ދިއްގަރު ބަލިކޮށް އޭދަފުށި ކުއާޓާއަށް

އޭދަފުށީ ޓީމް

މިހާރު މާލޭގައި ކުރިއަށްދާ ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖުގެ ގަދަ 16 ގައި ރޭ މ. ދިއްގަރާއި ވާދަކުރި މެޗުން މޮޅުވެ އޭދަފުށި މުބާރާތުގެ ކުއާޓާ ފައިނަލަށް ދަތުރު ކޮށްފިއެވެ. ރޭގެ މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު 2-2 އިން ދެޓީމު ވީ އެއްވަރެވެ. މެޗުގެ ނަތީޖާ އޭދަފުށި ކޮޅަށް އެނބުރުނީ ޕެނަލްޓީގައި ދިއްގަރު ޓީމުގެ ފުރަތަމަ ދެ ޕެނަލްޓީވެސް ވައްދާނުލާ އޭދަފުށިން ދެ ޕެނަލްޓީވެސް ކާމިޔާބު ކުރުމުންނެވެ.

ދިއްގަރުގެ ގިނަ އަދަދެއްގެ ސަޕޯޓަރުން ޓީމަށް ތަރުހީބު ދެމުންދިޔަ މެޗުގައި ފުރަތަމަ ލީޑު ނެގީ އޭދަފުށިންނެވެ. މި ލަނޑު ކާމިޔާބު ކޮށްދިނީ މުބާރާތުގައި އޭދަފުށީ ޓީމަށް އެންމެ މޮޅު ކުޅުމެއް ދައްކަމުންދާ އަހްމަދު އަޝްރަފް (ސޮބީ) އެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން ދިއްގަރު ޓީމުން ވަނީ މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފައެވެ.

ދެވަނަ ހާފުގައި މޮޅަށް ކުޅުނު އޭދަފުށްޓަށް ލަނޑު ޖަހަން ލިބުނު ގިނަ ފުރުސަތުތަކެއް ވަނީ ބޭކާރުވެފައެވެ. އޭދަފުށްޓަށް ލަނޑު ނުޖެހުމުގެ ފައިދާ ނަގާ މެޗު ނިމެން 10 މިނެޓަށް ވެފައި ވަނިކޮށް ދިއްގަރު ޓީމުން ވަނީ މެޗުގައި ދެވަނަ ލަނޑު ޖަހާ އޭދަފުށި ހާސްކޮށްލާފައެވެ.

މި ލަނޑު ޖެހުމާއެކު އޭދަފުށި ޓީމުން ކުރިއަށްޖެހި ގިނަ ހަމަލާތަކެއް އުފައްދާފައިވެއެވެ. ނަމަވެސް ކުރިއަށް ކުޅެމުންދިޔަ ކުޅުންތެރިންނަށް އެ ހަމަލާތައް ގޯލަށް ބަދަލު ނުކޮށްލެވުނެވެ. މެޗުން ދިއްގަރު މޮޅުވާން ދަނިކޮށް އޭދަފުށްޓަށް އެއްވަރު ކޮށްދިނީ ފުރަތަމަ ލަނޑުވެސް ޖެހި ސޮބީ އެވެ. މެޗު ނިމުމުގެ ކުރިން އޭދަފުށި ޓީމުން ވަނީ އެއް ނަންބަރު ކީޕަރު އަބްދުﷲ ނާސިހުގެ ބަދަލުގައި ތަޖުރިބާކާރު ކީޕަރު އަބްދުﷲ ޒިޔަޒަން އަރުވާފައެވެ. ޓީމުން ޒިޔަޒަން އެރުވީ އެއްވަރުވުމުން މެޗުގެ ނަތީޖާ ނެރުމަށް ޕެނަލްޓީ ޖަހަން ޖެހޭނެތީއެވެ.

ެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ އޭދަފުށީ ޓީމުގެ ސޮބީ

ޕެނަލްޓީގައި އޭދަފުށިން ޖެހި ފުރަތަމަ ދެ ޕެނަލްޓީވެސް ވަނީ ކާމިޔާބު ކޮށްފައެވެ. އިތުބާރާއެކު އޭދަފުށްޓަށް މި ޕެނަލްޓީތައް ކާމިޔާބު ކޮށްދިނީ އަފުއަލް ހަމީދާއި ހައިޝަމް ޙުސައިން އެވެ. ދިއްގަރު ޓީމުން ޖެހި ފުރަތަމަ ޕެނަލްޓީ ގޯލު މަތިން ދިޔައިރު ދެވަނަ ޕެނަލްޓީ ހުށިޔާރު ކަމާއެކު ޒިޔަޒަން ވަނީ މަތަކޮށްފައެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ އޭދަފުށީ ޓީމުގެ ސޮބީ އެވެ.

މި މެޗުން މޮޅުވުމާއެކު ކުއާޓާ ފައިނަލުގައި އޭދަފުށި ވާދަކުރާނީ ހދ. ނައިވާދޫއާއެވެ. ރޭ ކުޅުނު މެޗުގައި ނައިވާދޫ ވަނީ އއ. ބޮޑުފުޅަދޫ 3-2 އިން ބަލިކޮށްފައެވެ. މި މެޗު ކުޅޭނީ އަންނަ ބުދަ ދުވަހުގެ ރޭ 10 ޖަހާއިރު އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.