މެދުކެނޑުމަކަށްފަހު އޭދަފުށި ޔޫތް ޗެމްޕިއަންޝިޕްގައި ބައިވެރިވަނީ

ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން އިންތިޒާމުކޮށްގެން އަންނަ އަހަރު ބާއްވާ 21 އަހަރުން ދަށުގެ ޔޫތް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި އޭދަފުށިން ބައިވެރިވާން ނިންމައިފިއެވެ. އެރަށުން މުބާރާތުގައި ބައިވެރިވާނީ ކުޅި ހަރަކާތްތައް ކުރިއަށް ގެންދިއުމަށް އުފައްދާފައިވާ ކްލަބް އޭދަފުށީގެ ނަމުގައެވެ.

ކްލަބް އޭދަފުށިން ބުނީ އަންނަ އަހަރުގެ ޔޫތް ޗެމްޕިއަންޝިޕް ގައި މިރަށުން ބައިވެރިވާން ގަސްތުކުރަނީ ރަށުގެ ފުޓްބޯޅައިގެ ފެންވަރު މަތިކޮށް ޒުވާން ފުޓްބޯޅަ ކުޅުންތެރިންނަށް މިފަދަ މުބާރާތްތަކުގައި ކުޅުމުގެ ފުރުސަތު ހޯދައިދިނުމާއި ކުޅުންތެރިން މިފަދަ މުބާރާތްތަކަށް ހޭނުންކަމަށެވެ. އެރަށުގެ ޒުވާން ފުޓްބޯޅަ ޓީމުގައި ބައިވެރިވާން ބޭނުންވާ ކުޅުންތެރިން މާދަމާ ހަވީރު ހަތަރެއް ޖަހާއިރު ރަސްމީ ފުޓްބޯޅަ ދަނޑަށް ދިއުމަށް އެ ކްލަބުން އެދެއެވެ.

އެފްއޭއެމްގެ އާ އަހަރުގެ ކަލަންޑަރު އަދި އާއްމުކޮށްފައި ނުވިނަމަވެސް، އަންނަ އަހަރުގެ އެންމެ ފުރަތަމަ ބާއްވާނެ މުބާރާތެއް ކަމަށް ބެލެވެނީ ޔޫތް ޗެމްޕިއަންޝިޕެވެ. ޔޫތް ޗެމްޕިއަންޝިޕްގެ މިއަހަރުގެ ޗެމްޕިއަންކަން ހޯދީ ފައިނަލުގައި ޕެނަލްޓީ ޖަހައިގެން މުބާރާތުގެ އެންމެ ކާމިޔާބު ޓީމު ކްލަބް އީގަލްސް ބަލިކޮށް ކްލަބް ގްރީން ސްޓްރީޓްސް އެވެ.

އޭދަފުށިން ވަނީ މީގެ ކުރިން 2013 އަދި 2014 ވަނަ އަހަރުގެ ޔޫތް ޗެމްޕިއަންޝިޕްގައި ކުޅެފައެވެ. އެރަށަކީ ފުޓްބޯޅައިގައި ރާއްޖޭގައި ފާހަގަކޮށްލެވޭ ރަށެވެ. 1986 ވަނަ އަހަރުން ފެށިގެން 1992 ވަނަ އަހަރާއި ހަމައަށް ރާއްޖޭގެ އެއް ވަނަ ޑިވިޝަނުގައި މޮޅު ކުޅުމެއް އެރަށުން ދެއްކިއިރު ގައުމީ ފުޓްބޯޅަ ޓީމުގައި އެރަށުގެ ކުޅުންތެރިން އަބަދުވެސް އަންނަނީ ވިދަމުންނެވެ. 1991 ވަނަ އަހަރު ރާއްޖޭން ފުރަތަމަ ފަހަރަށް ރިހި މެޑަލް ހޯދި ޓީމުގައި އެރަށަށް ނިސްބަތްވާ އަބްދުލް ވާހިދު ހަސަން ހިމެނުނުއިރު 2008 ވަނަ އަހަރު ރާއްޖޭން ފުރަތަމަ ފަހަރަށް ރަން މެޑަލް ހޯދި ޓީމުގައި މުހައްމަދު ޖަމީލް (ޖަމްބޭ) އާއި މުހައްމަދު ޝިފާން (ކުޑައްޓޭ) ވަނީ ހިމެނިފައެވެ. އަދި މިއަހަރު ސާފް ސުޒުކީ ކަޕް ކާމިޔާބުކުރި ޓީމުގައި އަލީ ފާސިރު (ސެންޓޭ) އާއި ހަމްޒާ މުހައްމަދު (ހަމްޕު) ވަނީ މޮޅު ކުޅުމެއް ދައްކައިފައެވެ. ފައިނަލް މެޗުގައި އިންޑިއާ އަތުން މޮޅުވި ގޯލު ޖަހައިދިނީވެސް ހަމްޕު ދިން ބޯޅައަކުން އެރަށުގައި އުފެދުނު އެންމެ މޮޅު އެއް ކުޅުންތެރިޔާ ސެންޓޭ އެވެ.

