ރަހުމަތްތެރިކަމުގެ މެޗުގައި ވެލާ ސްޕޯޓްސް އިން ނައިފަރުގެ ބަޒޫކާ ސްޕޯޓްސް ބަލިކޮށްފި

ވެލާ ސްޕޯޓްސްގެ އިބްރާހިމް ޝަރީފް (ލުއްޑަ) ބަޒޫކާ ސްޕޯޓްސް ކުޅުންތެރިން ކައިރިން ނައްޓާފައި ދަނީ.– ފޮޓޯ: އިބްރާހިމް ނަޒީހް /ރަޔާން ފޮޓޯސް

ވެލާ ސްޕޯޓްސް ކުލަބުން މިއަދު ހަވީރު އޭދަފުށީ ފުޓުބޯޅަ ދަނޑުގައި ނައިފައުގެ ބަޒޫކާ ސްޕޯޓްސް ކުލަބާ ވާދަކުރި ރަހުމަތްތެރިކަމުގެ މެޗް 5-0 އިން ކާމިޔާބު ކޮށްފި އެވެ.

ބަޒޫކާ ސްޕޯޓްސް ކުލަބަކީ މިދިޔަ ސެޕްޓެމްބަރު މަހު ސްޕޯޓްސް މިނިސްޓްރީގައި ރަޖިސްޓްރީ ކޮށްގެން ނައިފަރުގައި ހިންގާ ކުލަބެކެވެ. މި މެޗަކީ ޅ. އަތޮޅުގެ ޓީމުތަކަށް ހާއްސަ ކޮށްހެން އަންނަ ބުރާސްފަތި ދުވަހު ފަށާ މިފްކޯ ޅަވިޔަނި ފުޓުބޯޅަ ޗެމްޕިއަންޝިޕް 2021 އަށް ތައްޔާރުވުމުގެ ގޮތުން އެޓީމު ކުޅެމުން އަންނަ ރަހުމަތްތެރިކަމުގެ ސިލްސިލާ މެޗުތަކުގެ ތެރެއިން މެޗެކެވެ.

އޭދަފުށީގެ އަލީ ނަސީމް (ދިއްލި) ބަޒޫކާ ސްޕޯޓްސް އަށް މިއަދުގެ މެޗުގައި ކުޅެނީ.– ފޮޓޯ: އިބްރާހިމް ނަޒީހް /ރަޔާން ފޮޓޯސް

މިއަދު ކުޅުނު މެޗް ޝަރަފްވެރި ކޮށްދެއްވީ ބ. އަތޮޅު ތައުލީމީ މަރުކަޒުގެ ޕްރިންސިޕަލް އަހުމަދު ރަފީއު އެވެ.

ފުރަތަމަ ހާފު ވެލާ ސްޕޯޓްސް ނިންމާލީ ދެ ލަނޑުގެ ލީޑަކުންނެވެ. މި ލަނޑުތައް ޖަހައިދިނީ މުހައްމަދު ފަޔާޒް (ކުވާ) އާއި ޒުވާން ޑިފެންޑަރު މުހައްމަދު ޝާން (ލަޕޯ) އެވެ. ދެވަނަ ހާފުގައި ވެލާ ސްޕޯޓްސްގެ ލަނޑުތައް ޖެހީ ޝާފިއު މުހައްމަދު (ފިއްޓޭ) އާއި ކެޕްޓަން އިބްރާހިމް ޝަރީފް (ލުއްޑަ) އެވެ. ޝަރީފް ވަނީ މި ހާފުގައި ދެ ލަނޑު
ޖަހައިފަ އެވެ.

ބަޒޫކާ ސްޕޯޓްސް އިން ވަނީ ޅަވިޔަނި ފުޓުބޯޅަ ޗެމްޕިއަންޝިޕަށް އޭދަފުށީގެ ދެ ކުޅުންތެރިޔަކު އެ ޓީމަށް ގެންގޮސްފަ އެވެ. އެއީ ރައްޒާން ރަޝީދު (ރިޗަޑު) އާއި އަލީ ނަސީމް (ދިއްލި) އެވެ. މި ދެ ކުޅުންތެރިން ވެސް ކުޅެން އެރީ ދެވަނަ ހާފުގަ އެވެ.

ވެލާ ސްޕޯޓްސް އަދި ބަޒޫކާ ސްޕޯޓްސްގެ ކުޅުންތެރިން “ސޭ ނޯ ޓު ޑޮމެސްޓިކް ވަޔޮލެންސް” ޝިއާރު ޖަހާފައިވާ ބެނާ އެއް ހިފަހައްޓައިގެން.– ފޮޓޯ: އިބްރާހިމް ނަޒީހް /ރަޔާން ފޮޓޯސް

ވެލާ ސްޕޯޓްސް ކުލަބުން ޖެންޑާ މިނިސްޓްރީއާއި ޔުނިސެފް ގުޅިގެން އިޖްތިމާއީ ކަންކަމާއި ގެވެށި އަނިޔާއާ ގުޅޭގޮތުން ރައްޔިތުން އަހުލުވެރިކުރުމަށް، މި މެޗް ކުޅުނީ އެކަމަށް ހާއްސަ ކޮށްފައިވާ “ސޭ ނޯ ޓު ޑޮމެސްޓިކް ވަޔަލެންސް” (ގެވެށި އަނިޔާއަށް ނޫނެކޭ ބުނަމާ) ޝިއާރުގެ ދަށުންނެވެ.

މިއީ މި ޝިއާރުގެ ދަށުން ވެލާ ސްޕޯޓްސް ކުޅުނު ފުރަތަމަ މެޗެވެ. އަދި މި މެޗަށް ފަހު ކައިރި މުސްތަގުބަލުގައި އެޓީމު ކުޅޭ ހުރިހާ މެޗެއްގައި ވެސް މި ޝިއާރު ބޭނުންކުރަން ނިންމާފައި ވާކަމަށް ކުލަބުން ބުނެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.