ނަސްރުﷲ ހޯދުމުގެ މަސައްކަތް އަދި ވެސް ކުރިއަށް

އެކްސިޑެންޓުގައި ގެއްލިގެން ހޯދާ ބ. އޭދަފުށީ މުސްތަރީގޭ ނަސްރުﷲ.

ބ. އަނގަފަރު ކައިރީގައި ލޯންޗަކާއި ޑިންގީއެއްޖެހި މިމަހުގެ ދެވަނަ ދުވަހުގެ ރޭ ހިނގި ކަނޑުމަތީގެ އެކްސިޑެންޓުގައި ގެއްލިގެން ހޯދާ ބ. އޭދަފުށީ މުޝްތަރީގޭ، ނަސްރުﷲ އަބްދުﷲ ހޯދުމުގެ މަސައްކަތް އަދި ވެސް ކުރަމުންދާ ކަމަށް ސިފައިން މިރޭ ބުނެފި އެވެ.

ނަސްރުﷲ 41، ގެއްލުނުތާ މިއަދަށް 15 ދުވަސް ވީއިރު އޭނާ ގެއްލުނު ސަރަހައްދުގެ ބޮޑު ބައެއް ވަނީ ބަލައި ފާސްކޮށްފަ އެވެ. އެގޮތުން ކަނޑުގެ ސާފޭސް އަދިވެސް ބަލަމުން އަންނަ ކަމަށް ސިފައިން ބުންޏެވެ.

ނަސްރުﷲ ގެއްލުނު އެކްސިޑެންޓް ހިނގީ ނަސްރުﷲގެ އަންހެނުންގެ ދެ ބޭބެ ކަމަށްވާ އަބްދުއް ސަމީއު އާއި މުހައްމަދު ނަޒީފުއާ އެކު މަސްވެރިކަމަށް ނުކުމެ އުޅެނިކޮށް މިމަހުގެ ދެވަނަ ދުވަހުގެ 7:10 ހާއިރު އެވެ. ނަޒީފަކީ ދަރަވަންދޫ ކައުންސިލްގެ ޒިންމާދާރުވެރިޔާ އެވެ.

އެ ދެ މީހުންގެ ތެރެއިން އެންމެ ބޮޑަށް ޒަހަމްވީ ނަޒީފަށެވެ. އޭނާގެ އަނގައިގެ މަތީ ދެ ދަތް ބިންދައިގެން ދިއުމުގެ އިތުރުން ތިރީ ތުންފަތް ވެސް ވަރަށް ބޮޑަށް ފަޅައިގެން ގޮސްފައި ވެ އެވެ. އަދި ކަނާތު ފައި ވަރަށް ބޮޑަށް ޒަޚަމް ވެ، ކަނާތު ލޯ މަތިން ފުދޭވަރަކަށް ދުޅަވެފައިވާ ކަމަށް ދަރަވަންދޫ ކައުންސިލުން ބުނެފައި ވެ އެވެ.

ނަސްރުﷲ ދަތުރުކުރި ޑިންގީ

ނަސްރުﷲ ހޯދަން ސިފައިން ކުރި މަސައްކަތުން މިހާތަނަށް ފެނިފައި ވަނީ ޑިންގީއާއި އޭގެ އިންޖީނުގެ ކަވަރުފަޅިއެއް އަދި މަސްވެރިކަމަށް ބޭނުންކުރާ ބައެއް ސާމާނެވެ.

ޑިންގީ ނެގީ ބ. ދޮންފަނުގެ ހުޅަނގުން ބައި މޭލު ބޭރުން ކަނޑުގެ 46 މީޓަރު އަޑިންނެވެ. ޑިންގީގެ ބައިތައް ސިފައިން ހޯދި ނަމަވެސް ނަސްރުﷲ އަދި ވެސް ނުފެނެ އެވެ.

ކުޑަ ދެ އަންހެން ކުދިންގެ ބައްޕަ ނަސްރުﷲ އުޅެނީ ދަރަވަންދޫ މީހަކާ އިނދެގެންނެވެ. މާލޭގެ ބްރައިޓް ބްރަދާސްގައި ވަޒީފާ އަދާކުރާ ނަސްރުﷲ ރަށަށް ގޮސް އުޅުނީ މި ފަހަރުގެ ބޮޑު ޗުއްޓީ އަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.