ކުދިންގެ ތައުލީމީ ހަޔާތް ކާމިޔާބުކުރުމަށްޓަކައި މައިންބަފައިންގެ ބައިވެރިވުން

ދަރިފުޅު ސްކޫލަށް ލުމަށްފަހު ކޮންމެދުވަހަކުވެސް ބެލެނިވެރިން އުއްމީދުކުރަނީ ދަރިފުޅު ކޮންމެވެސް އެއްޗެއް އުނގެނިގެން ގެއަށް އަންނާނެކަމަށެވެ. މިއީ ހަމައެކަނި ކުރެވޭ އުއްމީދެކެވެ. މި އުއްމީދު ހަގީގަތަކަށް ހެދުމަށްޓަކައި ބެލެނިވެރިން ކުރަނީ ކޮންކަމެއްތޯއެވެ؟

ބެލެނިވެރިންނަށް ގަބޫލުކުރެވިފައި އޮންނަނީ ކޮންމެދުވަހަކު ދަރިފުޅު ގޮވައިގެން ސްކޫލް ގޭޓާއި ހަމައަށް ދެވުމުން ބެލެނިވެރިން ނުވަތަ މައިން ބަފައިންގެ ވާޖިބު އަދާކުރެވުނީ ކަމަށެވެ. ނަމަވެސް މިކަމަކީ ދަރިފުޅުގެ ކިޔެވުމަށް ސީދާގޮތުން މާބޮޑު އަސަރުތަކެއް ކުރާނެކަމެއް ނޫނެވެ. ގަބޫލުކުރަންޖެހޭ ހަގީގަތަކީ ހަމައެކަނި ސްކޫލަށް ފޮނުވުމަކުން ދަރިފުޅު މޮޅުނުވާނެކަމެވެ. ފަހުގެ ދިރާސާތަކުން ދައްކާގޮތުން ތިމާގެ ދަރިންގެ ތައުލީމީ ހަޔާތް ކާމިޔާބުކުރުމަށްޓަކައި އެ ދަރިފުޅުގެ ތައުލީމީ ހަޔާތުގައި ތިމާ ވަރަށް ބޮޑަށް ބައިވެރިވާންޖެހެއެވެ.

މިކަމަށްޓަކައި ތިމާ ކުރަންޖެހޭ އެއްމެ ފުރަތަމަކަމަކީ ދަރިފުޅު ކިޔަވަންދާ ސްކޫލާއި ސީދާގޮތުން ގުޅުމެވެ. ސްކޫލާއި ދެމެދު ގާތް ގުޅުމެއް ބޭއްވުމެވެ. ދަރިފުޅުގެ ކިޔެވުމާއި ބެހޭގޮތުން ސީދާ އެ މާއްދާއެއްގެ ޓީޗަރާއި އަދި ހާއްސަކޮއް ކުލާސްޓީޗަރުންނާއި ބައްދަލުކޮށް ދަރިފުޅަށް އެހީތެރިކަން އެންމެ ބޮޑަށް ބޭނުންވަނީ ކޮން މާއްދާތަކުންތޯ ބަލައި އެ ދަރިފުޅަށް ގޭގައި އެހީތެރިކަން ފޯރުކޮށްދެވޭނީ މިފަދަ ގުޅުމެއް ގާއިމްވެފައި އޮތުމުންނެވެ.

ދެވަނަ ކަމަކީ ދަރިފުޅު ސްކޫލުން ގެއަށް އައުމުން ކުރަންޖެހޭ ކަންތައްތަކެވެ. އެގޮތުން ސްކޫލުގައި ވަގުތު ހޭދަކުރި ގޮތާއި ބެހޭގޮތުން ދަރިފުޅާއި ސުވާލުކޮށް ވާހަކަ ދެއްކިދާނެވެ. އެގޮތުން ސުވާލު ކުރުމުން އެދުވަހު ސްކޫލުގައި ދަރިފުޅު ހޭދަކުރިގޮތް ތިމާއަށް އެނގުމުގެ އިތުރުން އެދަރިފުޅުގެ ވާހަކަދެއްކުމުގެ ހުނަރު އިތުރުވެގެންދާނެއެވެ. މިގޮތަށް ސުވާލުކުރުމުން ކިޔެވުމަށް މައިންބަފައިން ދޭ ސަމާލުކަން އެ ދަރިފުޅަށް ގަބޫލުކުރެވި ކިޔެވުމަށް އިތުރަށް ހިތްވަރު ލިބިގެންދާނެއެވެ.

މީގެ އިތުރުން ދަރިފުޅަށް ސްކޫލުން ނަގައިދޭ ފިލާވަޅުތަކުގެ އިތުރަށް ގޭގައި އަމިއްލައަށްވެސް ފިލާވަޅުތަކެއް ނަގައިދެވިދާނެއެވެ. މިގޮތަށް މަސައްކަތް ކުރެވިއްޖެނަމަ ދަރިފުޅު ސްކޫލަށްދާ ކޮންމެ ދުވަހަކީ އެ ދަރިފުޅުގެ ތައުލީމީ ހަޔާތުގައި ކާމިޔާބު ދުވަހަކަށް ހެދިދާނެއެވެ.

އަދި މީގެއިތުރުންވެސް ދަރިންނަށް އިސްލާމްދީނުގެ ރިވެތި އުސޫލުން ތެދުވެރި ކަމާއި އަމާނާތްތެރި ކަމާއިއެކު ސާފުތާހިރުވެއްޓެއްގައި ދިރިއުޅެން ދަސްކޮށްދެވިއްޖެނަމަ ދަރިންގެ ތައުލީމީ ބިންގާ ވަރަށް ވަރުގަދަވެ ކާމިޔާބުވާނޭކަންވެސް ކަށަވަރެވެ.

ގުޅުންހުރި ލިޔުންތައް

1 ކޮމެންޓް

  1. Avatar
    Kihaadhoo ބަތްޕޮޅި

    ދަރިން ތަރުބިއްޔަތުކޮށް ތަޢުލީމު ދިނުމުގަި ބައްްޕައިންގެރޯލް މިހާރަށްވުރެ ހަރުދަނާ ކުރަން ޖެހެއެވެ.

    ރައްދު

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.