ބ. އަތޮޅު މަދަރުސާ އަށް 39 އަހަރު. ތާރީޚީ ބަދަލުތަކަކާއި ދިމާލަށް

ބ. އަތޮޅު މަދަރުސާގެ ދަރިވަރުންތަކެއް ސްކޫލަށް ވަންނަނީ. ފޮޓޯ/ ބ. އަތޮޅު މަދަރުސާ

ބ. އަތޮޅުމަދަރުސާ އުފެދުނުތާ މިއަހަރު 39 އަހަރު ފުރިގެންދާއިރު، ތާރީޚްތެރެއިން މި ސްކޫލް ވަނީ ތަފާތު އެކިއެކި ކާމިޔާބީތައް ހޯދާފައެވެ. އެއީ އަތޮޅުގެ ފެންވަރުންނާއި ޤައުމީ ފެންވަރުގައެވެ. ސްކޫލަށް އަހަރުން އަހަރަށް ބޮޑެތި ބަދަލުތައް ގެނެވެމުން ތަރައްޤީ ވަމުން ދެއެވެ.

އެގޮތުން މަދަރުސާ މިއަހަރު ފެށިގެން ދަނީ ތަފާތު ތާރީޚީ ބަދަލުތަކެއްގެ ތެރެއަށެވެ. މިއަހަރުގެ ދިރާސީ އައު އަހަރު އިއްޔެ ފެށުނު ދުވަހު ސްކޫލުގެ ދޮރުމަތިން މީގެ ކުރިން ފެންނަމުން ދިޔަ ތުއްތު ތުއްތު ހުދުކުލައިގެ ދޫނިތައް، ފެނިގެން ދިޔައީ ޒަމާނާއި އެއްގޮތައް ތަރައްޤީވެ ސްކޫލުގެ ރީތި ފެހި ކުލައިގެ ދޫނިތަކެއްގެ ގޮތުގައެވެ. އާދެ ދިރާސީ އައު އަހަރު އެ ސްކޫލުގެ ދަރިވަރުން ސްކޫލަށް ޙާޟިރުވީ ތާރީޚީގޮތުން ރަން އަކުރުން ފަވާލެވޭ ފަދަ ބަދަލަކާއި އެކު، ޒާމާނުން ސުރެން ބޭނުންކުރަމުންއައި ސްކޫލުގެ ހުދު ޔުނީފޯމް ދޫކޮށްލައި، މުޅިން އައު ރީތި ޔުނީފޯމެއްގަ އެވެ. ބ. އަތޮޅު މަދަރުސާގެ ރަސްމީ ޔުނީފޯމް މިއަހަރުން ފެށިގެން މިވަނީ ބަދަލުކޮށްފަ އެވެ. މިއީ ބ. އަތޮޅުގެ ސްކޫލުތަކުން ޔުނީފޯމް ބަދަލުކުރި ފުރަތަމަ ސްކޫލެވެ.

ބ. އަތޮޅު މަދަރުސާގެ ދަރިވަރުންތަކެއް އެސެމްބްލީގައި. ފޮޓޯ/ ބ. އަތޮޅު މަދަރުސާ

މީގެ އިތުރުން، މިއަހަރު ފެށެންވާއިރަށް ސްކޫލުން ވަނީ ސްކޫލުގެ އެތެރޭގެ މާހައުލަށްވެސް ބަދަލުތަކެއް ގެނެވި، އަދި އިތުރު ބަދަލުތަކެއް ގެނައުމުގެ މަސައްކަތް ފަށާފައެވެ. އެ ސްކޫލުން ބުނި ގޮތުގައި މިބަދަލުތަކުގެ ބޭނުމަކީ، ސްކޫލަކީ ދަރިވަރުންނާއި ރައްޓެހި، އެ ދަރިވަރުން ހިތްހަމަޖެހޭ، އުފާވެރި ތަނަކަށް ހެދުމެވެ. އަދި ދަރިވަރުން އަންނަ ހިތުން އަންނަ ސްކޫލަކަށް ހެދުމެވެ. ސްކޫލުގެ މާހައުލުން އެ ދަރިވަރުންނަށް އުފާވެރިކަން ގެނެސްދިނުމެވެ.

މީގެ އިތުރުން ސްކޫލް ޑިޖިޓަލް ކުރުމަށް ސްކޫލުން ފަށާފައިވާ ޕްރޮޖެކްޓް މިއަހަރުތެރޭ ފުރިހަމަ ކުރެވޭނެކަމަށް ސްކޫލުން ހާމަކުރެއެވެ. އަދި ސަރުކާރުން މިއަހަރު ކުރިޔަށް ގެންދަވާ ޑިޖިޓަލް ސްކޫލް ޕްރޮޖެކްޓުގެ ސަބަބުން އެ ސްކޫލުގެ މި ޕްރޮޖެކްޓަށް އިތުރު ފުރިހަމަކަމެއްލިބިގެން ދާނެކަމަށް ސްކޫލުން ހާމަ ކުރެ އެވެ. އެ ސްކޫލުން މިހާރުވެސްވަނީ ހުރިހާ ކްލާސް ރޫމެއްގައި ޓީވީ ހަރުކޮށްފައެވެ.

ބ. އަތޮޅު މަދަރުސާ

ދިރާސީ އައު އަހަރާއި އެކު ސްކޫލުން ވަނީ ސްކޫލުގެ އަމިއްލަ ލަވަ “އަޅުގަނޑުމެންގެ ޢަޒުމް” ރަސްމީކޮށް ބޭނުންކުރަން ފަށާފައެވެ. ސްކޫލް ލަވަ ހައްދަވައިދެއްވާފައިވަނީ ދަރަވަންދޫ ނާޝިދުއެވެ. އަދި ސްކޫލް ތާރީޚީ ގޮތުން މިއައި ބަދަލާއި އެކު، އެސްކޫލަކީ ބީޓެކް އޭލެވެލް ކިޔަވައިދޭ ސްކޫލަކަށް މިނިސްޓްރީ އޮފް އެޑިއުކޭޝަނުން މިހާރުވަނީ ކަނޑައަޅާފަ އެވެ. އެ ސްކޫލުން ހާމަކުރާ ގޮތުގައި އޭލެވެލް ފެށުމަށް ވާންޖެހޭ ތައްޔާރީތައް މިހާރު ދަނީ ވަމުންނެވެ. އަދި މިއަހަރު ބީޓެކް އޭލެވެލް ސްކޫލުގައި ފެށިގެންދާނެކަމަށް ސްކޫލުން އުއްމީދު ކުރެއެވެ.

ބ. އަތޮޅުމަދަރުސާއަށް ގެނެވޭ މިތަރައްޤީ ބަދަލުތަކަކީ އަތޮޅުގެ ހުރިހާ ރައްޔިތުންވެސް ފަޚުރުވެރިވާނޭ ބަދަލުތަކެކެވެ، އަދި ހުރިހާ ސްކޫލަކުންވެސް ނަމޫނާ އަކަށް ބަލައި ކުރިޔަށްދާން މަސައްކަތްކުރަން ރަނގަޅު ކަންކަމެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.