ކުދިންނަށް ޓީވީ ބަލަން ފުރުސަތުދޭއިރު މިކަމާ ވިސްނަންތަ؟

ބައެއް މައިންބަފައިން ދަރިއަކު ގޯސްކަމެއްކުރުމުން ވަރަށް ގިނައިން ބުނާތީ އަޑުއިވެއެވެ. ” ތިމަންނަގެ ދަރިފުޅު އެކަހަލަ ކަމެއްކުރަންވީ ކީއްވެހެއްޔެވެ؟ އޭނާ ބޭނުން ކޮންމެ އެއްޗެއް ތިމަންނަ ހޯދައިދެމެވެ. ބަރާބަރަށް ކާންދީ ސްކޫލަށް ފޮނުވަމެވެ. ދުވަހަކުވެސް ރުޅިއައިސްގެން ބާރަށް އެއްޗެއްބުނެ އަނިޔާކޮށްފައެއް ނޯންނާނެއެވެ. ގޭގަ އޭނައަށް މަނާ އެއްކަމެއްވެސް ނޯންނާނެއެވެ. ” އެއީ ޙަޤީގަތުގައިވެސް ތެދަކަށްވެދާނެއެވެ. އެކަމަކު އެހުރިހާކަމެއް އެގޮތަށްހުރި ކަމުގައިވިޔަސް މާބޮޑުކަމެއްކަމަށް ނުދެކި ދޫކޮށްލެވޭ އެންމެ ކަމެއްގެ ސަބަބުންވެސް ކުއްޖާގެ ތަރުބިއްޔަތަށް ނޭދެވޭ އަސަރުކުރުމަކީ ވަރަށް އެކަށީގެންވާކަމެކެވެ. މިގޮތުން މިއާރޓިކަލްގައި އަޅުގަނޑު އަލިއަޅުވާލަން މިގަސްތުކުރަނީ އެފަދަ ކަމަކަށެވެ.

މީޑިޔާގެ ވަސީލަތްތަކުގެ ތެރެއިން ކުޑަކުދިންނާއި އެންމެ ރައްޓެހި އެއްޗަކީ ޓީވީ އެވެ. ޓީވީ އެއްނެތް ގެއެއް ހުރެދާނެ ކަމާއި މެދުވެސް މިހާރު ސުވާލު އުފެދޭހާ ވެއެވެ. އެހެންކަމުން މޯބައިލް ފޯނާއި އިންޓަނެޓްގެ ބޭނުންކުރުމުގެ ފުރުސަތުނުލިބޭ ތުއްތުކުއްޖާއަށްވެސް ޓީވީ އިން ދައްކާ މަންޒަރުތައް ފެނެއެވެ. ވަރަށް މަދުގެއެއްފިޔަވައި ކޮންމެ ގެއަކީވެސް ކޭބަލްޓީވީގެ ޚިދުމަތް ބޭނުންކުރަމުން އަންނަގެއަކަށްވުމުން ތަފާތު އެތައް ނޭދެވޭ މަންޒަރުތަކެއް ކުދިންނަށް ފެނުމުގެ ފުރުޞަތު ބޮޑުވެގެން ދެއެވެ. ކުޑަކުދިން އެންމެ ގިނައިން ބަލާ އަދި ގަޔާވާ އެއްޗަކީ ކާރޓޫނެވެ. ގިނަ މައިންބަފައިން ދެކޭ ގޮތުގައި ޓީވީ އިން ކުޑަކުދިން ބެލުން އެންމެ އެކަށީގެންވާ އެއްޗަކީވެސް ކާރޓޫނެވެ. އެކަމަކު ކާރޓޫންތަކުން ފެންނަ މަންޒަރުތަކާމެދު ވިސްނަނީ ވަރަށްމަދު މީހެކެވެ. ކުޑަކުދިންގެ މެދުގައި މަޝްހޫރު ގިނަ ކާރޓޫނުތަކުގައި އެކުދިންގެ ޢުމުރާ ނުގުޅޭ މަންޒަރުތައް ހުންނަކަން ފާހަގަކުރެވެއެވެ. ޕުރިންސްއަކާއި ޕުރިންސަސްއެއްގެ ލޯބީގެ ގުޅުން ކާރޓޫނެއްގެ ސިފައިގައި ގެނަސްދިންކަމުގައި ވިޔަސް އެއިން ހަމަ ދޭހަވާނީ އެއްމާނައެއް ދޮގެއްތޯއެވެ؟ އެމަންޒަރުތަކުން ފެންނަކަންކަމާމެދު ކުދިން ނުވިސްނާނެ ކަމަށް ދުށުމަކީ ގޯހެކެވެ. ކާޓޫނުތަކުގެ ތެރެއިންވެސް ރަގަޅު ފިލާވަޅުތައް އުގަންނައިދޭ ކާޓޫނުތައް ބަލަން ކުދިންނަށް ފުރުސަތުދިނުމަކީ މައްސަލައެއްނޫނެވެ. މުހިއްމީ ބެލެނިވެރިން އެކަންކަން ޔަގީންކުރުމެވެ.

