ތަށި މިލްކުކުރަން ނިކުތް މަގޫ ސްޓާ ބަލިކޮށް އިރުމަތި ލަވާސް ޗެންޕިއަންކަން ހޯދާއިފި

އިތުމަތީ ލަވާސް ޗެމްޕިއަން ޓްރޮފީއާއެކު

ކްލަބް ޑައުންޓައުން އިން އިންތިޒާމްކޮށްގެން މީގެ ތިން އަހަރުކުރިން ބާއްވަން ފެށި “ޑައުންޓައުން ވުމެންސް ފުޓްސަލް ފިއެސްޓާ”ގެ ތަށި މިލްކުކުރަން ނިކުތް މަގޫ ސްޓާ ބަލިކޮށް އިރުމަތި ލަވާސް ޗެންޕިއަންކަން ހޯދާއިފިއެވެ.

އޭދަފުށި ފުޓްސަލް ދަނޑުގައި ރޭ ކުޅުނު ފޯރިގަދަ ފައިނަލް މެޗު އިރުމަތި ލަވާސް ކާމިޔާބުކުރީ 4-3 އިންނެވެ.

މަގޫ ސްޓާ އިން ވަނީ މެޗުގެ ފުރަތަމަ މިނެޓުގައި ލަނޑު ޖަހާ ލީޑު ނަގާފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ، މަސްޓުރަ ބިންޓީ މާޖިދެވެ. ނަމަވެސް އޭގެ ފަސް މިނެޓު ފަހުން އިރުމަތި ލަވާސްގެ އައިމިނަތު ޝަމީލާ ވަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ ހަމަހަމަކޮށްފައެެވެ. އިރުމަތި ލަވާސްއަށް މި މެޗުގައި ލީޑު ނަގައިދިން ލަނޑުވެސް އެ ޓީމަށް ކާމިޔާބުކޮށްދިނީ އައިމިނަތު ޝާމިލާއެވެ.

ގިނަ އަދަދެއްގެ ސަޕޯޓަރުންގެ ކުރިމަތީގައި ކުޅުނު މި މެޗުގައި ދެވަނަ ހާފުގައި މަގޫ ސްޓާގެ މަސްޓުރަ ބިންޓީ ވަނީ މަގޫ ސްޓާރއަށް މެޗުގެ ނަތީޖާ ހަމަހަމަކޮށްދީފަ އެވެ. އިރުމަތި ލަވާސް ގެ ތިންވަނަ ލަނޑު އައިޝަތު ރަޝީދާ ކާމިޔާބުކުރިތާ މިނެޓެެއް ނުވަނީސް މަސްޓުރަ ބިންޓީ ވަނީ އޭނާގެ ތިންވަނަ ލަނޑު ޖަހާ ހެޓްރިކް ހަދާ މަގޫ ސްޓާ އަށް މެޗުގެ ނަތީޖާ އަނެެއްކާވެސް ހަމަހަމަކޮށްދީފައެވެ.

އިރުމަތި ލަވާސް އަށް މި މުބާރާތުގެ ތަށި ޔަގީންކޮށްދިން ލަނޑު މެޗުގެ އެންމެ ފަހު ސިކުންތުކޮޅުގެ ތެރޭގައި ކާމިޔާބުކޮށްދިނީ މުޅި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދި މިސް ޖިރަޕްރަޕާ ޓުޕްސޫރީ އެވެ. ފައިނަލް މެޗުގެ ކްއީން އޮފް ދަ މެޗަކަށް ހޮވިފައިވަނީ އިރުމަތި ލަވާސް ގެ އައިމިނަތު ޝާމިލާ އެވެ.

މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިންނަށް ހޮވިފައިވަނީ އިރުމަތި ލަވާރސްގެ ކީޕަރ މަރިޔަމް ލީޝާ، ފާތިމަތު އަލްމާ އަލީ އަދި މަގޫ ސްޓާ ޓީމުގެ އައިމިނަތު އަޒީމާ، މަސްޓުރަ ބިންޓީ މާޖިދު އަދި ސިޓި އަސްނިދަ ބިންޓީ ޒަމްރީއެވެ. އެންމެ މޮޅު ކޯޗަކީ އިރުމަތި ލަވާސްގެ ކޯޗު މުހައްމަދު ރަޝީދެެވެ.

ޗެމްޕިއަން ޓީމަށް ޓްރޮފީއާއި މެޑަލް ހަވާލުކޮށްދެއްވީ އެފްއޭއެމްގެ ނައިބް ރައީސާ އައިޝަތު ނާޒިމާ އެވެ. މި ރަސްމިއްޔާތުގައި އެއާޕޯޓްސް އޮތޯރިޓީގެ މެނޭޖިން ޑިރެކްޓަރު އާދިލް މޫސާވެސް ބައިވެރިވެ ވަޑައިގެންނެވި އެވެ.

މި މުބާރާތަކީ ކްލަބް ޓައުންޓަައުންގެ ފަރާތުން 2016 ވަނަ އަހަރުން ފެށިގެން އޭދަފުށިގެ ޓީމުތަކަށް ހުޅުވާލައިގެން ކުރިޔަށްގެންދަމުން އަންނަ މުބާރާތެކެވެ. މި މުބާރާތަށް ކޮންމެ އަހަރުކުވެސް ވަރަށް ބޮޑު ތަރުޙީބެއް ލިބެމުން އަންނަ ކަަމަށް ޑައުންޓައުން އިން ބުންޏެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.