ޓީމަށް ޕްރެޝަރެއް ނެތް، އަމާޒަކީ ކުޅުންތެރިން ތައާރަފުކުރުން: ބައްޓޭ

ޔޫތު ޗެމްޕިއަންޝިޕަށް ކްލަބް އޭދަފުށި ތައްޔާރުވުމާ ބެހޭގޮތުން މައުލޫމާތު ދިނުމަށް ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބައްޓޭ ވާހަކަދައްކަނީ: އީޓީފޮޓޯ/ތޯރިގް އަބްދުއްރަހްމާން

އަންނަ ހޯމަ ދުވަހު ފަށާ 21 އަހަރުންދަށުގެ ޔޫތު ޗެމްޕިއަންޝިޕްގައި ވާދަކުރާ އޭދަފުށީ ޓީމަށް މާބޮޑު ޕްރެޝަރެއް ނެތްކަމަށާއި، ޓީމުގެ މައިގަނޑު އަމާޒަކީ ގައުމީ ޓީމަށް ނުވަތަ ރާއްޖޭގެ ފުރަތަމަ ޑިވިޝަންގެ ކްލަބްތަކަށް ރަނގަޅު ކުޅުންތެރިން ތައާރަފުކޮށްދިނުން ކަމަށް ކްލަބް އޭދަފުށީގެ ކޯޗު މުހައްމަދު ޒާހިރު (ބައްޓޭ) ބުނެފި އެވެ.

މި މުބާރާތުގައި މިފަހަރު ދިހަ ޓީމު ވާދަ ކުރެއެވެ. އެއީ ނިއު ރޭޑިއަންޓް، މާޒިޔާ، ޓީސީ، އީގަލްސް، ގްރީން ސްޓްރީޓްސް، ދަ ގްރާންޑޭ އަމީގޯސް ނިއުޖެނެރޭޝަން ސްޕޯޓްސް ކްލަބް (ދަ ގޭންގް)، ށ. ފޯކައިދޫ، ވިކްޓަރީ، އޭދަފުށި އަދި ޔުނައިޓެޑް ވިކްޓަރީ އެވެ. އޭދަފުށީ ލައްވާލީ އެންމެ ވަރުގަދަ ގުރޫޕްގަ އެވެ.

މި މިމުބާރާތަށް ތައްޔާރުވުމުގެ ގޮތުން ކްލަބް އޭދަފުށިން ޕްރެކްޓިސް ކުރަމުން އަންނަތާ މިހާރު މަހެއްހާ ދުވަސް ވެއްޖެ އެވެ.

ޔޫތު ޗެމްޕިއަންޝިޕަށް ކްލަބް އޭދަފުށި ތައްޔާރުވުމާ ބެހޭގޮތުން މައުލޫމާތު ދިނުމަށް ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބައްޓޭ ބުނީ ޓީމަށް އެހާބޮޑު ޕްރެޝާއެއް ނެތް ކަމަށާއި މި މުބާރާތަށް ޓީމު ތައްޔާރުވި ދުވަސްތަކަށް ބަލާއިރު މާލޭގެ ފުރަތަމަ ޑިވިޝަން ޓީމުތަކަށް ސަޕްރައިސެއް ދެވޭވަރުގެ ރަނގަޅު ޓީމެއް މާލެގޮސް ފައިޓް ކުރާނެ ކަމަށެވެ.

ޔޫތު ޗެމްޕިއަންޝިޕަށް ކްލަބް އޭދަފުށި ތައްޔާރުވުމާ ބެހޭގޮތުން މައުލޫމާތު ދިނުމަށް ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން: އީޓީފޮޓޯ/ތޯރިގް އަބްދުއްރަހްމާން

“އެއްގޮތަކަށްވެސް ކްލަބް އީގަލްސް ނުވަތަ މާޒިޔާ ވީމަ އަޅުގަނޑުމެން ފަހަތަކަށް ނުޖެހޭނަން. އޭދަފުއްޓަކީ ވެސް ފުޓްބޯޅައިގައި ރަނގަޅު ހިސްޓްރީއަކާއި ރަނގަޅު ކާމިޔާބީތަކެއް ހޯދާފައިވާ ޓީމެއް މާލޭގައި އަދި ރާއްޖޭގެ ލެވްލްގައި ވެސް. އެހެންވީމަ އަޅުގަނޑުމެން މިތިބީ އެއްގޮތަކަށް ވެސް ކްލަބް މާޒިޔާ އީގަލްސް އަށް ދޫކުރާ ގޮތަކަށް ނޫން. މުބާރާތުގައި ދެވުނު އެންމެ މައްޗަކަށް ދާން. ރަނގަޅު ކާމިޔާބީއަކަށް ތައްޔާރުވެގެން މިދަނީ މާލެ،” ބައްޓޭ ބުންޏެވެ.  

