ފުރަތަމަ މެޗުން އޭދަފުށި ބަލިވެއްޖެ

ޔޫތު ޗެމްޕިއަންޝިޕުގައި ރޭ ކުޅުނު މެޗުގައި ފަހަތުން އަރާ ކްލަބް އީގަލްސް އިން ކްލަބް އޭދަފުށި ބަލިކޮށްފިއެވެ.

ގުރޫޕް ބީގެ މިމެޗް، މުބާރާތުގެ އެންމެ ކާމިޔާބު ޓީމް ކަމަށްވާ އީގަލްސް މިމެޗް ކާމިޔާބު ކުރީ 3-1 އިންނެވެ.

އީގަލްސް ވަނީ 2014، 2016 އަދި 2017 ވަނަ އަހަރުގެ ޔޫތު ޗެމްޕިއަންޝިޕް ކާމިޔާބުކޮށްފައެވެ. އޭދަފުށީ ޒުވާނުންގެ ކްލަބް ނަމުގައި މީގެ ކުރިން ދެފަހަރަކު އޭދަފުށި މިމުބާރާތުގައި ވާދަ ކޮށްފައި ވާއިރު، 2013 ވަނަ އަހަރުގެ މުބާރާތުން ކެޓީ ގްރޫޕް ސްޓޭޖުންނެވެ. 2014 ވަނަ އަހަރު އެޓީމް މުބާރާތާ އަލްވަދާއުކީ ސެމީ ފައިނަލުގައި ޕެނަލްޓީ ޖަހައިގެން މާޒިޔާ އަތުން ބަލިވުމުންނެވެ.

މެޗުގެ 15 ވަނަ މިނިޓުގައި ލިބުނު ހިލޭޖެހުމެއްގެ ބޭނުން ހިފައި، އޭދަފުށްޓަށް ލީޑު ނަގައިދިން ގޯލް ކާމިޔާބު ކޮށްދިނީ އެޓީމުގެ އަހުމަދު އައިހަމް އެވެ. އޭދަފުށިން ލީޑް ނެގިތާ މާ ގިނައިރެއް ނުވެ، ޕެނަލްޓީ އޭރިޔާގެ ބޭރުން ފޮނުވާލި ބޯޅައެއް ގޯލްގެ ތެރެއަށް ފޮނުވާލައިގެން އީގަލްސް އަށް ނަތީޖާ ހަމަހަމަ ކޮށްދިނީ ހުސައިން އަހުސަމް މޫސާ އެވެ.

އީގަލްސް އަށް ލީޑު ނަގައިދިން ލަނޑު 65 ވަނަ މިނިޓުގައި ކާމިޔާބު ކޮށްދިނީ އެޓީމުގެ އިސްމާއީލް ވިފާޤް އެވެ. އޭގެ ފަސް މިނިޓް ފަހުން އީގަލްސް ޓީމުގެ ހަސަން ރާއިފް އަހްމަދު (ހަންނަ) އަށް ކުރި ފައުލަކާ ގުޅިގެން އޭދަފުށީ ޓީމްގެ އައިހަމް އަށް ވަނީ ރެފްރީ ރަތް ކާޑު ދައްކާފައެވެ. އޭދަފުށީ ޓީމްގެ ޑިފެންސް ލައިނަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި، އީގަލްސްގެ ތިންވަނަ ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ވެސް ހޯދި ހަންނަ އެވެ.

މި ގްރޫޕުގައި މިއަދު ހަވީރު ކުޅުނު މެޗުގައި މާޒިޔާއިން ވަނީ އެންމެ ފަހުގެ ޗެމްޕިއަން ކްލަބް ގްރީން ސްޓްރީޓްސް 1-0 އިން ބަލިކޮށްފައެވެ.

މި މުބާރާތުގައި އޭދަފުށީ ޓީމު ދެން ކުޅޭ މެޗު އޮންނާނީ މާދަމާ ރޭ ކްލަބް ގްރީން ސްޓްރީޓްސް އާ ދެކޮޅަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.