ޕްރިމިއަރ ލީގަށް ކޮލިފައިނުވެ ހިތްދަތި ގޮތަކަށް އޭދަފުށި ކަޓައިފި

މިނިވަން ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ ފައިނަލް ބުރުގައި މިއަދު އއ. މާޅޮސް އަތުން 3-2 އިން މޮޅުވި ނަމަވެސް ދިވެހި ޕްރިމިއަރ ލީގަށް ކޮލިފައިވުމުގެ ފުރުސަތު ހިތްދަތި ގޮތަކަށް ފުޓްބޯޅައިގެ ނަން މަޝްހޫރު އޭދަފުއްޓަށް ގެއްލިއްޖެއެވެ. މިދިޔަ ދެއަހަރުވެސް މި މުބާރާތުގައި މޮޅު ކުޅުމެއް ދެއްކި ޗެމްޕިއަން އޭދަފުށި މުބާރާތުން ކެޓީ މާޅޮހާ ޕޮއިންޓުގެ ގޮތުން އެއްވަރުވެ ފައިދާ ގޯލަށް ބަލައިގެންނެވެ. މިއަދު މެޗު ކާމިޔާބު ކުރިނަމަވެސް އޭދަފުއްޓަށް ގެއްލުން ދެގޯލު ލިބޭއިރު މާޅޮހަށް ކުރި ލިބެނީ އެޓީމަށް ފައިދާ އެއް ގޯލު އޮތުމުންނެވެ. ގްރޫޕް ސްޓޭޖުގައި ކުޅުނު ތިންމެޗުން މިދެޓީމަށްވެސް ލިބުނީ ހަތަރު ޕޮއިންޓެވެ.

ތިންގޯލުގެ ތަފާތުން މޮޅުވުން ނޫންގޮތެއް ނެތް މިއަދުގެ މެޗަށް އޭދަފުށި ނިކުތީ އޮފީހުން ރިލީޒް ނުލިބުނު އިޝާން އިބްރާހީމް (ސައްޓު) ނުލައެވެ. އަދި މެޗު ފަށައިގެން ފުރަތަމަ 15 މިނިޓް ތެރޭ އެއްމެ މުހިއްމު އެއް ކުޅުންތެރިޔާ މުޙައްމަދު ފާސިރު (ފާއްޓެ) އަނިޔާގެ ސަބަބުން ބަދަލުކުރަން ޖެހުނެވެ. ނަމަވެސް މެޗު ފެށުނީންސުރެ އޭދަފުށީ ޓީމުން ވަނީ މާޅޮހުގެ ގޯލަށް ނުރައްކާކޮށް ގިނަ ހަމަލާތަކެއް ފޮނުވާލާފައެވެ. ފުރަތަމަ ހާފު ނިމުނީ އޭދަފުށި ދެގޯލުގެ ލީޑެއްގައި އޮވެގެންނެވެ. އޭދަފުއްޓަށް ފުރަތަމަ ގޯލް ޖަހައިދިނީ ޙުސައިން ޝިފާޢު އެވެ. އަދި އޭގެ ކުޑައިރުކޮޅެއް ފަހުން ޙުސައިން އީމާން ޖަހައިދިން ގޯލާއެކު ދެވަނަ ހާފާއި އޭދަފުށި ކުރިމަތިލީ އުއްމީދާއި އެކުއެވެ.

ދެވަނަ ހާފު ފެށިގެންވެސް މުޅި މެޗު ޑޮމިނޭޓް ކުރަމުންދިޔަ އޭދަފުށީގެ ތިންވަނަ ގޯލް މެޗުގެ 55 ވަނަ މިނިޓުގައި ޖެހީ އަޒްމީން އަބްދުއްސައްތާރެވެ. ޕްރިމިއަރ ލީގަށް ކޮލިފައިވުމަށް ބޭނުންވި ތިން ގޯލުގެ ލީޑު ނެގުމުން، އޭދަފުށިން ފަސޭހަ ކަމާއެކު މެޗު ކާމިޔާބު ކުރާނެކަމަށް ބެލެވުނެވެ. ނަމަވެސް މެޗުގެ 69 ވަނަ މިނިޓުގައި މާޅޮހަށް ލިބުނު ފުރުސަތުގެ ބޭނުންހިފައި އެޓީމުން މެޗުގެ ނަތީޖާ 3-1 އަށް ބަދަލުކޮށްލިއެވެ. މި ގޯލާއެކު އޭދަފުއްޓަށް އިތުރު ގޯލެއް ކާމިޔާބު ކުރަން މަޖުބޫރުވި ނަމަވެސް އެކަން ކުރެވޭ ގޮތެއް ނުވިއެވެ. ދެން ފެނުނީ މެޗުގެ އިތުރު ވަގުތުގައި މާޅޮހުން އެޓީމުގެ ދެވަނަ ގޯލު ޖެހިތަނެވެ. ޒުވާން ޓީމަކާއެކު ރަށު ކުޅުންތެރިންނަށް ނިސްބަތްވާ މާޅޮހު ޓީމުން ވަނީ މިއަދުގެ މެޗު ނިމުމުން ވަރަށް ބޮޑަށް އުފާ ފާޅުކޮށްފައެވެ. ކުޑަ އާބާދީއެއް އޮންނަ މާޅޮހަކީ މިނިވަން ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި އަލަށް ވާދަކުރާ ޓީމެކެވެ.

