އިޖްތިމާއީ ހެޔޮ ބަދަލަކަށް ބޭނުންނަމަ…

ކަމަކަށް ހެޔޮ ބަދަލެއް ގެނެވޭނީ ހެޔޮ ބަދަލުތަކަށް ޖާގަދޭ ވިސްނުން ގެންގުޅެގެންނެވެ. ހެޔޮ ބަދަލުތަކަށް މަރުޙަބާ ކިއުމުގެ ބަދަލުގައި ކަންކަން ޚަރާބުކުރުވާ ވިސްނުން ގެންގުޅޭނަމަ އެއީ ވަރަށް ނުރައްކާތެރި ކަމެކެވެ. އެކަމުގެ ސަބަބުން މުޅި މުޖުތަމަޢު ނިކަމެތިވެ ފަސާދަވެގެން ދާނެ ކަމެކެވެ. ނަމަވެސް ހަޤީގަތަކީ މިއަދު އަޅުގަނޑުމެންގެ ތެރޭގައި ހެޔޮ ބަދަލުތަކަށް މަރުޙަބާ ކިޔުމުގެ ވިސްނުން ނެތްކަމެވެ.

އެއްވެސް ކަމަކީ އަބަދު އެއްގޮތަކަށް ދެމިގެންދާ ކަންތައްތަކެއް ނޫނެވެ. މި ހަޤީގަތް ދެނެގަތުމަށްޓަކައި ރޮކެޓް ސައިންޓިސްޓަކަށް ވާކަށް ނުޖެހެއެވެ. ކޮންމެ ދުވަހަކު އެތައް ކަމެއް ޤުދުރަތުގެ ޤާނޫނާއި އެއްގޮތައް ބަދަލުވެގެން ދެއެވެ. މިބަދަލުތައް ހެޔޮ ހިތުން ޤަބޫލު ކުރަންޖެހެ އެވެ. ނަމަވެސް ބައެއްފަހަރު މިފަދަ ބަދަލުތައް ޤަބޫލުކުރަން އުނދަގޫވެ އެވެ. ޚާއްސަކޮށް ކުރިން ތިމާއަށް ލިބިފައިވާ ބާރާއި އިޚްތިޔާރުތައް ގެއްލޭފަދަ ގޮތަކަށް ކަންތައްތައް ބަދަލުވެގެން ދިއުމުން އެކަން ޤަބޫލުކުރަން އުނދަގޫވެއެވެ. މިގޮތަށް ދިމާވުމުން ދެން ތިމާއަށް މަސައްކަތް ކުރެވެނީ އެ ބަދަލާއި ދެކޮޅަށް މަސައްކަތް ކުރާށެވެ. އެގޮތުން އެކަމަކާއި ދެކޮޅަށް، އެކަމެއް ޚަރާބުކުރުމަށް ކުރެވެން ހުރި ހުރިހާކަމެއް ކުރުމަށް ތިމާގެ ޒަމީރު ތިމާއަށް މަޖްބޫރުކުރުވައެވެ. މިގޮތުން ކުރެވޭ މަސައްކަތްތައް ގިނަ ފަހަރަށް ބިނާވެފައި އޮންނީ އެކަމަކާއި ގުޅޭ ބަޔަކާއި ދިމާކޮށް ފުރައްސާރަ ކުރުމުގެ އުސޫލުތަކުގެ މައްޗަށެވެ.

އެނގިވަޑައިގަންނަވާނެ ފަދައިން އަޅުގަނޑުމެން ދިރި މިއުޅެނީ ވަރަށް ކުޑަ ކުޑަ މުޖުތަމައެއްގެ ތެރޭގައެވެ. ހުރިހާ މީހުންނަކީވެސް އެކަކު އަނެކެއްގެ ހަގީގަތް ރަނގަޅަށް އެނގޭ ދެކެފަރިތަ މީހުންނެވެ. ރަށެއްގައިނަމަ އެރަށެއްގެ ކޮންމެ މީހަކަށް އެރަށުގެ މިވެނި މީހަކު ކޮށްފައި ނުކުރާނެ ކަންތައްތައްވެސް ރަނގަޅަށް ކިޔައިދޭން އެނގޭނެ އެވެ. މިފަދަ މުޖުތަމައެއްގެ ތެރޭގައި އަމިއްލަ މަސްލަހަތު ކުރިއަށް ނެރުމަށްޓަކައި ކުރެވޭ ކިތައްމެ ކުޑަ ކަމަކުންވެސް މުޅި މުޖުތަމަޢު ފިތުނަވެރިކަމުގެ ތެރެއަށް ވެއްޓިދާނެއެވެ. އަޅުގަނޑުމެންގެ ތެރޭގައި މުވާޞަލާތީ ޚިދުމަތްތައް ތަރައްޤީވެފައިވާ މިންވަރަށް ބަލާއިރު މި ޚިދުމަތުގެ ތެރެއިން ފިތުނައިގެ އަލިފާން ރޯކޮށްލުމަކީ ވަރަށް ފަސޭހަކަމެކެވެ.

