އޭދަފުށިން ގޯތި ދޫކުރަން އަލުން އިއުލާންކޮށްފި

ބ. އޭދަފުށި

ބ. އޭދަފުށީ ހިއްކި ބިމުން 158 ގޯއްޗަށް ކުރިމަތިލުމުގެ ފުރުސަތު އޭދަފުށީ ކައުންސިލުން އަލުން ހުޅުވާލައިފި އެވެ.

ގޯއްޗަށް ކުރިމަތިލާން އެންމެ ފުރަތަމަ މިދިޔަ އަހަރުގެ ސެމްޓެމްބަރު މަހުގެ 24 ވަނަ ދުވަހު ހުޅުވާލި ނަމަވެސް، ގޯތި ދޫކުރަން އިއުލާން ކުރުމުގެ ކުރިން ފުރިހަމަކުރަންޖެހޭ ބައެއް ކަންކަން ފުރިހަމަ ކޮށްފައިނުވާނީ އޭގެ އަނެއްދުވަހު ހައުސިން މިނިސްޓްރީން އެންގުމާއި ގުޅިގެން އެ އިއުލާން ވަނީ ބާތިލް ކޮށްފައެވެ.

އޭގެ ފަހުން އޭދަފުށީ ކައުންސިލުން މިއަދު ވަނީ އަލުން ފުރުސަތު ހުޅުވާލައިފަ އެވެ. އެ ގޮތުން ގޯއްޗަށް ކުރިމަތިލާން ޝައުގުވެރިވާ މީހުންނަށް މާދަމާއިން ފެށިގެން ފޯމް ދޫކުރަން ފަށާނެ އެވެ.

ގޯތި ދޫކުރަން ކައުންސިލުން ކުރި އިއުލާނުގައި ވަނީ ގޯއްޗަށް އެދުމުގެ ޝަރުތުތަކާއި، ގޯތި ދޫކުރާނެ ސަރަހައްދު ތަކާއި އަދި ގޯތި ދޫކުރާނެ އުސޫލުތައް ވެސް ތަފުސީލުކޮށް އާންމުކޮށްފަ އެވެ.

ފޯމް ދޫކުރާނީ އޭދަފުށީ ކައުންސިލުންނެވެ. އަދި ކައުންސިލުގެ ވެބްސައިޓުން ފޯމް ޑައުންލޯޑް ވެސް ކުރެވޭނެ އެވެ.

ކައުންސިލުން ބުނީ ގޯއްޗަށް ކުރިމަތިލުމުގެ ފުރުސަތު، އަންނަ ފެބްރުއަރީ މަހުގެ 13 ވަނަ ދުވަހާ ހަމަ އަށް އޮންނާނެ ކަމަށެވެ.

ދިރިއުޅެން އޭދަފުށީ ހިއްކި ބިމުން ފުރަތަމަ ބުރު ދޫކުރަން ނިންމާފައި ވަނީ 1400 އަކަފޫޓްގެ 158 ގޯއްޗެވެ.  

އޭދަފުށީ ހިއްކި ބިމުން ގޯތި ދޫކުރަން ކައުންސިލުން އިއުލާންކުރަން ފަށާފައި މި ވަނީ މިރަށުން ދިރިއުޅެން ގޯތި ދޫކުނުރާތާ 30 އަހަރަށް ފަހުންނެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.