކަތުންނާއި ހިންމަތުން ކުރައްވާފައި.” — ރައީސް މައުމޫން- 24 އޯގަސްޓް 1998

“އޭދަފުށްޓަކީ ރާއްޖޭގެ ރަށްތަކުގެ ތެރެއިން ވަރަށް އެކަށީގެންވާ ކާމިޔާބީތަކެއް ހާސިލްކޮށްފައިވާ ރަށެއް. ރާއްޖެތެރޭގެ ރަށްރަށުގެ ތެރެއިން ތަރައްގީގެ މަގުގައި ވަރަށް އެދެވޭ ފިޔަވަޅުތަކެއް ކުރިއަށް އަޅާފައިވާ ރަށެއް. ރަށުގެ ރައްޔިތުންނަކީ ވަރަށް މަސައްކަތްތެރި، ހިންމަތްތެރި، ހުނަރުވެރި ބައެއް. އޭދަފުށްޓަކީ ކުރީއްސުރެ ވެސް ތަރައްގީގެ ހަރުފަތުގައި، ހަލުއިކަމާއެކު ކުރިއަރަމުން އަންނަ ރަށެއް.”– ރައީސް މައުމޫން- 24 އޯގަސްޓް 1998

“އޭދަފުށްޓަކީ ރާއްޖޭގެ ރަށްތަކުގެ ތެރެއިން ގުނާލެވޭ ވަރަށް ޚާއްސަ ރަށެއް. ބައެއްފަހަރު މާލޭގައި ތިބޭމީހުން ޗުއްޓީ ހޭދަކޮށްލުމަށްޓަކައި އަތޮޅުގެ ރަށްތަކަށް ޒިޔާރަތްކުރޭ. އެއްވެސް މީހަކު އޭދަފުށްޓަށް އަތުވެއްޖެ ނަމަ އެ މީހަކު އެނބުރި މާލެ ދިއުމުން ކޮންތަނަކަށްހޭ ދިޔައީ އަހާލީމާ، ތިމަންނަ ޗުއްޓީ ހޭދަކޮށްލަން ދިޔައީ އޭދަފުށްޓަށޭ ބުނީމަ، ބުނާނެ ތިޔަ ދެވުނީ ހަމަ މާލެއަށް ނޫންހޭ. މާނައަކީ އޭދަފުށްޓަކީ ތަރައްގީގެގޮތުންވަރަށް ކުރިއަރާފައިވާ ރަށެކޭ. އާދެ! ކޮންމެ ގައުމެއްގެ ވެސް ވެރިކަން ކުރާ ރަށަކީ އެ ގައުމެއްގައި އޮންނާނެ އެންމެ ކުރިއަރާފައިވާ ރަށްކަން ތިޔަބޭފުޅުންނަށް ވެސް އެގިވަޑައިގަންނަވާނެ. އެހެންވީމާ މާލެ ފެންވަރަށް އޭދަފުށި ދިއުމަކީ، ޝައްކެއް ނެތް، އޭދަފުށީ ރައްޔިތުން ހޯދާފައިވާ ވަރަށް ބޮޑު ކާމިޔާބީއެއް.”– ރައީސް މައުމޫން/ 24 އޯގަސްޓް 2003

“އަޅުގަނޑުމެންގެ މި ސަރުކާރު ހިންގުމާ ހަވާލުވިފަހުން ރާއްޖޭގެ ރަށްތަކުގެ ތެރެއިން އެންމެ ގިނައިން ޚަރަދުކުރެވިފައި އޮތް އެއްރަށަކީ އޭދަފުށި. އަޅުގަނޑު އެކަމާ ހިތްހަމަޖެހޭ. އެކަމާ އަޅުގަނޑުއުފާވޭ. އެކަން އެގޮތަށް ވަނީ ވެސް މިދެންނެވިހެން މި ބިމުން އުފެދޭ ދަރިންގެ ހީވާގިކަމާ އަދި ކުޅަދާނަކަމާ ވިސްނުންތެރިކަމާ ހިކުމަތްތެރިކަމުގެ ސަބަބުން. ދެން އެކުލަވާލެވޭ އެހެން ހުރިހާ ވިސްނުމަކާ މަޝްރޫއެއްގައި ވެސް އޭދަފުށި އަބަދުވެސް ކުލަގަދަކޮށް ގެތެމުން ފެވެމުން އަންނަކަން. އަޅުގަނޑު ތިބޭފުޅުންނަށް ޔަގީންކޮށް އަރުވަން ބޭނުންވަނީ އަޅުގަނޑުމެން ވެފައިވާ ވައުދުތައް އިރާދަކުރެއްވިއްޔާ އަލިފުން ޔާ އަށް އޭދަފުށީގައި ފުއްދާނަން.”– ރައީސް ނަޝީދު/ 28 ޖޫން 2011

