ތިން ކުޅުންތެރިންނާއެކު ކޯޗު އާފީ ވެސް ޓީސީއާއެކު ޗެމްޕިއަނަކަށް

ދިރާގު ދިވެހި ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން ޓީސީ ސްޕޯޓްސް ކްލަބާއެކު ހޯދުމުގެ ޝަރަފް އޭދަފުއްޓަށް ނިސްބަތްވާ ތިން ކުޅުންތެރިންނަށާއި އެޓީމުގެ އެސިސްޓެން ކޯޗުގެ މަގާމް އަދާކުރާ މިރަށަށް ނިސްބަތްވާ އާފިއު މުހައްމަދު (އާފީ) ހާމިދަށް ލިބިއްޖެއެވެ.

ޓީސީއަށް ކުޅޭ އޭދަފުށީގެ ތިން ކުޅުންތެރިންނަކީ އިޝާން އިބްރާހީމް (ސައްޓު) އާއި މުހައްމަދު އަޖުފާން އަދި ނިޝާމް މުހައްމަދު ރަޝީދު (ޕޮގްބާ) އެވެ. ލީގު ކާމިޔާބު ކުރިއިރު ސައްޓު ވަނީ ޓީސީގެ ޖާޒީގައި މުހިއްމު ދައުރެއް އަދާކޮށްފައެވެ. މިދިޔަ އަހަރު ށ. މިލަންދޫ ޓީމުން ދިވެހި ޕްރިމިއާ ލީގުގައި ފާހަގަކުރެވުމުން ޓީސީން ސައްޓުގެ ސޮއި ހޯދީ މިއަހަރުއެވެ. މި ސީޒަނުގައި ސައްޓު އެޓީމަށް 14 ލަނޑު ޖަހައިދިންއިރު ލީގުގައި އަށް ލަނޑު ޖެހިއެވެ. ރޭ ޓީސީ ސްޕޯޓްސް ކްލަބް ފަހުމެޗުން ބަލިވާން ދަނިކޮށް އެޓީމު ސަލާމަތްވީ ސައްޓު ފަހު މިނެޓުގައި ކާމިޔާބު ކޮށްދިން ލަނޑުންނެވެ. ރޭ ކްލަބް އީގަލްސްއާ ދެކޮޅަށް ލީގުގައި ކުޅުނު މެޗު ނިމުނީ 4-4 އިން އެއްވަރުވެގެންނެވެ.

އޭދަފުށީގެ އުމުރުން 23 އަހަރުގެ މުހައްމަދު އަޖުފާނަކީ މިއަހަރު ޓީސީގެ ފަހަތް ބެލެހެއްޓުމުގައި މުހިއްމު ދައުރެއް އަދާކުރި ކުޅުންތެރިއެކެވެ. ޓީސީގެ ޒުވާން ޓީމުން ފާހަގަވުމަށްފަހު މިދިޔަ އަހަރުވެސް އަޖުފާން ވަނީ އެޓީމުގެ ފުރަތަމަ އެގާރައިގައި މުހިއްމު މެޗުތަކެއް ކުޅެފައެވެ. އެކަމަކު އަޖުފާނަށް ފުރަތަމަ އެގާރައިން ދާއިމީ ގޮތެއްގައި ޖާގަ ލިބެމުންދިޔައީ އެޓީމުގެ ތަޖުރިބާކާރު ޑިފެންޑަރު އަބްދުﷲ ހަނީފް (ބެންޖޯ) އަށް އަނިޔާވެ ދިގު މުއްދަތަކަށް ކުޅުމާދުރައްދާން ޖެހުމުންނެވެ. ބެންޖޯގެ ބަދަލުގައި ޓީމުން ލިބުނު ފުރުސަތުގެ ބޭނުންހިފައި އަޖުފާން ވަނީ މި ސީޒަނުގައި ތަފާތު ދައްކައިފައެވެ.

އުމުރުން އަދި އެންމެ 19 އަހަރުގެ ނިޝާމް މުހައްމަދު ރަޝީދަކީ އޭދަފުށީގެ އުއްމީދީ ކުޅުންތެރިއެކެވެ. އެންމެ 17 އަހަރުގައި އޭދަފުށީ ޓީމަށްވެސް ކުޅުނު ނިޝާމް މިދިޔަ އަހަރު ފުރަތަމަ ގުޅުނީ ނިއު ރޭޑިއަންޓާއެވެ. އެކަމަކު ފުރުސަތުތައް ލިބުން މަދުވެ މިދިޔަ އަހަރު ފަހުކޮޅު އޭނާ ފެނުނީ ޓީސީގެ ޕްރެކްޓިހުންނެވެ. އެއަށްފަހު ދިގު މުއްދަތަކަށް ޓީސީން ނިޝާމާއެކު ވަނީ އެއްބަސްވުމަކަށް ގޮސްފައެވެ. ޒުވާން ކުޅުންތެރިންނަށް ފުރުސަތު ދިނުމުގައި ފާހަގަ ކޮށްލެވޭ އެ ކްލަބުގައި ނިޝާމްވަނީ ބެންޗުން އަރައި ރަނގަޅު ކުޅުމެއް ދައްކައިފައެވެ. އަދި ލީގުގެ ދެވަނަ ބުރުގައި ނިޝާމް ވަނީ ގްރީން ސްޓްރީޓްސް ކޮޅަށް ގޯލުވެސް ޖަހައިފައެވެ.

ކޯޗު އާފީއަކީ ކުރިން އެއްވަނަ ޑިވިޝަނުގައި މޮޅު ކުޅުމެއް ދައްކާފައިވާ ކުޅުންތެރިއެކެވެ. ފުޓްބޯޅަ ކުޅުނު ދުވަސްވަރު އާފީ ފާހަގަ ކުރެވުނީ ނިއު ރޭޑިއަންޓާއި ވިކްޓްރީ ޓީމުންނެވެ. ޓީސީގެ ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ) ގެ އެސިސްޓެންޓެއްގެ ގޮތުގައި ހުރެ އާފީ މިހާރު ކޯޗިންގެ ދާއިރާއިން ވަނީ އިތުރު ހަރުފަތްތަކަށް ގޮސްފައެވެ. އޭނާ އަކީ މިހާރު ގައުމީ އަންހެން ޓީމުގެވެސް އެސިސްޓެންޓް ކޯޗެވެ.

ޓީސީން ލީގުގެ ޗެމްޕިއަންކަން ހޯދީ ކުޅުނު 16 މެޗުން ހޯދީ 40 ޕޮއިންޓާއެކު އެވެ. ދެވަނައިގައި ނިންމާލީ 38 ޕޮއިންޓު ލިބުނު މާޒިޔާއެވެ. މިއީ 2015 ވަނަ އަހަރު އެއްވަނަ ޑިވިޝަނުގައި ވާދަކުރަން ފެށިފަހުން އެޓީމުން ރާއްޖޭގެ މުބާރާތެއް ކާމިޔާބުކުރި ފުރަތަމަ ފަހަރެވެ. އެކަމަކު މިދިޔަ އަހަރު ކުރީކޮޅު ބަންގްލަދޭޝްގައި އޮތް ޝެއިހް ކަމާލް ކަޕް އެޓީމުން ކާމިޔާބު ކުރިއެވެ.

މި ކުޅުންތެރިނާއި ކޯޗު އާފީއަށް “އީޓީ” ގެ ނަމުގައި މަރުހަބާ ކިޔަމެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.