ބައްޓޭ ބުނީ މިފަހަރުގެ ސްކޮޑަށް ބަލާއިރު ރާއްޖޭގެ ފުރަތަމަ ޑިވިޝަންގެ ކްލަބްތަކުން ނަގާނެ 8 ނުވަތަ 9 ކުޅުންތެރިން އެ ޓީމުގައި ތިބޭނެ ކަމަށެވެ.

“ކްލަބް އޭދަފުށީގެ ބޯޑުން މިފަހަރު އަޅުގަނޑާ ހަވާލުކޮށްފަ އޮތް ޓާސްކަކީ މުބާރާތުގެ ޗެމްޕިއަންކަން ހޯދުމެއްވެސް ނޫން. ދެން އެކަމާ އަޅުގަނޑު ފުދޭވަރަކަށް ހަމަ ހިތްހަމަވެސް ޖެހޭ. މިފަހަރު މި ޓީމުގައި އަޅުގަނޑުމެންގެ މައިގަނޑު އަމާޒަކީ ގައުމީ ޓީމަށް ނުވަތަ ކްލަބްތަކަށް ރަނގަޅު ފުޓްބޯޅަ ކުޅުންތެރިންތަކެއް ތައާރަފްކޮށްދިނުން. އަދި އޭދަފުއްޓަށް ރީތި ނަމެއް ލިބިގެން ރަނގަޅު ކާމިޔާބީއަކާ ހަމައަށް ދިއުން،”

މާލޭގައި އޮންނަ މިފަދަ މުބާރާތެއްގައި ވާދަކުރަން ބޮޑު ހޭދައެއް ކުރަންޖެހޭތީ، ހެޔޮއެދޭ ފަރާތްތަކުން އެކި ގޮތްގޮތުން އެހީތެރިވުމަކީ އެ ކްލަބުގެ ވަރަށްބޮޑު އެދުމެކެވެ.

މި މުބާރާތުގައި ވާދަކުރުމަށް އޭދަފުށީ ޓީމު މާލެ ފުރާނީ މާދަމާ ހެނދުނު އެވެ. އޭދަފުށީ ޓީމުގެ ފުރަތަމަ މެޗު އޮތީ އަންނަ ބުދަ ދުވަހުގެރޭ ކްލަބް އީގަލްސް އާ ދެކޮޅަށެވެ.  

އޭދަފުށިން ވަނީ މީގެ ކުރިން 2013 އަދި 2014 ވަނަ އަހަރުގެ ޔޫތް ޗެމްޕިއަންޝިޕްގައި ވާދަކޮށްފައެވެ. މިރަށަކީ ފުޓްބޯޅައިގައި ރާއްޖޭގައި ފާހަގަކޮށްލެވޭ ރަށެވެ. 1986 ވަނަ އަހަރުން ފެށިގެން 1992 ވަނަ އަހަރާއި ހަމައަށް ރާއްޖޭގެ އެއް ވަނަ ޑިވިޝަނުގައި މޮޅު ކުޅުމެއް މިރަށުން ދެއްކިއިރު، ގައުމީ ފުޓްބޯޅަ ޓީމުގައި މިރަށުގެ ކުޅުންތެރިން އަބަދުވެސް އަންނަނީ ވިދަމުންނެވެ.

ސީނިއާ ގައުމީ ޓީމުގެ ކުޅުންތެރިންގެ އިތުރުން މިރަށުގެ ޒުވާން ގިނަ ކުޅުންތެރިންތަކެއް މިހާރުވެސް ފުރަތަމަ ވަނަ ޑިވިޝަނުގައި ކުޅެއެވެ. 

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.