އަމިއްލަފުށީގެ ފުޓްބޯޅަ ހަދިޔާ: މިފަހަރު ދަރަވަންދޫ ކުދިންނަށް

އަމިއްލަފުށީގައި ކުރިއަށްދިޔަ ޓްރެއިނިން ކޭމްޕްގެ ތެރެއިން ދަރަވަންދޫ ދެ ކުއްޖެއް ބޯޅަ ހިފައިގެންދުވަނީ.– ފޮޓޯ: އަމާނީ އަބްދުﷲ/ މިހާރު

ބ. އަތޮޅުގައި އޮންނަ ލަގްޒަރީ ރިޒޯޓް އަމިއްލަފުށީގެ އިޖްތިމާއީ ޒިންމާގެ ދަށުން، އެ ރިޒޯޓް ހިންގާ ސްމޯލް މޯލްޑިވްސް އައިލެންޑް ކޯ އިން ކުޅިވަރުގެ ތެރެއިން އަންނަނީ ތަފާތު ކަމެއް ކުރަމުންނެވެ. އެގޮތުން މި އަހަރުގެ ކުރީކޮޅުގައި އޮސްޓްރޭލިއާގެ ފުޓްބޯލްޓެކް އެކެޑަމީއާ އެކު ފުޓްބޯޅައިގެ ޕްރޮގްރާމެއް އެ ރިސޯޓްގައި ވަނީ ހިންގައިފަ އެވެ.

އެންމެ ފުރަތަމަ އަމިއްލަފުށިން މިއަހަރުގެ އޭޕްރީލް މަހު ބޭއްވި ޓްރެއިނިން ކޭމްޕްގައި ރާއްޖޭން އެ ފުރުސަތު ދިނީ ބ. އަތޮޅު ތައުލީމީ މަރުކަޒު ކުދިންނަށެވެ. ބައިވެރިވީ ފުޓްބޯޅައިގެ މަގުބޫލު ރަށެއްކަމަށްވާ ބ. އޭދަފުށީ ކުދިންނެވެ.

މި ފަހަރު އެ ފުރުސަތުދިނީ ބ. ދަރަވަންދޫ ކުދިންނަށެވެ. ރާއްޖޭގެ ކުދިންގެ އިތުރުން އަމިއްލަފުށިން ދެން ފުރުސަތު ދެނީ އަމިއްލަފުއްޓާއި ފިނޮޅު ރިސޯޓަށް އަންނަ ފަތުރުވެރިންގެ ކުދިންނަށެވެ.


މި ޓްރެއިނިންގެ ކުރިއަށް ގެންގޮސްފައިވަނީ މި އަހަރުގެ ވޯލްޑް ކަޕަށް ފަހު އޮސްޓްރޭލިއާ ގައުމީ ފުޓްބޯޅަ ޓީމަށް ކުޅުން ހުއްޓާލި ކޭހިލް އެވެ. އަމިއްލަފުއްޓާއި އޭނާއާ ދެމެދު އޮތް ގާތް ގުޅުމެއްގެ ސަބަބުން އެ ރިސޯޓަށް އައިސް ކޭހިލްގެ ފޯ ސެވަންޓީން އެކެޑަމީއާ އެކު ކޭމްޕް ހިންގާއިރު މިމ ަސައްކަތުގައި އޭނާ އާ އެންމެ ގާތުން އެހީތެރިވަމުން ދަނީ އިނގިރޭސި ފުޓްބޯޅަ އަށް 25 އަހަރު ހިދުމަތްކޮށްދިން އެކެޑަމީ ކޯޗު ރޮބީ އެންޑަސަން އެވެ.

އިއްޔެ ނިމުނުއިރު މި ކޭމްޕްގައި ޖުމްލަ 40 ކުދިން ބައިވެރިވިއެވެ. މީގެ ތެރެއިން ދެ ބައިކުޅަ އެއްބަޔަކީ ދަރަވަންދޫ ކުދިންނެވެ. އިތުރު ބައިވެރިންނަކީ އެ ރިސޯޓް ކުންފުނީގެ ދަށުން ހިންގާ ފިނޮޅުގެ އިން-ހައުސް ގެސްޓުންގެ ދަރިންނެވެ.

ތަޖުރިބާކާރު ޓްރެއިނަރުންނާ އެކު ކޭހިލްގެ ޓީމު އަމިއްލަފުށީގައި ހިންގި ހަތަރު ދުވަހުގެ ޓްރެއިނިން ކޭމްޕް އިއްޔެ ނިމުނުއިރު، ދުވާލަކު ގަޑިއިރާއި ބައި ތަމްރީނު ދިނެވެ.

“އަހަރެންގެ ފުޓްބޯޅަ ކެރިއަރުގައި ތަފާތު ގިނަ ތަޖުރިބާތަކެއް ކޮށްފިން. ވަރަށް ގިނަ ކަންތައްތަކެއް ދަސްވެއްޖެ. ރާއްޖޭން ވެސް މިވީ ހަތަރު ދުވަސްތެރޭގައި ހުނަރުވެރި ކުދިން ފެނިއްޖެ. ހުނަރަކީ އުނގަންނައިދީގެން ތަރައްގީ ކުރެވޭ އެއްޗެއް. ބޭނުންވަނީ މި ފަދަ ޕްރޮގްރާމްތައް ގިނައިން ގެންދިއުން. ފުޓްބޯޅައިގައި ވެސް ދަސްކުރުން ހުއްޓާލައިގެން ނުވާނެ،” މިހާރު ނޫހަށް ދިން ބަސްދީގަތުމެއްގައި ކޭހިލް ބުންޏެވެ.

މި ފަހަރުގެ ޓްރެއިން ކޭމްޕް ހާއްސަކޮށްފައިވަނީ ދެ ކެޓަގަރީ އަކަށް ބަހާލައިގެންނެވެ. އެއީ 5 އަހަރާ 8 އަހަރާ ދެމެދާއި 9 އަހަރާ 16 އަހަރާ ދެމެދުގެ އުމުރުފުރާ އެވެ.

އަމިއްލަފުށިން ބުނީ ކުރިއަށް އޮތްތަނުގައި ކުރިއަށްގެންދާ އެހެން ޓްރެއިނިން ކޭމްޕްތަކުގައި އެހެން ރަށްތަކުގެ ކުދިންނަށް ވެސް ފުރުސަތުދޭނެ ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.