އެހެންކަމުން ރަށުގެ ހަމަޖެހުން ގެއްލޭފަދަ ވާހަކައެއް އިވިއްޖެނަމަ އެ ވާހަކައެއް ޤަބޫލުކުރުމުގެ ކުރިން އެ ވާހައެއްގެ ހަޤީގަތް ހޯދަންޖެހެއެވެ. އެފަދަ ވާހަކައެއް ތިމާއާއި ހަމައަށް ވާސިލުކޮށްދިން ފަރާތަކީ ކާކުތޯއާއި، ކިހާ ތެދުވެރި މީހެއްތޯ އަދި އެ ފަރާތުގެ މަސްލަހަތު އެކަމުގައި އޮތީ ކިހާ މިންވަރަކަށްތޯ ބެލުމަށްފަހު ނޫނީ އެފަދަ ވާހަކަތައް ޤަބޫލުކުރުމަކީ ވަރަށް ނުރައްކާތެރި ކަމެކެވެ. ހަޤީގަތާއި ޚިލާފު އެފަދަ ވާހަކައެއް ތިމާއަށް ޤަބޫލުކުރެވި، އެވާހަކަ ތިމާގެ ފަރާތުން އިތުރަށް ފެތުރިގެން ދިއުމަކީ، އެކަމުގެ ގެއްލުން ތިމާއަށް ފޯރާނެކަމެކެވެ.

މީގެ އިތުރުންވެސް ރަށުތެރޭގައި ހިނގާ އެކި ކަންކަމަށް އަންނަ ބަދަލުތަކުގެތެރޭގައި ރަށުގެ އެއްބައިވަންތަކަން ދެމެހެއްޓުމަށްޓަކައި ވިސްނާލަންޖެހޭ މުހިއްމު ކަންތައްތަކެއް އެބަހުއްޓެވެ. މިގޮތުން ރަށުތެރޭގައި ހިނގާ ކަންކަމުގައި މީހުންގެ ކުލައަށާއި، ޖިންސަށާއި، ނަސްލަށާއި، ވާހަކަ ދައްކާ ބަހަށާއި، އިޖްތިމާޢީ ދަރަޖަ ނުވަތަ ސިޔާސީ ގޮތުން އެމީހަކު ތާއީދުކުރާ ފަރާތްތަކަށް ބަލައިގެން ތަފާތުކޮށް މީހުންނާއި ދިމާކޮށް ފުރައްސާރަކުރުމަކީ ހޭލުންތެރި މުޖުތަމައެއްގައި ހިނގައިގެންވާނެ ކަމެއް ނޫނެވެ. ނަމަވެސް މިއަދު އަޅުގަނޑުމެންގެ މުޖުތަމަޢުން ފެނިގެންދަނީ ނަސްލީ ތަފާތުކުރުން އިންތިހާއަށް ބޮޑުވެފައިވާ މަންޒަރެވެ. ފާޅުގައި ވަކި މީހަކަށް ނޫނީ މިވެނި ކަމެއް ނުކުރެވޭނެއޭ ބުނާ ބުނުންތަކާއި، މިނޫނަސް ތަފާތުކުރުމުގެ އެތައް ކަމެއް ކޮންމެ ދުވަހަކު ހިނގަމުން އެބަދެއެވެ.

ހަޤީގަތުގައި މުޖުތަމައުގެ ކަންކަމުގައި އެކި މީހުންނަށް އެހީތެރިވެވޭނީ އެކި މިންވަރަށެވެ. ކަންތައްތައް ކޮށްދެވޭނީ އެކި މިންވަރަށެވެ. އެތަކެއް މުވައްޒަފުންނާއެކު ވިޔަފާރިކުރާ ވިޔަފާރިވެރިންނަށް ގިނަ އެހީތަށް ފޯރުކޮށްދެވޭނެއެވެ. އެހެންނަމަވެސް އާދައިގެ ނިކަމެތި މީހަކަށް މާބޮޑު އެހީތެރިކަމެއް ނުދެވޭނެއެވެ. މިފަދަ ކަންކަމުގައި އިޖްތިމާޢީ ދަރަޖަ ތަފާތުވުމަކީ އެހީތެރިވެދޭ ވިޔަފާރިވެރިންނާއި މުޖުތަމައުގެ ދެރަ ނިކަމެތިންނާއި ދެމެދު ތަފާތުކޮށް ނިކަމެތި މީހާ މުޖުތަމައުން ބާކީ ކުރަންޖެހޭ ސަބަބެއް ނޫނެވެ. އަދި މުޖުތަމައުގެ ކަމަކަށް އެހީވާ މީހަކު އެހީވަނީ މުޖުތަމައުގެ ފައިދާއަށްވުރެ ބޮޑަށް އެމީހެއްގެ އަމިއްލަ މަޤްސަދުތަކެއް ހާސިލް ކުރަން ކަމަށްވާނަމަ، އެމީހަކީ ނަމޫނާ މީހެއްކަމަށް ހަދައިގެން އެމީހަކު ޕްރޮމޯޓް ކުރުމަކީ މުޖުތަމައުގެ މަސްލަހަތާއި އިދިކޮޅު ކަމެކެވެ. މިއާއި ޚިލާފަށް ވިޔަފާރިވެރިއަކު އޭނާގެ ކޮނޑުގައި އެޅިފައިވާ އިޖްތިމާޢީ ޒިންމާ އަދާކުރުމުގެ ގޮތުން ނުވަތަ މުޖުތަމައުގެ ފަރުދެއްގެ ހައިޞިއްޔަތުން އަމިއްލަ އެދުމެއް ނެތި މުޖުތަމައުގެ ތަރައްޤީއަށް އެހީތެރިވެދީ ހޭދަކުރާނަމަ، އެކަން ފާހަގަކޮށް އެހެން މީހުންނަށް ނަމޫނާއެއްގެ ގޮތުގައި އެމީހަކު ޕްރޮމޯޓް ކުރަންޖެހޭނެއެވެ.

