ރޯޔަލް އަތުން ޔޫތު ޓީމު ބަލިވެއްޖެ

ރޯޔަލް ރިސޯޓާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗަށް ނިކުތް އޭދަފުށީ ޒުވާން ޓީމުގެ ފުރަތަމަ 11ގައި ކުޅޭ ކުޅުންތެރިން ފޮޓޯއަކަށް އެތުރިގެން. — ފޮޓޯ / ތޯރިގް

މި މަހުގެ10 ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) 21 އަހަރުންދަށުގެ ޔޫތު ޗެމްޕިއަންޝިޕަށް ތައްޔާރުވުމުގެ ގޮތުން ރޯޔަލް އައިލެންޑް ރިސޯޓްގައި އޭދަފުށީ ޒުވާނުންގެ ކުލަބުގެ 21 އަހަރުންދަށުގެ ޓީމު ކުޅުނު އެކުވެރިކަމުގެ ތިންވަނަ މެޗުން ބަލިވެއްޖެ އެވެ.

ރޯޔަލް އެކްސަސް ކްލަބުގެ ފުޓްބޯޅަ ޓީމު އަތުން އޭދަފުށީ ޒުވާން ޓީމު ބަލިވީ ބުރާސްފަތިދުވަހު ހަވީރު 3-0އިންނެވެ. މެޗުގައި ރޯޔަލް އިން ފުރަތަމަ ދެ ލަނޑުވެސް ޖަހާފައިވަނީ ފުރަތަމަ ހާފު ފެށުނުތަނާ އެވެ. ތިންވަނަ ލަނޑުޖެހީ ފަހުހާފުގަ އެވެ.

ޒުވާން ޓީމަށް އިރުޝާދު ދޭ ޓީމުގެ ކޯޗު ބައްޓޭ މެޗަށްފަހު ބުނީ، ޓީމު ބަލިވިނަމަވެސް ޓީމުގެ ކުޅުމާދޭތެރޭ ވަރަށްބޮޑަށް ހިތްހަމަޖެހާ ކަމަށެވެ.

12 ޓީމު ވާދަކުރާ މި މުބާރާތުގައި އޭދަފުށީ ޒުވާނުންގެ ކްލަބު ހިމެނޭ ގުރޫޕް ސްޓޭޖުގެ ފުރަތަމަ މެޗުގައި ޖެނުއަރީ 11 ވާ ހުކުރު ދުވަހުއޭދަފުށީ ޓީމު ވީބީ އައްޑޫ އެފްސީއާ ބައްދަލުކުރަން ޖެހޭއިރު، ޖެނުއަރީ 18ވާ ހުކުރު ދުވަހު ބައްދަލު ކުރަންޖެހެނީ ކްލަބް އޭވައިއެލްއާއެވެ. ގުރޫޕްސްޓޭޖުގެ ފަހު މެޗުގައި ޖެނުއަރީ 25 ވާ ހުކުރު ދުވަހު ބައްދަލުކުރަންޖެހެނީ މާޒިޔާއާ އެވެ. މި ހުރިހާ މެޗެއްވެސް ކުޅުން ހަމަޖެހިފައި ވަނީގަލޮޅު ރަސްމީ ދަނޑުގައެވެ.

މި މުބާރާތަށް ތައްޔާރުވުމުގެ ގޮތުން އޭދަފުށީ ޒުވާން ޓީމުވަނީ މި މިދިޔަ ހުކުރު ދުވަހު އޭދަފުށީ ދަ ބިގިނާސްޓީމާއެކު އެކުވެރިކަމުގެ މެޗެއް ކުޅެފަ އެވެ. އެ މެޗު ނިމުނީ 2-0 އިން ޔޫތު ޓީމުވަނީ މޮޅުވެފަ އެވެ. އެކުވެރިކަމުގެ ދެވަނަ މެޗުގައި މިދިޔަ ހޯމަ ދުވަހު ދަނގަޑޭ 11 އާ ކުޅެ 2-2 އިން ދެ ޓީމު ވީ އެއްވަރެވެ. މި މެޗުގައި ދަނގަޑޭ 11 އަށް ގައުމީޓީމުގެ ކެޕްޓަން އަލީ އަޝްފާގު (ދަނގަޑޭ)ވެސް ވަނީ ކުޅެފަ އެވެ.

ބައްޓޭބުނީ މުބާރާތަށް މާލެ ފުރުމުގެ ކުރިން އެކުވެރިކަމުގެ މެޗެއް ސޮނެވާފުށީ ރިސޯޓާއެކުވެސް ކުޅުމަށް ހަމަޖެހިފައިވާ ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

1 ކޮމެންޓް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.