ކާރޓޫނުގެ އިތުރުން ކުޑަކުދިން އެންމެ ޝައުޤުވެރިކަމާއެކު ބަލާ އެކައްޗަކީ ލަވައާއި ޑުރާމާއެވެ. ކަންމިހެން އޮތްއިރު ހަމައކަނި ރާއްޖޭގެ ޓީ.ވީ ޗެނަލްތަކުން ދައްކާފަހުގެ ދިވެހިލަވަތަކާއިމެދު ކުޑައިރުކޮޅަކަށް ނަމަވެސް ތިޔަބޭފުޅުންގެ ފިކުރު ހިންގަވާ ބައްލަވާށެވެ. ނިވާކަންކުޑަ ހެދުންތަކާއި ދެޖިންސުގެ މީހުންގެ ގައިގޯޅިވުމާއި ޖިންސީ ޢަމަލުތަކަށް ހިތްވަރުލިބޭ ޙަރަކާތްތައް ނޫން އެހެން އެއްޗެއް އެއިން އެބަފެނޭ ހެއްޔެވެ؟ މިމަންޒަރުތައް ޝައުޤުވެރިކަމާއެކު ބަލަން އެއްކަލަ ދަރިފުޅު ސޯފާގައި މަޑުމަޑުން އިންނަތަން ފެނުމުން ގިނަމައިންބަފައިންނަށް ލިބެނީ ބޮޑުހިތްހަމަޖެހުމެކެވެ.ދަރިފުޅު މަޑުމަޑުން ބަސްއަހައިގެން އިނީތީއެވެ. މަންމަ ނުވަތަ ބައްޕަ ބޭނުންވާ ކަމެއްކުރުމުގެ ފުރުޞަތު ވަގުތުކޮޅަކަށް ނަމަވެސް ލިބޭކަމަށްޓަކައެވެ. އެކަމަކު އެމަންޒަރުތައް ކުދިންނަށް ފެނުމުން އެކުދިންގެ ސިކުނޑީގައި ކުރެހެމުންދާނެ ތަސްވީރާމެދު އެއްގޮތަކަށްވެސް ވިސްނައެއްނުލައެވެ. ނަތީޖާއަކަށްވަނީ ކުދިންނަށް އެފެންނަ ކަންތައްތަކަކީ މުޖުތަމައު ބަލައިގަންނަ އަދި ކުރުން ” އޯކޭ ” ކަންތައްތައްކަމުގައި އެކުދިންނަށް ޤަބޫލުކުރެވުމެވެ. ވަރަށް ހަގުއުމުރުގައި ކުދިން ބޯއިފްރެންޑުންނާއި ގާރލްފްރެންޑުން ބޭނުންވުމާއި، ކުޑަކުދިންގެ ފަރާތުން ފެންނަ ބަދުއަޚްލާޤީ އަމަލުތައް މިހާރަކަށްއައިސް އިތުރުވުމުގެ އެއްސަބަބަކީ މިއީކަމުގައި ދަންނަވަން ކެރިދާނެއެވެ. އެކަމަކު މިކަންކަމަށް ކުދިންގެ ވިސްނުން އެނބުރެން ދިމާވީ ކީއްވެގެން ހެއްޔެވެ؟ އަދި އެވިސްނުން އެކުދިންގެ ސިކުނޑީތަކަށް ވާސިލްވުމަށް މަގުފަހިވީ ކޮންބަޔަކު ފުރުޞަތުދީގެން ހެއްޔެވެ.؟ ޚުދު މައިންބަފައިންނާއި ބެލެނިވެރިންނެވެ.

މިމައުޟޫޢުގައި ދެއްކިދާނެ އެކަހަލަ ކިތައްމެ ވާހަކައެއްވެސް އެބަހުއްޓެވެ. އެކަމަކު އެވާހަކަތައް ހިމަނައިގެން އާރޓިކަލް ދިގުކުރުމުގެ ބޭނުމެއް އޮތްހެނެއް ހިޔެއްނުވެއެވެ. އެހެންހަދައިފިނަމަ ފަހަރުގައި ޓީވީއަކީ ކުޑަކުދިން އެއްގޮތަކަށްވެސް ބެލުން ރަގަޅުނޫން އެއްޗެއްކަމުގައި ހީވުމަކީވެސް ވެދާނެކަމެކެވެ. ކުޑަކުދިން ކަމުގައިވިޔަސް ޓީވީ ބެލުމަކީ އޭގެޒާތުގައި އެއްވެސް މައްސަލައެއް ނޫނެވެ. އެކަމަކު އެއިން އެކުދިންނަށް ބެލެންވާނީ އެކުދިންގެ އުމުރާގުޅޭ އަދި އެކުދިންގެ ތަރުބިއްޔަތަށް ނޭދެވޭ އަސަރެއް ނުކުރާނެ މަންޒަރުތަކަކެވެ. އެކަން ޔަޤީން ކުރަންތިބި ބަޔަކީ އެކުދިންގެ މައިންބަފައިން ނުވަތަ ބެލެނިވެރިންނެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.