ގޯލްޑަން ފުޓްސަލް ޗެލެންޖު: ފުރަތަމަ މެޗުން ހިތާދޫ އާއި އޭދަފުށި މޮޅުވެއްޖެ

ގޯލްޑަން ފުޓްސަލް އެސޯސިއޭޝަނުން އިންތިޒާމްކޮށްގެން ރޭ މާލޭގައި ފެށި ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖުގައި ކުޑަރިކިލު އަތުން 7-1 އިން ހިތާދޫ މޮޅުވިއިރު، ތުޅާދޫ އަތުން އޭދަފުށި 3-2 އިން މޮޅުވެއްޖެ އެވެ.

މާފަންނު ސްޓޭޑިއަމް މިނީ ދަނޑުގައި ކުރިއަށްދާ މި މުބާރާތުގެ ފުރަތަމަ މެޗުން ހިތާދޫ ތަފާތު ބޮޑުކޮށް މޮޅުވި އިރު، މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނު އަލީ ހައިޝަމް ހަތަރު ލަނޑު ކާމިޔާބުކޮށްދިން އިރު، އަހްމަދު ހުސައިން ދެ ލަނޑު ކާމިޔާބުކޮށްދިނެވެ. އެ ޓީމުގެ އަނެއް ލަނޑު ކާމިޔާބުކޮށްދިނީ ސާޖިދެވެ. ކުޑަރިކިލުގެ ހަމައެކަނި ލަނޑު، އެޓީމަށް ކާމިޔާބުކޮށްދިނީ ސަމާހު އެވެ.

ރޭ ކުޅުނު ދެވަނަ މެޗުގައި އޭދަފުށިން ޖެހި ތިން ލަނޑުގެ ތެރެއިން ދެ ލަނޑު ކާމިޔާބުކޮށްދިނީ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނު އަޝްރަފް އެވެ. އަނެއް ލަނޑު ކާމިޔާބުކޮށްދިނީ ހަމްދާނެވެ. ތުޅާދޫގެ ލަނޑުތައް ކާމިޔާބުކޮށްދިނީ އަންސަރާއި އިސްމަތެވެ.

ބ. އަތޮޅުގެ މެޗުތަކުގެ އިތުރުން ރޭ ވަނީ ށ، ނ، އަދި ކ އަތޮޅުގެ މެޗުތައް ވެސް ކުޅެފަ އެވެ.

ރާއްޖޭގެ ހުރިހާ ރަށަކަށް ހުޅުވާލައިގެން ކުރިއަށްގެންދާ އެންމެ ބޮޑު ފުޓްސަލް މުބާރާތް ކަމަށްވާ ގޯލްޑަން ފުޓްސަލް ޗެލެންޖްގައި މިއަހަރު 55 ޓީމު ވާދަކުރާނެއެވެ. އަތޮޅު ބުރުގެ ޗެމްޕިއަންކަން ހޯދާ ޓީމުތަކަށް ޒޯން ބުރުން ޖާގައެއް ލިބޭ އިރު، ފައިނަލް ބުރުގައި ވާދަކުރާނީ ޒޯން ޗެމްޕިއަނުންނާއި ރަނަރަޕް ޓީމުތަކެވެ.

ކުރީ އަހަރެކޭ އެއްގޮތަށް މިއަހަރުވެސް ޗެމްޕިއަން ޓީމަށް ހުށަހަޅާފައިވަނީ 65،000 ރުފިޔާއެވެ. އަދި ރަނަރަޕް ޓީމަށް ހުށަހަޅާފައިވަނީ 25،000 ރުފިޔާގެ ފައިސާގެ އިނާމެކެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.