ސީނިއާ ގައުމީ ޓީމުގެ ކުޅުންތެރިންގެ އިތުރުން އެރަށުގެ ޒުވާން ގިނަ ކުޅުންތެރިންތަކެއް މިހާރުވެސް އެއް ވަނަ ޑިވިޝަނުގައި ކުޅެއެވެ. ޓީސީ ސްޕޯޓްސް ކްލަބުން މިއަހަރުގެ ދިވެހި ޕްރިމިއާ ލީގު ކާމިޔާބުކުރިއިރު އެޓީމުގެ ޑިފެންސްގައި މުހިއްމު ދައުރެއް އަދާކުރި މުހައްމަދު އަޖުފާން އާއި އެޓީމުގެ ޒުވާން ކުޅުންތެރިޔާ ނިޝާމް މުހައްމަދު ރަޝީދު (ޕޮގްބާ) ވެސް ނިސްބަތްވަނީ އެރަށަށެވެ. އަދި، މިއަހަރު ކްލަބް އީގަލްސްގެ ސީނިއަރ އަދި ޔޫތް ޓީމުގައިވެސް މޮޅު ކުޅުމެއްދެއްކި ހައިޝަމް ހަސަން އަކީވެސް އެރަށުން ކުރިއަރަމުން އަންނަ ޒުވާން ކުޅުންތެރިއެކެވެ. މިއަހަރުގެ ޔޫތް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި ހަ ގޯލު ޖަހައި ލަނޑު ލިސްޓުގެ އެއް ވަނަ ވެސް ހޯދީ ހައިޝަމް އެވެ. ކްލަބް އޭދަފުށި ވަނީ މިމަހުގެ ކުރީކޮޅު 23 އަހަރުން ދަށަށް ހުޅުވާލައިގެން އެ އަތޮޅު ދޮންފަނުގައި ބޭއްވި ދޮންފަނު އިންވިޓޭޝަން ކަޕް ފުޓްބޯޅަ މުބާރާތްވެސް ކާމިޔާބުކޮށްފައެވެ.

ޔޫތް ޗެމްޕިއަންޝިޕްގައި މި އަހަރު ބައިވެރިވީ ހަތަރު ޓީމަކުންނެވެ. އެއީ މާޒިޔާ އާއި ނިއު ރޭޑިއަންޓުގެ އިތުރުން ކްލަބް ގްރީން ސްޓްރީޓްސް އަދި ކްލަބް އީގަލްސް އެވެ. މިއަހަރުގެ މުބާރާތް 19 އަހަރުގެ ކުޅުންތެރިންނަށް ހާއްސަ ކުރިއަސް ކޮންމެ ދެ އަހަރަކުން އެއް އަހަރަކު މި މުބާރާތް އަމާޒުކުރާނީ 21 އަހަރުން ދަށުގެ ކުޅުންތެރިންނަށް ކަމަށް އެފްއޭއެމް އިން ވަނީ ނިންމައިފައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.