ފީފާގެ އެހީގައި އޭދަފުއްޓާއި ފެހެންދޫގައި ވިނަދަނޑު އަޅައިދެނީ

ފީފާއިން ކުރިއަށް ގެންދާ ނެޗުރަލް ގްރާސް ފުޓްބޯލް ގްރައުންޑް ޕްރޮޖެކްޓްގެ ދަށުން ބ. އޭދަފުއްޓާއި ފެހެންދޫ ހިމެނޭގޮތަށް ވިނަދަނޑު އެޅުމަށް ހަމަޖެހިފައިވާ 18 ރަށެއްގެ ނަން އެފްއޭއެމުން އިއުލާނުކޮށްފިއެވެ.

އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ދަނޑު އެޅުމަށް ހަމަޖެހިފައިވާ ރަށްތަކުގެ ބިންތައް ކަނޑައެޅި، ހުއްދަ ލިބުމާއެކު މަސައްކަތް ފަށާނޭކަމަށެވެ.

“ދަނޑުތައް އަޅަން ރަށްތައް ހޮވާފައި ވަނީ، 2017 އަދި 2018 ވަނަ އަހަރުގެ މިނިވަން ޗެމްޕިއަންޝިޕްގެ އެންމެ މޮޅު ޓީމުތަކަށް ބަލާފައި. މީގެ އިތުރުން ދެރަށެއް ހިމަނާފައިވާނެ، ފުޓްބޯޅައިގެ މުސްތަގުބަލަށް ބަލާފައި އެރަށްތަކުން އެދިގެން،” ކޮންމެ އަހަރަކުވެސް ވިނަ ދަނޑުއެޅުމުގެ މަސައްކަތް ކުރިއަށް ގެންދާނޭކަން ހާމަކުރަމުން ބައްސާމް ވިދާޅުވިއެވެ.

ވިނަ ދަނޑުއަޅަން ހަމަޖައްސާފައިވަނީ ހއ. މުރައިދޫ، ހއ. ދިއްދޫ، ހދ. ކުޅުދުށްފުށި، ށ. މިލަންދޫ، ށ. ފޯކައިދޫ، ، ރ. އަލިފުށި، ބ. އޭދަފުށި،ބ. ފެހެންދޫ، އއ. މާޅޮސް، އދ. ފެންފުށި، ދ. ކުޑަހުވަދޫ، ފ. ނިލަންދޫ، ގދ. ތިނަދޫ، ގދ. ހޯޑެއްދޫ، ތ. ތިމަރަފުށި، ޏ. ފުވައްމުލައް، ސ. ފޭދޫ އަދި ސ. ހިތަދޫ އެވެ.

އެފްއޭއެމުން ބުނިގޮތުގައި ނެޗުރަލް ގްރާސް ފުޓްބޯލް ގްރައުންޑް ޕްރޮޖެކްޓްގެ ދަށުން މިހާރު އިއުލާނުކުރެވިފައިވާ މި 18 ރަށަކީ، މިނިވަން ޗެމްޕިއަންޝިޕްގެ ޗެމްޕިއަންކަން ހޯދައިފައިވާ، އަދި އެ މުބާރާތުގެ ކާމިޔާބީއަށް ބަލައިގެން އިޚްތިޔާރުކުރެވިފައިވާ ރަށްތަކެވެ.

ފީފާ ޕްރޮޖެކްޓްގެދަށުން އެފްއޭއެމުން ވަނީ ރާއްޖޭގެ އަށް ޒޯނެއްގައި ފުޓްބޯޅައިގެ ޑިވެލޮޕްމަންޓް އޮފީސްތަކެއް ގާއިމްކޮށް ފުޓްބޯޅަ ތަރައްގީކުރުމުގެ މަސައްކަތް ކުރިއަށް އޮތް ތިން މަސް ދުވަހުގެ ތެރޭ ފެށުމަށް ވެސް ނިންމައިފަ އެވެ. އެގޮތުން ގްރާސްރޫޓުން ފެށިގެން އިންޓަ ސްކޫލް ލެވެލްގެ ފުޓްބޯޅައިގެ ތަމްރީންތަކާއި މުބާރާތްތައް އެ އޮފީހުގެ ބެލުމުގެ ދަށުން ކުރިއަށްގެންދެވޭނެ ކަމަށް ވެސް އެފްއޭއެމުން ވަނީ ބުނެފަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.