ފަސޭހަކަމާއެކު މާފަރު ބަލިކޮށް އޭދަފުށި ގަދަ 16 އަށް

މިހާރު މާލޭގައި ކުރިއަށްދާ ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖުގައި ރޭ 5-0 އިން ނ. މާފަރު ބަލިކޮށް އޭދަފުށި ގަދަ 16 އަށް ދަތުރު ކޮށްފިއެވެ.

ރޭގެ މެޗަށް ނުކުތްއިރު ގަދަ 16 ގެ ޖާގައެއް ކަށަވަރު ކުރުމަށް މާފަރު ބަލިކުރަން އޭދަފުށްޓަށް އޮތީ މަޖުބޫރުވެފައެވެ. ރޭގެ މެޗުގައި އޭދަފުށީ ޓީމުން ވަނީ މޮޅަށް ކުޅެ ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއް ތަނަވަސް ކޮށްފައެވެ. މެޗުގައި އޭދަފުށީގެ ފުރަތަމަ ލަނޑު ޖެހީ އަޙްމަދު އަޝްރަފް (ސޮބީ) އެވެ. ދެވަނަ ލަނޑު ހާފިޒް އަހްމަދު ޖެހިއިރު ފުރަތަމަ ހާފު ނިމުމުގެ ކުރިން މެޗުގެ ތިންވަނަ ލަނޑު ޖެހީ އިޝާން އިބްރާހީމް (ސައްޓު) އެވެ.

މެޗުގެ ދެވަނަ ހާފުގައި އޭދަފުށިން ވަނީ ދެ ލަނޑު ޖަހާފައެވެ. މި ދެ ލަނޑު ޖަހައިދިނީ އަލީ ހައްފާފް ސިދުގީ އާއި އަލީ މުއާޒް އެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ މެޗުގައި މޮޅު ކުޅުމެއް ދެއްކި ހައްފާފް ސިދުގީ އެވެ.

އޭދަފުށި ހިމެނޭ ޒޯން ދޭއްގެ ޗެމްޕިއަންކަން ކުޅުނު ދެމެޗުންވެސް މޮޅުވެ ހޯދީ ރ. އަލިފުށްޓެވެ. ޒޯން ބުރަށްފަހު އޭދަފުށި ދެން ވާދަކުރާނީ ގަދަ 16 ގައެވެ. މި މެޗުގައި އޭދަފުށި ނުކުންނާނީ ޒޯން ހަތަރެއްގެ ޗެމްޕިއަންކަން ހޯދި މ. ދިއްގަރާއި ދެކޮޅަށެވެ. މި މެޗު ކުޅޭނީ އަންނަ ހޯމަ ދުވަހުގެ ރޭ 20:00 ގައި މުބާރާތް ކުރިއަށްދާ މާފަންނު މިނީ ގްރައުންޑް ގައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.