މި ގްރޫޕުން ޕްރިމިއަރ ލީގުން ޖާގަ ލިބޭ ދެވަނަ ޓީމު ކަށަވަރު ވާނީ ކުޅުދުއްފުށްޓާއި މިލަންދޫ ބައްދަލުކުރާ މެޗަށްފަހުއެވެ. މިމެޗު އެއްވަރު ކޮށްލައިގެންވެސް މިލަންދޫއަށް ގްރޫޕްގެ އެއްވަނަ ލިބޭނެއެވެ. ނަމަވެސް ކުޅުދުއްފުށްޓަށް ޕްރިމިއަރ ލީގުން ފުރުޞަތު ލިބޭނީ މިލަންދޫ ބަލިކޮށްގެންނެވެ.

މި މުބާރާތުގެ ގްރޫޕް ދޭއްގައި ސ. ފޭދޫގެ މައްޗަށް 2-1 އިން ކުރި ހޯދައި ދ. ކުޑަހުވަދޫވެސް ވަނީ ޕްރިމިއަރ ލީގަށް ކޮލިފައިވެފައެވެ. މި ގްރޫޕުން ޕްރިމިއަރ ލީގަށް ކޮލިފައިވާ ދެވަނަ ޓީމު ކަށަވަރު ވާނީ ގދ. ތިނަދޫއާ ތ. ތިމަރަފުށި ބައްދަލުކުރާ މެޗުން ވާގޮތަކުންނެވެ. ތިމަރަފުށި ސެމީއަށް ދާން ބޭނުންނަމަ، ތިނަދޫ ދެގޯލުގެ ތަފާތުން ބަލިކުރަން ޖެހެއެވެ.

އޭދަފުއްޓަކީ އައްޑިހައިގެ ފަހުކޮޅުގައި އެއްވަނަ ޑިވިޝަނުގައި ރަގަޅު ވާދައެއް ކޮށްފައިވާ ޓީމެކެވެ. ފުޓްބޯޅަ ދަނޑަށް ނަން މަޝްހޫރު އެތައް ކުޅުންތެރިންނެއް އޭދަފުށިން ނެރެދީފައިވާއިރު މިއަހަރު އެޓީމުން އަމާޒު ހިފީ 25 އަހަރަށްފަހު އެއްވަނަ ޑިވިޝަނުގެ ޓީމުތަކާ ވާދަކުރުމުގެ ފުރުޞަތު ހޯދުމަށެވެ. ނަމަވެސް ފޭވަރިޓުންގެ ގޮތުގައި ބެލެވުނު އޭދަފުއްޓަށް ފުރުޞަތު ގެއްލުނީ ގްރޫޕުން ތިންވަނަ ލިބުމުންނެވެ.

ގުޅުންހުރި ލިޔުންތައް

1 ކޮމެންޓް

  1. Avatar
    އަޒީ

    ކޮމެންޓް ކުރާ މީހުންގެ އީ-މެއިލް އެޑްރެސް ހޯދުމުގެ ބޭނުމަކީ ކޮބާ؟ ރާއްޖޭގައި ނުކުންނަ މަޝްހޫރު ނޫސްތަކުގައިވެސް ކޮމެންޓް ކުރާ މީހާގެ އީ-މެއިލް އެޑްރެސް ލިޔާކަށް ބުނެފައެއް ނުހުރޭ. އޭދަފުށީގައި މި ނެރޭ ދެ ނޫހަކީ މާފެންވަރުމަތީ ނޫސްތަކަކީތަ؟

    ރައްދު

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.