ގަބޫލުކުރަންޖެހޭ ހަޤީގަތަކީ ދިވެހި މަޔަކަށް ނުވަތަ ދިވެހި ބަފަޔަކަށް އުފަން ކޮންމެ ދަރިޔަކީ ހަމަ ދިވެހި ދަރިއެއްކަމެވެ. އޭދަފުއްޓަށް އުފަންވިއަސް ކިހާދުއަށް އުފަންވިއަސް އެއީ ހަމަ ދިވެހިދަރިއެކެވެ. އަދި އެއީ އޭނާ ދިރިއުޅޭ މުޖުތަމަޢުގެ މެމްބަރެކެވެ. ކުރީގައި ރަސްކަން ކުރެއްވި ރަސްމަތިފުޅުގެ ގޮމަޔަކަށް ނުވަތަ މަނިއްޕުޅަކަށް އުފަންވިއަސް، ރެޔާއި ދުވާލު އަތްވާއި ވާރޭގައި ކަޑުމަތީގައި އުޅޭ ކެޔޮޅެއްގެ ދަރިއަކަށް ވިއަސް، ނުވަތަ ދިވެހިރައްޔިތުންގެ ޚާދިމުންގެ ގޮތުން ދިވެހި ސަރުކާރަށް ޚިދުމަތްކުރި މީހެއްގެ ދަރިއަކަށް ވިއަސް އެއިން ކޮންމެ މީހަކަށް އެއްވެސް ތަފާތުކުރުމެއް ނެތި އެމީހަކު ދިރިއުޅޭ މުޖުތަމައު އިން ފުރުސަތު ދޭންވާނެއެވެ.

ގުޅުންހުރި ލިޔުންތައް

3 ކޮމެންޓް

 1. Avatar
  ޢަބްދުލްމުހައިމިން

  ލިޔުންތެރިޔާ މި ޖުމުލަ ” އޭދަފުއްޓަށް އުފަންވިއަސް ކިހާދުއަށް އުފަންވިއަސް އެއީ ހަމަ ދިވެހިދަރިއެކެވެ.” ބޭނުން ކުރައްވާފައިވަނީ ދެރަށުގެ ތަފާތަށް ވިސްނައިގެން މިސާލެއް ދެއްކުން ކަމުގައިވެސް ވެދާނެއެވެ. މިއަދު ކިހާދޫ އަކީ ދަށް ފަންތީގެ ރަށެއްގެ ގޮތުގައި ބަލައިގެން ތިބެވޭކަށް ނެތެވެ. އިހުޒަމާނުއްސުރެ އަގު ބޮޑު އެއް މަސައްކަތް ކަމުގައިވާ ރުކުފަތިން ތަކެތި ހެދުމުގެ ފަންނުވެރި މުސްކުޅިންނާއި ޒުވާނުން ކިހާދޫގައި އެބަތިއްބެވެ. ކިހާދޫ ސުކޫލުގެ މުޥައްޒަފުންނާއި ދަރިވަރުން ދަނީ ޒަމާނީ ޓެކްނޮލޮޖީގެ އައު ހަރުފަތްތައް ގިރާކުރަމުންނެވެ. އަޅުގަނޑުގެ އުސްތާޛު ކުޑަރިކިލު އިބްރާހީމް އަބޫބަކުރުފުޅު އަމިއްލަ ރަށަށް ބަދަލުވި ހިސާބުން ، އޭދަފުށްޓަށް ލިބިފައިއޮތް ފޭލި ވިޔުމުގެ ރީތިނަން ވަޅުޖެހިއޭ ދެންނެވުން ދޮގަކަށް ނުވާނެއެވެ.

  ރައްދު
 2. Avatar
  Kihaadhoo ބަތްޕޮޅި

  “އޭދަފުއްޓަށް އުފަންވިއަސް ކިހާދުއަށް އުފަންވިއަސް އެއީ ހަމަ ދިވެހިދަރިއެކެވެ.” ކިހާދޫ ދެން ހާދަ ދެރަކޮށްލީތި…؟؟؟؟!!!

  ރައްދު

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.