“އާދެ! އޭދަފުށްޓަކީ އަބަދުވެސް، މުޅި ރާއްޖެ އަށް ވެސް މަޝްހޫރު ރަށެއް. އޭދަފުށި މަޝްހޫރުވެފައިވަނީ، އޭދަފުށީގެ ރަށްވެހިކަމާއި، ތަޢުލީމީ ފެންވަރާއި، ރަނގަޅު ރިވެތި އަޚްލާޤާ، މިހުރިހާ ކަންތައްތަކަށް އަޅުގަނޑުގެ ހިތުގައި އޭދަފުށްޓަށް ޚާއްޞަ ލޯތްބެއް ދެވިފައިވޭ. އެއީ ކީއްވެތޯ؟ އަޅުގަނޑަށް މިރަށުން ފެނުނީ، މިރަށުގެ އިސްކޮށް ތިއްބެވި ވެރިންނަކީ، އެއީ ނަމޫނާ ބޭފުޅުންކޮޅަކަށްވާތީ. އަޚްލާޤީ ގޮތުންނާއި، ތަޢުލީމީ ގޮތުންނާއި، ރަށްދެކެ ލޯބިވުމާއި، ދިވެހިރާއްޖޭގައި ކުރިއަރާ ތިއްބެވި ވެރިންގެ ގޮތުގައި، ނަމޫނާ ވެރިންގެ ގޮތުގައި ތިއްބެވި ބޭފުޅުންނަށްވާތީ. އަދި މިރަށުގެ ރައްޔިތުންނަކީ އަބަދުވެސް މެހްމާންދާރީ އަދާކުރެއްވުމުގައި، ވަރަށް ކުރިއަރާ، ރާއްޖޭގެ އެންމެން އެކަން ޤަބޫލުކުރާ ބަޔަކަށްވާތީ. އެހެންވީމާ، އޭދަފުށްޓަށް އައުމަކީ، އަބަދުވެސް އަޅުގަނޑަށް ލިބޭ ޚާއްޞަ އުފަލެއް. އަޅުގަނޑަށް ފާހަގަކުރެވިފައިވާ ގޮތުގައި، އޭދަފުށީގެ ރައްޔިތުންނަކީ އަބަދުވެސް ސަރުކާރަށް ތާއީދުކުރާ، ސަރުކާރަށް އެއްބާރުލުންދޭ، ރަށުގެ ކަންކަމާއި ރާއްޖޭގެ ކަންކަމުގައި އެހީތެރިވެދީ މަސައްކަތް ކުރަމުންގެންދާ ބައެއް… އޭދަފުށްޓަކީ އަބަދުވެސް ވަރަށް އެކުވެރިކަން ބޮޑު އެއްބައިވަންތަ ރަށެއް. އޭދަފުށީގެ ރައްޔިތުން އަޅުގަނޑުމެންގެ ރާއްޖޭގެ އެހެން ރަށްރަށަށް ދައްކަވަމުން ގެންދަވާ، އަބަދުވެސް ގެންދަވާ ފުރިހަމަ ނަމޫނާއަށްޓަކައި އަޅުގަނޑު ވަރަށް އުފާކޮށް، ތިޔަ ހުރިހާ ބޭފުޅުންނަށް އަޅުގަނޑު އަބަދުވެސް ޝުކުރު ދަންނަވާނަން.”– ރައީސް ވަހީދު / 13 ޖޫން 2012

ގުޅުންހުރި ލިޔުންތައް

1 ކޮމެންޓް

  1. Avatar
    Ahmed Rasheed

    “އަޅުގަނޑު އަބަދުވެސް ދަންނަވަން ތަރައްގީއަކީ ބޮޑުހިލަ ބަނދަރެއް ނޫނޭ. އެއްގަމު ތޮއްޓެއް ނޫނޭ. ސަހަރާ ވަށާފާރެއް ވެސް ނޫނޭ. ތަރައްގީއަކީ އަޅުގަނޑުމެން އިންސާނާ އަށް ވާ ކަމެކޭ. ތަރައްގީ ވަނީ އޭދަފުށްޓެއް ނޫނޭ، ތަރައްގީވަނީ އޭދަފުށީ މީހާއޭ.”- ރައީސް ނަޝީދު

    އޭދަފުށި މީހާ ތަރައްޤީވާނީ، ރިޝްވަތު ދިނުމާ، ރިޝްވަތު ހިފުމާ، މަސްތުވާ ތަކެތީގެ ވަބާ، ނައްތާލުމަށް ހިންމަތާއެކު، ވަރަށް މަސައްކަތް ކޮށްގެން.

    ޔާ ﷲ، އޭދަފުށީ ރައްޔިތުންނަށް ހެޔޮވިސްނުން ދެއްވާށި….. އާމީން

    ރައްދު

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.