ކައުންސިލަރުންގެ މުސާރަ ބޮޑު ކުރަނީ

ކައުންސިލަރުންގެ މުސާރަ ބޮޑު ކުރުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.

ރައީސް ވިދާޅުވީ ކައުންސިލްތަކުގެ މެންބަރުންގެ މުސާރަ ބޮޑުކޮށް ރައްޔިތުންގެ މަޖިލީހަށް ގޮތެއް ނިންމަން ފޮނުވާފައިވާ ކަމަށެވެ. އެމަނިކުފާނު އެހެން ވިދާޅުވީ ހދ. ކުޅުދުއްފުށި ސިޓީގައި އެމްޑީޕީއިން ކުރިއަށް ގެންދާ ”ތިލަދުންމަތި އިރުވައި ކޮންފެރެންސް“ ގައި އެ ކޮންފެރެންސްގެ ބައިވެރިޔަކު، ކައުންސިލަރުންގެ މުސާރައާ ގުޅޭ ގޮތުން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

ކޮންފެރެންސްގައި ރައީސް ހާމަ ކުރެއްވި މައުލޫމާތުގައިވާ ގޮތުން މޭޔަރުންނަށް ކަނޑައަޅާފައިވާ މުސާރައަކީ މަހަކު 40،000 ރުފިޔާ އެވެ. ޕިއުޓީ މޭޔަރުންގެ މުސާރައަކީ މަހަކު 35،000 ރުފިޔާ އެވެ. ސިޓީ ކައުންސިލްގެ މެންބަރުންގެ މުސާރައަކީ މަހަކު 30،000 ރުފިޔާ އެވެ.

މިއީ މި ސަރުކާރު އައި ފަހުން މަޖިލީހުން ސިޓީ ކައުންސިލަރުންގެ މުސާރައަށް ފާސްކޮށްފައިވާ އަދަދުތަކެވެ. އޭގެ ކުރިން 18 ވަނަ ރައްޔިތުންގެ މަޖިލީހުގައި ވަނީ މޭޔަރުންގެ މުސާރަ 18،000 ރުފިޔާއަށް އަދި ޑެޕިއުޓީ މޭޔަރުންގެ މުސާރަ 14،000 ރުފިޔާއަށް ކުޑަކޮށްފަ އެވެ. އަދި ސިޓީ ކައުންސިލްތަކުގެ މެންބަރުންގެ މުސާރަ ވަނީ 11،500 ރުފިޔާއަށް ކުޑަކޮށްފަ އެވެ.

އަތޮޅު ކައުންސިލްގެ އެކުލެވުމަށް ގެނައި ބަދަލާއެކު މުޅި އަތޮޅުގެ މީހުން ވޯޓު ދީގެން އިންތިހާބު ކުރާ އަތޮޅު ކައުންސިލްގެ ރައީސްއަށް ދެނީ 28،000 ރުފިޔާގެ މުސާރައެކެވެ. މީގެ ކުރިން އަތޮޅު ކައުންސިލްގެ ރައީސަށް މުސާރައަށް ލިބެނީ މަހަކު 25،000 ރުފިޔާ އެވެ.

ރަށު ކައުންސިލަރުންގެ މުސާރަ ވެސް ވަނީ ބޮޑުކޮށްފަ އެވެ. އެ ގޮތުން، ކައުންސިލްތަކުގެ ރައީސުންގެ މުސާރަ ވަނީ 15،000 ރުފިޔާ އިން 23،000 ރުފިޔާއަށް ބޮޑުކޮށްފަ އެވެ. ކައުންސިލްތަކުގެ ނައިބު ރައީސުންގެ މުސާރަ ވަނީ 12،000 ރުފިޔާ އިން 15،000 ރުފިޔާއަށް ބޮޑުކޮށްފަ އެވެ. އަދި މެންބަރުންގެ މުސާރަ ވަނީ 10،000 ރުފިޔާއިން 12،000 ރުފިޔާއަށް ބޮޑުކޮށްފަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.